އިސްލާހީ ބަދަލް

ގައި 6/26/2008


ަދެހާސް ތިންވަނަ އަހަރުބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ޤައުމާ މުޚާޠަބްކުރައްވާ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މި ފަސްއަހަރުދުވަހުގެ ތެރޭގައި ވަރަށްބޮޑެތި ސިޔާސީ އިޞްލާޙްތައް ގެންނަވާނޭކަމަށް ވިދާޅުވެފައިވެއެވެ. ރައީސް މައުމޫން ގެންނެވުމަށް ވިދާޅުވި ގިނަކަންތައްތަށް ޢަމަލީ ގޮތުން މިހާރު އެވަނީ ގެނެސްދެއްވާފައެވެ. 2004 ވަނަ އަހަރުގެ ޖޫންމަހުގެ 9 ވަނަދުވަހުގެ ރޭ ދިވެހި ރައްޔިތުންނާއި ޚިއްޞާކޮށްލައްވާ، އިސްލާމީ މަރުކަޒުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އިޞްލާޙީ އެޖެންޑާ ހުށަހަޅުއްވައިދެއްވާފައެވެ. ދިވެހިންނަށް މިއަދު އާދެވިފައި ތިބި ސިޔާސީމައިދާނަކީ އޭގެ ފަހުން ލިބިގެން ދިޔަ ސިޔާސީ މައިދާނެއްކަމަށް ޤަބޫލު ނުކުރެވިގެން އުޅެނީ އެމް.ޑީ.ޕީގެ ބައެއް މެންބަރުންނަށާއި، އެޕާޓީގެ ލީޑަރޝިޕަށެވެ. އެއްޕާޓީއަށް ވުރެ ގިނަ ޕާޓީ އެކުލެވޭ މަލްޓިޕާޓީ ޑިމޮކްރަސީއެއް ދިވެހިންނަށް ގެނެސް ދެއްވުމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތް ހިންގުމުގެ ތިންބާރު ފުރިހަމައަށް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ދިވެހިންގެ އާ ޤާނޫން އަސާސީގައި އެވަނީ ބަޔާން ކުރެވި ލިޔެވިފައެވެ. ކުދި ބޮޑުއެންމެން އެމީހަކު ހުރިތަނަކުން އެމީހަކަށް ކަމުދާ ބާވަތެއްގެ ޚިޔާލެއް ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން މިއޮތީ ހިތަކަށްދެއްވާފައެވެ. ހިފާހައްޔަރުކުރުމާއި، ޤާނޫނީ ވަކީލުންބޭނުންކުރުމާއި، ކަފާލާތުގެ އުޞޫލާއި، އިންސާނީ ހައްޤުތަކާއި، މިފަދަ ހުރިހާކަމެއްވެސް ނަންހުސްކޮށް މިޤައުމަށް މިއޮތީ ގެނެސްދެއްވާފައެވެ

ދިވެހި ގައުމީ ދިދަ

ގައި 6/26/2008





ދިވެހި ރާއްޖޭގެ ޒަމާންވި ތާރީޚް އާއި ގުޅިލާމެހިފައިވާ ދިވެހި ޤައުމީ ދިދަ އަކި ދިވެހިވަންތަ ކަން ދައްކުވައިދޭ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. މި އުފެއްދުން ދިވެހިންނަށް ބޭނުންކުރަން ލިބެނީ ދިވެހިރާއްޖޭގެ ލިޔެވިފައިވާ ޤާނޫނެވެ. ކޮންމެ ޤައުމެއް ގައިވެސް ދިރިއުޅޭ ބައެއްގެ ޤައުމީ ދިދައަކީ އެ ޤައުމެއްގެ ބައެއްގެ ލޯތްބާއި ޤަދަރެއްދެވި ހުރުމަތް ލިބިފައިވާ ގައުމީ ވަންތަ ކަން ދައްކުވައި ދެވިފައިވާ އެއްޗެކެވެ. އަޅުގަނޑު މިލިޔުމުގައި ބަލާލަން މިއުޅެނީ ދިވެހި ދިދަ ބޭނުން ކުރަނީ ކިހާވަރަކަށް، ކޮންދުވަސް ވަރެއްގައި، ކޮންބައެއްތޯއެވެ؟ މިވިސްނުމުގެ ތެރެއިން ފިކުރު ހިންގައިލާއިރު ދިވެހި ރަސް ރަސް ކަލުންގެ ޒަމާނުން ފެށިގެން ، އިނގިރޭސިންގެ އަތް ދަށުން ރާއްޖެ މިނިވަންވެ ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލަވެގެން އައިސް ދިވެހި ދިދަ ޢާއްމުކޮށްފެންނަނީ ފުރަމާލެ ފިޔަވާ ރާއްޖެތެރެއިން ހަމައެކަނި އިއްޒަތްތެރި އަތޮޅުވެރިން ދަތުރު ކުރައްވާ އޮޑިކޮޅުންނާއި އަތޮޅުއޮފީހުންނެވެ. އެޒަމާނުގައި ދިވެހި ޤައުމި ދިދަ ފުރަމާލޭގެ ބޭނުންކުރަނީ މިފަދައަކުންނެވެ. އެއީ ސަރުކާރުގެ އޮފީސް ތަކާއި ، ރައީސުލްޖުމުހޫރިއްޔާގެ ގަޑުވަރާއި މިނިސްޓަރުންގެ ގޭގޭ ގައެވެ. އާއްމުންގެ އެއްވެސް މީހަކަށް އެއްވެސް ހަފްލާއަކުން ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމަކީ ހުއްދަކަމަކަށް ނުވެއެވެ. ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ، ދެޖުމުހޫރިއްޔާ ގެ ވެރިކަން ފަހަނަ އަޅާ ދިޔައިރުވެސް ދިވެހި ޤައުމީ ދިދަ ބޭނުން ކުރަން ރާއްޖެ ތެރޭގައި ތިއްބެވި ، ދިވެހި ދައުލަތުގެ ވެރިންނާއި އާއްމު ރައްޔިތުންނަށް ވަނީ ނުލިބިފައެވެ. އަދި ލޮބުވެތި ކިޔަވާ ކުދިންނަށްވެސް ދިވެހި ޤައުމި ދިދަޔާއި ބެހޭ އެއްވެސް މައުލޫމާތެް ނުލިބި މަދަރުސީ ދައުރު ނިންމި ކިތައް ކުދިން ދިވެހި ރާއްޖެގައި އުޅެމުން އައި ބާވައޭ އަޅުގަނޑު ހިތައްއަރައެވެ.ދިވެހި ޤައުމި ދިދަ ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުން އުޅޭ ރަށް ރަށުގައި އާއްމުވާން ފެށީ 1979 ގެ ފަހުންނެވެ. އެއީ އޮފީސް ތަކާއި ކޯޓުތަކާއި މަދަރުސާތަކުގައި ދިވެހި ޤައުމި ދިދަ ނަގަންފެށުމުންނެވެ. އޭގެ ކުރިން ދިވެހި ޤައުމި ދިދަ ޔާ ބެހޭ މައުލޫމާތު ރަށްރަށުގެ ރައްޔިތުން ނަށް ލިބިފައިނެތުމާއެކު ބައެއް ރަށްރަށުގައި ދިދަ ނެގުމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނަށް އެކަން ކުރެވުނީ އެކަށީގެންވާ ގޮތެއްގައިވާ ގޮތަކަށް ނޫނެވެ. އެއީ ބައެއް ރަށްރަށުގެ އޮފީސް ތަކުގައި ދިވެހި ޤައުމި ދިދައެކޮޅު ކޮޅުން ވެސް ނަގާފައި ހުރިކަން ފާހަގަ ކުރެވިގެން ކަމާި ބެހޭ ފަރާތުން އެކަން އިސްލާހު ކުރުވާ ފައިވެސް ހުރިކަން ހާމަވާން އެބަހުއްޓެވެ.1988ނޮވެމްބަރު 3 ގެ ހިތާމަވެރި ހާދިސާ އަށް ފަހު ދިވެހި ޤައުމި ދިދަ ނެގުމުގެ މައްސަލަ ކުރިމަތިވެގެން ސަރުކާރުން ޤައުމީ ދިދައާއި ބެހޭ ޤަވައިދެއް 21 މާރޗް 1989 ގައި އެކުލަވައިލައްވާ 1 ޖުލައި 1989 ގައި އަމަލުކުރައްވަން ފެއްޓެވިއެވެ.އަލަށް މި ހަމަ ޖެއްސެވި ދިވެހި ޤައުމީ ދިދަ ޔާ ބެހޭ ގަވާއިދުގައިވާ ގޮތުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހާއި ރައީސުލް ޖުމުހޫރިއްޔާގެ ރަސްމީ ގެއާއި ރައްޔިތުން މަޖިލިސް ކުރާގެޔާއި ދިވެހި ރާއްޖޭގެ ހައިކޯޓާއި ނޭޝަނަލް ޝެކިއުރިޓީ ސާރވިސް ހެޑްކުއާރޓަރސް ގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނެގިފާ ހުންނަންވާ ނެ އެވެ. ޤައުމީ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ކޮންމެ ތަނެއްގައި ވެސް ޤައުމީ ދިދަ ބޭނުންކުރުމަކީ ވެސް ހުއްދަކަމެކެވެ. މި ޤަވާޢިދުގައި ސަރުކާރުގެ އިމާރާތް ތަކާއި ރަސްމީ ކަންކަމުގައި ޢާއްމު ގޮތެއްގައި ގައުމީ ދިދަ ބޭނުން ކުރެވޭ މިންތަކާއި އެކި ބޮޑުމިނުގައި ގައުމީ ދިދަ ހަދައިގެން ބޭނުން ކުރުމާއި ކަރުދާހު ގައި ޗާޕްކޮށްގެން ގެންގުޅުމާއި ތަންތާގައި ނުވަތަ ތަކެތީގަި ގައުމީ ދިދަ ކުރެހުމާއި ހިއްޕުމުގަި ޢަމަލު ކުރަންވި ގޮތްވެސް ބަޔާންކުރެވިފައިވެއެވެ.މިޤަވާއިދުގެ ސަބަބުން ކުޅިވަރު ކުޅޭ މައިދާނާއި ސިޔާސީ މައިދާނުގައި ސްކޫލް މަދަރުސާތަކާއި ދިވެހި މަސްކަޑު ތަކުން ވެސް ދިވެހި ޤައުމީ ދިދަ ފެނިގެން ދާންފެށުމުން ދިވެހިންގެ ހިތްތަކުގައި ޤައުމީލޯބި އުފެދިގެން ދިޔައެވެ. އަދި ލޮބުވެތި ކިޔަވާ ކުދިންނާި މަސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާއްމުކޮށް މުޅި ދިވެހި ރައްޔިތުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް އަދި އެކި އެކި މުނާސަބަތުގައި ދިވެހި ޤައުމި ދިދަ ބޭނުން ކުރަމުން އަންނަނީ ކީއްކުރަން ކޮން ބޭނުމެއްގައި ކަން ހާމަ ވެގެން މިދަނީ ފެންނާށެވެ.

މަސްވަރާ މަޖްލިސް

ގައި 6/26/2008



މަތާރަންފިލާ މަތިން



11 ޖުލައި 1993 ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައިބޭއްވިފައިވެއެވެ. މިޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްއެވެ. މިޖަލްސާގައި ވަޒީރުންގެ މަޖްލިސްގެ މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިޖަލްސާ ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުސްތަޤްބަލްގައި ދިވެހިރާއްޖެ އޮންނަންބޭނުންވާނެ ގޮތާއި މެދު ޚިޔާލު ފާޅު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. އެވާހަކަފުޅު ތަކުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވަނީ މިއަދު އަޅުގަނޑުމެންގެ ރާއްޖެ އަށް ވަރަށް ގިނަ ހަލުވި ބަދަލުތަކެއް އަންނަމުން އެބަދާކަމާއި ޚާއްސަކޮށް އިޤްތިސާދީ ދާއިރާއަށް ވަރަށްގިނަ ކުރިއެރުން ތަކެއް ލިބިފައިވާކަމާއި އެކު މުސްތަޤްބަލްގައި ދިވެހިރާއްޖޭގެ ކަންތައް އޮންނާނެ ނުވަތަ އޮންނަންވާނެ ގޮތަކާއި ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކޮށް ހަރުދަނާ ގޮތްތަކެއް ކަނޑައަޅަށްވެއޖެކަމަށާއި މިއީ އަޅުގަނޑުމެންގެ ކޮންމެމީހެއްގެ ހިތުގައި އުފެދޭނެ ސުވާލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއްވެސް ޤައުމެއްގައި އަބަދު އެއްގޮތަކަށް ކަންތައްތައް ހިގަމުންނުދާނެކަމަށާއި ކަންތައްތައް ބަދަލުވެ ތަރައްޤީވެ އިސްލާހް ވާންޖެހޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން މުސްތަޤްބަލާއިމެދު ވާހަކަދައްކާއިރު ޚިޔާލު ކުރެވިދާނެ ބައެއް ކަންތައްތައްފާހަގަ ކުރެއްވިއެވެ. މިސާލެއްގެގޮތުން ރާއްޖޭގެ ސިޔާސީ ނިޒާމް މިހާރުއޮތްގޮތާއި ދޭތެރޭގައި އަޅުގަނޑުމެން ވިސްނާ އެނިޒާމަކީ ރާއްޖެއަށް މިހާރު އެންމެ އެކަށީގެންވާނިޒާމެއްތޯ އަޅުގަނޑުމެންނަށް ބެލިދާނެއެވެ. އަދި އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަކީ ދިމިޤްރާތީ ނިޒާމަކަށްވުމާއިއެކުވެސް މިނިޒާމަށް ގެންނަށްޖެހިފައިވާބަދަލުތަކެއްވެސް މިހާރު ހުރެދާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މަސްވަރާ މަޖްލިސްގެ ދައުރަކީ ވަކިހިސާބެއްގައި އޮތްދައުރެކެވެ. މަޖުލިހުން ކަންތައްތަކާއިމެދު ޚިޔާލުފާޅުކޮށް ގޮތްތަކަކާއި ދޭތެރޭގައިވިސްނިދާނެއެވެ. އެހެންނަމަވެސް އެކަންކަމަށް ޢަމަލީސިފަ އަންނާނީ ސަރުކާރުގެ ކަމާއިބެހޭދާއިރާތަކުންނެވެ. އަދި ރައްޔިތުންގެ މަޖްލިހާ ހަމައިން ނިމޭކަމަށްވާނަމަ އެކަންކަމަށް ޢަމަލީސިފަ އަންނާނީ އެމަޖްލީހަށް އެކަމެއް ފޮނުވައިގެންނެވެ. އެކަން އެހެން އޮތްކަމުގައިވިއަސް ކޮންމެސްކަހަލަ ޚިޔާލުތަކެއްކޮއްގެން އަޅުގަނޑުމެން ދާންބޭނުންވާނެ މަގު ކަނޑައެޅިދާނެއެވެ.
އަޅުގަނޑު ދެކޭގޮތުގައި ރާއްޖެ އަށް ހެޔޮބަދަލު ގެނައުމައްޓަކައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވަމުންގެންދަވާ މަސައްކަތާއި ދެއްވަމުން ގެންދަވާ ތަޤްރީރުތަކުންނާއި ބަޔާން ތަކުން މިހުރީ އަޅުގަނޑުމެންނަށް ފެންނާންހުރިފެންނާށެވެ. މިއީ ހަޤީޤަތެވެ

ދަރިންނާއި ދިމާއަށް ހަޅޭއްލަވަންތޯއެވެ؟

ގައި 6/25/2008



މަތީގައިވާ
ސުރުޚީ ފެނުނީމާ އެކަމާމެދު ޙައިރާން ވެލައްވާ މައިންބަފައިންވެސް އުޅުއްވާނެއެވެ. ހިތައްއަރާނީ ތިމަންމެންގެ އަމިއްލަ ހިތައްވުރެ ލޯބިވާ ދަރިންނާއި ދިމާއަށް ހަޅޭއްލަވާ މައިންބަފައިންނެއް ނުތިބޭނެއެވެ. ނަމަވެސް އެކުރެވެނީ ކީއްކަން އެގިތިބެވެސް ނުވަތަ ނޭގިތިބެވެސް މިކަން ކުރެވޭތަން އާދެއެވެ. އަދި ތަކުރާރުކޮށް މިކަން ކުރެވޭތަންވެސް އާދެއެވެ. ނަމަވެސް އެކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟

ދަރިންނާ ދިމާއަށް ހަޅޭއްލަވާނަމަ އެކަމުގެ ސަބަބުން ފުންއަސަރުތަކެއް ކުރުވާނެތީ ކަންބޮޑުވާ މައިންބަފައިން ވަރަށްގިނަވާނެއެވެ. ނަމަވެސް މިކަން އެކިއާއިލާގައި އޮންނާނީ އެކިމިންވަރަށެވެ. އަދި މިކަމުގެ ސަބަބުން ކުރާއަސަރުވެސް އެއްކުއްޖަކާއި އަނެއްކުއްޖަކު ތަފާތުވާނެއެވެ. ނަމަވެސް މިގޮތުން ކުއްޖާއާއި ދިމާއަށް ބުނެވޭއެއްޗަކުން ކުއްޖާ ބިރުގަންނަނަމަ ނުވަތަ ހާސްވާނަމަ ކުޅެއުޅުމާއި ކިޔެވުމަށް ދަތިވާނަމަ އެކަމަކީ ކުއްޖާއަށް ވަރަށް ގެއްލުންހުރި ކަމަކަށް ވެދާނެއެވެ.

ދަރިންގެ ބޭނުންތައް

* އަންނަނިވި ކަންތަކަށް ދަރިން ބޭނުންވާނެއެވެ.
* އެކުދިންދެކެ ލޯބިވާކަމުގެ އިޙްސާސް ކުރުވުން
* އެކުދިން ރައްކާތެރި ކުރެވިފައިވާ ކަމުގެ އިޙްސާސް
* އަމާކަން އިޙްސާސްވުން
* އެކުދިންނަނީ އަގުހުރި ބައެއްކަން އިޙްސާސްވުން
* އެކުދިންގެ ވަށައިގެން އަޅާލުންދޭން ތިބިކަން އިޙްސާސްވުން
* އެކުދިންނަކީ ކޮންމެސް ކަމެއް ކާމިޔާބު ކުރުމުގެ ޤާބިލްކަން ހުރިކުދިންކަން އިޙްސާސްވުން
* އެކުދިންނަކީ ބައިވެރި ވެވިދާނެ، އެހީތެރި ވެވިދާނެ ކުދިންކަން އިޙްސާސް ކުރެވުން.
* އެކުދިންނަކީ އަމިއްލައަށް އެއްޗެތި ދެނެގަނެ އާކަންތައް ތަޖްރިބާ ކުރުމުގެ ފުރުޞަތު ލިބޭކުދިންކަން އިޙްސާސްވުން.

މަތީގައިވާ، ކުދިންގެ ބޭނުންތަކުން އެއްވެސް ކަމަކަށް އުނިވާގޮތަށް ދަރިންނާއި މުޚާޠަބް ކުރެވުމަކީ ނަފްސާނީ ގޮތުން އެކުދިންގެ ހެދިބޮޑުވުމަށް ގެއްލުން ލިބިދާނެކަމެކެވެ.

އާއިލާގެ އަސަރު

ބައެއް އާއިލާތަކަކީ އަޑުގަދަ އާއިލާތަކެވެ. ވާހަކަދައްކާއިރު އަޑުގަދަވުމާއި ހަޅޭއްލެވުމަކީ އެއާއިލާތަކުގެ އާދައެވެ. މިގޮތަށް ބޮޑެތިވާ ކުދިންނަށް އަދި ބާރަށް އެއްޗެއް ބުނުމަކުން (އެކުދިންގެ އަގުދައްކޮއްލާ މާނައެއްގައި ނުވަތަ ބިރުގަންނަގޮތަށް އެއްޗެއް ނުބުނާނަމަ) އެއީ މައްސަލައަކަށް ނުވެދާނެއެވެ.

މިފަދަ އާއިލާތަކުގެ ކުދިންނަށް ބައެއްފަހަރު ސްކޫލްގައި މައްސަލަ ދިމާވާނެއެވެ. އެއީ ޓީޗަރުންނާއި އެފަދަމީހުން އެކުދިންނަށް މަޑުމައިތިރިކޮށް އެއްޗެއް ބުނުމުން އެއާއި އެއްގޮތަށް ސަމާލުކަންދީ ޢަމަލުކުރަން ދަތިވާނެއެވެ.

މައިންބަފައިން ރުޅިއައިސްގެން ދަރިންނާއި އަޑުގަދަކޮށް މުޚާޠަބް ކުރާނަމަ އެކަންކުއްޖާ ދެނެގަނެ ބިރުގަނެ ޖެހިލުންވާނެއެވެ.

ދެމަފިރިން އެކަކު އަނެކަކާއި އަޑުގަދަކޮށް މުޚާޠަބްކޮށް ހަދާނަމަ އެއަޑުއަހާ ދަރިފުޅަށް އެކުއްޖާއަށް ބޭނުންވާ އަމާންކަން އިޙްސާސެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ރުޅިއައިސްގެން އެކަކު ނަމަވެސް ގެއިން ގޮސްފިނަމަ އެކުދިންނަށް އަޅާލާ ބަލަހައްޓާނެ ބަޔަކުތިބިކަމުގެ އިޙްސާސްގެއްލި ބިރުގަންނާނެއެވެ. އެއީ އެކުދިންގެ އިތުބާރުގެއްލިދާނެ ކަމެކެވެ.

މައިންބަފައިން ދަރިންގެ ކުރިމަތީގައި އެކަކު އަނެކަކަށް ފާޑުކިޔާ ހަދާނަމަ އެކުދިންނަށް އޮންނަން ބޭނުންވާ އަމާކަން ގެއްލި އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިގެން ދާނެއެވެ. އެއީ މައިން ބަފައިންގެ ތެރެއިން ކޮންމެ މީހަކީވެސް އެކުއްޖާގެ އެއްބައެވެ. އެއިން އެއްވެސް ބައެއްގައި އުނިކަންހުރިނަމަ އެކުއްޖާގެ ވެސް އެއުނިކަން ހުރިކަމުގެ އިޙްސާސް އޭނާކުރާނެއެވެ.

އާއިލާއަކީ އަބަދު އަޑުގަދަކޮށް ހަދާ އާއިލާއެއް ނަމަ އަދި އޭގެތެރެއިން އެކަކު ބުނަންބޭނުންވާ އެއްޗަށް އަނެކަކު ސަމާލުކަންދޭތޯ މަސައްކަތް ކުރަންޖެހޭނަމަ ދަރިންނަކީ ރަގަޅަށް އަޑުއަހާ ބަޔަކުކަމުގައި ވެފައި އަނެކާދައްކާ ވާހަކަ އަޑުއަހާ ކުދިންކަމުގައި ނުވާނެއެވެ.

ކުޑަކުދިން

ހަޅޭއްލެވުމާއި އަޑުގަދަ ކުރުމަށް ހޭނުމުގައި ކުޑަކުދިން އެކުއްޖަކާއި އަނެއްކުއްޖަކު ތަފާތުވާނެއެވެ. ބައެއްކުދިން އެހާބޮޑަށް އެކަން ފާހަގަ ނުކޮށްފާނެއެވެ. އަނެއްބައިކުދިން ގަދައަޑުން ބުނާއެއްޗެއް އިވުމުން ސިހި ބިރުގަންނާނެއެވެ. ގިނަގިނައިން ހަޅޭއްލަވާނަމަ އެއީ ކުދިންނަށް ވަރަށް ބިރުހުރި ކަމެކެވެ.

ޅަކުދިންނާއި އަދި ވަރަށް ތުއްތުކުދިންވެސް އަޑުގަދަ ކުރާއަޑު އިވުމުން ސިހި ބިރުގަންނާނެއެވެ. ޚާއްޞަގޮތެއްގައި ފުންއަޑު ހުންނަ ފިރިހެނުންގެ އަޑަށެވެ.

ގަދައަޑުން ވާހަކަދެއްކުމުން ދަރިންނަށް ކުރާ އަސަރުދެނެގަތުމާއެކު ދަރިން ބިރުގަނެ ނާމާންކަން އިޙްސާސްވާގޮތަށް ކުރެވޭ ހުރިހާކަންތަކެއް ބަދަލުކުރަން ޖެހޭނެއެވެ.

ބުނެވޭއެތި

ރުޅިއައިސް ހުންނަވަގުތު އަޑުގަދަވުމާއެކު އަޑުގަދަވުން އެއްކިބާގައި އޮއްވާ ބުނެވޭއެއްޗެއްގެ އަސަރު ވަރަށްތޫނުކޮށް ފެންނާނެއެވެ. ކުދިންނަށް އެންމެ ބޮޑަށް އަސަރުކުރާނީ މިގޮތުން ބުނެވޭ އެއްޗެއްގެ ސަބަބުންނެވެ.

އެއްވެސް އެއްޗެއް އެބުނެވެނީ ދަރިފުޅުގެ އަމިއްލަ ނަފްސުގެ އިތުބާރު ގެއްލޭގޮތަށް ކަމުގައިވާނަމަ އެއިން އެދަރިފުޅަށް ގެއްލުން ލިބޭނެއެވެ.

މައިންބަފައިންވެސް ބައެއްކަންތަކާމެދު ރުއިއައިސް އެރުޅިގަޑު ބުރުވާލަން ބޭނުންވެފައި ހުންނަ ވަގުތުތަކުގައި ވެސް ބުނެވޭއެއްޗަށް ސަމާލުކަން ދޭންވާނެއެވެ.

ރުޅީގެ ވަގުތުގައިވެސް އެރުޅިދުއްވާލުމަށް ބުނެވޭ އެއްޗަކީ އޭގެސަބަބުން ދަރިފުޅަށް ގެއްލުންވާ އެއްޗަކަށް ވެގެންނުވާނެއެވެ.

ދަރިން، ޚާއްޞަކޮށް ކުޑަކުދިން އެކުދިންގެ އަމިއްލަ ނަފްސު ނިޔާކުރާނީ އެކުދިންގެ މައިންބަފައިން އެކުދިންނާމެދު ކަނޑައަޅާ މިންގަޑެއްގެ މައްޗަށް ބަލާފައެވެ. މިގޮތުން ކުއްޖާ ދައްކުރާގޮތަށް ފާޑުކިޔާ ފާޑުކިޔުމަކީ ކުއްޖާއަށް ގެއްލުން ލިބޭނެކަމެކެވެ. ހަމައެގޮތަށް ކުއްޖާއަށް ބިރުދައްކާގޮތަށް ބުނެވޭ އެއްޗިއްސަކީ އެކުދިންނަށް ގެއްލުންލިބޭނެ އެއްޗިއްސެވެ.

ކުއްޖާއަށް ގެއްލުން ލިބިދާނެ ބައެއް ބަސްބަސް

* ބިރުދެއްކުން - "ދެން ކިތަންތައް ކޮއްފިނަމަ އެވެނިކަމެއް ކުރަންޖެހިދާނެ"
* އަޅާކިޔުން - "ކަލޭގެ ދައްތަ އުޅޭހެން ބަސްއަހައިގެން އުޅެން ނޭގެނީ ކީއްވެގެންހެއްޔެވެ؟"
* ލޭބަލްކުރުން - "ތިއީބޮޑު .... ގޮޑު .. ކަންނެތް... ނުލަފާ.. މޮޔަ.. އުދަގޫ.. ފަލަ.. ލަދުގަނުގަންނަ.. ފައިދާއެއް ނުކުރާ.."
* ކުއްވެރިކުރުން - "ތިކަމާހުރެ އަހަރެންގެ ބޯހަލާކު!.. ވަރުބަލިވެއްޖެ.. ގޮތް ހުސްވެއްޖެ.."
* ދައްކުރުން - "އަހަރެން ތިކަން ކޮއްފާނަން ދުވަހަކުވެސް ކަމެއް ރަގަޅަށް ކުރާކަށް ނޭގޭނެ!”
* ހިތްވަރު އެލުވާލުން - "ދުވަހަކުވެސް ކަމެއް ރަގަޅަށް ކުރަންނޭގެނީ ކީއްވެގެންތަ؟"

ނަފްސާނީގޮތުން އެބިޔޫސް ކުރެވުމަކީކޮބާ؟

ނަފްސާނީގޮތުން ކުއްޖާއަށް ހިތާމައެއްލިބޭ ނުވަތަ ހިތާމައެއް ލިބިދާނެ ގޮތަކަށް ކަންތައް ކުރެވުމެވެ. އަދި ނަފްސާނީގޮތުން ކުއްޖާ ހެދިބޮޑުވުމަށް ނުރައްކަލާއި ކުރިމަތިވެދާނެ ފަދަގޮތަކަށް ކަންތައް ކުރެވުމެވެ.


މިލިޔުމަކީ ސަންގުނޫހުގެ 31 މެއި 2008 ގައި ލިޔެފައިވާ ލިޔުމެކެވެ

ސަންގުނޫސް އުވާލެއްވުން

ގައި 6/25/2008



23ޑިސެމްބަރ 1989 ގައި ޑިޕާރޓް މަންޓް އޮފް އިންފޮރމޭސަން އެންޑް ބްރޯޑް ކާސްޓިންގައި ރަޖިސްޓްރީ ކުރެވިފައިވާ "ސަންގު" ނޫސް 22 މޭ 1990 ގައި ސަރުކާރުން އުވާލެއްވިއެވެ
މިނޫހުގެ މަސްއޫލުވެރިއަކީ ގ. ޑޭޒީފެހި އަލްފާޟިލް މުހައްމަދު ހިލްމީއެވެ. އެޑިޓަރަކީ މއ ފޮސީތިއާ އަލްފާޟިލް މުހައްމަދު ޝަފީގެވެ
މިނޫސް އުވާލައްވަން ޖެހުނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި މެދު ފިތުނަ އުފައްދަން މަސައްކަތްކުރާ ކަން އޭގެލިޔުންތަކުން އެގޭތީއާއި އަދި މީގެކުރިން ވެސް މިކަމަށް ރައްކާތެރި ވުމަށް ނޫހުގެ މަސްއޫލުވެރިންނަށް ނަސޭހަތްތެރި ވެ އެކަމެއް އިޞްލާޙެއް ނާންނާތީ ކަމަށް ޑިޕާރޓް މަންޓް އޮފް އިންފޮރމޭސަން އެންޑް ބްރޯޑް ކާސްޓިންގެ އިޢްލާން ނަންބަރ8/90ު/ޑ (22 މޭ 1990) ގައި އިޢްލާން ކުރައްވާފައި ވެއެވެ

މާލެ ބަންޑުންވަނީ

ގައި 6/24/2008



ސްކޫލު ބަންދަކީ މާލޭގެ ގިނަބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށްދާ ދުވަސްވަރަކަށްވެފައި، އަދި މާލޭގައި ގޭގޭގައި ކިޔަވަންތިބޭ ކުދިން ޗުއްޓީއަށް ރާއްޖެތެރެއަށްދާ ދުވަސްވަރަކަށްވާތީ، ބޭސްފަރުވާ ކޮށްލުންފަދަ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ރާއްޖޭތެރޭގެ މީހުން އެދުވަސްވަރު މާލެ އައުމަށް މަޖުބޫރުވެއެވެ. މިގޮތަށް މާލެއަންނަ ބައެއް ފަރާތްތަކަށް ނިދާލާނެ ތަންކޮޅެއް ނުލިބިގެން ވަރަށް ދަތިޙާލުގައި އުޅޭތަންވެސް ފެނެއެވެ.

ކޮންމެ ފަހަރު ޗުއްޓީއާއި ދިމާވާއިރަށް އެހާ ގިނަބަޔަކު އެއްފަހަރާ މާލެއައުމުން އެމީހުން ތިބޭނީ ކޮންތާކުބާވައެވެ؟އެހެންނަމަވެސް އެކިއެކި ބޭނުންތަކަށް މާލެއަންނަ ރާއްޖެތެރޭގެ ފިރިހެނުން، މާލޭގެ ބަނދަރުގައިތިބި ފަޅުއޮޑިފަހަރުގައި ނިދާލައިގެން، ހޮޓަލުން ކާލައިގެން، ޢާއްމު ފާހާނާބަރިން ފެންވަރާލައިގެން އުޅޭ ފިރިހެނުންގެ އަދަދު މަދެކޭ ދެންނެވޭކަށްނެތެވެ. އެހެންނަމަވެސް އެހާލުގައި އަންހެނުން އުޅޭނީ ކިހިނެއްބާއޭ ހިތައްއަރައެވެ.

ދުވަހުކުއްޔަށް ކޮޓަރި ކުއްޔަށް ދޫކުރާ ފަރާތްތަކުން ބުނާގޮތުގައި ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކޮޓަރިތައް ހުންނަނީ ފުރިފައެވެ. އަދު ދުވަހުކުއްޔަށް ކޮޓަރި ދޫކުރާކަމަށް ނޫހުގައި މޯބައިލް ނަމްބަރު ޖަހާފައިވާ ފަރާތަކުން ބުނިގޮތުގައި ސްކޫލު ބަންދު ފެއްޓޭއިރަށް މޯބައިލް ފޯނު ޖެހޭނީ ނިއްވާލާށެވެ. "ކުއްޔަށް ދޭނެ ކޮޓަރިއެއް ނެތީމާ ފޯނު ނިއްވާލުން ނޫން އެހެންގޮތެއް ނޯވޭ. އަބަދުވެސް ހުސް ކޮޓަރިއެއް ހުރިތޯ ފޯނުކޯލެއް އައިސް އައިސް ހުންނާނީ." ދުވަހު ކުއްޔަށް ކޮޓަރި ކޮޓަރި ދޫކުރާ މީހަކު ބުންޏެވެ.

ސްކޫލު ބަންދާއި ދިމާކޮށް ރާއްޖޭން ބޭރަށްދާ މާލޭގެ ޢާއިލާތަކުން ފަހަކަށް އައިސް އެމީހުންގެ އެޕާޓްމަންޓް، ދުވަހު ކުއްޔަށް ދީފައި ފުރައިގެން ދެއެވެ. އެއްކޮޓަރީގެ އެޕާޓުމަންޓްގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނާގޮތުގައި، އެއްހަފްތާއަށް ކުއްޔަށް ކޮޓަރި ދިނުމަށްފަހު ފުރައިގެންދަނީ އެޑްވާންސްއަށް ފައިސާވެސް ނަގާފައެވެ. އަދި ބޮޑު ޗުއްޓީގައި މަހެއްހާ ދުވަހަށް ކުއްޔަށް ދިނުމުން ރާއްޖޭން ބޭރަށް ދިޔުމުގެ ޚަރަދު ލިބޭ ކަމަށެވެ. އަނެއްބައި މީހުން ބުނާގޮތުގައި ރާއްޖޭން ބޭރަށް ފުރައިގެން ދާއިރުގައި ދިރިއުޅޭ ކޮޓަރި ބަޔަކަށް ކުއްޔަށް ދީފައިދަނީ، ރަށުން ބޭރުގައި އުޅޭ ދުވަސްވަރުވެސް ރަނގަޅު އެއްޗެއް ލިބޭތީ ކަމަށެވެ. ދުވަހު ކުއްޔަށާއި މަހުކުއްޔަށް ކޮޓަރި ދޫކުރާ ފަރާތަކުން ބުނިގޮތުގައި އެއް ކޮޓަރީގެ ތަނެއްގެ މަހަކަށް ހަތަރު ހާހާއި، ހަހާސް ފަސްސަތޭކައާއި ދެމެދުގެ އަގަކަށް ސްކޫލު ބަންދުތަކުގައި ކުއްޔަށްދޭ ކަމަށެވެ. އަދި ދެކޮޓަރީގެ ތަންތަން ހަތްހާސް ފަސްސަތޭކައާއި ދިހަ ހާހާއި ދެމެދަށް އަގު އުފުލޭ ކަމަށެވެ. މާލޭގެ ކޮޓަރިތަކުގެ އަގުތައް މިހާމައްޗަށް އުފުލިގެންދާއިރު، އެކަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރަށްވަނީ ނުކުރެވިފައެވެ. ޢާއްމު މީހެއްގެ މުސާރައާއި ނުބައްދަލު އަގެއްގައި ކުލި އުޅޭއިރު ކުލި ވަކިމިންވަރެއްގައި ހިފެހެއްޓުމަށް އެކަށީގެންވާ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް، ދަތިހާލުގައި މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުން ތަކުރާރުކޮށް ބުނެއެވެ.

އެކިއެކި ބޭނުންތަކަށް މާލެއައުމަށް ރާއްޖެތެރޭ މީހުންނަށް މަޖުބޫރުވެފައިވާވާއިރު މާލެއައިސް ބޯހިޔާ ކޮށްލާނެ ތަންކޮޅެއް ނެތިގެން ފަޅުއޮޑިފަހަރުގައި މީހުން ނިދަމުންދާއިރު، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއްވަނީ ނުކުރެވިފައެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ވިލިނގިލިން ބިންދޫކުރުމަކުން މާލެޔަށް ލިބުނު ލުޔެއް ނެތެވެ. ހަމައެއާއިއެކު ހުޅުމާލެ ހިއްކުމުން މާލޭގެ ހަލަބޮލިކަމަށް އައިއެއްވެސް ބަދަލެއް ނެތެވެ



މިލިޔުމަކީ ސަންގުނޫހުގެ 8 ޖޫންި 2008 ގައި ލިޔެފައިވާ ލިޔުމެކެވެ .

އިސްތިހާރު

ގައި 6/06/2008