ޒަޢީމް މައުމޫނާ ދެކޮޅަށްކުރި ދަޢުވާގެ ޝަރީޢަތުގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ ޙުސައިން ރަޝީދު އަޙްމަދު މާތް ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ދޮގު

ގައި 10/01/2008






މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަކީ ސުންނީޖަމާޢަތެއްގެ ބޭފުޅެއް ނޫންކަމަށްބުނެ، އާ ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް، އެމަނިކުފާނު ޝަރުޠު ފުރިހަމަ ނުވާޙާލު އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ނަންފުޅު ޤަބޫލުކުރެއްވިކަމަށް ބުނެ ޢަދާލަތު ޕާޓީގެ ފަރާތުން ކުރިދަޢުވާގެ ޝަރީޢަތުގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ ރައީސް އަދި އެވަރެއް ނެތްކަމަށް ދަޢުވާ ކުރާ ޢިލްމުވެރިންގެ މަޖިލީހުގައިވެސް އިސް ދައުރެއް އަދާކުރާ ޙުސައިން ރަޝީދު އަޙްމަދު މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގުހަދައިފިއެވެ.
މިރޭ (މިމަހުގެ 25 ވަނަދުވަހުގެ ރޭ ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސްފަނޑިޔާރުންގެ ކުރިފުޅުމަތީގައި ކުރިޔަށް ގެންދެވި ޝަރީޢަތުގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކޯޓަށް ދިޔައީ އެމީހުންގެ ޤާނޫނީ ވަކީލާއި އެޕާޓީގެ ރައީސް ޙުސައިން ރަޝީދު އަޙްމަދެވެ. އިލެކްޝަން ކޮމިޝަނު ގެ ފަރާތުން މިރޭގެ މައްސަލައިގައި ވާކާލާތު ކުރެއްވީ އެފަރާތުގެ ލޯޔަރެއް ކަމުގައިވާ މުޙައްމަދު އިބްރާހީމެވެ. އަދި އެމައްސަލައިގައި އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ޙައްގެއްވާތީވެ އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވުމަށް ކޯޓަށް ވަޑައިގަތީ ފަޞީލަތުއްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރާއި ، ޑޮކްޓަރ އަފްރާޝީމް ޢަލީ އާއި އައްޝައިޚް މޫސާ ނިޒާރެވެ.
ދަޢުވާ ކުރާފަރާތްކަމުގައިވާ ޢަދާލަތު ޕާޓީގެ ފަރާތުން ދަޢުވާ ހުށަހެޅުމުން އެދަޢުވާއަށް ޖަވާބުދިނުމަށް އުއްތަމަ ފަނޑިޔާރު އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންގެ ފަރާތުން އެދުމުން މުޙައްމަދު އިބްރާހީމް ބުނެފައިވަނީ ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމުގައެވެ. މިގޮތުން އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުށަހެޅުއްވި ލިޔުންތަކާއެކު ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑުހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެކާޑުގެ ކޮޕީވެސް ޢިއްޒަތްތެރި ފަނޑިޔާރުންގެ އަތްޕުޅަށް އެރުވިއެވެ. ހަމައެފަދައިން އަލްއުސްތާޛު މައުމުން ޢަބްދުލް ޤައްޔޫމް ހުށަހެޅުއްވި ލިޔުންތަކުގެ ތެރޭގައި ވޭތުވެ ދިޔަ ފަސްއަހަރު އެމަނިކުފާނުގެ ކުށުގެ ރެކޯޑް ހިމެނޭ ކަމުގައިވެސް އިލެކްޝަންސްގެ ލޯޔަރ ވިދާޅުވިއެވެ. އަދި ބާޠިލްކުރެވުނު ނޫ ޤާނޫނު އަސާސީގެ ދަށުން މައުމޫނު ޢަބްދުލްޤައްޔޫމް ޤައުމުގެ ވެރިކަން ކުރައްވާފައިވާ ކަމަށާއި އެޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލެއްވޭނީ ސުންނީ ޖަމާޢަތެއްގެ މުސްލިމެއްކަމުގައި ވެގެން ކަމަށްވެސް ޤާނޫނީ ވަކީލު މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.
ޢަދާލަތު ޕާޓީގެ ފަރާތުން ޙުސައިން ރަޝީދު ޤުރުއާނުގެ އާޔަތްތަކާއި އެއާޔަތްތަކުގެ މާނަ އޭނަ ބޭނުންވާގޮތަށް ކުރަމުން އުއްތަމަ ފަނޑިޔާރު ކިޔާއެއްޗަކަށް ބެލުމެއްނެތި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަޑުގަދަކޮށް ގެރިޒުވާބެއް ކުރާ ފާޑަށް ވާހަކަތަށް ދާންފެށުމުން ޤާޟީވަނީ ދެތިން ފަހަރަކަށް އަޑުމަޑުކޮށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާ އުސޫލުން ވާހަކަދެއްކުމަށް ނަޞީޙަތްތެރިވެދެއްވާފައެވެ. ނަމަވެސް ޙުސައިން ރަޝީދު އަޙްމަދުގެ ވާހަކަތަކާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއްއައި ކަމަކަށް ނުފެނެއެވެ. އެހެނީ އަވަސް އަވަހަށް ޤާޟީއަށް އޭނާ މައުޟޫން ބޭރުގައި އުޅޭކަން ހަނދާން ކޮށްދޭން ޖެހުމެވެ. އަދި ވާހަކަތަށް ތަކުރާރު ނުކޮށް ކުރިޔަށް ގެންދިޔުމަށްވެސް ބުނަންޖެހުމެވެ.
ޢަދާލަތު ޕާޓީގެ ފަރާތުން މާމޮޅު ވަކީލަކަށް ހަދާފައި ފޮނުވި ޙުސައިން ރަޝީދު، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްލާމް ދީނުގެ އުޞޫލްތަކާއި ޚިލާފްވެއްޖެ ކަމަށާއި ކަނޑައެޅިގެން ޤުރުއާނުން ސާބިތުވާ އެތަށް ކަމަކަށް ދެކޮޅުހަދާފައިވާ ކަމަށްބުނެ ދެއްކިވާ ވާހަކަތަކަށް އުސްތާޛު ޤުބާދާއި ، ޑޮކްޓަރ އަފްރާޝީމް ޖަވާބުދެއްވީ ވަރަށް ޢިލްމީ އަދި ބަލާޣާތްތެރި ކޮށެވެ. ޙުސައިން ރަޝީދު ހަދަމުން ގެންދިޔަ ދޮގުތަކުގެ ޙަޤީޤަތްތަށް ޤާޟީއަށް ހާމަކުރައްވާ ވަރުގަދައަށް ރައްދު ދެއްވިއެވެ. ބެލެވޭ ގޮތުގައި އެކަމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ޙުސައިން ރަޝީދުގެ ގޮތްދޫނުކުރުމުގެ ސަބަބުން އިތުރަށް ދޮގުހަދައި ހަދީސް ތަކުގެ ދަރަޖަތަށް އޮޅުވާލަން މަސައްކަތް ކުރުމެވެ.
ޙުސައިން ރަޝީދު، ޢީސާގެ ފާނުގެ ވާހަކަފަށައިގެން އެކަލޭގެފާނު ދެވަނަ ފަހަރަށް ދުނިޔެއަށް (ބިމަށް) ފޮނުއްވޭނެ ކަމަށް ބުނެވާހަކަދައްކަން ފެށިއެވެ. ނަމަވެސް ޤުރުއާނުން އެކަން ސާބިތުވާ ޤަޠަޢީ ދަލީލެއް ނުދެއްކުނެވެ. އަދި ނުވިތާކަށް އާޙާދު ދަރަޖައިގެ ޙަދީޘްތަކަކަށް އިޝާރާތްކޮށް އެއީ މުތަވާތިރު ދަރަޖައިގެ ޙަދީޡް ތަކެއްކަމުގައިވެސް ބުނެ ޤާޟީއަށްވެސް އޮޅުވާލަން މަސައްކަތް ކުރީއެވެ. ނަމަވެސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފާރާތުން ކޯޓަށް ވަޑައިގެން ތިއްބެވި ޢާލިމުން، ޙުސައިން ރަޝީދު މާތްރަސޫލާގެ ޙަދީޡްތަށް އޮޅުވާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލިއެވެ.
މިރޭގެ ޝަރީޢަތުގެ މަޖިލީސް ނިމެން ކައިރިވެފައި ވަނިކޮށް ޙުސައިން ރަޝީދުގެ ބަޑިފަޅައިގެން ދިޔައީއެވެ. އޭނާގެ ރަސްމީ ސިފަ ހާމަވެގެން ދިޔައީއެވެ. އުންމަތުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގުހެދީއެވެ. ހަރުއަޑުން ފާޅުކަން ބޮޑު ގޮތަކަށް މާތް ރަސޫލާ ވިދާޅުވެފައި ނުވާކަމަށްވާ ބަސްފުޅެއް އެކަލޭގެ ފާނަށް ނިސްބަތް ކުރީއެވެ. ((اطلبو العلم من المهد الى اللحد)) އެއީ މާތް ރަސޫލާގެ ބަސްފުޅެކޭ ޙުސައިންރަޝީދު އަޙްމަދު ބުނުމުން ޝައިޚް ޤުބާދު ތެދުވެ އެއީ މާތްރަސޫލާގެ ހަދީޡެއްނޫން ކަމުގައި ވިދާޅުވިއެވެ. މާތް ރަސޫލާގެ ޙަދީޡް ބަސްފުޅެއް ކަމުގައިވާ (من كذب علي متعمدا فليتبوأ مقعده من النار) ވިދާޅުވުމަށް ފަހު ރަސޫލާގެ މައްޗަށް ދޮގުހަދަނީ މައުމޫން ނޫންކަމަށާއި ޙުސައިން ރަޝީދު ކަމުގައި ވިދާޅުވިއެވެ.

0 ޙިޔާލު: