ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު، ދިވެހިން ބާރު ދުވެއްޔެއްގައި ބުދު ދީނާއި ދިމާލަށް މިސްރާބު ޖަހާފައި.
ގައި 5/25/2009
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަވީރު ނޫހުން (07 މާރޗް 2009ގެ ޢަދަދުން) އަޅުގަނޑަށް ފެނުނު އެއް ޚަބަރަކީ "ޓެޑީ ބެއާތަކާއިއެކު އުޅޭމީހުންގެ ރޫހީ ދިރިއުޅުން"، މިމައުޟޫއަށް ލިޔެފައިވާ ލިޔުމެކެވެ. އެލިޔުން ކިޔާލުމުން އަޅުގަނޑަށް ވިސްނިގެން ދިޔައީ އަޅުގަނޑުމެން ދިވެހިންނަށް ބުދު ދީނުގެ ބާޠިލްކަން އެނގި، އިސްލާމް ދީނަށް އެނބުރުނުތާ އެތައް ސަތޭކަ އަހަރުތަކެއް ވެފައި ވަނިކޮށް، އަނެއްކާވެސް އަލުން އެނބުރި އެދީނުގެ ކަންތައްތަކާއި ދިމާލަށް މިއަދުގެ ޖީލު މިސްރާބު ޖަހާފައިވާ ކަމެވެ. އެލިޔުން ކިޔާލުމުން، އެބުދުތައް ގެންގުޅޭ މީހުން އެތަކެއްޗަށް ކުރާ ލޯތްބާއި އެއަށް ކުރާ އިޙްތިރާމާއި ޤަދަރު ވަރަށް ރަނގަޅަށް ދޭހަވެގެން ދެއެވެ.
އެބުދުތަކަށް ގާތުން ކިރު ދިނުމާއި، ދަތް އުނގުޅުވައި ފެންވެރުވުމާއި ނިޔަފަތި ކެނޑުވުމާއި، އެބުދުތަކުގެ އުފަންދުވަސް ފާހަގަކޮށް ކޭކުފެޅުންފަދަ ކަންތައްތައް، އެބުދުތައް ގެންގުޅޭ މީހުން ކޮށްއުޅޭކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރަށް އެއީ ކުރެވޭނޭ ކަމެއްނަމަ އެބުދުތަކަށް އައިޑީ ކާޑު ހައްދައި އެއް ސުފުރާއެއްގައި އެއްތަށިން ކާންދޭން ބޭނުންވާ ކަމަށްވެސް އެބުދުތައް ގެންގުޅޭ ފަރާތްތަކުން ބުނެފައިވާ ކަމަށް އެލިޔުމުގައި ވެއެވެ. ސުބްޙާނަﷲ އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. މިވާހަކަތަކަކީ ޅަ ތުއްތު ކުއްޖަކު ދައްކާފައި ހުރި ވާހަކަތަކެއް ނޫނެވެ. ބޮޑެތި މާސިންގާ، މީހުނާއި އިނދެގެން ދަރީންވެސް ލިބިފައި ތިބި މީހުންގެ ވާހަކަ ތަކެވެ.
ފަހެ ނޫޙް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ބުދަށް އަޅުކަން ކުރަން ފެށި ޙާދިޘާއިން އަޅުގަނޑުމެންނަށް ޢިބްރަތްތަކެއް ނުވަނީތޯއެވެ؟
ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ އިންސާނާ މިބިންމައްޗަށް ފޮނުއްވެވީ އެއިލާހަށް އެކަނި އަޅުކަން ކުރާ މީހެއްގެ ގޮތުގައެވެ. މިގޮތުގައި މިހެން ދަނިކޮށް ބުދު ދީނަށް މީހުން އަޅުކަން ކުރަން ފެށުނީ، ނޫހު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން އެމީހުންގެ ތެރޭގައި އޭރު ޙައްޤުގޮތުގައި ތިއްބެވި ޢިއްޒަތްތެރި ޞާލިޙް މާތް ބަޔަކު އަވަހާރަވެ ދިއުމުން، އެބޭބޭކަލުންނަށް އިޙްތިރާމް އަދާކޮށް އެބޭކަލުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ. އާދެ އެބޭބޭކަލުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވާރިދުވެފައިވެއެވެ. އެއީ މިއަންނަނިވި އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ފަދައިންނެވެ.
"وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدّاً وَلا سُوَاعاً وَلا يَغُوثَ وَيَعُوقَ وَنَسْراً" (نوح:23)
މާނައީ: "އަދި އެއުރެން ބުނޫއެވެ. (އެބަހީ ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ބުނޫއެވެ.) ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާ ހުށިކަމެވެ. އަދި وَدّ އާއި سُوَاع އާއި يَغُوث އާއި يَعُوق އާއި އަދި نَسْر އާއި މިއިން އެއްވެސް ބުދެއް ދޫކޮށްނުލާ ހުށިކަމެވެ."
މިއާޔަތުގައި މިވާ ނަންތަކަކީ އެޤައުމުގައި އެދުވަސްވަރު އުޅުއްވި ޞާލިޙް ތަޤްވާވެރި ބޭބޭކަލުންނަށް ވިދާޅުވި ނަންފުޅުތައް ކަމުގައި ތަފްސީރު ފޮތްތަކުގައި ބަޔާންވެފައިވެއެވެ. އަދި ތަފްސީރު ޢިލްމުވެރިންނާއި ތާރީޚް ޢިލްމުވެރިންވެސް ވިދާޅުވާ ގޮތުގައި، އާޔަތުގައި ނަންގަނެވި އެދިޔަ ބޭބޭކަލުން އަވާހަރަވުމުން އެޤައުމުގެ މީހުން އެންމެ ފުރަތަމަ ކުރިކަމަކީ ޝައިޠާނާގެ ވަސްވާހަށް ހެއްލި އެބޭބޭކަލުންގެ ޞޫރަ ކުރެހުމެވެ. އެއީ އެއްވެސް ޙާލެއްގައި އެބޭބޭކަލުންނަށް އަޅުކަން ކުރުމުގެ ގޮތުންނެއް ނޫނެވެ. އެހެންނަމަވެސް އެފަދަ މަތިވެރި ތަޤްވާވެރި ބޭބޭކަލުންކަމަށް ވުމުން އެބޭބޭކަލުންގެ ޛިކްރާ އާކުރުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިގޮތުގައި ޒަމާންތަކެއް ފާއިތުވެގެންގޮސް އެހެން ޖީލުތަކެއް އައުމުން ޝައިޠާނާ އެމީހުންގެ ގާތަށް ގޮސް ބުނިކަމުގައިވިއެވެ. ކަލޭމެން މިކުރެހުންތައް ބުދުތަކެއްގެ ގޮތުގައި ހެދުމުން އަދި މާފުރިހަމަ ވާނެއެވެ. ކޮންމެއަކަސް އެމީހުން އެކަން އެގޮތަށް ކުރީއެވެ. އެއްވެސް ޙާލެއްގައި އެއީ އެބުދުތަކަށް އަޅުކަން ކުރުމުގެ ގޮތުންނެއް ނޫނެވެ. އެފަދަ ނިޔަތެއްވެސް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް ކުރިއަށްވުރެވެސް ބޮޑަށް އެބޭބޭކަލުންނަށް ޢިއްޒަތާއި ޝަރަފް އަދާކުރުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިގޮތުގައިވެސް ޒަމާންތަކެއް ފާއިތުވެގެންގޮސް އެހެން ޖީލުތަކެއް އައުމުން ޝައިޠާނާ އެމީހުންގެ ގާތަށް އައިސް ބުނިކަމުގައި ވިއެވެ. ކަލޭމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނީ މިބުދު ތަކަށެވެ. އާދެ އެހިސާބުން އެމީހުން އެބުދުތަކަށް އަޅުކަން ކުރަން ފެށީއެވެ. އެންމެ ފުރަތަމަ ބުދަށް އަޅުކަން ކުރަން ފެށުނުގޮތަކީ މިއީއެވެ. والله أعلم.
ކޮންމެއަކަސް މިއަދު އަޅުގަނޑުމެންގެ ކަންތައްވެސް މިހިރީ ހަމަ ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ ކަންތައް ހުރިގޮތާއި ދާދި އެއްގޮތް ކަހަލަ ގޮތަކަށެވެ. އަޅުގަނޑުމެން ޞޫރަތައް ކުރަހައި ފޮޓޯތައް ނަގައި ބޮޑެތި ފްރޭމްތަކަށް ލައިގެން ގެޔާއި އެތަން މިތަނުގައި ހަރުކޮށް ތަތްކުރަމުން މިދަނީއެވެ. އެއީ ހުއްދަ ނޫން ކަމެއްގެ އިތުރަށް ރަޙްމަތުގެ މަލާއިކަތް ބޭކަލުންވެސް އެފަދަ ޞޫރައެއް ހަރުކުރެވި ނުވަތަ އެލުވާފައިވާ ތަނަކަށް ވަދެވަޑައި ނުގަންނަވާނޭކަމަށް ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވާފައިވާ އިރުވެސް މެއެވެ.
މީގެ ދެދުވަހެއް ކުރިން ފަޅާއެރި ޚަބަރަކީ، ޖަރުމަނުގެ މީހަކު ރާއްޖޭގައި ހިންގާ ރެސްޓޯރެންޓެއްގައި ބުދު ދީނުގެ މީހުން އަޅުކަން ކުރަން ބޭނުން ކުރާ ބުއްދާ އަކާއި އެނޫންވެސް ތަކެތި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރި ވާހަކައެވެ. އެވާހަކައިގެ ތަފްޞީލް، ފޮޓޯއާއި ވީޑިއޯއާއި އެކު އަޅުގަނޑުމެންވާނީ މިވެބްސައިޓުގައި ގެނެސްދީފައެވެ. (އެޚަބަރު ވިދާޅުވުމަށް މިލިންކަށް ފިއްތަވާ ލައްވާ.) އަދިވެސް އެތަނުގައި އެބުދު ފިޔަވައި ދެންހުރި ތަކެތި ހަމަ އެގޮތަށް ބަހައްޓާފައި އެބަ ހުއްޓެވެ. އަޅުގަނޑު ޚުދު އެތަނަށް ގޮސް މުޅި ރެސްޓޯރަންޓް ބަލައި ހަދައިފީމެވެ. މުޅި ރެސްޓޯރަންޓްވެސް ހުރީ ހަމަ ބުދު ދީނުގެ ތަކެތީން ޑެކަރޭޓް ކޮށްފައެވެ. ތަނުގެ ބިތުގައި ހަރުކޮށްފައިވާ ލަކުޑި ބޯޑުތަކުގައިވަނީ (ލަކުޑީގައި ކަނޑާ ނަގާފައިވާ) އޮރިޔާމުން ތިބި ބުދު ދީނުގެ ކަލާނގެތަކަށް ނިސްބަތްވާ އަންހެނުންގެ ޞޫރަތަކެވެ. އެފޮޓޯތައް ވަރަށް އަވަހަށް ޝާއިޢު ކުރެވޭނެއެވެ. إن شاء الله. ކޮންމެއަކަސް މިކަންވެސް މަނާ ކުރާނޭ ހުއްޓުވާނޭ ފަރާތެއް މިރާއްޖެއަކު ނެތެވެ. ތިރީގައިމިވަނީ މިއަދު (28 މާރޗް 2009 ވީ ހޮނިހިރު ދުވަހު) ނަގާފައިވާ ފޮޓޯއެކެވެ. (ފޮޓޯއިން ތިޔަފެނިވަޑައިގަންނަވަނީ މިހާރު އެތަން ހުރިގޮތެވެ.) އާދެ އެއަށްފަހު ދެން މިހާރު ކުރިމަތީގައި މިއޮތީ މެދު ޒިޔާރަތުގެ މައްސަލައެވެ. އެތަން ހުޅުވައި އެތަނަށް މީސްތަކުން ޒިޔާރަތް ކުރަން ހުޅުވާލަނީއެވެ. ޒިޔާރަތްތަކަށް ނަދުރު ބުނެ އެތަނުގައި ޠަވާފުކޮށް ނުވަތަ އެތަނުގައި އޮތް މީހަކަށް އިޙްތިރާމް ކުރުމުގެ ގޮތުން އެތަންތަނަށް ދިއުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. ބުދު ދީނުގެ އަހުލުވެރީން ފަދައިން ކުރެވޭ ޝިރުކުގެ ޢަމަލު ތަކެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ނަމުގައި (އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮށްމިއުޅޭ ގިނަ ކަންތައްތަކަކީ މުސްލިމުން ކުރުން ހުއްދަވާނޭ ކަންކަމެއް ނޫނެވެ) ދުވަހެއް ފާހަގަކޮށް އެފަދަ ދުވަހެއްގައި އެތަނުގައި އެއޮންނެވި ބޭކަލަކަށް އިޙްތިރާމް އަދާކުރުމުގެ ނަމުގައި ދިދަނަގައި މިފަދަ ދީނާއި ޚިލާފު ޢަމަލުތަކެއް އެތަނުގައި ހިންގުމަށް ސަރުކާރުގެ ބައެއް އިދާރާތްތަކުން ފޫގަޅާލާފައިވާ ތަނެވެ. މިކަމަކީ ކުރީގައި އަޅުގަނޑު ބަޔާންކުރިފަދައިން ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ކަންތައް ކުރި ގޮތާއި ހާދަހާވާ އެއްގޮތް ކަންތައްތަކެވެ. އަދި މީގެ އިތުރުން އިހަށްދުވަހު ފަސްތާނުލެވުނު، ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ޤަބުރުމަތީގައިވެސް ޒިޔާރަތެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބިފައިވެއެވެ. ( މިޒިޔާރަތް ކުރަހާ ޑިޒައިން ކުރުމުގެ ހުރިހާކަމެއް ހިންގަމުން ގެންދަނީ އެމްޑީޕީގެ ބޭފުޅެކެވެ. ) ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((أَيُّكُمْ يَنْطَلِقُ إِلَى الْمَدِينَةِ فَلاَ يَدَعُ بِهَا وَثَنًا إِلاَّ كَسَرَهُ وَلاَ قَبْرًا إِلاَّ سَوَّاهُ وَلاَ صُورَةً إِلاَّ لَطَّخَهَا)) وَفِيه (مَنْ عَادَ لِصَنْعَةِ شَيْءٍ مِنْ هَذَا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ). މާނައީ: "مَدِيْنَةގެ ތެރެއަށް ދާނީ ތިޔަބައިމީހުން ކުރެ ކޮންބޭކަލެއް ހެއްޔެވެ؟ އެމީހަކީ އެއްވެސް ބުދެއް ފެނިއްޖެއްޔާ އެބުދެއް ތަޅާކުދިކޮށްފައި ނޫނީ ދޫނުކުރާނޭ، އަދި އެއްވެސް ގަބުރެއް (އެބަހީ ޒިޔާރަތްގޮތަށް ހަދާފައި ހުންނަ ގަބުރެއް) ފެނިއްޖެއްޔާ އެގަބުރެއް ބިމާ ހަމަހަމަ ކޮށްފައި ނޫނީ ދޫނުކުރާނޭ، އަދި އެއްވެސް ސޫރައެއް ފެނިއްޖެއްޔާ އެއެއްޗެއްގައި ކުލަކާތާ ފޮރުވާލާ ނުވަތަ ފުހެ ނެތިކޮށްލާފައި ނޫނީ ދޫނުކުރާނޭ މީހެކެވެ." މިއެވެ. އަދި އެ حَدِيثގައި ވެއެވެ. "އަދި މިއިން އެއްޗެއް އަލުންވެސް ހަދައިފި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާއްވާލެއްވި ތަކެއްޗަށް ކާފަރު ވެއްޖެއެވެ." ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. އަޅުގަނޑުމެންގެ ޤައުމުގައި ޒަމާންތަކެއް ވަންދެން ކުރެވެމުން އައި މިޝިރުކުގެ ޢަމަލުތައް ހުއްޓި، ހަމަ ނޭވާއެއް ނުލެވި އުޅެނިކޮށް އަނެއްކާވެސް ބަޔަކު އަލުން ބަލުން އަނބުރާ މިކަން ދިރުވަން މަސައްކަތްފެށީއެވެ. ފަހެ މިފަދަ މީހުންގެ ނުބައި ރޭވުންތަކުން މިދީބު މިންޖު ކުރައްވައި މިތަނަކީ ތައުޙީދުގެ ނޫރުން އަލިކުރެވިފައިވާ ތަނެއްކަމުގައި ލައްވާންދޭވެ. ކޮންމެއަކަސް ބަޔާންވެ މިދިޔަ ކަންކަމުން އަޅުގަނޑުގެ ހިތައް ތަޞައްވަރު ކުރެވެނީ، އަޅުގަނޑުމެންނަށް އިސްލާމްދީނުގެ މިމަތިވެރި ހިދާޔަތު ލިބިފައިވަނިކޮށް، އަނެއްކާވެސް ބަޔަކު އަޅުގަނޑުމެން އަނބުރާ ކުރީގެ ގޮތަށް، ބުދު ދީނަށް ލަންބުވާލަން އުޅޭކަމެވެ. ފަހެ މިކަމާއިމެދު ވިސްނާ ފިކުރު ކުރާނޭ ދިވެހި ދަރިއަކު މިފަސްގަނޑުގައި ނެތީ ހެއްޔެވެ؟ އެހެން ދީންތައް މިތަނަށް ގެނެސް އަޅުގަނޑުމެންގެ ދީންވެސް ބަދަލުކުރުވުމަށް ބަޔަކުމީހުން ކެނޑިނޭޅި ރޭޔާއި ދުވާލު މަސައްކަތް ކުރަމުންދާއިރު މިކަމާއި މެދު އިންކާރުކޮށް ބަސްބުނާނޭ ހަމަ އެއްވެސް ފަރާތެއް ނުވަތަ ފަރުދެއްވެސް ނެތީ ހެއްޔެވެ؟ ވެރީންނަށް މިކަންތައްތައް ހުއްޓުވަން ހަވާލުކޮށްގެން ތިއްބާ، އެމީހުން އެޒިންމާ އަދާ ނުކުރުމުން ދެންވެސް އަޅުގަނޑުމެން ހަމަ ކޮންމެގޮތެއް ވަރިހަމަ ކަމަށް ހަދައި ދެއަތް އުރާލައިގެން ތިބެންވީތޯއެވެ؟ މިހިސާބަށް ކަންތައްތައް ދާއިރުވެސް، މިޤައުމުގައި އިސްލާމްދީން ތަންފީޛު ކުރާނޭ ރަނގަޅު ވެރިންތަކަކަށް ނުވަތަ ބަޔަކަށް އަޅުގަނޑުމެން ނޭދެނީ ހެއްޔެވެ؟ އޭ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަޅުގަނޑުމެން ހަމަ ބަލަންތިއްބާ ފާޅުގައި މިތަނަށް އެހެން ދީންތައް ގެނައުމަށް މަސައްކަތް ކުރެވެމުންދާއިރު، އަޅުގަނޑުމެންގެ ކާބަފައިން، ދީނާއި ޤައުމުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ މަތިން ހަނދާން ނައްތާލެއްވީތޯއެވެ؟ އަވަސްވެގަންނާށެވެ. ކަންތައްތައް އަޅުގަނޑުމެންގެ އަތް ނުފޯރާ ހިސާބަށް ނުދަނީސް އަވަހަށް އަތުކުރި އޮޅާލައްވާ، ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދަށް ތެދުވުމަށް ތައްޔާރުވާށެވެ. ދުލުންނާއި އަތާއި ފަޔާއި މުދަލާއި ޖާނާ މާލުންނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ" (رواه أبو داود: 2143، والنسائي) މާނައީ: "ތިޔަބައިމީހުންގެ މުދަލުންނާއި ނަފްސުތަކުންނާއި އަދި ދުލުން، މުޝްރިކުންނާއި އިދިކޮޅަށް ޖިހާދު ކުރާށެވެ." وصلى الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم. والحمد لله رب العالمين. -ނިމުނީ-
This entry was posted on 5/25/2009 and is filed under ޚަބަރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment