މާލެ ބަންޑުންވަނީ
ގައި 6/24/2008

ސްކޫލު ބަންދަކީ މާލޭގެ ގިނަބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށްދާ ދުވަސްވަރަކަށްވެފައި، އަދި މާލޭގައި ގޭގޭގައި ކިޔަވަންތިބޭ ކުދިން ޗުއްޓީއަށް ރާއްޖެތެރެއަށްދާ ދުވަސްވަރަކަށްވާތީ، ބޭސްފަރުވާ ކޮށްލުންފަދަ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ރާއްޖޭތެރޭގެ މީހުން އެދުވަސްވަރު މާލެ އައުމަށް މަޖުބޫރުވެއެވެ. މިގޮތަށް މާލެއަންނަ ބައެއް ފަރާތްތަކަށް ނިދާލާނެ ތަންކޮޅެއް ނުލިބިގެން ވަރަށް ދަތިޙާލުގައި އުޅޭތަންވެސް ފެނެއެވެ.
ކޮންމެ ފަހަރު ޗުއްޓީއާއި ދިމާވާއިރަށް އެހާ ގިނަބަޔަކު އެއްފަހަރާ މާލެއައުމުން އެމީހުން ތިބޭނީ ކޮންތާކުބާވައެވެ؟އެހެންނަމަވެސް އެކިއެކި ބޭނުންތަކަށް މާލެއަންނަ ރާއްޖެތެރޭގެ ފިރިހެނުން، މާލޭގެ ބަނދަރުގައިތިބި ފަޅުއޮޑިފަހަރުގައި ނިދާލައިގެން، ހޮޓަލުން ކާލައިގެން، ޢާއްމު ފާހާނާބަރިން ފެންވަރާލައިގެން އުޅޭ ފިރިހެނުންގެ އަދަދު މަދެކޭ ދެންނެވޭކަށްނެތެވެ. އެހެންނަމަވެސް އެހާލުގައި އަންހެނުން އުޅޭނީ ކިހިނެއްބާއޭ ހިތައްއަރައެވެ.
ދުވަހުކުއްޔަށް ކޮޓަރި ކުއްޔަށް ދޫކުރާ ފަރާތްތަކުން ބުނާގޮތުގައި ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކޮޓަރިތައް ހުންނަނީ ފުރިފައެވެ. އަދު ދުވަހުކުއްޔަށް ކޮޓަރި ދޫކުރާކަމަށް ނޫހުގައި މޯބައިލް ނަމްބަރު ޖަހާފައިވާ ފަރާތަކުން ބުނިގޮތުގައި ސްކޫލު ބަންދު ފެއްޓޭއިރަށް މޯބައިލް ފޯނު ޖެހޭނީ ނިއްވާލާށެވެ. "ކުއްޔަށް ދޭނެ ކޮޓަރިއެއް ނެތީމާ ފޯނު ނިއްވާލުން ނޫން އެހެންގޮތެއް ނޯވޭ. އަބަދުވެސް ހުސް ކޮޓަރިއެއް ހުރިތޯ ފޯނުކޯލެއް އައިސް އައިސް ހުންނާނީ." ދުވަހު ކުއްޔަށް ކޮޓަރި ކޮޓަރި ދޫކުރާ މީހަކު ބުންޏެވެ.
ސްކޫލު ބަންދާއި ދިމާކޮށް ރާއްޖޭން ބޭރަށްދާ މާލޭގެ ޢާއިލާތަކުން ފަހަކަށް އައިސް އެމީހުންގެ އެޕާޓްމަންޓް، ދުވަހު ކުއްޔަށް ދީފައި ފުރައިގެން ދެއެވެ. އެއްކޮޓަރީގެ އެޕާޓުމަންޓްގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނާގޮތުގައި، އެއްހަފްތާއަށް ކުއްޔަށް ކޮޓަރި ދިނުމަށްފަހު ފުރައިގެންދަނީ އެޑްވާންސްއަށް ފައިސާވެސް ނަގާފައެވެ. އަދި ބޮޑު ޗުއްޓީގައި މަހެއްހާ ދުވަހަށް ކުއްޔަށް ދިނުމުން ރާއްޖޭން ބޭރަށް ދިޔުމުގެ ޚަރަދު ލިބޭ ކަމަށެވެ. އަނެއްބައި މީހުން ބުނާގޮތުގައި ރާއްޖޭން ބޭރަށް ފުރައިގެން ދާއިރުގައި ދިރިއުޅޭ ކޮޓަރި ބަޔަކަށް ކުއްޔަށް ދީފައިދަނީ، ރަށުން ބޭރުގައި އުޅޭ ދުވަސްވަރުވެސް ރަނގަޅު އެއްޗެއް ލިބޭތީ ކަމަށެވެ. ދުވަހު ކުއްޔަށާއި މަހުކުއްޔަށް ކޮޓަރި ދޫކުރާ ފަރާތަކުން ބުނިގޮތުގައި އެއް ކޮޓަރީގެ ތަނެއްގެ މަހަކަށް ހަތަރު ހާހާއި، ހަހާސް ފަސްސަތޭކައާއި ދެމެދުގެ އަގަކަށް ސްކޫލު ބަންދުތަކުގައި ކުއްޔަށްދޭ ކަމަށެވެ. އަދި ދެކޮޓަރީގެ ތަންތަން ހަތްހާސް ފަސްސަތޭކައާއި ދިހަ ހާހާއި ދެމެދަށް އަގު އުފުލޭ ކަމަށެވެ. މާލޭގެ ކޮޓަރިތަކުގެ އަގުތައް މިހާމައްޗަށް އުފުލިގެންދާއިރު، އެކަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރަށްވަނީ ނުކުރެވިފައެވެ. ޢާއްމު މީހެއްގެ މުސާރައާއި ނުބައްދަލު އަގެއްގައި ކުލި އުޅޭއިރު ކުލި ވަކިމިންވަރެއްގައި ހިފެހެއްޓުމަށް އެކަށީގެންވާ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް، ދަތިހާލުގައި މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުން ތަކުރާރުކޮށް ބުނެއެވެ.
އެކިއެކި ބޭނުންތަކަށް މާލެއައުމަށް ރާއްޖެތެރޭ މީހުންނަށް މަޖުބޫރުވެފައިވާވާއިރު މާލެއައިސް ބޯހިޔާ ކޮށްލާނެ ތަންކޮޅެއް ނެތިގެން ފަޅުއޮޑިފަހަރުގައި މީހުން ނިދަމުންދާއިރު، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއްވަނީ ނުކުރެވިފައެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ވިލިނގިލިން ބިންދޫކުރުމަކުން މާލެޔަށް ލިބުނު ލުޔެއް ނެތެވެ. ހަމައެއާއިއެކު ހުޅުމާލެ ހިއްކުމުން މާލޭގެ ހަލަބޮލިކަމަށް އައިއެއްވެސް ބަދަލެއް ނެތެވެ
މިލިޔުމަކީ ސަންގުނޫހުގެ 8 ޖޫންި 2008 ގައި ލިޔެފައިވާ ލިޔުމެކެވެ .
This entry was posted on 6/24/2008 and is filed under އިޖްތިމާޢީ . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
0 ޙިޔާލު:
Post a Comment