އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ވަނަވަރު

ގައި 10/28/2008









އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް



މައުމޫނަކީ ރައްޔިތުން އެންމެ މަޤްބޫލު، ރައްޔިތުން ދަންނަ ރައްޔިތުންގެ މީހެކެވެ. ރައްޔިތުންގެ އިތުބާރު ލިބިގެންވާ ރައްޔިތުންގެ އިޙްސާސްތައް ދަންނަ މުރުޝިދެކެވެ. މެދުމިނުގެ އިސްލާމީ ވިސްނުންތެރިކަން ދިވެހިންގެ ތެރޭގައި ދެމެހެއްޓެވި އިމާމެވެ. ދުނިޔެއަށް ދިވެހި ރާއްޖެތަޢާރުފު ކުރެއްވި މިލީޑަރަކީ، ތަރައްޤީއާއި ކުރިއެރުމަށް އަބަދުވެސް ވިސްނުންފުޅު ބަހައްޓަވާ ފިލޯސަފަރެކެވެ. ދިވެހިރާއްޖެ އާ އުސްމިންތަކަކަށް ގެންދިއުމުގެ މަތިވެރި ޢަޒުމްގައި، ރާއްޖޭގައި ބޭއްވޭ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ ރޭހަށް ނުކުންނަވާ، ޤައުމީ ޚިދުމަތުގެ އެންމެ ތަޖުރިބާކާރު މޭސްތިރިއެވެ.



1937 ވަނަ އަހަރު މެދު ފަންތީގެ އާއިލާއަކަށް އުފަންވި މައުމޫނަކީ، ޅައުމުރުއްސުރެ ތަޢުލީމަށް ލޯބި ކުރެއްވި ތޫނުފިލި ފަރާތެކެވެ. މާލޭގައި ތަޢުލީމު ހާޞިލު ކުރެއްވުމަށްފަހު، ސަރުކާރުން ލިބިލެއްވި ސްކޮލަރޝިޕެއްގައި މަތީ ތަޢުލީމު ހާޞިލު ކުރެއްވުމަށް އެމަނިކުފާނު މިޞްރަށް ވަޑައިގަން، ތަޢުލީމީ ޙަޔާތުގެ ރަންޒަމާން ވޭތުކުރެއްވީ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއާއި، އެމަރިކަން ޔުނިވަރސިޓީގައެވެ. މިގޮތުން، އިސްލާމިކް ސްޓަޑީޒް އިން އެމް.އޭ. މިޞްރުން ޙާސިލު ކުރެއްވުމަށްފަހު، ނައިޖީރިއާގެ އަޙްމަދޫ ބެލޯ ޔުނިވަރސިޓީގައި ދެއަހަރު ދުވަހު ލެކްޗަރައެއްގެ މަޤާމް ފުރުއްވެވިއެވެ. ދުނިޔޭގެ މަޝްހޫރު ރިސާޗަރ ގްރެހަމް ވިލްސަންގެ ރިސާޗަކުން ދައްކާ ގޮތުގައި، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަކީ، އަޒުހަރު ޔުނިވަރސިޓީގެ ހަޔާތުގައި، އެ ޔުނިވަރސިޓީއިން ދަސްވެނިވި އެންމެ މޮޅު ތިން ދަރިވަރުންގެ ތެރެއިން އެކަކެވެ.



ތަޢްލީމީ ހަޔާތުގައި ކާމިޔާބު ދުވަސްތަކެއް ވޭތު ކުރެއްވުމަށްފަހު، ޤައުމީ ޚިދުމަތަށް ނުކުންނެވުމަށްޓަކައި މައުމޫން ޢަބްދުލްޤައްޔޫމް އެނބުރި ރާއްޖެ ވަޑައިގަތީ 1971 ގައެވެ. އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ފެއްޓެވި ޚިދުމަތުގެ ދަތުރު ވެގެންދިޔައީ، ދިވެހި ޤައުމު އެ ޚިދުމަތްތަކަކަށްޓަކައި ތާ އަބަދުމެ ފަޚްރުވެރިވާނެ ޚިދުމަތްތަކަކަށެވެ. މައުމޫނުގެ ޚިދުމަތުގެ ސެހެރީގައި ، ނެޝެނަލް ޝިޕިންގ ޑިޕާރޓްމަންޓްގެ މެނޭޖަރުކަމާއި، ޤައުމީ މުވާޞަލާތީ ޑިޕާޓްމަންޓްގެ ޑިރެކްޓަރު ކަމާއި ބޮޑު ވަޒީރުގެ އޮފީހުގެ ޚާއްޞަ ސެކްރެޓަރީކަމާއި ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުގެ ނާއިބުކަމާއި އ.ދ. އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބުކަން ހިމެނެއެވެ.



އ.ދ. ގެ ވަޒީފާއަށްފަހު، 1977 އަހަރު ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިސްކުރެވުނެވެ. އަދި ޖެހިގެންއައި 1978 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ރައީސްކަމަށް ރައްޔިތުންގެ އާންމު ވޯޓަކަށް މައުމޫނުގެ ނަން ހުށަހެޅި، ދިވެހި ރައްޔިތުންގެ 92.9% ފުރިހަމަ ތާޢީދާއެކު ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ ވެރިކަމަށް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ހޮއްވެވިއެވެ.



ދިވެހި ރައްޔިތުންގެ މި ނިންމުން ވެގެންދިޔައީ ދިވެހިރާއްޖެ ދިރިގެން ދިޔަ، ތަރައްޤީގެ މައިދާނުގައި ޤައުމީ ދުވެލި މެކުހަށް ޖަހާލި ނިންމުމަކަށެވެ. ދުނިޔޭގެ ޗާޓުގައި ތިކިތަކެއްގެ ސިފައިގައި އޮތް ކުޑަ ކުޑަ ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ ސްޓޭޖަށް ތަޢާރުފް ކޮށްދިން ނިންމުމަކަށެވެ.



މައުމޫނުގެ ޒަޢާމަތުގައި ދިވެހިރާއްޖެ އެކި މައިދާންތަކުގައި ދެކިފައިވާ ތަރައްޤީއަކީ ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ފުރިހަމަ ރެކޯޑެކެވެ. ޤުދުރަތީ މަދު ވަޞީލަތްތަކާއި، އިންސާނީ ވަޞީލަތުގެ ދަތިތަކާއެކު އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް މިއަދު ތަރައްޤީގެ އުސްމިންތަކަކަށް ގެންގޮސްފައިވާ ދިވެހިރާއްޖެއަކީ، މީގެ 30 އަހަރާ ބަލާއިރު ތަޖުރިބާކާރުން ހައިރާންވެވަޑައިގަންނަވާ ވަރަށް ބަދަލުވެ، ކުރިއަރާފައިވާ ޤައުމެކެވެ. މިއީ ހަމަ ބަލަން ތިއްބާ އައި ތަރައްޤީއެއް ނޫނެވެ. މިއީ ވެރިކަމުގެ ގޮނޑީގައި ނަމެއްގައި މީހަކު އިނުމުގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެއް ނޫނެވެ. މިއީ، ވިސްނުންތެރިކަމާއި، ޙިކުމަތު ޢަމަލީ އެކުލެވިގެން، މައުމޫނާއި އެމަނިކުފާނުގެ ސަރުކާރު ގެންނަވާފައިވާ ކުރިއެރުންތަކެކެވެ. މިއަދު މިދެކޭ ތަރައްޤީގެ ސިއްރަކީ މައުމޫނެވެ. މިއީ ދެގޮތެއް ނުވާނެ، ބަދަލެއް ނުވާނެ ޙަޤީޤަތެވެ.



އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރާއްޖެ ދެކިފައިވާ ކުރިއެރުންތައް މައުމޫނުގެ ޤާބިލު މަސައްކަތްޕުޅަށް ހެކިވާނެއެވެ. އާބާދީ އެތައް ތަނެއް އިތުރުވެގެންދިޔަ ކަމުގައިވިޔަސް، ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށްޖެހޭ ޖީ.ޑީ.ޕީ. އަށް އައި ކުރިއެރުން، މައުމޫނު މިޤައުމަށް ގެނުވި ކުރިއެރުމަށް ހެކިވާނެއެވެ. ދިވެއްސެއް އެވްރެޖް ގޮތެއްގައި ދިރިއުޅޭނެކަމަށް ބެލެވޭ އުމުރު ވަނީ 48 އަހަރުން 71 އަހަރަށް އިތުރުކުރެވިފައެވެ. ޅައުމުރުގައި މަރުވާކުދިންގެ ނިސްބަތް މަދުވި މިންވަރު، މައުމޫނުގެ ޞިއްޙީ ސިޔާސަތުގެ ފުރިހަމަކަމަށް ހުރިހެއްކެކެވެ. ތަޢުލީމީ ގޮތުންނާއި ޞިއްޙީ ގޮތުން ރާއްޖެ މިއަދު ދެކެމުންމިދާ ތަރައްޤީގެ ބާނީއަކީ މައުމޫނުކަމަށް އެ ދެ ދާއިރާ އާނބަސް ބުނާނެތެވެ. މަސްވެރިން ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި މަސްކަނޑުތައް ފަތަޙަ ކުރަމުންދާއިރު، ފަތުރުވެރިކަމުގައި ދުނިޔޭގެ ހުވަފެނީ މަންޒިލަށް ރާއްޖެ ވެގެންދިޔައީ، ކޮންބޭފުޅެއްގެ ދުރުވިސްނުންފުޅާއި، ފަޞާޙާތްތެރިކަމުގެ ވެރިކަމުގައިތޯއެވެ؟



ކާމިޔާބު 30 އަހަރަކަށްފަހު، މައުމޫނު ދުއްވި ދިވެހިރާއްޖޭގެ ޤައުމީ އޮޑި މިއަދު މިވަނީ އެމަނިކުފާނު ދިވެހި ޤައުމަށް ގެންނަން ހުށަހެޅުއްވި އިސްލާޙީ މަންޒިލަށް ވާސިލުވުމަށް ދަތުރުކޮށް ކަނޑުއޮޅިއާ ހަމައަށް އާދެވިފައެވެ. މިހިސާބަށް ޤައުމު ގެނެސްދެއްވި މާލިމީ، މިއަހަރުގެ ރިޔާސީ ރޭހަށް ނިކުންނަވާ އެހުންނެވީ ފެއްޓެވި ދަތުރުފުޅު ނިންމެވުމުގެ މަތިވެރި އަޒުމުގައެވެ. މި ގަދަ ކަނޑުއޮޅީގައި ހުރި ގަދަވަޔާއި ނުއަތަށް ހުރިއޮއިގެ ސަބަބުން ދިމާވެފައިވާ ހުރަސް ތައް ގިރާކޮށް، މިނައު އަމާން އޮމާން ބަނދަރަކަށް ގެންދިޔުމުގެ ޢަޒުމްގައެވެ. ދިވެހިރާއްޖެ އާ އުސްމިންތަކަކަށް ގެންދިއުމުގެ ނިދާގައެވެ. ޤައުމީ ގަދަ ފަސް އަހަރެއްގެ ވިސްނުންފުޅުގައެވެ. މި މަތިވެރި ޤައުމީ ހުށަހެޅުމަށް ބޭނުންވަނީ ދެކަމެކެވެ. އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ތަޖުރިބާއެވެ. ދެން ރައްޔިތުންގެ ނިންމުމެވެ.



2004 ވަނަ އަހަރު އެމަނިކުފާނު ހުށަހެޅުއްވި އިޞްލާޙީ އެޖެންޑާގެ ދަށުން މިއަދު ރާއްޖެއަށް މިވަނީ، ޑިމޮކްރަސީގެ އެތައް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައެވެ. މިގޮތުން، ޒަމާނަށް ފެތޭ އައު ޤާނޫނު އަސާސީއެއް އެކުލަވާލެވި، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކެއް އުފެއްދި ރައްޔިތުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ވަޒަންކުރެވޭނެ ނިޒާމެއް މިދަނީ ވަރަށް ކާމިޔާބުކަމާއެކު ގާއިމު ކުރެވެމުންނެވެ. ދައުލަތް ހިންގާ ބާރާއި، ޤާނޫނު ހަދާ ބާރާއި، ޤާނޫނު ތަންފީޒު ކުރާ ބާރާއި، މި ތިން ބާރު މިއަދު މިވަނީ މުޅިން ވަކި ކުރެވިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން މިއަދު މިވަނީ ވަރަށްވެސް ހުޅުވާލެވިފައިވާ މާޙައުލަކަށް ބަދަލުވެފައެވެ. އިންސާނީ ޙައްޤުތައް މިއަދު މިވަނީ ޒަމާނާ ގުޅޭ ވެއްޓަކަށް، ދުނިޔެ ޤަބޫލުކުރާ ބައިނަލްއަޤްވާމީ މުޢާހަދާ ތަކެއްގެ ދަށުން ފޯރުކޮށްދެވިފައެވެ. މިހުރިހައި ބަދަލުތަކެއް، އިޞްލާޙުތަކެއް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ގެނެސްދެއްވީ، ރައްޔިތުންގެ ތެރެއިން ހޮވާފައި ހުރި ‘ރައްޔިތުންގެ ވެރިޔާ’ އެވެ. މައުމޫނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޙަޔާތުގައި މިއައި މި މުހިންމު ދަނޑިވަޅުގައި، ޤައުމުގެ ހުންގާނު ދޭންވާނީ، ދިވެހި ޤައުމު މި ހުރަސްކުރަމުންދާ ކަނޑުއޮޅި އެންމެ ރަނގަޅަށް ދަންނަ ތަޖުރިބާކާރު މާލިމީއަށް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިއީ ތަޖުރިބާގެ ބޭނުންކުރަންވީ ވަގުތެވެ. ރައްޔިތުންނަށް އެންމެ އިޚްލާސްތެރީ، އަދި އެންމެ ހެޔޮ އެދެނީ މައުމޫނެވެ.



ދިވެހިރާއްޖެ އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރިއަށް އޮތް ފަސް އަހަރަކީ ޤައުމީ ޙަޔާތުގެ ގަދަ ފަސްއަހަރަކަށް ހެއްދެވުމަށްޓަކައި، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ހުރީ ދިވެހިރައްޔިތުންނަށް ޚިދުމަތްކުރަން ތައްޔާރަށެވެ.