މާލޭގައި މިފަހުން ހުޅުވި "ސަލަ ތައި ރެސްޓޯރެންޓް"ގައި ބުދު ދީނުގެ މީހުން އަޅުކަން ކުރާ ބުދުތަކެއް ބަހައްޓާފައި ހުއްޓާ ފަޅާއަރައިފި.

ގައި 5/25/2009


މިއީ އެހެން ދީންތަކަށް ރާއްޖެއަށް އަންނަން ފެށުމުގެ ކޮޅުމަތިބާ؟



މާލޭގައި މިފަހުން ހުޅުވި ރެސްޓޯރެންޓެއް ކަމުގައިވާ "ސަލަ ތައި ރެސްޓޯރަންޓްގައި" އަޅުކަން ކުރެވޭ ގޮތަށް، ބުދުދީނުގެ ބުދުތަކެއް ބަހައްޓާފައި ވަނިކޮށް އެކަން ފަޅާ އަރައިފިއެވެ. މިރެސްޓޯރަންޓަކީ އަމީރު އަޙްމަދު މަގުގައި، އިންޑިއަން އެމްބަސީއާއި ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ތަނެކެވެ. މިރެސްޓޯރަންޓްގެ ވެރިފަރާތަކީ ޖަރުމަނުގެ މީހެކެވެ. އެތަނުގައި ބަހައްޓާފައި ހުރީ ބުދު ދީނުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ ބުދުތަކުގެ ތެރެއިން ބުދަކާއި އެމީހުންގެ އެތުގެ ކަލާނގެ ތެރެއިން ދެ އެތެކެވެ. އަދި ރަނގަބީލްވެސް ހަރުކޮށް ހަމަ އެންމެ ރަނގަޅަށް އެދީނަށް އަޅުކަން ކުރެވޭ ފެންވަރަށް އެތަން ހަދާފައި ހުރިކަމުގައި ވެއެވެ. އޭގެ ތަފްޞީލް މިލިޔުމުގައި މިވާ ފޮޓޯ ތަކުން ބައްލަވާށެވެ. އިއްޔެ މިކަން އެނގިގެން އެތަނަށް ކޮންމެވެސް ވަރަކަށް މީހުން (ދީނީ މީހުންނާއި ޢާއްމުން) އެއްވެ އެ މައްސަލަގަނޑު ހިލުވާލާފައިވެއެވެ.

އެތަނުގައި ޙަރަކާތްތެރިވި ބޭފުޅެއްގެ ފަރާތުން ޚަބަރު ލިބިފައިވާ ގޮތުގައި އިއްޔެ މެންދުރު ބާރަ ޖެހީއްސުރެ އެމީހުން އެތަނަށް ގޮސް ޕޮލިހުންނާއި ސިފައިންނަށާއި އިސްލާމިކް މިނިސްޓްރީއަށާއި އަދި މީނޫންވެސް ސަރުކާރުގެ އެކިއެކި އިދާރާތަކަށް ގުޅާ އަދި އެތަންތަނަށް ގޮސް އެވާހަކަ އެންގުމުންވެސް އެފަރާތުން މިކަމާއި މާބޮޑު ސަމާލުކަމެއްދީ އަޅާލާފައެއް ނުވެއެވެ. ކޮންމެއަކަސް ޢަޞުރު ނަމާދު ފަހުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމިނިސްޓްރީގެ ނައިބަކަށް އަލަށް އިސްކުރެވުނު ޝެއިޚް މުޙައްމަދު ފާރޫޤާއި ދެބޭކަލުން އެތަނަށް ވަޑައިގަތެވެ. އެހެންނަމަވެސް އެދެބޭކަލުންވެސް އެކަން މާބޮޑު ކަމަކަށް ނުހައްދަވާ، އެތަނުގެ އިސް ދެފަރާތަކާއި ވާހަކަ ދެއްކުމަށްފަހު އެދުނީ ހަމައެކަނި އެތަނުގައި ބަހައްޓާފައި ހުރި ބުދު ނެގުމަށެވެ. އަދި އެމީހުންނާއި ސަލާމް ގަލާންކޮށް ވަރަށް ޝުކުރު އަދާކޮށް އެއްވެސް ފިޔަވަޅެއް ނާޅާ އެމީހުން ވަނީ ދޫކޮށްލާފައެވެ.


ޚަބަރު ލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް، އިއްޔެއަށްވުރެ މާކުރިންވެސް އެތަނުގައި އެބުދުތައް ހުރިކަމުގެ ޚަބަރުވަނީ ލިބިފައެވެ. އިއްޔެ ޝައިޚް ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ކުރިންވެސް އެބޭފުޅުންނަށް އެމައްސަލަ އެނގިފައިވެއެވެ. އިސްލާމިކް މިނިސްޓްރީގެ ވެރިން އެރެސްޓޯރަންޓްގެ ވެރިންނަށް ދަންނަވާފައިވަނީ އެތަނުގައި އެހުރި ތަކެތީގެ ތެރެއިން ހަމައެކަނި އެބުދު ނެގުމުން ރަނގަޅުވާނޭ ކަމަށެވެ. މީގެ އިތުރުން އެތަނުގައި ޙަރަކާތްތެރިވި ބޭފުޅަކު، ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހިމް ޙުސައިން ޒަކީ، ރައީސް އޮފީހުން ނިކުމެ ވަޑައިގަންނަވަނިކޮށް އެބުދުތައް ހުރި ވާހަކަ ދެންނެވުމުން އެބޭފުޅާ ވިދާޅުވީ އެކަން އަޅާ ނުލާ ދޫކޮށްލުމަށެވެ.

ކޮންމެއަކަސް އިސްލާމްދީނާއި އަދި ޤާނޫނާއި ޚިލާފް މިފަދަ ބޮޑު ކަމެއް ބަޔަކު ކޮށްފައިވާއިރު، އެފަދަ ބަޔަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ހަމަ ޢަޖައިބުވެ އަންތަރީސްވާ ވަރުގެ ކަމެކެވެ. ޙަޤީޤަތުގައި މިކަމަކީ މިއީ މިތަނުގެ ވެރިފަރާތް ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލަންޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ. މިއީ ބަޔަކަށް އޮޅިގެން ނޭނގުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއް ނޫންކަން، އެތަން ހަދާފައިވާ ގޮތުންނާއި ތަނުގެ ޑެކަރޭޝަން ހުރި ގޮތުން ނިކަން ރަނގަޅަށް ދޭހަވެއެވެ. (މީގެ އިތުރު ތަފްޞީލް މިލިޔުމުގައި މިވާ ފޮޓޯތަކުންނާއި ވީޑިއޯ އިން ބައްލަވާށެވެ.) ހިތާމައަކީ މިއަށްވުރެ މާކުޑަ މައްސަލައެއްގައި އިސްލާމިކް މިނިސްޓްރީއިން ދީނީ ވެބް ސައިޓެއް ބަންދުކޮށްފައި، މިފަދަ ބޮޑު ކަމެއްގައި އެދެވޭ ހަރުކަށި އެއްވެސް ފިޔަވަޅެއް ނޭޅުއްވިކަމެވެ.

ކޮންމެއަކަސް އެތަނުގައި ޙަރަކާތްތެރިވި ބައެއް ބޭފުޅުން، އެތަނުގައި އެތަކެތި ހުރިތޯ ބެލުމަށް އިއްޔެގެ މަޣްރިބު ނަމާދު ފަހުން، އެރެސްޓޯރަންޓަށް ގޮސް ބެލިބެލުމުން އެނގިފައިވަނީ އެތަނުން ނަގާފައިވަނީ އެތަނުގައި ހުރި ބުދު އެކަނި ކަމެވެ. އެނޫން ދެން ހުރި ހުރިހާ ތަކެތި ހަމައެތަނުގައި ބަހައްޓާފައި ހުރިކަމަށް ވެއެވެ. އަދި މިއަދު ހެނދުނު ގޮސް ބެލިބެލުމުންވެސް އެތަކެތި އެތަނުން ނުނަގާ ހުރިކަންވަނީ ޔަޤީންވެފައެވެ.

އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެންނަން ފެށުމުގެ ކޮޅުމަތި ރަސްމީކޮށް މިހާރު މިއޮއް ފާޅުވަނީއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކާއި ވެރިން މިކަމަށް މާބޮޑު އަހައްމިއްޔަތެއް ނުދިންކަމުގައިވިޔަސް އަޅުގަނޑުމެންނަކީ އިސްލާމްދީން ދިފާޢުކޮށް ޙިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅަން ތިބި މީހުންނަށް ވާއިރު، ކޮންމެ ކަމެއް ވަރިހަމަވެގެން ދެއަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. ދީނާއި ޤައުމުގެ ޖިހާދުގައި އަޅުގަނޑުމެން ކާބަފައިންވެސް ޖިހާދު ކުރެއްވި ގޮތަށް ޖިހާދުކުރެއްވުމަށް އަތުކުރި އޮޅުއްވާލައްވާށެވެ. ޤަލަމާއި ދުލުންނާއި ޖާނާ މާލުން މިކަމާއި އިދިކޮޅަށް ތެދުވެ ޖިހާދު ކުރައްވާށެވެ. އެއީ ﷲ ތަޢާލާގެ ކަލިމަފުޅަކީ އެންމެ މަތިވެރި ކަލިމަފުޅު ކަމުގައި ހެދުމަށްޓަކައެވެ.


މިލިޔުމާގުޅޭ އިތުރު ފޮޓޯ ބައްލަވާ ލައްވާ!

0 ޙިޔާލު: