އާފެށުމަކުން
ގައި 9/21/2008ދިވެހިރާއްޖެއަކީ ޒަމާނުންސުރެ އަމިއްލަ ވެރިކަމެއް ހިނގަމުން އަންނަ ރާއްޖެއެކެވެ. ރާއްޖޭގެ އަހުލުވެރީން މާތްވެގެންވާ އިސްލާމްދީން ޚިޔާރުކުރިފަހުން މިހިނގާދިޔަ ޒަމާންތަކުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ހުރިހާ އިޚްތިޔާރެއް އޮތީ ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންގެ އަތްޕުޅު މަތީގައެވެ. އެބޭފުޅުން ވެރިކަމުގެ ކަންތައްތައް ހިންގަވަމުންގެންދަވާފައިވަނީ އިސްލާމީ އުސޫލްތަކުގެ މަތީން އަދި ރާއްޖޭގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުން ރައްޔިތުންގެ މަސްވަރާއާއި ރުހުން ހޯއްދަވައިގެންނެވެ. ލިޔެވިފައި ނުވާ އެކަމަކު ވަރަށް ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މަތިންނެވެ
ދިވެހިރާއްޖޭގައި ޤާނޫން ތަކެއްލިޔެވިގެން އެމައްޗަށް އެންމެފުރަތަމަ ވެރިކަން ހިންގަންފެށުނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައެވެ މިރަދުންގެ ރަސްކަމުގެ ތިރީސްވަނަ އަހަރު ކަމަށްވި 1349 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 ( 1931 ވަނަ އަހަރުގެ މާރިޗް މަހުގެ 19 ) ވި ބުރާސްފަތި ދުވަހުގެ އަލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ރިޔާސަތުގެ ދަށުގައި އުފެއްދެވި މަޖުލީހަކާ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށް މިރަދުން ހަވާލު ކުރެއްވިއެވެ.
މިނަންގަނެވުނު މަޖުލީހާއި ޤާނޫނުއަސާސީ ހެދުމުގެ މަސައްކަތް ހަވާލުކުރެވި ޤާނޫނު އަސާސީގެ މަސައްކަތް ނިމި ކީރިތި މަހާރަދުން ތަސްދީޤް ކުރައްވައި މިރާއްޖޭގައި ހިންގަވަންފެއްޓެވީ 1351 ވަނައަހަރު ޝަޢުބާންމަހު 23 (1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ) ވިބުރާސްފަތި ދުވަހުއެވެ މި ނަންގަނެވުނު ފުރަތަމަ ޤާނޫނުއަސާސީއަށް އެކިފަހަރުމަތިން އެކި އިސްލާޙާ ބަދަލުތައް ޤާމނޫނީ ހަމަތަކުގެ މަތީން ގެނެވިގެންދިޔައެވެ. މިޤާނޫނު އަސާސީ ހަތްއަހަރުވަންދެން ހިނގަމުން އޭގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބި ދިވެހިރާއްޖޭގެ އޭރުގެ ޙާލަތު ބަދަލުވެގެން ރައްޔިތުން ނުކުމެ އުމުރުން ހަތްއަހަރުވީ ޅަދޮޅު ޤާނޫނުއަސާސީ ވީދާ ސުންނާފަތިކޮށް އެ ޤާނޫނުއަސާސީ އުވާލެވުނެވެ. ނަމަވެސް އަލުން ޤާނޫނުއަސާސީ އެއް ހަދާ ފާސްކޮށް އެމައްޗަށް މިރާއްޖޭގެ ކަންތައް ހިންގަންފެއްޓީ 1361 ވަނައަހަރު ރަބީއުލްއާޚިރު މަހުގެ 6 ( 1942 ވަނައަހަރު އޭޕްރީލް މަހުގެ 23 ) ވި ބުރާސްފަތި ދުވަހުއެވެ.
މިބުނެވުނީ ޤާނޫނީ ޙަޔާތް ފެށި ގެން ރައްޔިތުންނާއި ހަމައަށް ވާސިލްވެ އެކިފަހަރު އެކިގޮތަށް ބަދަލުވެ އިސްލާޙްވެ އެޒަމާނަކާއިގުޅޭ ގޮތަށް ބަދަލު ގެނެވެމުން ދިޔަކަން ފާހަގަކުރެވެއެވެ. 1952 ވަނައަހަރު ރާއްޖޭގެ ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ސުމުވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ނެންގެވި ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާއި ގުޅިގެން ރާއްޖޭގެ ޤާނޫނު އަސާސީ ޖުމްހޫރީ ޤާނޫނުއަސާސީ އަކަށް ބަދަލުކޮށް އެޤާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށް އެޤާނޫނުއަސާސީގެ ދަށުން 1372 ވަނަ އަހަރު ރަބީއުލްއާޚިރު މަހުގެ 14 ( 1953 ވަނައަހަރުގެ ޖެނުއަރީމަހު 1 ) ވި ހުކުރުދުވަހު ރާއްޖޭގެ ވެރިކަން ޖުމްހޫރީވެރިކަމަކަށް މާގިނަ ދުވަސްތަކެއްނުވެ 1372 ވަނައަހަރު ޛުލްޙިއްޖާ މަހުގެ 11 ( 1953 ވަނައަހަރުގެ އޯގަސްޓް މަހުގެ 21 ) ވިހުކުރު ދުވަހު ދައުލަތް ހިންގުމަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން 1373 ވަނަ އަހަރުގެ ރަޖަބު މަހުގެ 1 ( 1954 ވަނަ އަހަރުގެ މާޗްމަހުގެ 7 ) ވި އާދީއްތަ ދުވަހު އަނެއްކާވެސް ރަސްކަމަކަށް ބަދަލުވިއެވެ. މިފަހަރުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުވެގެން ދިޔައެވެ
އޭގެފަހުން މުހައްމަދު ފަރީދުގެ ރަސްކަމުގެ 14ވަނަ އަހަރު 1968 ވަނައަހަރުގެ މާޗްމަހުގެ 15 ( 1387 ވަނައަހަރުގެ ޛުލްޙިއްޖާ މަހުގެ 16 ވި ހުކުރު ދުވަހުނެގުނު ޢާއްމު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާއި ގުޅީގެން 1968 ވަނައަހަރުގެ ނޮވެންބަރ މަހުގެ 11 (1388 ވަނަ އަހަރު ޝަޢްބާންމަހުގެ 20) ވި ހޯމަ ދުވަހު، ދިވެހިރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރީވެރިކަމަށް ބަދަލުވެގެން ދިޔައެވެ. މި ބަދަލާ ގުޅިގެން ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެދުވަހުން ފެށިގެން ހިނގަމުން އައިސް ފއައިވެއެވެ. އަދި އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ، އެޤާނޫނުއަސާސީއަށް ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އިޞްލާޙު ގެނެވިފައެވެ.
މި ޤާނޫނުއަސާސީގެ މަތިން ދައުލަތް ހިނގަމުން އައިސް 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ( 1399 ވަނަ އަހަރުގެ ސަފަރު މަހުގެ 1 ) ވި އާދިއްތަ ދުވަހު ރައްޔިތުންގެ މަޖުލިސްއިން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ފާސްކުރެއްވިއެވެ. މަޖުލިސްއިން މިކަން ފާސްކުރެއްވި ފާސްކުރެއްވުން ރައީސް ޤަބޫލުކުރައްވާ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ( 1401 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 22 ) ވި އާދިއްތަ ދުވަހުގެރޭ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ރައްޔިތުންގެ ޙާއްސަ މަޖުލިސް އެއްކުރައްވާ ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ މަޖުލީހާއި ހަވާލުކުރެއްވިއެވެ.
ރައްޔިތުންގެ ޙާއްސަ މަޖުލިސް އިން އެކުލަވާލެއްވި ޤާނޫނުއަސާސީ 1418 ވަނައަހަރުގެ ރަޖަބުމަހު 27 ( 1997 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 27 )ވި ބުރާސްފަތި ދުވަހު ތަސްދީޤް ކުރެވި ހިނގަމުން ދާންފެށުނެވެ. މި ޤާނޫނުއަސާސީ ހިނގަންފެށި ރައްޔިތުންނަށް އޭގެ ލާބަޔާ މަންފާ ކުރަންފެށި ރާއްޖެ ތަރައްޤީވެކުރިއެރުން ލިބެން ފެށީ ދުނިޔޭގެއެހެނިހެން ޤައުމުތަކެކޭ އެއްފެންވަރެއްގައެވެ. ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމުގެ މަގުޗާޓެއް އެކުލަވާލައްވާއިގެން 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިފެއްޓެވިކަންކަމުގެ ތެރޭގައި
1 –ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުން
2 – ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވާ އާލާކުރުން
3- ދިވެހިރާއްޖޭގައި ސަރުޢީ ނިޒާމު ހަރުދަނާކުރުން
4- ދިވެހިރާއްޖޭގައި ސިޔާސީޕާޓީގެ ނިޒާމު ހަރުދަނާކުރުން
5- ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ހަރުދަނާކުރުން
6- ދިވެހިރާއްޖޭގައި އިންތިޙާބީ ނިޒާމު ހަރުދަނާކުރުން
7 – ދިވެހިރާއްޖޭގައި މީޑިއާގެ ދައުރު ހަރުދަނާކުރުން
8- ބައެއް އިދާރާތައް މުސްތަޤިއްލުކޮށް ހަރުދަނާކުރުން
މިކަންކަން ފުރިހަމަ ކުރުމައްޓަކައި 2004 ވަނަ އަހަރުފެއްޓެވި މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ ޙާއްސަމަޖުލިސް އެއްކުރައްވާ ޤާނޫނުއަސާސީ އިސްލާޙު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިގެން ކުރިއަށް ގެންދެވިއެވެ. 2006 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްސަމަޖިލީހުގެ 93 ވަނަ ޖަލްސާއިން ފާސްކުރެއވުމާ ގުޅިގެން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ ( ށ ) ގެ ދަށުން ޢާއްމު ސިއްރު ވޯޓް ނެގުމަށްޓަކައި 2007 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަދުވަހުގެރޭ ރައްޔިތުންގެ ޚާއްސަމަޖިލީހުން ފާސްކުރައްވާފައިވާ ގޮތުގެމަތީން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 އޯގަސްޓް 18 ވީ ހޮނިހިރު ދުވަހު ނެގި ޢާއްމު ސިއްރު ވޯޓްގެ މުޅި ރާއްޖޭގައި ނެގުނެވެ. މިގޮތުން އެގުނީ ރައްޔިތުން ބޭނުންވަނީ ދިވެހިރާއްޖޭގައި ސަރުކާރު ހިންގުމަށް ބޭނުންވަނީ ރިޔާސީނިޒާމެއްކަމުގައެވެ.
2008 ވަނައަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހު އޮތް ރައްޔިތުންގެ ޙާއްސަމަޖުލީހުގެ 272 ވަނަ ޖަލްސާއިން ފާސްކުރެއްވި " ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ " ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ގޮތުގެ މަތީން 7 އޯގަސްޓް 2008 ( 6 ސަޢުބާން 1429 ) ވީބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެވި އައު ޤާނޫނު އަސާސީގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ރާއްޖޭގައި ހިނގަންފެށުނީއެވެ. މިހާރު ހިނގަމުން މިދަނީ އައު ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައިވާ މަރުޙަލާތަކެވެ. މިހާރު ރައްޔިތުންގެ މަޖުލިސް އެކުލެވިގެންވަނީ ފަންސާސް މެމްބަރުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖުލިސް އަކީ ސަރުކާރު ހިންގުމުގެ ތިންބާރުގެ ތެރެއިން އެންމެ ބޮޑު އެއް މުއައްސަސާއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖުލީހަށެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. މިޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތީން ސާދަ ވަނަ ބާބުގެ އިންތިޤާލީ ކަންތައްތަކާބެހޭ ބާބުގެ 300 ވަނަ މާއްދާގެ ( ހ ) ގެ ދަށުން މިހާރު ވެރިކަން ހިންގުމުގެ ހުރިހާބާރުތަކެއް ލިބިގެން ވަނީ މިހާރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މއ ކިނބިގަސްދޮށުގޭ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް އެވެ. އެގޮތުން ވަގުތީ ސަރުކާރު ހިންގެވުމުގައި ހުންނެވި އެންމެ މަތީ ވެރިމީހާއެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަކީ ވަގުތީ ސަރުކާރުގެ ވަޒީރުންނެވެ. އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސާއި މަޖުލިސްގެ މެމްބަރުންނަކީވެސް ވަގުތީ ސަރުކާރު ހިންގެވުމުގައި ތިއްބެވި ބޭފުޅުންނެވެ. ހަމަ އެފަދައިން މިހާރު އުފެދިފައހުރި ހުރިހާ މުސްތަޤިއްލު ކޮމެޓީ ތަކުގައި ތިއްބެވި ބޭފުޅުންނަކީވެސް ވަގުތީ ސަރުކާރު ހިންގެވުމަށް ޙަވާލުވެ ތިއްބެވި ބޭފުޅުންނެވެ.
މިގޮތުން މިހާރު ހޮވިފައި ތިއްބެވި މުސްތަޤިއްލު ކޮމިސަންތަކުގެ ބޭފުޅުންނާއި ސަރުކާރުގައި ވަޒީފާ އަދާ ކުރައްވަމުންގެންދަވާ އެންމެހާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބައް ތައްޔާރުކުރުމައްޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވުމަށާއި ނިންމަންޖެހޭ ޤާނޫނީ ބިލްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތެވެ. މީގެ އިތުރުން ރާއްޖޭގައި އުފައްދާފައިވާ ސިޔާސީޕާޓީ ތަކުންވެސް މިމަސައްކަތް ހަލުވި ކަމާއި އެކު ކުރަމުން އެބަދެއެވެ.
މިހާރު ހިނގަމުންދާ ޤާނޫނު އަސާސީގައި ބުނާ މަލްޓިޕާޓީ އެލެކްސަން ކާމިޔާބުކުރުމައްޓަކައި ސިޔާސީޕާޓީ ތަކުން ރިޔާސީ އިންތިޚާބުގައި ހުންނަވާނެ ބޭފުޅަކު ހޮވުމައްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކެމްޕޭންކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޤައުމީ ޓީވީ އާއި ދިވެހި ރޭޑީއޯއިން ރައްޔިތުން ނަށް ވޯޓާއި ބެހޭގޮތުން ހޭލުންތެރިކުރުމައްޓާކައި ތަފާތު ޕްރޮގްރާމް ތައް ހިންގަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މިއިންތިޚާބަކީ ދިވެހިރާއްޖޭގެ ޤާނޫނީ ހަޔާތުގައި ވަރަށްވެސް ތާރީޚީ އިންތިޚާބަކަށްވެގެންދާނެއެވެ. މިއިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅަކު ދިވެހިރާއްޖެ ހިންގުން ވަރަށްވިސްނުންތެރިކަމާއި އެކު ނުކުރެވިއްޖެނަމަ މާޒީވެ ދިޔަފަދައިން މިޤާނޫނު ރައްޔިތުންގެ އަތުން ބީވެ ހިގައިދާނެކަމުގެ ބިރު ހީވާން ފަށައިފި އެވެ. މިހާރު ހިނގަމުންދާ ޤާނޫނު އަސާސީ އަކީ ދުނިޔޭގެ ފެންވަރުގައި ވަރަށް ރަގަޅަށް ހެދި ރައްޔިތުންނާއި ހަމައަށް ވާސިލްވެފައި އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ހޭދަކުރެވިގެން ހެދިފައި ހުރި ބުރަ މަސައްކަތެކެވެ. 1998 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުންފެށިގެން ހިނގަމުން އައި ޤާނޫނުއަސާސީ އޭރު ރައްޔިތުންގެ ބުރަމަސައްކަތުން ހެދުނު އަގުހުރި މަސައްކަތެކެވެ. ނަމަވެސް މިއަދު އެ ޤާނޫނުއަސާސީ އަކީ ރައްޔިތުންނަށް ބޭނުންހުރި އެއްޗަކަށް ނުވީ ދުނިޔޭގެ މަސްރަހު ބަދަލުވެ ރާއްޖޭގެ ތަޢުލީމާއި އިޤްތިޞާދާއި މީޑިއާގެ ކުރިއެރުން ހަލުވިކަމާއި އެކު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދާންފެށުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އައި ބޮޑު އިންޤިލާބެއްގެ ސަބަބުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭލެތް ލަސްކަމަށް ފެންނާތީ ސަރުކާރުން ޒަމާނީ ޑިމޮކްރަސީއެއް ޤާއިމްކުރުމުގެ ހުރިހާކަމެއް ފުރިހަމަވެގެންދިޔައީ 2008 ވަނަ އަހަރު އޯގަސްޓް މަހު 7 ވަނަދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ސާއިޢް ކުރުމުންނެވެ. (ނުނިމޭ) .
This entry was posted on 9/21/2008 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
0 ޙިޔާލު:
Post a Comment