ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށް އެތައް ހާސް ރައްޔިތުންގެ ކުރިމަތީގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ވަޢުދުވެފައިވޭ!
ގައި 5/25/2009
2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕޭނުގައި 'ވަތަންއެދޭ ގޮތަށް' ނަމުގައި ނިކުތް މުހައްމަދު ނަޝީދު، ކެމްޕޭނު ކުރައްވަމުން އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ދައުރުގެ މެދު ތެރެއިން ރިޔާސީ އިންތިޚާބެއް ބާއްވާނެކަމަށާއި، އެއީ މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ކުރާކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. ރައީސްކަމުގެ މަޤާމަށް ނަޝީދު އިންތިޚާބުވިފަހުން، މިއަދާހަމައަށްވެސް މިކަމާބެހޭ ގޮތުން އެއްވެސް ބޭފުޅަކު އެއްވެސް ވާހަކަ ދައްކަވާފައެއްނުވެއެވެ. ނަމަވެސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ހަވީރު' ނޫހުގެ ހުޝިޔާރު ނޫސްވެރިޔާ އަޙުމަދު ހަމްދޫނު ވަނީ ރައީސް ނަޝީދުއަށް މިސުވާލު ކުރިމަތި ކުރައްވާފައެވެ. ހަމްދޫނުއަށް ކޮއިމަލާޓީމުގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.
ހަމްދޫނުގެ ސުވާލު ކުރެއްވީ، އެސުވާލުން ނަޝީދު ރެކިވަޑައިގަތުމަށް ކުޑަވެސް ފުރުޞަތެއް ނުލިބޭފަދަ މޮޅު ގޮތަކަށްކަމަށްވާތީ، އެފަދަ ވަޢުދެއް ވެފައި ނޯންނާނެކަމަށް ވިދާޅުވުމަށް ނަޝީދު މަސައްކަތް ކުރެއްވިނަމަވެސް، އެންމެފަހުން ނަޝީދު ވިދާޅުވީ އެއީ ޑރ.ހަސަން ސައީދު ޕްރެޝަރުގެ ސަބަބުން ހަސަނަށް ވެރިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދެއްކުމަށް އެދިފައިވާތީ ވިދާޅުވި އެއްޗެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ އިންތިޚާބަކަށް ގޮވާލެވޭނެފަދަ މަޤާމެއްގައި ހުންނަވާ ބޭފުޅެއްނޫންކަމުގައެވެ. މީގެ މާނައަކީ ނަޝީދުގެ ދައުރުގެ މެދުތެރެއިން، 2010 ނުވަތަ 2011 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އަލުން ނުބާއްވަވާނެކަމުގައެވެ.
ވައުދުގައި ކޮޅުފައިން ޖަހާ، ވައުދު އުވާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ނަޝީދުއަށް ފާޑުކިޔަން ފަށާފައެވެ. ނަޝީދަކީ ކޮންމެފަދަ ވާހަކައެއް ދެއްކިކަމުގައިވިޔަސް، ކަނޑައެޅިގެން ވެރިކަމުގެ ދަހިވެތިކަމުގައި ހުންނެވި ބޭފުޅެއްކަމަށާއި، އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދިނުމަށްފަހު މިނިވަން އިންތިޚާބެއް ބާއްވަން މިހާރު ނަޝީދުއަށް ނުކެރޭނެކަމުގައި ގިނަ ބަޔަކު ބުނަން ފަށައިފިއެވެ. ކޮންމެއަކަސް ނަޝީދު މިއަދު އެހުންނެވީ 5 އަހަރުގެ ދައުރެއްގެ ވެރިކަމަށް ހުވާ ކުރައްވައިގެންނެވެ. އެހެންނަމަވެސް ނަޝީދު ދުލުން ބޭރުވެފައިވާ ވަޢުދެއް އެއީ ބަދަލު ކުރެވޭނެ އެއްޗެއްނޫނެވެ. އަދި އެއީ ވިދާޅުނުވާ އެއްޗަކަށްވެސް ނުހެދޭނެއެވެ. މިހެންވެ ކޮއިމަލާގެ މިފަހަރުގެ ރިޕޯޓް މިޚާއްސަކޮށްލަނީ މިމައްސަލާގައި ކެމްޕޭނުގެ ދުވަސްވަރު ބަދަލުކުރެވިފައިވާ އެކިއެކި ޙަމަލާތަކާއި، އަދި ދައުރުގެ މެދު ތެރެއިން އިންތިޚާބެއް ބާއްވަވާނެކަމަށް ސީދާ ނަޝީދު ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކުގެ މައްޗަށެވެ

- • ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަވާނެކަމަށް ވަޢުދުވުން: ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު ކާމިޔާބު ކުރެވިއްޖެނަމަ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބާއްވަވާނެކަމަށް ނަޝީދު ވަޢުދުވެވަޑައިގަތީ 15 އޮކްޓޯބަރ 2008 ވަނަ ދުވަހުގެރޭ އައްޑޫއަތޮޅު މުޙިއްބުއްދީނު ސްކޫލްގައި ބޭއްވެވި ކެމްޕޭނު ޖަލްސާއެއްގައެވެ. އެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ "ރައްޔިތުންނަށް އެބަ އެނގެންޖެހޭ ރައްޔިތުންނަށް މަޖުބޫރެއްނެތި އަދި ރައްޔިތުންގެ ޙާލަތު ނިޔާކުރާ ގޮތުގެ މަތީން ފައިސާ އާއި ނުފޫޒުން އެއްކިބާވެ އެމީހުންނަށް ލިބިފައި ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ވޯޓު ލެވެންޖެހޭނެކަން. އެވޯޓުގެ ނަތީޖާ އަޅުގަނޑުމެން އެބަހޯދަންޖެހޭ. އެހެންވެ އަޅުގަނޑުމެންގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ފޯރުކޮށްދޭނަން" މިއިބާރާތުންނެވެ. އަދިވެސް އިތުރަށް ނަޝީދު ވިދާޅުވީ "ގުޅިގެން މަސައްކަތްކުރާއިރު އަޅުގަނޑު ކުރާނެ އަނެއް ކަމަކީ ފަހަށް ޖެހުން. އަޅުގަނޑު އަބަދުވެސް އެދި އެދި ހުރިކަމެއް އެއީ. މި އިންތިޚާބު އިރާދަކުރެއްވިއްޔާ އަޅުގަނޑު އެބޭފުޅުންނަށް ކާމިޔާބުކޮށްދޭނަން. އެއީ ތިޔަ ބޭފުޅުންނަށްޓަކައި އަޅުގަނޑު ކޮށްދޭނެކަމެއް" ކަމުގައެވެ. މިހާ ސަރީޚަ އިބާރާތުން ނަޝީދު މިވަނީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށާއި، އެއީ ވަތަންއެދޭ ގުޅުމުގައި ބައިވެރިވި އެހެން ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ ހައްޤުގައި ކުރައްވާނެކަމެއްކަމަށް ވިދާޅުވެ ވަޢުދުވެފައެވެ. ގުޅިގެން މަސައްކަތް ކުރާއިރު ފަހަތަށްޖެހޭނެކަމަށް ނަޝީދު ވިދާޅުވުމުން މިއީ އެއްވެސް ފަރާތެއް ޕްރެޝަރެއް ނުވަތަ ފިއްތުމެއް އޮވެގެން ވިދާޅުވި އެއްޗެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ. މިޖަލްސާގައި ޑރ.ހަސަން ސައީދު ފިޔަވައި ވަތަންއެދޭ ގުޅުމުގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކުން ބައިވެރިވެފައިވެއެވެ. ޚާއްސަ ގޮތެއްގައި ޖުމްހޫރީގުޅުމުގެ ލީޑަރު ގާސިމް އިބްރާހިމް އާއި، އަދާލަތުޕާޓީގެ ރައީސް ހުސެއިން ރަޝީދު އަހުމަދު އާއި، ގައުމީ އިއްތިހާދު ޕާޓީގެ ނައިބުރައީސް ޑރ.މުސްތަފާ ލުތުފީ އަދި ލިބަރަލްޕާޓީގެ ފަރާތުންވެސް ބައިވެރިވެފައިވެއެވެ.

• ދައުރުގެ މެދު ތެރެއިން އެހެން މީހަކާ ވެރިކަން ޙަވާލުކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމެއްކަމުގައި ޒައީމް މައުމޫނު ވިދާޅުވުން: ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބާއްވާނެކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން، އެކަމަށް އިޝާރަތްކުރައްވާ ޖެހިގެން އައިދުވަހު (16 އޮކްޓޯބަރު 2008 ގައި) ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނު ވަނީ އެއީ ޤާނޫނު އަސާސީއާ ޚިލާފުކަމެއްކަމުގައި ވިދާޅުވެފައެވެ. ޕީޕަލްސްޕާޓީ އާއި ސޯޝަލް ޑިމޮކްރެޓިކްޕާޓީގެ ލީޑަރުންނާއެކު އެދުވަހުގެ ނޫސްކޮންފަރެންސްގައި، އައްޑޫގައި ނަޝީދު ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ "އެކަމަކު އިންތިޚާބުވުމުގެ ކުރީން ތިމަންނަ ހުންނާނީ މިތައް އަހަރުއޭ، މިތައް މަހުއޭ، ދެން ހުރެފައި އެހެން މީހަކަށް ދޭނީއޭ، އެއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް ކުރެވޭކަމެއް. އަދި ރައްޔިތުންނަށް ހެދޭ މަކަރެއް. ރައްޔިތުން މީހަކު މި އިންތިޚާބު ކުރަނީ ފަސްއަހަރަށް. އެފަސް އަހަރު ހުންނަންޖެހޭނެ. އެ އަޒުމުގައި ހޮވެންޖެހޭނީ" ޒައީމް މައުމޫނު ވިދާޅުވިއެވެ. ޒައީމް މައުމޫނު އެދުވަހު އެފަދައިން ވިދާޅުވީ ޤާނޫނު އަސާސީގައި އޮތް އެއްޗެއް ވަރަށް ރަގަޅަށް އެމަނިކުފާނަށް ފަހުމްވެވަޑައިގެން އިންނަވައިގެންނެވެ. އަދި ނަޝީދު އެމޭރުމުން ވާހަކަ ދައްކަވަނީ އިންތިޚާބުގައި ނަޝީދަށް ތާއީދު ނެތްކަން އެނގޭތީވެ، އިއްތިހާދުގައި ތިބި އެހެން ލީޑަރުންނާއި، އެލީޑަރުންނަށް ތާއީދުކުރި ރައްޔިތުންގެ ވޯޓުތައް ހޯދުމުގެ ދަހިވެތިކަމުގައިކަމަށް އޭރުވެސް ގިނަ ބަޔަކު ބުނަމުން ގެންދިޔައެވެ.

• މިޑްޓާމް އިލެކްޝަނެއް ބޭއްވުމަކީ އިއްތިހާދުގެ ވިސްނުމެއްކަމަށް އިބުރާ ވިދާޅުވުން: ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށް ނަޝީދު ވައުދުވެވަޑައިގެން، އެކަމަށް ޒައީމް މައުމޫނު ރައްދުދެއްވައިފައިވަނިކޮށް، އޮކްޓޯބަރު 17 ވަނަ ދުވަހު ވަތަންއެދޭ ގުޅުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގުޅުމުގައި ހިމެނޭ ލިބަރަލްޕާޓީގެ ލީޑަރު އިބްރާހިމް އިސްމާއިލް [އިބުރާ] ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަކީ ނަޝީދުގެ އަމިއްލަ ވިސްނުމެއް ނޫންކަމަށާއި، އެއީ މުޅި އިއްތިހާދުގެ ވިސްނުމެއްކަމުގައެވެ. އައްޑޫގައި ނަޝީދުވެސް ވައުދުވެފައިވާ ގޮތަށް، އިބުރާ ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަނީ އެއީ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްކަމުގައެވެ. އަދި އެދުވަހުގެ ނޫސްކޮންފަރެންސްގައި ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ ޤާނޫނު އަސާސީއާ ޚިލާފް އަމަލެއްކަމަށް ޒައީމް މައުމޫނު ވިދާޅުވެފައިވާތީ، އެކަމާބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޤާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމެޓީގެ މުޤައްރިރުކަންވެސް ކުރެއްވި އިބުރާ ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކު ބޭނުންވި ހިނދެއްގައި އޭނާއަށް މަޤާމުން އިސްތިއުފާ ދެއްވިދާނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާނެ. ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވާ ސަބަބުވެސް ބަޔާންކޮށްދޭކަށް ނުޖެހޭނެ" ކަމުގައެވެ. އިބުރާ އެދުވަހު ރިއާޔަތް ކުރެއްވީ ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) އަށެވެ. މިއީ އޭރު ވަތަންއެދޭ ގުޅުމުގެ ލީޑަރަކު ޤާނޫނު އަސާސީއަށް ރިއާޔަތް ކުރައްވާ ނޫސްވެރިންގެ ހާޟިރުގައި ދެއްކެވި ވާހަކައެކެވެ.

• ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށް ބުނެ އެމްޑީޕީ އިއްތިހާދުގެ ކެމްޕޭނު އޮފީހުން ނޫސްބަޔާނެއް ނެރުން: 7 ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ވަތަންއެދޭ ގުޅުން ނުވަތަ އެމްޑީޕީ އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމުގެ ޔަޤީންކަން އިތުރަށް ރައްޔިތުންނަށް ލިޔުމަކުން ދިނުމަށްޓަކައި އެމްޑީޕީ އިއްތިހާދުގެ ކެމްޕޭނު އޮފީހުން އޮކްޓޯބަރ 19 ވަނަ ދުވަހު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މިނޫސްބަޔާނަކީ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީއާ ޙަވާލާދީ ނެރެފައިވާ ރަސްމީ ނޫސްބަޔާނެކެވެ. ޒަކީއާ ޙަވާލާދީ ނޫސްބަޔާނުގައި ވަނީ މައުމޫނު ވެރިކަމުގައި ބަހައްޓައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ޤަބޫލުނުކުރެވޭތީ، މައުމޫނު ވެރިކަމުން އެއްކިބާކުރުމަށްފަހު، ދައުރުގެ މެދުތެރެއިން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމުގައެވެ. މިނޫސްބަޔާނުގައި ދެން ހިމެނޭ އެންމެ މުހިއްމު އަނެއް ނުކުތާއަކީ ލިބަރަލްޕާޓީގެ ޤާނޫނީ ވަކީލު (މިހާރުގެ ސްޕޯޓްސް މިނިސްޓަރު) ހަސަން ލަތީފުއާ ޙަވާލާދީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެކަމެއްކަމަށް ދައްކާފައިވާ ދަލީލުތަކެކެވެ. މިގޮތުން ހަސަން ލަތީފުއާ ހަވާލާދީ ނޫސްބަޔާނުގައި ވަނީ ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ރައީސެއްގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވޭނެ ގޮތް ބަޔާންކޮށްފައިވާކަމަށާއި، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ނުބޭއްވޭނެކަމަށް ޑީއާރުޕީން ބުނަމުން ގެންދާ ގެންދިޔުމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ބުނަމުން ގެންދާ އެއްޗެއްކަމުގައެވެ. އެކަމަކު ހަމްދޫނު ކުރެއްވި ސުވާލަށް ރައީސް ނަޝީދު މިހާރު އެވިދާޅުވަނީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަކީ ޤާނޫނީ ގޮތުން އެބޭފުޅާއަށް ކުރެވޭނެކަމެއް ނޫންކަމުގައެވެ. އެހެންކަމަށްވާނަމަ އެދުވަހު ޑީއާރުޕީގެ ޒައީމް އެވިދާޅުވީ ހަމަ ހައްޤު ތެދު ބަސްފުޅެކެވެ. ރައްޔިތުންނަށް އޮޅުވާލީ ވަތަންއެދޭ ގުޅުމާއި ހަސަން ލަތީފުގެ ނުބައި ޤާނޫނީ ލަފައެއްނޫންތޯއެވެ؟

• ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަނީ ސިޔާސީ ވެރިން އުފެއްދުމަށްކަމަށް ނަޝީދު ވިދާޅުވުން: ވަތަންއެދޭގުޅުމުގެ ފަރާތުން އޮކްޓޯބަރ 20 ވަނަ ދުވަހުގެރޭ އާޓިފިޝަލްބީޗު ސަރަހައްދުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަނީ ސިޔާސީ ވެރިން އުފެއްދުމަށް ފުރުޞަތު ދިނުމަށްޓަކައިކަމުގައެވެ. ހަޤީޤަތުގައި މިއީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާ ސަބަބު އެންމެ ސާފުކޮށް އަދި އެންމެ ތިލަ އިބާރާތުން ނަޝީދު ހާމަކުރެއްވި ފަހަރެވެ. އެރޭގެ ވާހަކައިގައި ނަޝީދު ވިދާޅުވީ "މިދިޔަ 4 އަހަރުގެ ތެރޭގައި އާދަޔާ ޚިލާފް ސިޔާސީ ޝަހުސިއްޔަތުތަކެއް އުފެދިއްޖެ. ނަމަވެސް ރާއްޖޭގައި ވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ބަޔަކު އަދި ނުފެނޭ. ސިޔާސީ ވެރިން އުފެއްދޭނީ ޤައުމުގައި އިންތިޚާބު ބާއްވައިގެން. ދައުރުގެ މެދުތެރެއިން އިންތިޚާބު ބާއްވަނީ ވަކި މީހަކަށް އަމާޒުކޮށް ވެރިކަން ދިނުމަކަށް ނޫން. އިންތިޚާބު ބާއްވަނީ އަޅުގަނޑަކަށްވެސް ނޫން. ޑރ.ހަސަން ސައީދަކަށްވެސް ނޫން. ޤާސިމް އިބްރާހިމަކަށްވެސް ނޫން. ފެންނާންނެތް ބޭފުޅުންނަށް. އަންނާން ތިއްބެވިހާ ބޭފުޅުންނަށް. އަޅުގަނޑުމެންގެ ޒުވާން ޖީލަށްޓަކައި" ކަމުގައެވެ. މިއީ ކޮންފަދަ ސާފު ސީދާ ތިލަ ދިވެހި ބަހުން ނަޝީދު ދެއްކެވި ވާހަކަފުޅެއްތޯއެވެ؟ މިފަދަ އިބާރާތުން ވާހަކަ ދެއްކެވުމުން މިއީ ކަނޑައެޅިގެން އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ވަރަށް ޘާބިތުކަމާއެކު އެތައް ހާސް ބައެއްގެ ހާޟިރުގައި ނަޝީދު ވެވަޑައިގެންނެވި ވައުދެއްކަން ޘާބިތުކުރެވެއެވެ. އެރޭގެ ވާހަކައިގައި ރައްޔިތުންނަށް ނަޝީދު ދެއްވި އިތުރު ޔަޤީންކަމަކީ "އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުވާނަމޭ ތިޔަ ބޭފުޅުންނާ ތިޔަ ބޭފުޅުން އުއްމީދުކުރާ ވެރިންނާ ދެމެދަށް ވަންނަ މީހަކަށް. ހުރަހަކަށް. އަޅުގަނޑުމެންގެ ވެރިކަމެއްގައި ތިޔަ ބޭފުޅުންނަށް އަލުން އަނބުރާ އާ ރިޔާސީ އިންތިޚާބެއް ފޯރުކޮށްދޭނަމޭ" މިއިބާރާތުންނެވެ. މިހާރު ފެށިގެން ކުރިއަށް މިދަނީ ނަޝީދުގެ ވެރިކަމެވެ. މިވެރިކަމުގައި ދައުރުގެ މެދުތެރެއިން އަލުން ރިޔާސީ އިންތިޚާބެއް ބާއްވާނެކަމަށް މިހާ ސާދާ އިބާރާތުން ނަޝީދު ވިދާޅުވެ ވަޢުދުވެފައިވެސް މިހާރު އެކަމަށް އިންކާރު ކުރައްވަނީއެވެ. ވެރިކަމަށް ދަހިވެތިވެ، ރައްޔިތުންނާއި ރައްޔިތުން އުއްމީދުކުރާ ވެރިންނާނާއި ދެމެދަށް ނަޝީދު ވަދެ ހުރަހަކަށް މިވަނީ ވެފައިނޫންތޯއެވެ؟

• ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ނަޝީދު ނިންމެވުމަކީ ޒިންމާދާރު ނިންމެވުމެއްކަމަށް ޤައުމީ އިއްތިހާދު ޕާޓީން ހާމަކުރުން: އެމްޑީޕީއާއެކު އެންމެ ފުރަތަމަ ކޯލިޝަން ހަދައިގެން ނިކުތީ ޤައުމީ އިއްތިހާދު ޕާޓީންނެވެ. މާގިނަ މެމްބަރުންތަކެއް ނެތްކަމުގައިވިޔަސް، އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން، މިޕާޓީގެ ރައީސް ޑރ.ވަހީދު ވެވަޑައިގަތީ ނަޝީދުގެ ރަނިންގމޭޓަކަށެވެ. ޤައުމީ އިއްތިހާދު ޕާޓީގެ ފަރާތުން އޮކްޓޯބަރ 20 ވަނަ ދުވަހުގެރޭ އައްޑޫއަތޮޅު ހިތަދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބުރައީސް (މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު) ޑރ.މުސްތަފާ ލުތުފީ ވިދާޅުވީ "ނަޝީދު އެއްގޮތަކަށްވެސް ނޫޅުއްވާ ވެރިކަމާ ހެދިއެއް. އެވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން އެގެންދަވަނީ. އެހެންވީމަ ދައުރުގެ މެދުތެރެއިން އަލުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް. އަޅުގަނޑުމެން ނުދެކެން ނަޝީދު އެކުރައްވަނީ ޤާނޫނާ ޚިލާފް ކުށެއްކަމަކަށް. އެހެންވީމަ އެފުރުޞަތު އެބޭފުޅާއަށް އޮންނާނެ" ކަމުގައެވެ. ނަޝީދަކީ ވެރިކަމާހެދި އުޅުއްވާ ބޭފުޅެއް ނޫންކަމަށް ޑރ.މުސްތަފާ އެވިދާޅުވީ އޭރު އެބޭފުޅާއަށް ނުވަތަ ޑރ.ވަހީދުއަށް ފެނިފައި އޮތް ހުވަފެނެއްގެ ވާހަކަކަމަށް ވާތީކަމަށް ވެދާނެއެވެ. ޑރ.ހަސަން ސައީދު ގެ ޕްރެޝަރު ނަޝީދުއަށް އޭރު ކުރިމަތިވިކަމަށް މިހާރު ނަޝީދު ދައްކަވާ ވާހަކައަށްވެސް ޑރ.މުސްތަފާ އެރޭގެ ބައްދަލުވުމުގައި ވަރަށް ސާފުކޮށް ޖަވާބުދެއްވިއެވެ. ޑރ.މުސްތަފާ ވިދާޅުވީ "އެމްޑީޕީއާއެކު އިއްތިހާދުވި އެއްވެސް ފަރާތަކުން އިންތިޚާބެއް ބާއްވަން އެއްވެސް ޕްރެޝަރެއް ކުރިމައްޗެއް ނުކުރޭ. ނަޝީދު ބޭނުންވަނީ ހެޔޮވެރިކަމެއް ޤާއިމްކޮށްދޭން. ރައްޔިތުން އޭނާ ހޮވަނީ 5 އަހަރުގެ ދައުރަކަށްކަމަށްވިޔަސް، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަކީ ސަރުކާރުގެ ހިންގެވުމަށް އަދި މެނިފެސްޓޯގައިވާ ކަންތައްތައް ހާޞިލުކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނެކަމެއްނޫން" ކަމުގައެވެ.
ލޮބުވެތި ކިޔުންތެރިންނެވެ. މިޚާއްސަ ރިޕޯޓްގައި މިފާހަގަކޮށްލި ކަންތައްތަކަކީ ޘާބިތު ހެއްކާއެކު، އެބޭފުޅުން އޭރު ދައްކަވާފައިވާ ވާހަކަތަކާއި، ދައްކަވާފައިވާ ހުއްޖަތްތައް، އޭގެ ފުރިހަމަ ތާރީޚާއި ތަނާއެކު ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ހާމަކޮށްލި ކަންތައްތަކެކެވެ. މިމައްސަލާގެ ޚަބަރުތައް ރާއްޖޭގައި ނެރޭ ނޫސްތަކާއި އެކިއެކި ވެބްސައިޓުތަކުގައި ޖަހަމުން ގެންދާއިރު، މިހާދިޘާ ހިނގި ގޮތުގެ ތަފްޞީލަށް އެއްވެސް ފަރާތަކުން މިހާތަނަށް ބަލާލާފައިނުވާތީ، މިފަދަ ރިޕޯޓެއް ކޮއިމަލާއިން ތައްޔާރުކޮށް، ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިގެނެސްދިނީއެވެ.
މިރިޕޯޓް ކިޔާލުމުން ރައީސް ނަޝީދުއަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންތިޚާބުގައި ވެފައިވާ އެންމެ ބޮޑު ވަޢުދު އުވާލާފައިވާ މީހެއްކަން ޘާބިތު ކުރެވުނީއެވެ. ނަޝީދު ހޮވުމަށްޓަކައި އަތުގައި ހިފައިގެން ނިކުތް އެހެން ސިޔާސީ ލީޑަރުންނަށް މިއަދު އެބޭފުޅާ އެދެއްވީ ތެޔޮހަމެކެވެ.
Posted in ރިޕޯޓް | 0 ޙިޔާލު »
އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުގެ އަގުހުރި ނަޞޭހަތްކޮޅެއް
ގައި 5/25/2009މ.ބަގީޗާގޭ އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުއަކީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސަރުކާރާއި 2 ވަނަ ސަރުކާރުގައިވެސް ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށާއި ގައުމަށް ވަރަށް ވަފާތެރި ރައްޔިތުންނަށް ތެދުވެރި އިޚްލާސްތެރި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވި މަގާމުތަކުގެ ތެރޭގައި އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ދިވެހިރާއްޖޭގެ ނައިބުރައީސްކަމުގެ މަގާމު ފަދަ ޒިންމާދާރު އިސް މަގާމުތައް ހިމެނެއެވެ. އަލްމަރްހޫމް ޝިހާބު މިއަދު އަޅުގަނޑުމެންގެ ގާތުގައި ނެތް ނަމަވެސް، އެމަނިކުފާނު އެކިއެކި މުނާސަބަތުތަކުގައި ދެއްވާފައިވާ އަގުހުރި ތަގުރީރުތަކަކީ އެތަކެތި ބަލާ އަޑުއަހާ ބަޔަކަށް ނުހަނު އިބުރަތްތެރި ތަކެއްޗަށްވާނެއެވެ.
ކޮއިމަލާއިން މިފަހަރު މިގެނެސްދެނީ މަޝްހޫރު ޔޫޓިއުބްގައި އަޕްލޯޑްކޮށްފައިވާ އަލްމަރްހޫމް ޝިހާބު ގެ ވަރަށް އަގުހުރި ތަގުރީރެއްގެ މުހިއްމު ތަންކޮޅެކެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އަލްމަރްހޫމް ޝިހާބު ދެއްވި މިތަގުރީރަކީ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ މަތިވެރިކަމާއި، ވޯޓު ދިނުމުގެ ކުރީން ތިމާ ވިސްނަންވީ ކަންތައްތަކާމެދު ވަރަށް ފުރިހަމައަށް ވިދާޅުވެދެއްވާފައިވާ ތަގުރީރެކެވެ.
އަލްމަރްހޫމް ޝިހާބުގެ ތަގުރީރުގައި ވިދާޅުވެފައިވަނީ "ވޯޓުދޭ ދުވަހު، މި ލަވާލައިގެން ބަޔަކު ގެންދިޔައީމާ ދާގޮތަށް ގޮސް، އެތާނގާ އަކުރެއް އަޅާފައި އައުމުން، އަޅުގަނޑުމެން ރައްޔިތުންގެ ގާނޫނީ ވާޖިބު އަދާވީއެއްނޫން. އެކަން ރަނގަޅަށް ދަންނަންވާނެ" ކަމުގައެވެ. މިއީ އެމަނިކުފާނު ވަރަށް ޖޯޝުން ފުރިގެންވާ ފަދަ ގޮތަކަށް ދެއްވާފައިވާ ވަރަށް އަގުހުރި ނަޞޭހަތެކެވެ. އެމަނިކުފާނު މިއިޝާރަތްކުރެއްވީ ވޯޓު ދެއްވުމުގެ ކުރީން ވަރަށް ރަގަޅަށް ވިސްނެވުމަށްފަހު، ތިމާގެ ރައްޓެހިން ނުވަތަ އާއިލީ މީހުން ވޯޓު ދޭގޮތޭ ބުނުމުގެ ބަދަލުގައި ތިމާއަށް ފެންނަ އެންމެ ރަގަޅު، އަދި މުޅި ގައުމުގެ ކުރިމަގަށްވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވޯޓު ދެއްވުމަށެވެ. މިއީ ކޮންފަދަ އިބުރަތްތެރި ވާހަކަފުޅެއްތޯއެވެ!
މިތަނުގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިއްމު ނުކުތާއަކީ އަލްމަރްހޫމް ޝިހާބު މިތަގުރީރު ދެއްވިއިރު ރައީސް މައުމޫނުވެސް އަރިހުގައި ސްޓޭޖްމަތީގައި އިންނެވިކަމެވެ. މައުމޫނު އަރިހުގައި އިންނެވިއިރުވެސް އަލްމަރްހޫމް ޝިހާބު ވާހަކަ ދެއްކެވީ މައުމޫނަށް ތައުރީފުކޮށް ނުވަތަ ޚުޝާމަދުކުރުމުގެ ގޮތަކުންނެއްނޫނެވެ. އެހެންނަމަވެސް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވާ ވިދާޅުވެދެއްވުމުގައެވެ. ކަމުގެ ހަގީގަތް ހާމަކޮށް، ހަގީގަތަށް ވާހަކަ ދެއްކުމުގެ ރިވެތި ސިފައަކީ މިހާރު އަޅުގަނޑުމެންގެ ތެރެއިން ހަމަ އެއްގޮތަކަށްވެސް ފެންނަ ސިފައެއްނޫނެވެ. މިޒަމާނުގައި މައުމޫނު އަރިހުގައި އިންނަވަނިކޮށް، މިފަދަ ތަގުރީރެއް ދޭން ކެރޭނީ މިހާރު ކާކަށްތޯއެވެ؟ މިއަދު މިފަދަ ތަގުރީރެއް ބޭފުޅަކު ދެއްވާނަމަ އިވޭނީ މައުމޫނު ކޮށްދީފައިވާ ކަންތަކުގެ ވާހަކައާއި، މައުމޫނު ފިޔަވައި އިތުރު މީހަކަށް ވޯޓު ދީގެން ނުވާނެޔޭ ކިޔައިގެން ދައްކާ، ވައިއެޅުވުމުގެ ވާހަކަތަކެވެ.
ލޮބުވެތި ކިޔުންތެރިންނެވެ. މީގެ އެތަކެއް އަހަރުކުރީން އަލްމަރްހޫމް ޝިހާބު މިވަނީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ވޯޓު ދެއްވާއިރު ވިސްނަންވީ ވަރަށް ގިނަ ކަންތައްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި، މިހާތަނަށް އަޅުގަނޑުމެން ގައުމުގެ ހުންގާނު ހަވާލުކޮށްފައިވާ ފަރާތުން، އެފަރާތުގެ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިވޭތޯއާއި، އެފަރާތަށް އިތުރު ފުރުޞަތެއް ދޭން ބޭނުންވޭތޯ ކަހަލަ ކިތަންމެ މުހިއްމު ކަންތައްތަކެއް އަލްމަރްހޫމް ޝިހާބު މިވަނީ ވިދާޅުވެދެއްވާފައެވެ.
އަލްމަރްހޫމް ޝިހާބުގެ މިއަގުހުރި ތަގުރީރު ތިޔަ ބޭފުޅުންވެސް ބައްލަވާލައްވާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބުގެ ވޯޓާމެދު ވަރަށް ފުންނަޒަރަކުން ވިސްނަވާނެކަމަށް ޔަގީންކުރަމެވެ. ވޯޓަކީ މާތްﷲ އަޅުގަނޑުމެން އިންސާނުންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. އެފަދަ މަތިވެރި އަމާނާތަކަށް ޚިޔާނަތްތެރި ނުވަމާތޯއެވެ! އަލްމަރްހޫމް އިބްރާހިމް ޝިހާބުއަށް ސުވަރުގޭގެ މާތް ނިޔުމަތާ ހެޔޮ ދަރުމަ މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރަމެވެ. އާމީން.
Posted in އިޖްތިމާޢީ | 0 ޙިޔާލު »
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު، ދިވެހިން ބާރު ދުވެއްޔެއްގައި ބުދު ދީނާއި ދިމާލަށް މިސްރާބު ޖަހާފައި.
ގައި 5/25/2009
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަވީރު ނޫހުން (07 މާރޗް 2009ގެ ޢަދަދުން) އަޅުގަނޑަށް ފެނުނު އެއް ޚަބަރަކީ "ޓެޑީ ބެއާތަކާއިއެކު އުޅޭމީހުންގެ ރޫހީ ދިރިއުޅުން"، މިމައުޟޫއަށް ލިޔެފައިވާ ލިޔުމެކެވެ. އެލިޔުން ކިޔާލުމުން އަޅުގަނޑަށް ވިސްނިގެން ދިޔައީ އަޅުގަނޑުމެން ދިވެހިންނަށް ބުދު ދީނުގެ ބާޠިލްކަން އެނގި، އިސްލާމް ދީނަށް އެނބުރުނުތާ އެތައް ސަތޭކަ އަހަރުތަކެއް ވެފައި ވަނިކޮށް، އަނެއްކާވެސް އަލުން އެނބުރި އެދީނުގެ ކަންތައްތަކާއި ދިމާލަށް މިއަދުގެ ޖީލު މިސްރާބު ޖަހާފައިވާ ކަމެވެ. އެލިޔުން ކިޔާލުމުން، އެބުދުތައް ގެންގުޅޭ މީހުން އެތަކެއްޗަށް ކުރާ ލޯތްބާއި އެއަށް ކުރާ އިޙްތިރާމާއި ޤަދަރު ވަރަށް ރަނގަޅަށް ދޭހަވެގެން ދެއެވެ.
އެބުދުތަކަށް ގާތުން ކިރު ދިނުމާއި، ދަތް އުނގުޅުވައި ފެންވެރުވުމާއި ނިޔަފަތި ކެނޑުވުމާއި، އެބުދުތަކުގެ އުފަންދުވަސް ފާހަގަކޮށް ކޭކުފެޅުންފަދަ ކަންތައްތައް، އެބުދުތައް ގެންގުޅޭ މީހުން ކޮށްއުޅޭކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރަށް އެއީ ކުރެވޭނޭ ކަމެއްނަމަ އެބުދުތަކަށް އައިޑީ ކާޑު ހައްދައި އެއް ސުފުރާއެއްގައި އެއްތަށިން ކާންދޭން ބޭނުންވާ ކަމަށްވެސް އެބުދުތައް ގެންގުޅޭ ފަރާތްތަކުން ބުނެފައިވާ ކަމަށް އެލިޔުމުގައި ވެއެވެ. ސުބްޙާނަﷲ އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. މިވާހަކަތަކަކީ ޅަ ތުއްތު ކުއްޖަކު ދައްކާފައި ހުރި ވާހަކަތަކެއް ނޫނެވެ. ބޮޑެތި މާސިންގާ، މީހުނާއި އިނދެގެން ދަރީންވެސް ލިބިފައި ތިބި މީހުންގެ ވާހަކަ ތަކެވެ.
ފަހެ ނޫޙް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ބުދަށް އަޅުކަން ކުރަން ފެށި ޙާދިޘާއިން އަޅުގަނޑުމެންނަށް ޢިބްރަތްތަކެއް ނުވަނީތޯއެވެ؟
ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ އިންސާނާ މިބިންމައްޗަށް ފޮނުއްވެވީ އެއިލާހަށް އެކަނި އަޅުކަން ކުރާ މީހެއްގެ ގޮތުގައެވެ. މިގޮތުގައި މިހެން ދަނިކޮށް ބުދު ދީނަށް މީހުން އަޅުކަން ކުރަން ފެށުނީ، ނޫހު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން އެމީހުންގެ ތެރޭގައި އޭރު ޙައްޤުގޮތުގައި ތިއްބެވި ޢިއްޒަތްތެރި ޞާލިޙް މާތް ބަޔަކު އަވަހާރަވެ ދިއުމުން، އެބޭބޭކަލުންނަށް އިޙްތިރާމް އަދާކޮށް އެބޭކަލުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ. އާދެ އެބޭބޭކަލުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވާރިދުވެފައިވެއެވެ. އެއީ މިއަންނަނިވި އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ފަދައިންނެވެ.
"وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدّاً وَلا سُوَاعاً وَلا يَغُوثَ وَيَعُوقَ وَنَسْراً" (نوح:23)
މާނައީ: "އަދި އެއުރެން ބުނޫއެވެ. (އެބަހީ ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ބުނޫއެވެ.) ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާ ހުށިކަމެވެ. އަދި وَدّ އާއި سُوَاع އާއި يَغُوث އާއި يَعُوق އާއި އަދި نَسْر އާއި މިއިން އެއްވެސް ބުދެއް ދޫކޮށްނުލާ ހުށިކަމެވެ."
މިއާޔަތުގައި މިވާ ނަންތަކަކީ އެޤައުމުގައި އެދުވަސްވަރު އުޅުއްވި ޞާލިޙް ތަޤްވާވެރި ބޭބޭކަލުންނަށް ވިދާޅުވި ނަންފުޅުތައް ކަމުގައި ތަފްސީރު ފޮތްތަކުގައި ބަޔާންވެފައިވެއެވެ. އަދި ތަފްސީރު ޢިލްމުވެރިންނާއި ތާރީޚް ޢިލްމުވެރިންވެސް ވިދާޅުވާ ގޮތުގައި، އާޔަތުގައި ނަންގަނެވި އެދިޔަ ބޭބޭކަލުން އަވާހަރަވުމުން އެޤައުމުގެ މީހުން އެންމެ ފުރަތަމަ ކުރިކަމަކީ ޝައިޠާނާގެ ވަސްވާހަށް ހެއްލި އެބޭބޭކަލުންގެ ޞޫރަ ކުރެހުމެވެ. އެއީ އެއްވެސް ޙާލެއްގައި އެބޭބޭކަލުންނަށް އަޅުކަން ކުރުމުގެ ގޮތުންނެއް ނޫނެވެ. އެހެންނަމަވެސް އެފަދަ މަތިވެރި ތަޤްވާވެރި ބޭބޭކަލުންކަމަށް ވުމުން އެބޭބޭކަލުންގެ ޛިކްރާ އާކުރުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިގޮތުގައި ޒަމާންތަކެއް ފާއިތުވެގެންގޮސް އެހެން ޖީލުތަކެއް އައުމުން ޝައިޠާނާ އެމީހުންގެ ގާތަށް ގޮސް ބުނިކަމުގައިވިއެވެ. ކަލޭމެން މިކުރެހުންތައް ބުދުތަކެއްގެ ގޮތުގައި ހެދުމުން އަދި މާފުރިހަމަ ވާނެއެވެ. ކޮންމެއަކަސް އެމީހުން އެކަން އެގޮތަށް ކުރީއެވެ. އެއްވެސް ޙާލެއްގައި އެއީ އެބުދުތަކަށް އަޅުކަން ކުރުމުގެ ގޮތުންނެއް ނޫނެވެ. އެފަދަ ނިޔަތެއްވެސް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް ކުރިއަށްވުރެވެސް ބޮޑަށް އެބޭބޭކަލުންނަށް ޢިއްޒަތާއި ޝަރަފް އަދާކުރުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިގޮތުގައިވެސް ޒަމާންތަކެއް ފާއިތުވެގެންގޮސް އެހެން ޖީލުތަކެއް އައުމުން ޝައިޠާނާ އެމީހުންގެ ގާތަށް އައިސް ބުނިކަމުގައި ވިއެވެ. ކަލޭމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނީ މިބުދު ތަކަށެވެ. އާދެ އެހިސާބުން އެމީހުން އެބުދުތަކަށް އަޅުކަން ކުރަން ފެށީއެވެ. އެންމެ ފުރަތަމަ ބުދަށް އަޅުކަން ކުރަން ފެށުނުގޮތަކީ މިއީއެވެ. والله أعلم.
ކޮންމެއަކަސް މިއަދު އަޅުގަނޑުމެންގެ ކަންތައްވެސް މިހިރީ ހަމަ ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ ކަންތައް ހުރިގޮތާއި ދާދި އެއްގޮތް ކަހަލަ ގޮތަކަށެވެ. އަޅުގަނޑުމެން ޞޫރަތައް ކުރަހައި ފޮޓޯތައް ނަގައި ބޮޑެތި ފްރޭމްތަކަށް ލައިގެން ގެޔާއި އެތަން މިތަނުގައި ހަރުކޮށް ތަތްކުރަމުން މިދަނީއެވެ. އެއީ ހުއްދަ ނޫން ކަމެއްގެ އިތުރަށް ރަޙްމަތުގެ މަލާއިކަތް ބޭކަލުންވެސް އެފަދަ ޞޫރައެއް ހަރުކުރެވި ނުވަތަ އެލުވާފައިވާ ތަނަކަށް ވަދެވަޑައި ނުގަންނަވާނޭކަމަށް ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވާފައިވާ އިރުވެސް މެއެވެ.
މީގެ ދެދުވަހެއް ކުރިން ފަޅާއެރި ޚަބަރަކީ، ޖަރުމަނުގެ މީހަކު ރާއްޖޭގައި ހިންގާ ރެސްޓޯރެންޓެއްގައި ބުދު ދީނުގެ މީހުން އަޅުކަން ކުރަން ބޭނުން ކުރާ ބުއްދާ އަކާއި އެނޫންވެސް ތަކެތި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރި ވާހަކައެވެ. އެވާހަކައިގެ ތަފްޞީލް، ފޮޓޯއާއި ވީޑިއޯއާއި އެކު އަޅުގަނޑުމެންވާނީ މިވެބްސައިޓުގައި ގެނެސްދީފައެވެ. (އެޚަބަރު ވިދާޅުވުމަށް މިލިންކަށް ފިއްތަވާ ލައްވާ.) އަދިވެސް އެތަނުގައި އެބުދު ފިޔަވައި ދެންހުރި ތަކެތި ހަމަ އެގޮތަށް ބަހައްޓާފައި އެބަ ހުއްޓެވެ. އަޅުގަނޑު ޚުދު އެތަނަށް ގޮސް މުޅި ރެސްޓޯރަންޓް ބަލައި ހަދައިފީމެވެ. މުޅި ރެސްޓޯރަންޓްވެސް ހުރީ ހަމަ ބުދު ދީނުގެ ތަކެތީން ޑެކަރޭޓް ކޮށްފައެވެ. ތަނުގެ ބިތުގައި ހަރުކޮށްފައިވާ ލަކުޑި ބޯޑުތަކުގައިވަނީ (ލަކުޑީގައި ކަނޑާ ނަގާފައިވާ) އޮރިޔާމުން ތިބި ބުދު ދީނުގެ ކަލާނގެތަކަށް ނިސްބަތްވާ އަންހެނުންގެ ޞޫރަތަކެވެ. އެފޮޓޯތައް ވަރަށް އަވަހަށް ޝާއިޢު ކުރެވޭނެއެވެ. إن شاء الله. ކޮންމެއަކަސް މިކަންވެސް މަނާ ކުރާނޭ ހުއްޓުވާނޭ ފަރާތެއް މިރާއްޖެއަކު ނެތެވެ. ތިރީގައިމިވަނީ މިއަދު (28 މާރޗް 2009 ވީ ހޮނިހިރު ދުވަހު) ނަގާފައިވާ ފޮޓޯއެކެވެ. (ފޮޓޯއިން ތިޔަފެނިވަޑައިގަންނަވަނީ މިހާރު އެތަން ހުރިގޮތެވެ.) އާދެ އެއަށްފަހު ދެން މިހާރު ކުރިމަތީގައި މިއޮތީ މެދު ޒިޔާރަތުގެ މައްސަލައެވެ. އެތަން ހުޅުވައި އެތަނަށް މީސްތަކުން ޒިޔާރަތް ކުރަން ހުޅުވާލަނީއެވެ. ޒިޔާރަތްތަކަށް ނަދުރު ބުނެ އެތަނުގައި ޠަވާފުކޮށް ނުވަތަ އެތަނުގައި އޮތް މީހަކަށް އިޙްތިރާމް ކުރުމުގެ ގޮތުން އެތަންތަނަށް ދިއުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. ބުދު ދީނުގެ އަހުލުވެރީން ފަދައިން ކުރެވޭ ޝިރުކުގެ ޢަމަލު ތަކެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ނަމުގައި (އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮށްމިއުޅޭ ގިނަ ކަންތައްތަކަކީ މުސްލިމުން ކުރުން ހުއްދަވާނޭ ކަންކަމެއް ނޫނެވެ) ދުވަހެއް ފާހަގަކޮށް އެފަދަ ދުވަހެއްގައި އެތަނުގައި އެއޮންނެވި ބޭކަލަކަށް އިޙްތިރާމް އަދާކުރުމުގެ ނަމުގައި ދިދަނަގައި މިފަދަ ދީނާއި ޚިލާފު ޢަމަލުތަކެއް އެތަނުގައި ހިންގުމަށް ސަރުކާރުގެ ބައެއް އިދާރާތްތަކުން ފޫގަޅާލާފައިވާ ތަނެވެ. މިކަމަކީ ކުރީގައި އަޅުގަނޑު ބަޔާންކުރިފަދައިން ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ކަންތައް ކުރި ގޮތާއި ހާދަހާވާ އެއްގޮތް ކަންތައްތަކެވެ. އަދި މީގެ އިތުރުން އިހަށްދުވަހު ފަސްތާނުލެވުނު، ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ޤަބުރުމަތީގައިވެސް ޒިޔާރަތެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބިފައިވެއެވެ. ( މިޒިޔާރަތް ކުރަހާ ޑިޒައިން ކުރުމުގެ ހުރިހާކަމެއް ހިންގަމުން ގެންދަނީ އެމްޑީޕީގެ ބޭފުޅެކެވެ. ) ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((أَيُّكُمْ يَنْطَلِقُ إِلَى الْمَدِينَةِ فَلاَ يَدَعُ بِهَا وَثَنًا إِلاَّ كَسَرَهُ وَلاَ قَبْرًا إِلاَّ سَوَّاهُ وَلاَ صُورَةً إِلاَّ لَطَّخَهَا)) وَفِيه (مَنْ عَادَ لِصَنْعَةِ شَيْءٍ مِنْ هَذَا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ). މާނައީ: "مَدِيْنَةގެ ތެރެއަށް ދާނީ ތިޔަބައިމީހުން ކުރެ ކޮންބޭކަލެއް ހެއްޔެވެ؟ އެމީހަކީ އެއްވެސް ބުދެއް ފެނިއްޖެއްޔާ އެބުދެއް ތަޅާކުދިކޮށްފައި ނޫނީ ދޫނުކުރާނޭ، އަދި އެއްވެސް ގަބުރެއް (އެބަހީ ޒިޔާރަތްގޮތަށް ހަދާފައި ހުންނަ ގަބުރެއް) ފެނިއްޖެއްޔާ އެގަބުރެއް ބިމާ ހަމަހަމަ ކޮށްފައި ނޫނީ ދޫނުކުރާނޭ، އަދި އެއްވެސް ސޫރައެއް ފެނިއްޖެއްޔާ އެއެއްޗެއްގައި ކުލަކާތާ ފޮރުވާލާ ނުވަތަ ފުހެ ނެތިކޮށްލާފައި ނޫނީ ދޫނުކުރާނޭ މީހެކެވެ." މިއެވެ. އަދި އެ حَدِيثގައި ވެއެވެ. "އަދި މިއިން އެއްޗެއް އަލުންވެސް ހަދައިފި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާއްވާލެއްވި ތަކެއްޗަށް ކާފަރު ވެއްޖެއެވެ." ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. އަޅުގަނޑުމެންގެ ޤައުމުގައި ޒަމާންތަކެއް ވަންދެން ކުރެވެމުން އައި މިޝިރުކުގެ ޢަމަލުތައް ހުއްޓި، ހަމަ ނޭވާއެއް ނުލެވި އުޅެނިކޮށް އަނެއްކާވެސް ބަޔަކު އަލުން ބަލުން އަނބުރާ މިކަން ދިރުވަން މަސައްކަތްފެށީއެވެ. ފަހެ މިފަދަ މީހުންގެ ނުބައި ރޭވުންތަކުން މިދީބު މިންޖު ކުރައްވައި މިތަނަކީ ތައުޙީދުގެ ނޫރުން އަލިކުރެވިފައިވާ ތަނެއްކަމުގައި ލައްވާންދޭވެ. ކޮންމެއަކަސް ބަޔާންވެ މިދިޔަ ކަންކަމުން އަޅުގަނޑުގެ ހިތައް ތަޞައްވަރު ކުރެވެނީ، އަޅުގަނޑުމެންނަށް އިސްލާމްދީނުގެ މިމަތިވެރި ހިދާޔަތު ލިބިފައިވަނިކޮށް، އަނެއްކާވެސް ބަޔަކު އަޅުގަނޑުމެން އަނބުރާ ކުރީގެ ގޮތަށް، ބުދު ދީނަށް ލަންބުވާލަން އުޅޭކަމެވެ. ފަހެ މިކަމާއިމެދު ވިސްނާ ފިކުރު ކުރާނޭ ދިވެހި ދަރިއަކު މިފަސްގަނޑުގައި ނެތީ ހެއްޔެވެ؟ އެހެން ދީންތައް މިތަނަށް ގެނެސް އަޅުގަނޑުމެންގެ ދީންވެސް ބަދަލުކުރުވުމަށް ބަޔަކުމީހުން ކެނޑިނޭޅި ރޭޔާއި ދުވާލު މަސައްކަތް ކުރަމުންދާއިރު މިކަމާއި މެދު އިންކާރުކޮށް ބަސްބުނާނޭ ހަމަ އެއްވެސް ފަރާތެއް ނުވަތަ ފަރުދެއްވެސް ނެތީ ހެއްޔެވެ؟ ވެރީންނަށް މިކަންތައްތައް ހުއްޓުވަން ހަވާލުކޮށްގެން ތިއްބާ، އެމީހުން އެޒިންމާ އަދާ ނުކުރުމުން ދެންވެސް އަޅުގަނޑުމެން ހަމަ ކޮންމެގޮތެއް ވަރިހަމަ ކަމަށް ހަދައި ދެއަތް އުރާލައިގެން ތިބެންވީތޯއެވެ؟ މިހިސާބަށް ކަންތައްތައް ދާއިރުވެސް، މިޤައުމުގައި އިސްލާމްދީން ތަންފީޛު ކުރާނޭ ރަނގަޅު ވެރިންތަކަކަށް ނުވަތަ ބަޔަކަށް އަޅުގަނޑުމެން ނޭދެނީ ހެއްޔެވެ؟ އޭ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަޅުގަނޑުމެން ހަމަ ބަލަންތިއްބާ ފާޅުގައި މިތަނަށް އެހެން ދީންތައް ގެނައުމަށް މަސައްކަތް ކުރެވެމުންދާއިރު، އަޅުގަނޑުމެންގެ ކާބަފައިން، ދީނާއި ޤައުމުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ މަތިން ހަނދާން ނައްތާލެއްވީތޯއެވެ؟ އަވަސްވެގަންނާށެވެ. ކަންތައްތައް އަޅުގަނޑުމެންގެ އަތް ނުފޯރާ ހިސާބަށް ނުދަނީސް އަވަހަށް އަތުކުރި އޮޅާލައްވާ، ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދަށް ތެދުވުމަށް ތައްޔާރުވާށެވެ. ދުލުންނާއި އަތާއި ފަޔާއި މުދަލާއި ޖާނާ މާލުންނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ" (رواه أبو داود: 2143، والنسائي) މާނައީ: "ތިޔަބައިމީހުންގެ މުދަލުންނާއި ނަފްސުތަކުންނާއި އަދި ދުލުން، މުޝްރިކުންނާއި އިދިކޮޅަށް ޖިހާދު ކުރާށެވެ." وصلى الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم. والحمد لله رب العالمين. -ނިމުނީ-
Posted in ޚަބަރު | 0 ޙިޔާލު »

