ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނު

ގައި 11/02/2008



ބައްޕާފުޅަކީ : އަތިރީގޭ އަލްއަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަލްއަމީރު އަހުމަދު ދޮށިމޭނާކިލެގެފާނެވެ
މަންމާފުޅަކީ : ރޯނުގޭ ޢާއިސަތު ދީދީ އެވެ.
އުފަންވިތާރީޚް އަކީ: 13 ރަޖަބް 1328 ހޖ ( 20 ޖުލައި 1910 މ ) ބުރާސްފަތި ދުވަހުއެވެ.
ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ: މީލާދީން 1932 ވަނަ އަހަރުގައެވެ.

މުޙައްމަދު އަމީން ދީނީ ތަޢްލީމް ޙާސިލް ކުރެއްވީ ބުޗާކަޅުތުއްތު އާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެ ފާނާއި ފަޟީލަތުއްޝައިޚް ހުސައިން ރަހާ ( އައްޑު އަތޮޅު ހިތަދޫ ) ގެ އަރިހުންނެވެ. އިގިރޭސި ތަޢްލީމް ޙާސިލް ކުރައްވަން ފެއްޓެވީ ބައްޕާފުޅު އަލްއަމީރު އަހުމަދު ދޮށިމޭނާ ކިލެގެފާނު އަރިއަހުންނެވެ. އުމުރުފުޅުން 10 އަހަރުފުޅުގައި ސިލޯނަށް ވަޑައިގެން ސިލޯނުގެ ސެންޓް ޖޯސަފާއި ސެންޓް ޖޯންސް ކޮލެޖުން އިގިރޭސި ތަޢްލީމް ޙާސިލްކުރެއްވުމަށްފަހު އިންޑިއާއަށް ވަޑައިގެން އިންޑިއާގެ އަލީގަލް ޔުނިވަރުސިޓީން ތަޢްލީމް ޙާސިލްކުރެއްވުމައްފަހު އެޔުނިވަރުސިޓީން މެޓްރިކިއްލޭޝަން ފާސްނެންގެވުވާއި އެކު އޭރު ރާއްޖޭގެ ސަރުކާރުހިންގެވުމުގެ ހުންގާނުގައި ހުންނެވި އަލްއަމީރު ޢަބުދުލް މަޖީދު ރަންނަ ބަޑޭރި ކިލެގެފާނުގެ ލަފާފުޅު މަތިން ރާއްޖެ ވަޑައިގަތެވެ. އެއީ 1932 ވަނައަހަރުއެވެ. އެދުވަސްވަރަކީ ދިވެހިރާއްޖޭގެ ޤާނޫ ހެދުމުގެ މަސައްކަތް ހަލުވިކަމާއިއެކު ސަރުކާރުން ގެންދިޔަ ދުވަސްވަރު ކަމައްވާތީ ރާއްޖޭގައި ތަޢްލީމީ މީހުން މަދުކަމާއިއެކު އައްސުލްޠާން މުހައްމަދު ޝަމްސުއްދީން އުފެއްދެވި ކޮމެޓީއަށް ޢައްޔަން ކުރެއްވި ބޭފުޅަކަށްވުމާއި އެކު ފުރަތަމަ އަދާކުރެއްވިވަޒީފާ އަކީ އެއީ ކަމުގައި ވެއެވެ. 11 ޝައްވާލް 1350 ގައެވެ. މުހައްމަދު އަމީނަކީ ދައުލަތާއި ސަރުކާރަށްޚިދުމަތްކުރެއްވުމުގައި ވަރުގަދަ ޢަޒްމަކާއި އެކު ފައިތިލަ ސާބިތު ކުރައްވައިގެން ދިވެހިރާއްޖެ ކުރި އެރުއްވުމާއި ތަރައްޤީއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދެވިބޭފުޅެކެވެ. މުހައްމަދު އަމީން ދައުލަތާއި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި ދުވަސްވަރަކީ ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމަށްވާތީ މުޅިދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމައިގެ ހިތާމަވެރި އެކިއެކި ޙާދިސާތައް ކުރިމަތިވަމުންދަނީ އިންތިޙާއަށެވެ. އެހަނގުރާމައިގައި ދިވެހި އެތައް ދަރިންނެއް މިދުނިޔެ ދޫކޮށް ދިޔަނަމަވެސް އެމަނިކުފާނު ވާޖިބު އަދާކުރެވުމަށް ފަސްޖެހިވަޑައިނުގެން ސާބިތުކަމާއެކު ދިވެހި ޤައުމު ހިންގެވުމުގައި ރެއެއް ދުވާލެއްނެތި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތުންނައްޓަކައި މަސައްކަތްކުރައްވަމުންގެންދެވިއެވެ. މުހައްމަދު އަމީނު ރާއްޖެ ހިންގުމުގެ ޚާއްސައެއްސިފައަކީ ރާއްޖެތެރޭގެ ރަށްތައް ދިރުއްވާ އާލާކޮށް ރައްޔިތުންގެ ޙައްޤުތައް ހޯއްދަވާދެއްވުމާއި މާލެއާއި ރާއްޖެތެރޭގެ ޒަމާނުންސުރެ އޮންނަ ބޯދާ އާދަކާދަތައް ނައްތާލުމަށް މަސައްކަތް ކުރެއްވުމާއި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް އުފެއްދެވުމާއި ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެކުދިން ބޮޑު އަތޮޅަކުން ތިންކުދިން ސަރުކާރުން ހިންގާބޯރޑިންގ އެއް އުފައްދަވާ މަޖީދިއްޔާއިން ތަޢުލީމް ދެއްވަންފައްޓަވާފައެވެ. އަދި ރާއްޖޭގެ ކޮންމެރަށަކުން އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް މާލެ ގެންނަވާ މާލޭގެ ގޭގޭގައި ބައިތިއްބަވައިގެން ސަރުކާރު ޙަރަދުގައި މާލޭގެ ހަތަރު އަވަށުގެ މަދަރުސާތަކުގައި ތަޢުލީމް ދެއްވަންފެއްޓެވިއެވެ. މިއީ ރާއްޖެ ތެރެއަށް ތަޢްލީމް ފެތުރިގެންދިއުމަށް ލިބުނު ފުރަތަމަ މަޝްރޫޢްއެވެ. މިމަޝްރޫޢު ވަރަށް ކާމިޔާބުކަމާއި އެކު ހިނގަމުންދިޔައެވެ. އެމަޝްރޫޢު ގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ބައެއް ބޭފުޅުން މިހާރުވެސް ދުނިޔޭގައި ދިރިއުޅެމުން ސަރުކާރުގެ އިސްމަޤާމް ތައް ފުރުއްވަމުން ގެންދަވާކަން ފާހަގަ ކުރަމެވެ. އެއީ އެމަނިކުފާނު ރާއްޖެތެރެ ކުރިއަށް ގެންދިއުމަށްޓަކައި ފައްޓަވައިދެއްވި ބިންގަލެކެވެ. ޙާއްސަކޮށް އަންހެނުން ސިޔާސީ މައިދާނަށް ނެރެ ސަރުކާރުގެ ވަޒީފާތަކަށް އަހުލުވެރިކުރުވުމާއި ރުއްގަސް ހެއްދެވުމަށް އުޞޫލުތަކެއް ތަޢާރަފް ކުރައްވާ ކަނޑާކޮންމެރުކަކަށް ދެރުއް އިންދާ ރޯކުރުމަށް ފަހުގައި މެނުވީ ރުއްކަނޑާ ނުދޭގޮތަށް ހަމަޖެއްސެވިއެވެ. މީގެއިތުރުން ވެސް މުހައްމަދު އަމީން ސަރުކާރުހިންގެވުމުގައި ވަރަށް ގިނަ ގުނަ ކަންތައްތަކެއް ކުރައްވާފައިހުރިކަން މުހައްމަދުއަމީން އާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަކުގައި ސާއިޢު ކުރައްވާފައި ހުރިކަން މިފުރުސަތުގައި ފާހަގަކުރަމެވެ.
މުހައްމަދު އަމީނުގެ ތަޢުލީމީ ދާއިރާއަށް ނަޒަރުހިންގާލާއިރު އެމަނިކުފާނަކީ އެޒަމާނުގެ އެންމެހިނގާ އެއްޝަޚުސިއްޔަތެވެ. އެއީ ވާހަކަ ދެއްކުންކުންތެރިކަމުގެ ރަންދުލުގެވެރިޔާއެވެ. އަދިލިޔުންތެރިކަމަށްބަލާއިލާއިރު ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެއްވެސްމެއެވެ. ވަރަށްގިނަތާރީޚީ ލިޔުންތަކާއި ދިވެހި ބަހުގެ ޤަވައިދު ފޮތްތަކާއި މަޒުމޫނުތަކާއި ނޫސް، މަޖައްލާ އުފައްދަވާ ލިޔުންތައް ޗާޕްކުރައްވާ ޝާޢިއުކުރައްވަމުންގެންދެވި އެވެ. އަދި ޚާއްސަކޮށް ދިވެހި ރައްޔިތުންގެ ސިއްޚީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދިވެހި ބޭސްކުރިއަރުވާ ޑޮކްޓަރީ ފަރުވާ ރާއްޖެ އަށް ތަޢާރަފްކުރައްވާ ޢާންމުކުރެއްވިއެވެ.
މުޙައްމަދު އަމީނުގެ ވެރިކަމުގައި ރާއްޖޭގައި މަސްވެރިކަމާއި އަތްތެރިމަސައްކަތްކުރި އެރުމާއި ރަށްވެހިކަން އާލާކޮށްދިރުވުމާއި،ކުޅިވަރުގެ ރޫޙު ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ތަފާތު އެކިއެކި ވާދަވެރި މުބާރާތް ތައް ބާއްވަމުން ގެންދެވިއެވެ. އެދުވަސްވަރު ރާއްޖޭގެ ޒުވާނުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގައި ކުޅިވަރުގެ ދަނޑުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން މުބާރާތްތަކުގެ ރެފްރީކަމާއި އަމްޕަޔަރުކަމާއި ޖަޖްކަން ކުރައްވާފައިވެއެވެ. އަދިއިތުރަށް ކުޅުންތެރިންނާއެކު ވާދަކުރައްވާ މަޤާމް ތަކާއި ވަނަތައް ހޯއްދަވާފައިވެއެވެ.
މުހައްމަދު އަމީނުގެ ޢުމްރާނީ ތަރައްޤީއަށް ކުރައްވާފައި ހުރި ކަންކަމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ އިލެކްޓްރިކް މަސައްކަތް ފައްޓުވާ ދިއްލުން ޢާންމުކުރެއްވިއެވެ. އެންމެ ފުރަތަމަ ވައިރުކުރެއްވީ ނާދީތަމައްދުނުގައެވެ. އޭގެފަހުން މާލޭގެ އޮފީސްތަކާއި މަގުމައްޗާއި ޢާންމުގޭގެއަށް އިލެކްޓްރިކް އަލިކަން ފޯރުކޮށްދެއްވަންފެއްޓެވިއެވެ.

އެމަނިކުފާނަކީ ޤައުމުދެކެ ލޯބިފުޅުވާ ދިވެހިރައްޔިތުންނަށް ހެވާއި ލާބަޔާއި މަންފާއެދި ހުންނެވި ބޭފުޅަކަށްވީހިނދު ޤާނޫނީ ހުކޫމަތުގެ މަތިން ދިވެހި ސަރުކާރު ހިންގަވަންހުންނެވި ބޭފުޅަކަށްވާތީ ސިޔާސީގޮތުން ބަލާއިރު ދިވެހިދަޢުލަތާއި އިގިރޭސި ދަޢުލަތާއި ދެމެދު ކޮށްފައިވާ އެގްރީމެންޓް އާކުރައްވާ ޒަމާނުންސުރެއް ދިވެހިރާއްޖޭގައި ކުރަމުންއައި ވިރާސީ ރަސްކަން އުވާލައްވާ ސީދާ ރައްޔިތުން ބައިވެރިވާ ޖުމްހޫރީވެރިކަމަކަށް ބަދަލުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފައްދަވައި ޕާރޓީގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.
އާކުރެވުނު ދިވެހި ދަޢުލަތާއި އިގިރޭސި ދަޢުލަތާއި ދެމެދު ހެދުނު އެގްރީމެންޓްގައި 23 އޭޕްރީލް 1948 ގައި އިގިރޭސި ސަރުކާރުގެ ފަރާތްޕުޅުން ސޮއި ކުރެއްވީ އިގިރޭސި ހައިކަމިސްނަރ ސަރ ސިސިލް ސާރޔެސް އެވެ. އަދި ދިވެހި ސަރުކާރާއި އިގިރޭސި ސަރުކާރާއި ދެމެދު ކުރެވިފައި އޮތް އެގްރިމެންޓް އަށް ބަދަލުގެންނަވާ އިސްލާޙުކުރައްވާ މިއެއްބަސްވުމަށް އެއްބަސްވީ 1 ޖަނަވަރީ 1953 ގައެވެ. މި އެގްރިމެންޓްގައި ސޮއިކުރެވުނީ ފުރަތަމަޖުމްހޫރީ ދަޢުލަތް ޢިއްލާންކުރި ދަރުބާރުގެ، ދާރުލްޢުލޫމްގައި އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އެވަގުތު އިގިރޭސީންގެ ދެމަތިންދާބޯޓް ދާރުލްޢުލޫމްގެ މަތިން އުދުހިފައިދިޔައެވެ. މުހައްމަދު އަމީނު ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތައް ރާއްޖެއިން ބޭރުގެ މެހްމާނުން ނާއި ރާއްޖެތެރޭގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި ރާއްޖޭގައި ތިއްބެވި ވިޔަފާރިވެރިނަށް ދަޢުވަތު ދެއްވާ ވަރަށް ފުރިހަމަ ރަސްމިއްޔާތެއްބާއްވާފައިވެއެވެ. އެރަސްމިއްޔާތަކީ ރާއްޖޭގައި އޭރު ފާހަގަ ކުރެވުނު އެންމެ ފުރިހަމަ ރަސްމިއްޔާތެވެ. މުހައްމަދު އަމީނު ރާއްޖޭގެ ޖުމްހޫރިއްޔަތާއި ޙަވާލުވެ ވަޑައިގެން ފުރަތަމަވެސް ފެއްޓެވި މަސައްކަތްޕުޅަކީ ރާއްޖެތެރޭގެ ކަންކޮޅުތަކަށް ވަޑައިގެން ރާއްޖޭތެރޭގެ ރައްޔިތުންގެ ޙާލު އަހުވާލުބައްލަވާ ރައްޔިތުން އެކުވެރިވެ ތިބުމައް ބާރު އަޅުއްވާ ތަޤްރީރު ދެއްވާ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށްދިމާވަމުންދާ ތަދުމަޑުކަމާއިމެދު ރައްޔިތުން ނަށް ނަސޭހަތްތެރިވެ ކާބޯތަކެއްޗާއި މޭވާ އަޅާގަސް އިންދާހެއްދުމަށް ބާރު އެޅުއްވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެކުވެރިކަން އާލާކުރެވޭނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންކަމުގައި ފާހަގަކުރައްވާ ކުޅިވަރު ހާއްސަކުރައްވާ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަކީ ކޮބައިތޯބައްލަވާ އެކަމަށް ބޭނުންވާނެ ވަސީލަތް ޤާއިމްކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ރީތީގެ މުބާރާތެއް ބޭއްވުނީވެސް މުހައްމަދު އަމީނުގެ ވެރިކަމުގައެވެ. އެމަނިކުފާނަކީ ވިސްނުންތެރި ވާހަކަފުޅު ދެއްކެވޭ ހީވާގި ކެރޭ މުރާލި ބޭފުޅެކެވެ. ވުމާއިއެކު ސަރުކާރުހިންގުމުގައި އެމަނިކުފާނު ހުރިހާކަމެއްވެސް ޙައްލުކުރައްވަމުން ގެންދެވީ ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި ކަންކަމާއިގުޅޭ ފަންނީ ބޭފުޅުންނާއި ވާހަކަދައްކަވާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރަމުންނެވެ. އެމަނިކުފާނު ވެރިކަމުގައި ރާއްޖޭހިންގުމުގައި ދިމާވި އެންމެބޮޑު މަސްއަލަތަކަކީ 1939 ވަނަ އަހަރު އިއުލާންކުރެވުނު ދެވަނަބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑު އަތޮޅަށް އިގިރޭސި ސިފައިން ފޭބުމުން ދިވެހި ދަޢުލަތާއި ވަރަށްބޮޑު ދެކޮޅުވެރިކަމެއް އައްޑުއަތޮޅުގައި އުފެދި އެކަން ޢަމަލީގޮތުން ހަމަޖައްސަވައި އެހަމަނުޖެހުމުގައި ބައިވެރިވި މީހުން ގެންނަވާ ޝަރީޢަތުގައިވާގޮތުގެ މަތިން އެބައިމީހުންނަށް ދޭންވާ ހައްޤުއަދަބު ދެވުނެވެ. މުހައްމަދު އަމީނުގެ ރައީސްކަމުގައި 1951 ގައި ދިވެރައްޔިތުންގެ ތެރެއިން ބައެއްމީހުން ޒަމާނުންސުރެ ބޭނުންކުރަމުން އައި ދުންފަތުގެ އިސްތިޢުމާލް ކުރުން މަނާކުރެއްވިއެވެ. އަދި މަޝްހޫރު ތިލަދުންމަތީ ގަޑުބަޑުގައި މާލެއަށް އައިއުޅަނދުތައް މައިތިރިކުރެއްވުމަށް އަމިއްލަފުޅުގޮތުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. މުހައްމަދު އަމީނު ކޮޅުބަށް ވަޑައިގެން ހުންނަވަނިކޮން ސަރުކާރުހިންގެވުމުގައި އިސްކޮން ތިއްބެވި ބައެއްބޭފުޅުން ޚިޔާލް ތަފާތުވެ ވެރިކަން ބޭނުންވެގެން އުޅުނު ބައެއްމީހުންނާއި ދެމުދު ހިނގާދިޔަ މަސްއަލައާއި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށްދިމާވި މާލީ ދަތިކަމާއި ގުޅިގެން 21 އޮގަސްޓް 1953 ވީ ހުކުރުދުވަހު އެމަނިފާނު ރާއްޖެ ވަޑައިގެންނެވި ވަގުތު މާލޭގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވި އެއްވުމުގެ ސަބަބުން މާލެއަތޮޅު ވިހަމަނާފުއްޓަށް ވަރަށް އިހާނެތިގޮތެއްގައި ތަޅާ އަނިޔާކުރުމައް ފަހު ގެންދެވުނެވެ. ރާއްޖޭގެ ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް އަބަދުވެސް ގިނަގުނަ ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތި ވަމުންދާބައެއްކަން ރާއްޖޭގެ ރާއްޖޭގެ ތާރީޚުން ފެންނަން ހުރެއެވެ. އެގޮތުން މުހައްމަދު އަމީނުގެ ވެރިކަމަށް ދިމާވި ހުރަސްތަކާއި ގޮންޖެހުން ތަކުގެ ސަބަބުންނާއި ދެވަނަ ބޮޑު ހަނގުރާމައިގައި ދުނިޔޭގެ ކަންކޮޅުތަކަށް ދިމާވި ތަދުމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ އެމަނިކުފާނު ވެރިކަމުން ދުރުކުރެވުނެވެ. އެހެން ވުމާއި އެކު ޖުމްހޫރީވެރިކަމާއި ސިޔާސީ ޕާރޓީ އެހާހިސާބުން ކަފުންކޮށް ވަޅުލަންޖެހުނީ ދިވެހި ދައުލަތާއި ދިވެހިވެރިކަމަށް ދަހިވެތިވެ ފެންބޮވައިގެންފައި ތިބި ދިވެހިޚާއިނުން ތަކެއްގެ ސަބަބުންނެވެ.

0 ޙިޔާލު: