ރައީސް އޮފީހުގެ ބޭނުމަށް 50 އައިފޯން

ގައި 1/23/2009


އިބްރާހީމް ސާއިދު / ދިވެސް

ރައީސް އޮފީހުގެ ރަސްމީ ބޭނުމަށް 12 ފޯނު، ބާކީވާ 38 ފޯނު އެމް.ޑީ.ޕީއަށް ؟

ދިވެހިންގެ ވެރިކަމުގެ ބާރުގައި، ބޭކާރު ޚަރަދު އިތުރުވެފައިވާކަމަށް ބުނެ އެފަދަ އެންމެހާކަންތައް ދިވެހި ބިމުން ފޮހެލުމަށް ވަޢުދުވެ، ރާއްޖޭގެ ވެރިކަން ހަވާލުވި ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ސަރުކާރުން ފާއިތުވި ދެމަހެއްހާ ދުވަހުގެތެރޭގައި ހަމަކޮންމެ ދުވަހަކުވެސް ޢަދަދުނުކުރެވޭ ފަދަ ބޭކާރު ޚަރަދުތަކާއި އިސްރާފްތަށް ކުރިއަށް ގެންދާކަމުގެ ޚަބަރު މިދަނީ ސައިލެއް އައިސް ޤައުމު ފެންބޮޑުކުރާ ބީދައިންނެވެ.

އާ ކުކުޅަކަށް ގާ ބިހެއް” އެޅުމުން ހަޅޭއްލައި، ކުސްތަޅަމުންދާ އުޞޫލުން ރައީސް ނަޝީދުގެ ސަރުކާރުން ވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ފާއިތުވި މަދުދުވަސްކޮޅުގެ ތެރޭގައި ދިވެހި ރައްޔިތުން ހަޤީޤަތާއި ދުރަށް ގެންދިޔުމަށްވެސް މަސައްކަތްތަކެއް ފަށާފައެވެ.

ސަރުކާރުގެ ބޭނުންތަކަށް ތަފާތު ބޭކާރު ޚަރަދު އިތުރުކޮށް، ޤައުމުގެ އިޤްތިޞާދީ ހާލަތަށް އެއްވެސް ބަރޯސާއެއްކުރުމެއްނެތި އިންތިހާ އިސްރާފްތައް މިދަނީ ދުވަހުން ދުވަހަށް އިތުރުކުރަމުންނެވެ. މި ޒާތުގެ ކަންތައްތަކުގެ ތެރެއިން އެންމެ ފަހުގެ ޚަބަރަކަށް ދިވެސް ނޫހަށް ލިބިފައިވާ މަޢުލޫމާތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭނުމަށް ދާދިފަހަކުން ގެނައި 50 އައިފޯނުގެ ވާހަކައެވެ. މާލޭގެ ބާޒާރުގެ އަގުގެ ގޮތުގައި އައިފޯނެއްގެ އަގަކީ އެވްރެޖް 11000 ( އެގާރަ ހާސް ރުފިޔާ ) އެވެ. 50 އައިފޯނުގެ އަގު ގާތްގަނޑަކަށް 550000 ( ފަސްލައްކަ ފަންސާސް ހާސް ރުފިޔާ ) އެވެ. މިއީ ރައްޔިތުންނަށް އަތްފޯރާފަށަށް “ ސްޕާރީޕެކްޓްވެސް ނުގެނެވިފައިވާ ސަރުކާރަކުން ކުރަން އެކަށީގެންވާ ޚަރަދެއްނޫނެވެ. މި ފޯނުތަކުގެ ތެރެއިން ރައީސް އޮފީހުގައި މިވަގުތު ރަސްމީ ބޭނުންތަކަށް 12 ފޯނު ބޭނުންކުރަމުން އެބަދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބާކީވާ 38 ފޯނު ވަނީ ރައީސް ނަޝީދުގެ އެމް.ޑީ.ޕީގެ އިސްވެރިންނާއި، އިސް އެކްޓިވިސްޓުންނަށް އާ އަހަރުގެ ހަދިޔާގެ ގޮތުގައި ދެވިފައެވެ. އަދި މި ފޯނުތައް ގެނެސްފައިވަނީ ކަސްޓަމްސް އަށް ޑިއުޓީ ނުދައްކާ ރައީސް އޮފީހުގެ ބޭނުމަކަށްކަމަށްވެސް މަޢުލޫމާތު ވަނީ ފެތުރިފައެވެ.

ފާއިތުވި ނޮވެމްބަރު މަހުގެ 11 ގައި ވެރިކަމުގެ ހުވާކުރެއްވި މުޙައްމަދު ނަޝީދުގެ އެންމެ އަރިސްއެކުވެރިޔެއްކަމުގައި ފާހަގަކުރެވޭ އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ޕްރޮޓްކޯލްގެ އެންމެ އިސް އެއްފަރާތްކަމުގައިވާ މ. ސަލްޖަމްގޭ ޒިޔާދު ( ޒިޔައްޓޭ ) ގެ ނަމުގައި އެމް.އެމް.އޭ އަށް އަންގައިގެން ރައީސުލްޖުމްހޫރިއްޔާގެ ބައެއް ބޭނުންތައް ފުއްދުމަށް 50000 ( ފަންސާސް ހާސް ޔޫއެސް ޑޮލަރުގެ ) ކްރެޑިޓް ކާޑެއް ދޫކުރެވިފައި ވާކަމުގެ ޚަބަރުތައްވެސް މާލެތެރެއަށް ފެތުރިފައިވެއެވެ.

ވެރިކަމުގައި “ މަތިބަރު” ކަމަށް ވަކާލާތުކުރެއްވި ނަޝީދުގެ ސަރުކާރުން މިވީ މަދުދުވަސްކޮޅުގެ ތެރޭގައިވެސް ހަމައިން ނައްޓާފައިވާ އެތަކެއް ކަމެއް ވަނީކޮށްފައެވެ. ސިޔާސީ ވަޒީފާތައްވެސް އުފައްދަމުން ދިޔައީ ޗައިނާގެ ފެކްޓްރީއަކުން ކުޅޭސާމާނު އުފައްދާ ރޭޓުގައެވެ. އެމް.ޑީ.ޕީ ތެރޭގައި “ ދަމާކަނޑަން” އުޅުނު ހަރަކާތްތެރިންނަށް ސްޓޭޓް މިނިސްޓަރކަމުން ފެށިގެން ކައުންސިލަރުންނާއި ހަމައަށް ވަޒީފާތައް އޮއްސާލި އިރު ޤައުމު އޮތީ ކޮންހާލެއްގައި ކަމެއް ޚުދު ރައީސް ނަޝީދަށް ނޭނގޭކަހަލައެވެ.

އެއްވެސް ވަރެއްގެ ޒިންމާދާރުކަމެއް ނެތް އެތަކެއް ފެށުންތަކެއް، ދިރާސާއަކާއި ނުލާ މިވަނީ އިފްތިތާހްކުރެވިފައެވެ. ޤާނޫން އަސާސީގެ ބާބެއްގައި “ ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުންހިމެނިފައިވީނަމަވެސް “ އެމް.ޑީ.ޕީގެ މަރުކަޒީ ހިންގުމަކަށް” އަތޮޅުތައް މިހާރު އެވަނީ ރުކުރުވާލާފައެވެ.

0 ޙިޔާލު: