ބޭރުފުށުން ޑިމޮކްރަސީއެއް…

ގައި 1/23/2009

ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ޤާއިމް ކުރެވިއްޖެއެވެ. މިނިވަން މުއައްސަސާތަކަކާއި މަޤާމްތަކެއް އުފެއްދިއްޖެއެވެ. ގިނަ ކެންޑިޓޭޓުން ވާދަކުރި ރޔާސީ އިންތިޚާބެއް ބޭއްވިއްޖެއެވެ. މިކަންކަމަށް މަގުފަހިކޮށްދޭ ޤާނޫނު އަސާސީއަކަށް ޢަމަލުކުރަން ފެށިއްޖެއެވެ.
މިކަންކަން މިހެންވުމުން، ބޭރުފުށުން ބަލާމީހަކަށް ޤަބޫލުކުރެވޭނީ، ރާއްޖޭގައި ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ޤާއިމް ކުރެވިއްޖެ ކަމަށެވެ. އެކަމަކު، ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޑިމޮކްރަސީ އޮތީ އޮތްތާނގައެވެ. ރާއްޖެ އޮތީ އޮތްތާނގައެވެ.
ޑިމޮކްރަސީއަކީ، ދަސްކުރަންޖެހޭ އެއްޗެކެވެ. ސިޔާސީ ޕާޓީއަކީ ކޮންބޭނުމެއްގައި ޙަރަކާތްތެރިވާންޖެހޭ އެއްޗެންކަން އެނގެންޖެހެއެވެ. ކޮންމެ ރައްޔިތަކުވެސް، އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުދިނުމުގެ މިނިވަންކަން ބޭނުންކުރަން ދަސްކުރަން ޖެހެއެވެ. ރާއްޖޭގައި މިވީގޮތަކީ މިއިން އެއްވެސް ކަމެއްނުވެ، ހުސްނަމެއްގައި ޑިމޮކްރަސީއެއް ޤާއިމްކުރެވުނީއެވެ.
ޑިމޮކްރަސީއަކީ، ރައްޔިތުން ހޮވާބަޔަކު ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރުމުގެ ނިޒާމަށް ކިޔާނަމެކެވެ. ޑިމޮކްރަސީއެއްގައި ތަފާތު ސިޔާސީ ވިސްނުންތަކަށް ޖާގަދޭންޖެހެއެވެ. އެމީހަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމުގެ ފުރުޞަތު ހަމަހަމަގޮތުގައި އެންމެންނަށް އޮންނަން ޖެހެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރި ވަމުންދާ ބައެއް މީހުން މިކަންކަމެއް ނުދަނެއެވެ. ނުވަތަ އެކަންކަން ޤަބޫލެއް ނުކުރެއެވެ. އެމީހުންގެ ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ވަރަށް ގިނަ ހަތިޔާރުތަކެއްގެ ބޭނުން ކުރަމުން ގެންދެއެވެ. އޭގެތެރެއިން މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމީހުން ބޭނުންކުރަމުން ގެންދާ އެއް ހަތިޔާރެއްގެ ވާހަކައެވެ.
އެހަތިޔާރަކީ ބާރުގަދަ ހަތިޔާރެކެވެ. ޙައްޤު ބާޠިލަށް ހަދައިދޭ ހަތިޔާރެކެވެ. ބާޠިލު ޙައްޤަށް ހަދައިދޭ ހަތިޔާރެކެވެ. ދުވާލު ރޭގަނޑަށް ހަދައިދޭ ހަތިޔާރެކެވެ. ރޭގަނޑު ދުވާލަށް ހަދައިދޭ ހަތިޔާރެކެވެ. އެބާރުގަދަ ހަތިޔާރަކީ، ފައިސާއެވެ.
އިންތިޚާބުތަކުގައި ފައިސާ ބޭނުންކުރުމުގައި ޤާނޫނުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ދަތުރުފަތުރު ކޮށްގެން ރަށްރަށަށް ދިއުމަށާއި، ޖަލްސާތައް ކުރުމަށާއި، ތިމާ އިންތިޚާބަށް މިކުރިމަތިލަނީ ކީއްވެގެން ކޮން މަޤްޞަދެއްގައިކަމާއި، ތިމާ ހޮވިއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނީ ކޮންކޮން ކަންކަމެއްކަން ރައްޔިތުންނަށް އަންގައި ދިނުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ޤާނޫނު ހުއްދަކުރާކަމެކެވެ.
އެހެންނަމަވެސް، މީހެއްގެ ވޯޓުގަތުމަށްޓަކައި އެމީހަކަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ނުވަތަ ހަދިޔާއެއް ދިނުމަކީ، ޤާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. މިދިޔަ އޮކްޓޫބަރުމަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބައެއް ފަރާތްތަކުން ހުއްދުނޫން ގޮތެއްގައި އެތައް މިލިޔަން ރުފިޔާއެއް ޚަރަދު ކުރިކަމަށް ވާހަކަ ދެކެވެއެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކަށް ފައިސާފޮށިތަކެއް ހިފައިގެން ބަޔަކު ދިޔަކަމަށް ބުނެވެއެވެ. ރަށްރަށުގެ ގޭގެއަށްވަދެ ފަސްހާހުން، ދިހަހާހުން، ފަނަރަހާހުން ފައިސާދިނޯލައެވެ. ގޭގެފުރާޅު އާކޮށްލުމަށެވެ. ފިހާރައަށް މުދާކޮޅެއް ގެނައުމަށެވެ. ބަލިމީހަކު ރާއްޖޭން ބޭރަށް ފޮނުވުމުގެ ޚަރަދަށެވެ. އިރުއަރާފައި އޮއްސޭއިރަށް، ނުވަތަ ރޭވެފައި އަލިވިލޭއިރަށް، ސިޔާސީ ޕާޓީތަކުގެ މެންބަރުން، ބުރުނޭނގޭހާ ބާރަށް ކޮޅުކޮޅަށް އެނބުރެމުން މިދަނީވެސް، ސަބަބެއް ނެތިއެއް ނޫނެވެ.
މިއަކީ، ޑިމޮކްރަސީއެއް ނޫނެވެ. މިއަކީ، ޑިމޮކްރަސީގެ އުޞޫލުތައް ޤަބޫލުކުރާ ކަމެއްވެސް ނޫނެވެ. މިއަކީ، ޤާނޫނު ހުއްދަކުރާ ކަމެއް ނުމެނޫންމެއެވެ.
ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނެވޭނީ، ރައްޔިތުންގެ ޙައްޤުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވައިގެންނެވެ. ޑިމޮކްރަސީގެ ރުކުންތަކަކީ ކޮބައިކަން ރައްޔިތުންނަށް އަންގައިދީގެންނެވެ. ކޮންމެ ރައްޔިތަކުމެ އެރައްޔިތެއްގެ އިންތިޚާބީ ޙައްޤު މިނިވަންކަމާއެކު ބޭނުންކުރާނީ ކިހިނެއްކަން ދަސްކޮށްދީގެންނެވެ. ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ކޮބައިކަމާއި، ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވާންޖެހެނީ ކޮން މިންގަނޑުތަކެއްގެ ތެރޭގައިކަން ޕާޓީތައް އުފައްދާ މީހުންނަށާއި، ޕާޓީތަކުގެ މެންބަރުންނަށާއި ޢާންމު ރައްޔިތުންނަށް ދަސްކޮށްދީގެންނެވެ. މިކަންކަން މިގޮތުގެމަތިން ނުކޮށެއް، ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެއެވެ.

( މިއީ 19 ޖެނުއަރީ 2009 ގެ ދިވެސް ނޫހުގެ ވެބް ސައިޓުން ނެގި ލިޔުމެކެވެ.)

0 ޙިޔާލު: