ޤާނޫނުއަސާސީ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ މިއީބާ؟
ގައި 1/23/2009ކަނބާފާނު / ދިވެސް
މައުމޫނު ކިބައިން ރައްޔިތުން ސަލާމަތްކޮށް، ޤާނޫނުގެ ޙުކޫމަތް އެންމެންގެ މައްޗަށް ހިންގޭނެ ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކޮށްދޭނެކަމަށް ފަށްފަށުން ވަޢުދުވި ކެނެރީގޭ މުޙަންމަދު ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން، ޤާނޫނުއަސާސީ އަކީ އޮންނަ އެއްޗައްކަންވެސް ހަނދުމަފުޅު ނެތިއްޖެކަހަލައެވެ. ވެރިކަން ލިބުމާއެކު ލަހެއްފަހެއްނެތި ޤާނޫނުއަސާސީ މުގުރަން ފައްޓާނީ އޭގެމަތިން ހަނދާން ނެތުނީމާތާއެވެ..
މުޙަންމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހު އަމިއްލަ މަޞްލަޙަތު ދެމެހެއްޓެވުމުގެ ބޭނުންފުޅުގައި ޤާނޫނުއަސާސީ އާ ޚިލާފަށް މަސައްކަތްފަށްޓަވައިފިއެވެ. ޤާނޫނުއަސާސީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާ ބައެއްކަން ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް 8 (އަށެއް) މީހަކު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި 8 މެންބަރުންގެ ނަމުގައެވެ. ހަމަ އެހަފްތާގައި އެމް. އެމް. އޭ ގެ ވޭޒް އެންޑްމީންސް އެކައުންޓުން ސަރުކާރަށް ލޯނެއް ނެންގެވިއެވެ. ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެމަތިން މެނުވީ ވެރިކަންހިންގާ ފަރާތުން ލޯނެއް ނުވަތަ އެނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ޤަބޫލު ކޮށްގެން ނުވާނެކަމަށެވެ. 97 ވަނަ މާއްދާގައި އެބުނާ ޤާނޫނެއް އަދި ވުޖޫދަކަށްނާދެއެވެ. އެހެންވީއިރު އެމް. އެމް.އޭ އިން ލޯނު ނެންގެވީ ކޮން ޤާނޫނެއްގެ ދަށުން ބާވައެވެ؟
ކުޑަ ދުވަސްކޮޅެއްފަހުން، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 އާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއްނެތި ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގައި ބައިވެރިވެ، އެޖަމްޢިއްޔާގެ އަސާސީ ގަވާއިދަށް ރާއްޖެއިން ޢަމަލުކުރާނެ ކަމުގެ ޔަޤީންކަން ދިނުމަށް ފޮނުވަންޖެހޭ ރަސްމީ ލިއުމުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި، ސިއްކަ ޖެއްސެވިއެވެ. އެކަމަކު އެލިޔުން އައި.އެލް.އޯ އަށް ފޮނުއްވަން ފޮރިންމިނިސްޓަރު ޖެހިލުންވާތީ، އެލިޔުން ހިފެހެއްޓެވީ ކަމުގެ މަޢުލޫމާތު ވެސް ފެތުރިގެން ދިޔައެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ޤާނޫނުއަސާސީގައި ބުނާގޮތަށް މަޖިލީހުގެ ރުހުން އޮތްތޯ ނުބައްލަވައި އެކަން ކުރައްވަން ކަން ރަގަޅަށް ހާމަވިއެވެ.. ދެންއޮތީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ނަމުގައި ސަރުކާރުން އުފައްދަވަމުންގެންދަވާ އިދާރާތަކާއި މަޤާމުތަކާއި، އެމަޤާމުތަކަށް ޢައްޔަންކުރަމުން ގެންދަވާ މީހުންގެ ވާހަކައެވެ. އަތޮޅުތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނީ ބާރާއި ޙުދޫދުތައް ކަނޑައެޅިފައިވަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައެވެ. އެބާބުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ( މާލެއާއި އަތޮޅުތައް ) ހިންގުމަށްޓަކައި، އިދާރާތަކާއި މަޤާމުތައް އުފެއްދުމުގެ އެފަދައެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވަނީ ޤާނޫނުގައިވާ ގޮތުގެމަތިން ކަމަށްބުނެއެވެ. މާނައަކީ، އެކަމަށް ޤާނޫނެއް އަދި ހެދިފައެއްނެތެވެ. ޙަޤީޤަތަކީ، މަތި އުތުރު ސަރަޙައްދާއި އަރިހުރަސް ސަރަޙައްދު ފަދަ ނަންނަމުގައި ސަރަޙައްދުތައް ކަނޑައަޅުއްވައި، އެސަރަޙައްދުތައް ހިންގާނެ އޮފީސްތައް އުފައްދަވައި، އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ޢައްޔަން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ ޤާނޫނުއަސާސީގެ ޙުދޫދުން ބޭރުގައިކަމެވެ..
މިއީ ދެން ރައްޔިތުންގެ މައްޗަށް އަތްގަދަކޮށް، ކައުންސިލަރުން މެދުވެރިކޮށްގެން ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒުފޯރުވައިގެން ރައީސް ނަޝީދުގެ ޕާޓީއަށް އެވިދާޅުވާ 50 ގޮނޑި ކަމާލު ކޮށްލުމަށް ރާވާ އެތިފަހަރެކޭ ނުބުނެވޭނެތޯއެވެ. ވީމާ، މިކަންކަމަށް ރައްޔިތުންހޭލާ ތިއްބަވާށެވެ..
ޤާނޫނާއި ޤަވާއިދުތައް ހެދިމީހުންނާ ޙަވާލޭ، މަކަންކުރާނީ މަބޭނުން ގޮތަކަށޭ ބުނާބީދައިން ހުރިހާ ކަމެއްކޮށްފައި، “ޤާނޫނުއަސާސީ ސަލާމަތުގެ އައްސޭރިއަކަށް ގެންދާނަމޭ” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވުމުން، ދެން މަ ހީ ހީ
This entry was posted on 1/23/2009 and is filed under ރިޕޯޓް . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
1 ޙިޔާލު:
Lucky Club Casino site - luckyclub.live
Lucky Club offers a wide range of exciting games, with special odds and bonuses to keep you entertained! There's also an online casino 카지노사이트luckclub available to Rating: 4 · 1 vote
Post a Comment