ނޫސްބަޔާން - NR-107/2008-A
ގައި 1/23/2009
ރިޔާސީ ލާންޗް "އަރުމާޒް" އާ ގުޅޭ
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއާ ބެހޭގޮތުން، ނޫސްތަކުގައާއި މީޑިއާގެ އެހެން ވަސީލަތްތަކުން ހާމަކޮށްފައިވާ، ޔޮޓަކާބެހޭ ވާހަކަތަކަކީ، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޝާއިޢުކޮށްފައިވާ، އެއްވެސް އަސާސެއްނެތް ވާހަކަތަކެކެވެ.
މި ދެންނެވި ޚަބަރުގެ އަސާސުކަމަށްވާ "އަރުމާޒު" ނަމަކަށްކިޔާ ލާންޗަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޙައިޞިއްޔަތުން ބޭނުންކުރެއްވުމަށް 1998 ގައި ދިވެހި ސަރުކާރުން އޯޑަރުދެއްވައިގެން ބަނދެފައިވާ ލާންޗެކެވެ. "އަރުމާޒު"އަކީ ދިވެހިރާއްޖޭގައި އެވަގުތަކު ހުންނަވާ ރައީސަކު ބޭނުންކުރައްވަން އޮތް، ދިވެހި ސަރުކާރުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އެއްޗެއް ނޫނެވެ. އަދި އަމިއްލަފުޅު އެއްވެސް ކަމަކަށް އެމަނިކުފާނު "އަރުމާޒު" ބޭނުންކުރައްވާފައެއްނުވެއެވެ. އެއާ ޚިލާފަށް އެމަނިކުފާނު "އަރުމާޒު" ބޭނުންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން، ޤައުމަށް ޚިދުމަތްކުރެއްވުމުގެ ގޮތުން އަތޮޅުތަކަށާއި ރަށްރަށަށް ޒިޔާރަތް ކުރެއްވުމުގައެވެ
.
1998 ގައި ރަސްމީ ރިޔާސީ އާ ލާންޗެއް ބެންނެވުމަށް ސަރުކާރުން ނިންމެވީ، އޭރު ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވަމުން ގެންދެވި ލާންޗު، ބޭނުންކުރައްވާތާ 17 ވަރަކަށް އަހަރުވުމުގެ ސަބަބުން އެކިއެކި މެކޭނިކަލް މައްސަލަތައް ދިމާވާން ފެށުމާއި، ލާންޗު ވަރަށް ބޮޑަށް ބާވުމުމާ ގުޅިގެންނެވެ. މިގޮތުން، 1998 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހު، ލާންޗުފަހަރު ބަންނަ ޖަރުމަނުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޕީ. އާރް. މެރީން އާ "އަރުމާޒު" ބަނުމަށް ދިވެހި ސަރުކާރުން ޙަވާލުކުރެއްވިއެވެ. އަދި، "އަރުމާޒު" ގެ ނަމުގައި އައު ލާންޗެއް ބަނުމަށް ސަރުކާރުން ޙަވާލުކުރުމާގުޅިގެން ކުރީގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވަމުންއައި ލާންޗުގެ ނަން "ފުނަމާ" އަށް ބަދަލުކުރެވުނެވެ. "އަރުމާޒު" ގެ ނަމުގައި އައު ލާންޗެއް ބަނުމުގައި ސަރުކާރުގެ މަޤްޞަދަކަށްވީ، މުސްތަޤުބަލުގައި ރާއްޖޭގެ ވެރިކަންކުރައްވާ ރައީސުންނަށްވެސް ބޭނުންކުރެއްވޭފަދަ އަދި، ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނަށްށްވެސް ބޭނުންކުރެވޭފަދަ އުޅަނދެއް، ދިގުމުއްދަތުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަނުމެވެ.
ލާންޗު ބަނުމަށްޓަކައި ބޭނުންވާ އެއްބަސްވުންތައް އެކުލަވާލުމުގައާއި، އެހެންނިހެން ކަންތައްތައްކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައްވަނީ ގަވާއިދުން ހޯދިފައެވެ. މިގޮތުން މި މަސައްކަތް ޙަވާލުކުރުމަށް ބޭނުންވާ އެންމެހާ އެއްބަސްވުންތައް އެޓަރނީ ޖެނެރަލް ބައްލަވާ އެތަކެތީގައި ސަރުކާރުން ސޮއި ކުރެއްވުމުގެ ހުއްދަވަނީ ދެއްވާފައެވެ. މީގެ އިތުރުން މިކަމަށް ޚަރަދުވާނެކަމަށް ލަފާކުރެވިފައިވާ ބަޖެޓުވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ވަނީ ހަމަޖައްސަވާފައެވެ.
ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2000 1998 ވަނަ އަހަރުގެ ޖޫންމަހާ ދެމެދު، މި ލާންޗުގެ މަސައްކަތް ވަރަށް އެކަށީގެންވާގޮތެއްގައި ކުރިއަށް ގޮސްފައިވެއެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ގާތްތަނޑަކަށް ލާންޗުގެ %70 މަސައްކަތް، މަސައްތަކް ހަވާލުވި ޖަރުމަނުގެ ކުންފުނިން ވަނީ ނިންމާފައެވެ. ނަމަވެސް ލޯންޗުގެ މަސައްކަތް މިހާހިސާބަށް ގޮސްފައިވަނިކޮށް، މަސައްކަތް ޙަވާލުކުރެވިފައިވާ ކުންފުޏަށް ކުރިމަތިވި މާލީ މައްސަލަތަކެއްގެ ސަބަބުން އެކުންފުނި އިފްލާސްކުރުމަށް ޖަރުމަނުގެ ކޯޓަކުން އަމުރެއް ނެރިފައިވާކަމުގެ ނޯޓިންސް 2000 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ދިވެހި ސަރުކާރަށް ލިބުނެވެ.
މި ޚަބަރު ލިބުމާ ގުޅިގެން، ކުންފުނީގެ ލިކުއިޑޭޓަރާ ދިވެހި ސަރުކާރާ ދެމެދު ކުރެވުނު ގިނަގުނަ މަޝްވަރާތަކަށްފަހު، ކުންފުނި އިފްލާސްކުރުމުގެ ސަބަބުން ދިވެހި ސަރުކާރަށް ވާނެ ގެއްލުން ވީހާވެސް ކުޑަކޮށް ލާންޗު ބަނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނީ، ލިކުއިޑޭޓަރުގެ އަތުން ދިވެހި ސަރުކާރުން ލޯންޗު ބައްލަވައިގަތުމަށްފަހު، ނުނިމިހުރި މަސައްކަތްތައް، ދިވެހި ސަރުކާރު ތަމްސީލުކުރާ އިންޖިނޭރަކާއި ކެޕްޓަނެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުންކަމުގައި ނިންމުނެވެ. އަދި، މިގޮތުގެމަތިން ލާންޗު ނިންމުމުގެ މަސައްކަތް ކޮށް ނިންމުމަށް، ލާންޗުގެ މަސައްކަތަށް ޚަރަދުވާނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދަށްވުރެ އިތުރުވެގެންދިޔައެވެ.
މިގޮތުގެމަތިން އަރުމާޒުގެ ނުނިމިހުރި މަސައްކަތް އަލުން ފަށައި، މުޅި މަސައްކަތް ނިންމުމަށްފަހު ލާންޗު ރާއްޖެގެނެސް 2001 ވަނަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުނެވެ.
އަލަށް ބަނދެވުނު "އަރުމާޒު" ރާއްޖެ ގެނެސް ބޭނުންކުރަން ފެށިފަހުން ގާތްގަޑަކަށް އަށެއްކައަހަރު މިހާރުވަނީ ވެފައެވެ. މި ލާންޗަކީ، ވަރަށް ރަނގަޅު ފެންވަރުގައި ބަނދެވިފައިވާ ލާންޗެއްކަމުން، މިއީ މުސްތަޤްބަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެވޭނެ އުޅަނދެކެވެ.
2001 ވަނަ އަހަރު ރާއްޖެ ގެނެވުނު "އަރުމާޒު" އޭ ކިޔާ ރަސްމީ ލާންޗު، އެއުޅަނދު ބަނުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް، ކަމާ ބޭހޭ ފަރާތްތަކުގެ ހުއްދަތައް ނަގައިގެން ކުރެވިފައިވާ މަސައްކަތެކެވެ. ވީމާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިޕާޓީގެ ޒަޢީމަށް ރައްދުވާގޮތަށް، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މީޑިޔާގައި އެކިގޮތްގޮތަށް ޚަބަރު ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމުގައި މި ޕާޓީން ދެކެމެވެ. އަދި، މިފަދަ ކަންތައްކުރުމަކީ ވަކި ފަރާތަކާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމެއްކަމުން، މިފަދަ ޢަމަލުތައް ނުކުރުމަށް މިޕާޓީން ކަމާބެހޭ ހުރިހާ ފަރާތަކަށްވެސް ގޮވާލަމެވެ.
________________________
8 ޖަނަވަރީ 2009
This entry was posted on 1/23/2009 and is filed under ޚަބަރު, ރިޕޯޓް . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment