ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސްގެގޮތުގައި މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައިފި

ގައި 11/11/2008


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސްގެގޮތުގައި އަލްފާޟިލް މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރައްވައި، ކުރިއަށްއޮތް 5 އަހަރަށް މަޤާމާއި ޙަވާލުވެވަޑައިގެންފި. އަލްފާޟިލް މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި. އަލްފާޟިލް މުޙަންމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު. ހުވައި ލައިދެއްވި ވަގުތަކީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 10:16 ގައި.

ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ހުވައިގެ ލިއުމުގައި ސޮއިކުރެއްވި.

އެއަށްފަހު މިއަދުގެ ރަސްމިއްޔާތުގައި، މިއަދުން ފެށިގެން ކުރިއަށްއޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ކަމުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް މަޤާމުގެ ހުވައި ކުރެއްވި. އެމަނިކުފާނަށް ޤާނޫނީ ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު.
ހުވައި ކުރެއްވުމަށްފަހު ޑރ. މުޙަންމަދު ވަހީދު ޙަސަން މަނިކުވެސް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ކަމުގެ ޤާނޫނީ ހުވައިގެ ލިއުމުގައި ސޮއިކުރެއްވި.

ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކެވި. ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކޮށްދެއްވިކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވި. އަދި ރައްޔިތުން ވޯޓްދެއްވީ މިރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމްކުރެއްވުމަށް ކަމަށާއި، އިރާދަކުރެއްވިއްޔާ ރައްޔިތުން އުންމީދުކުރާފަދަ ހެޔޮ ވެރިކަމެއް މިރާއްޖޭގައި ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަން މުޙަންމަދު ނަޝީދު ދެއްވި. އަދި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވި.

އަދި ސަރުކާރުގެ މަސައްކަތް އަވަސްކުރެއްވުމުގެ ގޮތުން، އެމަނިކުފާނު އެކުލަވާލައްވާފައިވާ ކެބިނެޓް ރައްޔިތުންގެ މަޖިލީހުން ވެވަޑައިގެންނެވި އެންމެ އަވަހަކަށް އެންޑޯޒް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި.

0 ޙިޔާލު: