ރައީސް މައުމޫނާއި މެދު ބައެއްމީހުން ދައްކަމުންދާ އެތައް ދޮގުވާހަކަ ތަކެއްގެ ޙަޤީޤަތް އެމަނިކުފާނު ހާމަކުރައްވައިފި
ގައި 9/20/2008
ި
ލިބިފައިވާ ޢިލްމެއްގެ ބޭނުން ހިފައިގެން ޤައުމުގައި ފަސާދަ އުފެއްދުމަކީ ޢަދާލަތު ޕާޓީގެ ލަނޑުދަނޑި ކަމުގައި ގަބޫލުކުރަން ޖެހިއްޖެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ޓެލެވިޜަން މޯލްޑިވްސްގެ ސިޔާސަތު ޕްރޮގްރާމްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން އެމަނިކުފާނަށް ނިސްބަތްކޮށް އެމަނިކުފާނަށް ޙަސަދަވެރިވާ ބަޔަކު ދައްކަމުނެްގެންދާ ވާހަކަތަކުގެ ހަޤީޤަތް އެމަނިކުފާނު ދިވެހިރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އެކު ހާމަކުރައްވައިފިއެވެ.
މިގޮތުން އެމަނިކުފާނަށް ނިސްބަތްކޮށް ޙަޤީޤަތާއި ޚިލާފަށް ދައްކަމުންދާ އެއްވާހަކަ ކަމުގައިވާ ރާވިއްކާ މީހާއާއި ރާ ބޯމީހާގެ ޙުކުމަކީ އެއް ޙުކުމެއްކަމަށް އެމަނިކުފާނުު ބަޔާންކޮށްދެއްވިކަމަށްބުނެ އެމަނިކުފާނު އަރުވާލި ވާހަކަ ފާހަގަކުރެވެއެވެ. މިގޮތުން އޭރު ރާ އެތެރެކޮށްފައިވަނީ 29000 މީހުންނަށް ފުދޭވަރަށް ކަމަށާއި މިހާރު އެތެރެކުރެވެނީ 600،000 އަށް ވުރެ ގިނަ މީހުނަށް ފުދޭވަރަށް ކަމަށް ޝާކިރު ވިދާޅުވިއެވެ. ޖަވާބުގައި ޒަޢީމް މައުމޫނު ވިދާޅުވީ އެއީ ވިދާޅުވި އެއްޗެއް ނޫންކަމަށެވެ.
“އާދެ ދަންނަވާލަން ބޭނުންވާ ވާހަކައަކީ އޭރު ޝަރީޢަތް ހިނގާފައި އޮތީ ރަނގަޅަށް ކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަމޭ” މައުމޫނު ވިދާޅުވިއެވެ. “އޭގެ ސަބަބުތައް ބަޔާންކޮށް ވަރަށް ތަފްޞީލުތައް އޮންނާނީ ލިޔެފައި. އޭރު ހުންނެވި މިނިސްޓަރ އޮފް ޖަސްޓިހަށްވެސް އޮންނާނީ އަރިސްކޮށްފައި. އަދި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށްވެސް އަޅުގަނޑު ލިޔެފައި. ކީއްވެގެން ކަން މި ޝަރީޢަތް އަޅުގަނޑު ޤަބޫލުނުކުރަނީ. އެހެންވީމާ ޝަރީޢަތުގައި ދެކެވުނު ވާހަކައެއް ތިވިދާޅުވަނީ. އަޅުގަނޑު އެއީ ބުނި އެއްޗެއްކަމަށް އެއްވެސްގޮތަކުން ސާބިތުވާކަށް ނޯންނާނެ”
ނަމަވެސް މިވާހަކައާއި ބެހޭގޮތުން އެމަނިކުފާނުގެ ދުޝްމަނުން އެކިއެކި ގޮތްގޮތަށް ވާހަކަތައް ހަދައިގެން އެމަނިކުފާނަށް ނިސްބަތްކޮށް ދައްކަމުންގެންގޮސްފައި ވެއެވެ . ނަމަވެސް މިއަދު މިއޮތީ އެމަނިކުފާނުގެ ދޫފޫޅުން ރައްޔިތުންނަށް އެކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވާފައެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ދިފާއުގައި ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރައްވާފައި ނުވާނެ ކަމަށްވެސް ޒަޢީމް މައުމޫން ވަނީވިދާޅުވެފައެވެ. އަދި އެމަނިކުފާނުވަނީ އެކަން ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ.
އަދި މިޕުރޮގުރާމުގައި މުރުތައްދު ވުމާއި ތަކްފީރު ކުރުމުގެ މައްޗަށް ބައެއް ސުވާލުތައް އަމާޒުކޮށްފައިވެއެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ބުނިކަމަށް ޕުރެޒެންޓަރ ޝާކިރު ވިދާޅުވެފައިވަނީ “މައުމޫނަކީ ސަތޭކައިން ސަތޭކަ އިސްލާމުން ތިބި ގައުމެއްގައި އިސްލާމުން އެމީހުންގެ ވެރިއަކަށް ގެންނަން ކަމުދާ އިންސާނެއް ނޫން” ކަމަށެވެ. އަދި އެމަނިކުފާނަކީ ސުންނަތް ޖަމާއަތުގެ މުސްލިމެއްތޯ އެއްސެވުމުން މައުމޫނު ވިދާޅުވީ އެމަނިކުފާނަކީ ސުންނަތް ޖަމާޢަތުގެ މުސްލިމެއް ކަމަށެވެ. އަދި މިމައްސަލައިގައި ޝައިޚް ހުސެއިން ދަލީލު ދައްކަވަން ޖެހޭނެ ކަމަށާއި އެމަނިކުފާނަކީ މުސްލިމެއް ނޫން ކަމަށް ޝައިޚް ހުސެއިން ވިދާޅުވިނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރައްވާނެ ކަމަށްވެސް ޒަޢީމް މައުމޫނު ވިދާޅުވިއެވެ.
“ނޫން އަޅުގަނޑު ދަޢުވާއެއް ނުކުރާނަން” ޒަޢީމް ވިދާޅުވިއެވެ. “އެއީ އޭނަ ވިދާޅުވާ އެއްޗަކީ އަޅުގަނޑަށް އެއްވެސް އަސަރެއް ކުރާނެއެއްޗެއް ނޫން. އޭނަ ބޭނުން އެއްޗެއް އޭނަ ވިދާޅުވާނީ އެކަމު އެއީ ހަގީގަތެއް ނޫން” ޒަޢީމް ސާބިތުކަމާއި އެކުޖަވާބު ދެއްވާފައިވެއެވެ.
މުޖުތަމަޢުގެ ބައެއްފަންތި ތަކުގެ ބައެއްމީހުން އެމަނިކުފާނާއި އެމަނިކުފާނުގެ ވެރިކަން ބަދުނާމް ކުރުމަށް ދައްކަމުންގެންދާ ވާހަކަތަކުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް އަނިޔާކުރަނީކަމަށާއި އަދި މިފަދަ ތަފާތުވާހަކަތައް ދައްކާފައިވެއެވެ. އަދި އެމަނިކުފާނަށް ނިސްބަތްކޮށް ވޯޓުއޮޅުވާލަނީ ކަމުގައިވެސް ބުނެފައިވެއެވެ. މިކަންކަމަށް ޖަވާބު ދެއްވަމުން ޒަޢީމް މައުމޫން ވިދާޅުވެފައިވަނީ ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރުމަކީ އެއްވެސް އިރެއްގައި ސަރުކާރުން ކުރާނެކަމެއް ނޫން ކަމަށާއި އަދި އެފަދަކަމެއް ހިގާފައިވާނަމަ ސަރުކާރުން އެމައްސަލަ ބައްލަވާފައިވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އަދި މީގެއިތުރުން އެއްވެސް އިރެއްގައި ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށާއި ވޯޓަށް ނުފޫޒް ފޯރުވުމަށްޓަކައި އިންތިޚާބާ ގާތްކޮށް ވަކި މިނިސްޓްރީގައި ހުންނެވި ބޭފުޅަކުވެސް ނުވަތަ ކަތީބަކުވެސް ނުވަތަ އަތޮޅުވެރިޔެއްގެ ވަޒީފާ ބަދަލު ކުރައްވާފައިނުވާނެ ކަމަށްވެސް ޒަޢީމް މައުމޫން ވިދާޅުވިއެވެ.
އިދިކޮޅުފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާ ސަރުކާރު ބަދުނާމް ކުރަމުން ގެންގޮސްފައިވަނީ ރައްޔިތުން އެކަމާއި ސަމާލުވާންޖެހޭ މިންވަރަށެވެ. އެހެނީ ދުނިޔޭގެ އެންމެނަށްވެސް އެނގޭނެފަދައިން މިކުޑަކުޑަ ޤައުމަކީ މިނިވަން މުސްތަގިއްލު ޤައުމެކެވެ. އެހެންކަމަށް ވާނަމަ ދުނިޔޭގެ އެއްވެސް ޤައުމަކުން މިޤައުމަށް މަޖުބޫރު ތަކެއްކޮށް މިޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފާނެ ބާވައެވެ. ނަމަވެސް އެމަނިކުފާނަށް ނިސްބަތްކޮށް ދައްކާފައިވާ ދޮގު ވާހަކަ ތަކުގެ ތެރޭގައި އިސްލާހީ އެޖެންޑާ ހުށަހަޅުއްވާފައިވަނީ ބޭރުގެ މަޖުބޫރުގެ ސަބަބުންކަމަށްވެސް ބައެއްފަރާތްތަކުން ވާހަކަދައްކާފައި ވެއެވެ.
ނަމަވެސް ޒަޢީމް މައުމޫނު ވިދާޅުވެފައިވަނީ އިސްލާހީ އެޖެންޑާ ހުށަހެޅުއްވީ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކުން ޕްރެޝަރ ކޮށްގެން ނޫން ކަމަށާއި ދިވެހިންގެ ޙާލަތު އެހާ ހިސާބަށް ދިޔުމުން އިސްލާހީ އެޖެންޑާއެއް ހުށަހެޅުއްވީ ކަމަށެވެ.
އަދި އެމަނިކުފާނަށް ބައެއް މީހުން ކުރައްވާ ތުހުމަތު ތަކުގެ ތެރޭގައިވާ ކެމްޕެއިން ކުރުމުގައި ފައިސާގެ ނުފޫޒް ބޭނުންކުރާކަމަށް ދައްކާ އެއްވެސް އަސްލެއް ނެތް ވާހަކައަށްވެސް އެމަނިކުފާނުވަނީ ޖަވާބު ދެއްވާފައެވެ. އެމަނިކުފާނު ހާމަކުރައްވާފައިވާ ގޮތުގައި ކެމްޕެއިން ކުރުމުގައި ފައިސާގެ ނުފޫޒް އެއްވެސް އިރެއްގައި ބޭނުންކުރައްވާފައިނުވާނެ ކަމުގައެވެ. އަދި އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ޤައުމަކަށް ދިރިއުޅުން ބަދަލު ނުކުރައްވާނެ ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ. މައުމޫނު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އެމަނިކުފާނު ރާއްޖޭގައި ހުންނަވާނެ ކަމަށެވެ.
މިއަދުގެ މުޖު ތަމަޢުގައި ރައީސްމައުމޫންގެ އަބުރުފުޅަށް ހުތުރު އެރުވުމަށް އެމަނިކުފާނާއި ދެކޮޅު އަދި ޤައުމުގެ ގިނަރައްޔިތުންނާއި ދެކޮޅު މީހުން ގެންދަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެެވެ. ޚާއްޞަ ކޮށް ޢަދާލަތު ޕާޓީގެ މީހުން ދީނީ މީހުންގެ ނަމުގައި ނިކުމެ ރައްޔިތުންނަށް ދަނީ ހަޤީގަތް އޮޅުވާލާ ރައްޔިތުން ވާވައްދަމުންނެވެ. އެމީހުންނަށް ލިބިފައިވާ ޢިލްމެއްގެ ބޭނުން ހިފައިގެން ޤައުމުގައި ފަސާދަ އުފެއްދުމަކީ ޢަދާލަތު ޕާޓީގެ ލަނޑުދަނޑި ކަމުގައި މިއަދުވަނީ ވެފައެވެ. ފައިސާގެ އަޅުންނަށް ވެފައިވާ ޢަދާލަތު ޕާޓީއަށް ރައްޔިތުންވާވައްދަންމަސައްކަތްކުރުން ނޫން ކަމެެއް ނުކުރެވޭނެއެވެ.
This entry was posted on 9/20/2008 and is filed under ޚަބަރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment