ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމްގެ ވަދާޢީ ތަޤުރީރު ދެއްވަވައިފި

ގައި 11/10/2008


މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލޯތްބަށާއި ޤަދަރަށާއި އިޙްތިރާމަށްޓަކައި ދިވެހިރައްޔިތުންނަށް ތަކުރާރު ކުރައްވައި ފަށްފަށުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޖު މައުމޫން ޢަބްދުލްޤައްޔޫމް ޝުކުރުއަދާކުރައްވައިފިއެވެ. އަދި އަބަދުވެސް އެމަނިކުފާނު ހުންނަވާނީ ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހި ދަރިއެއްގެ ގޮތުގައި ކަމަށާއި، ދިވެހި ލޮބުވެތި ފަސްގަނޑުގައި، މަތިވެރި ދިވެހި ދިދައިގެ ވިހުރުވުން ފެންނަ ހިސާބުގައި، ދިރިއުޅުން ވޭތުކުރެއްވުމުގެ އިޚްލާޞްތެރި ޢަޒުމުގައި ކަމަށް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައި، ދިވެހި ލޮބުވެތި ފަސްގަނޑުގައި ދިރިއުޅުން ވޭތުކުރެއްވުމުގެ ޢަޒުމު އާކުރެއްވީ، ރާއްޖޭގެ ރޭޑިޔޯ ސްޓޭޝަންތަކާއި ޓެލެވިޜަން ޗެނަލްތައް މެދުވެރިކުރައްވައި މިއަދު މެންދުރުފަހު 2 ޖެހިއިރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަމުން ދެއްވި އެމަނިކުފާނުގެ ވަދާޢީ ތަޤްރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރިޔާސީ 6 ދައުރު ނުހަނު ކާމިޔާބުކަމާއެކު އެމަނިކުފާނަށް ފުރިހަމަކުރެއްވިފައިމިވަނީ، މާތްﷲގެ ވާގިފުޅާއި ތައުފީޤާއެކު، ވަރަށް ގިނަ އިޚްލާޞްތެރި ބޭފުޅުންތަކެއް އެމަނިކުފާނާއެކު މަސައްކަތް ކޮށްދެއްވިކަމުން އަދި ޤައުމަށް ޚިދްމަތް ކުރެއްވުމުގައި، ގިނަ ބޭފުޅުންތަކެއް ވަފާތެރިކަމާއެކު އެމަނިކުފާނަށް އެހީތެރިވެދެއްވިކަމުން ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިޔަށް ގެންދަވަމުން، އެކި މުއްދަތުގައި، އެމަނިކުފާނުގެ ވަޒީރުންގެ ގޮތުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ދައުލަތުގެ އެހެނިހެން އިސް މަޤާމުތަކުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރެއްވި ވަރަށްގިނަ އަދަދެއްގެ ދިވެހި ރައްޔިތުން، އަދިވެސް ތިއްބެވީ ހިތާމަޔާއި މާޔޫސްކަމުގައި އަދި ލޮލުން ކަރުނަ ހިލިފައިކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތިންހަތަރު ދުވަހު އެމަނިކުފާނާ ސަލާން ކޮށްލެއްވުމަށް ވަޑައިގެންނެވި އަދި އެނޫން ގޮތްގޮތުން ބައްދަލުކޮށްލެއްވި އެތައްހާސް ދިވެހި ރައްޔިތުންނެއްގެ ލޯފުޅުތަކުންނާއި މޫނުފުޅުތަކުން މިކަން ރަނގަޅަށް އެނގިގެންދިޔަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އެމަނިކުފާނު އެމަޤާމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނާއެކު މިކުރެއްވި ތާރީޚީ ދިގު ދަތުރުގައި، މާތްﷲގެ ވާގިފުޅާއެކު، ގިނަ ކަންތައްތަކެއް މިވަނީ ކާމިޔާބުކަމާއެކު ކުރެއްވިފައި ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ދޫކުރައްވާފައި މިވަޑައިގަންނަވާ ދިވެހިރާއްޖެއަކީ، އެމަނިކުފާނު މިޤައުމުގެ ކަންތަކާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ވަރަށްވުރެ މާ ކުރިއަރާފައިވާ، މާބޮޑަށް ތަރައްޤީވެފައިވާ، މާ ފުދުންތެރި ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެމަނިކުފާނު ނިންމެވި ކޮންމެ ނިންމެވުމެއް ނިންމަވާފައިވާނީ، ސޮއިކުރެއްވި ކޮންމެ ލިޔުމެއް ސޮއިކުރައްވާފައިވާނީ، ތަޞްދީޤު ކުރެއްވި ކޮންމެ ޤާނޫނެއް ތަޞްދީޤު ކުރައްވާފައިވާނީ، ތަޢާރުފު ކުރެއްވި ކޮންމެ ސިޔާސަތެއް ތަޢާރުފު ކުރައްވާފައިވާނީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ބިނާކުރައްވަމުން ގެންދެވުމުގެ ވިސްނެވުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްވެ އޮތުމުގެ ވިސްނެވުމުގައި، ޤައުމުގެ ކުރިމަގު އުންމީދީ ކުރެއްވުމުގެ ވިސްނެވުމުގައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެއްވުމުގެ ވިސްނުމުގައި، ޤައުމުގެ ބަދަހިކަން ދެމެހެއްޓެވުމުގެ ވިސްނެވުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މިކަންކަން މިހެން ކުރެއްވުމަށް ކިތަންމެ ބޮޑަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެމަނިކުފާނު ކަނޑައެޅުއްވި ސިޔާސަތަކުން، އެމަނިކުފާނު ނިންމެވި ނިންމެވުމަކުން، ނުވަތަ ބައްލަވަންވީ ވަރަށް އެމަނިކުފާނަށް ނުބެއްލެވިގެން، އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް، ހިތްދަތިކަމެއް، ވޭނެއް ނުޙައްޤު ގޮތުގައި ތަޙައްމުލު ކުރައްވަން ޖެހިވަޑައިގެންފައިވާނަމަ، އެކަމަށްޓަކައި އެމަނިކުފާނު ހިތާމަ ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައިވާނަމަ، ދިމާވި ރައްޔިތެއްގެ އަރިހުން އަޅުގަނޑު ދީލަތި މަޢާފަކަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން މިދެކޭ ދީމުޤްރާޠީ ހުޅުވާލުމާއި އިޞްލާޙުތަކަކީ، ޤައުމު ބިނާކުރުމުގައި ޤާއިމު ކުރެވުނު ވަރަށް އުސް ތަނބެއްގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. "ޢިލްމީ މުޖްތަމަޢެއް އުފަންވެ، އިޖްތިމާޢީ ހޭލުންތެރިކަން އަށަގަނެ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވުމުން، ދީމުޤްރާޠީ އިޞްލާޙުތަކާއި ސިޔާސީ އިޞްލާޙުތަކަކީ، ދެން އެންމެ ބޭނުންވާނެ ދާއިރާ ކަމުގައި ބަލައި، އެ ދާއިރާ އަޅުގަނޑު ޙަރަކާތްތެރި ކުރުވިން. އަދި އެ ދާއިރާއިން މާތްﷲގެ ވާގިފުޅާއެކު ވަރަށްބޮޑު ބައެއް މިވަނީ ކާމިޔާބު ކުރެވިފައި. ކަން ދިމާވި ގޮތުން، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވާން މިޖެހުނީ، އެމަސައްކަތްތައް އަދި މުޅިން ނުނިމި ވަނިކޮށް. އެހެން ނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިންގެ އާ ޒަޢާމަތުގައި، އެ ކަންތައްތައް ރައްޔިތުންނަށް ޙާޞިލުވެގެން ދިޔުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު މުޚާޠަބު ކުރައްވާއިރު، ރާއްޖޭގެ ކުރިމަގާމެދު އެމަނިކުފާނަށް ކުރެއްވޭ އުންމީދުތައް ވަރަށް ގިނަ ކަމަށް ވިދާޅުވެ، އެމަނިކުފާނު ކުރައްވާ އުންމީދުތައް ހާމަކުރެއްވިއެވެ. އެ އުންމީދުތަކުގެ ތެރޭގައި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ރައްކާތެރިވެފައި އޮތުމާއި، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މިލޮބުވެތި ޤައުމު އަބަދުމެ އޮތުމާއި، ދިވެހި ވަޠަނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްވެފައި އޮތުމާއި، ބަދަހި ގުޅުމަކުން ދިވެހި ޢާއިލާތައް އަބަދުވެސް ގުޅިފައި އޮތުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ވަދާޢީ ތަޤްރީރުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި، އެމަނިކކުފާނު ދެމިހުންނެވުމުގެ މުއްދަތު ނިމިގެން ދިޔަ ނަމަވެސް، ޤައުމަށް ޚިދްމަތް ކުރެއްވުމަށް އޮތް ފުރުޞަތު، މި ހިސާބުން ނިމުނީ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. "މިމަޤާމުން އަޅުގަނޑު މި ވަކިވަނީ، އަޅުގަނޑު މި މަޤާމަށް އައި ދުވަހަށްވުރެ މާ އުންމީދީ ހިތަކާއެކު. ރާއްޖޭގެ އެންމެ ފާގަތި ދުވަސްތައް، އަދި ކުރިއަށް އޮތީ ކަމަށް ގަބޫލު ކުރަމުން. ދިވެހި ރައްޔިތަކަށްވާތީ، އަޅުގަނޑަށް ލިބިދޭ، ދިވެހި ރައްޔިތެއް ކަމުގެ ލަޤަބަކީ، އަޅުގަނޑުގެ އެންމެ މަތިވެރި އުފާ ކަމުގައި، އަދި އަޅުގަނޑުގެ އެންމެ މަތިވެރި ފަޚުރު ކަމުގައި ގަބޫލު ކުރަމުން. ޤައުމުގެ ޚިދްމަތުގައި، އަދި ރައްޔިތުންގެ ޚިދްމަތުގައި މާތްﷲގެ ވާގިފުޅާއެކު ދެމިހުރުމުގެ ވަރުގަދަ ޢަޒުމުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ތަޤްރީރުގައި، މާދަމާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ އަލްފާޟިލް މުޙަންމަދު ނަޝީދަށާއި އެމަނިކުފާނުގެ ސަރުކާރަށް އިޚްލާޞްތެރި މަރްޙަބާ ތަކުރާރު ކުރެއްވިއެވެ. އަދި ޤައުމު އެކުވެރިކުރައްވާ، ޤައުމައިގެން ކުރިޔަށް ވަޑައިގަތުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް، އުފާވެރި ކުރިމަގަކަށާއި، ދުޅަހެޔޮ ދުވަސްތަކަކަށް އެދިވަޑައިގެންނެވިއެވެ.


0 ޙިޔާލު: