އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުގެ އަގުހުރި ނަޞޭހަތްކޮޅެއް
ގައި 5/25/2009މ.ބަގީޗާގޭ އަލްމަރްހޫމް އޮނަރަބްލް އިބްރާހިމް ޝިހާބުއަކީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސަރުކާރާއި 2 ވަނަ ސަރުކާރުގައިވެސް ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށާއި ގައުމަށް ވަރަށް ވަފާތެރި ރައްޔިތުންނަށް ތެދުވެރި އިޚްލާސްތެރި ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވި މަގާމުތަކުގެ ތެރޭގައި އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ދިވެހިރާއްޖޭގެ ނައިބުރައީސްކަމުގެ މަގާމު ފަދަ ޒިންމާދާރު އިސް މަގާމުތައް ހިމެނެއެވެ. އަލްމަރްހޫމް ޝިހާބު މިއަދު އަޅުގަނޑުމެންގެ ގާތުގައި ނެތް ނަމަވެސް، އެމަނިކުފާނު އެކިއެކި މުނާސަބަތުތަކުގައި ދެއްވާފައިވާ އަގުހުރި ތަގުރީރުތަކަކީ އެތަކެތި ބަލާ އަޑުއަހާ ބަޔަކަށް ނުހަނު އިބުރަތްތެރި ތަކެއްޗަށްވާނެއެވެ.
ކޮއިމަލާއިން މިފަހަރު މިގެނެސްދެނީ މަޝްހޫރު ޔޫޓިއުބްގައި އަޕްލޯޑްކޮށްފައިވާ އަލްމަރްހޫމް ޝިހާބު ގެ ވަރަށް އަގުހުރި ތަގުރީރެއްގެ މުހިއްމު ތަންކޮޅެކެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އަލްމަރްހޫމް ޝިހާބު ދެއްވި މިތަގުރީރަކީ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ މަތިވެރިކަމާއި، ވޯޓު ދިނުމުގެ ކުރީން ތިމާ ވިސްނަންވީ ކަންތައްތަކާމެދު ވަރަށް ފުރިހަމައަށް ވިދާޅުވެދެއްވާފައިވާ ތަގުރީރެކެވެ.
އަލްމަރްހޫމް ޝިހާބުގެ ތަގުރީރުގައި ވިދާޅުވެފައިވަނީ "ވޯޓުދޭ ދުވަހު، މި ލަވާލައިގެން ބަޔަކު ގެންދިޔައީމާ ދާގޮތަށް ގޮސް، އެތާނގާ އަކުރެއް އަޅާފައި އައުމުން، އަޅުގަނޑުމެން ރައްޔިތުންގެ ގާނޫނީ ވާޖިބު އަދާވީއެއްނޫން. އެކަން ރަނގަޅަށް ދަންނަންވާނެ" ކަމުގައެވެ. މިއީ އެމަނިކުފާނު ވަރަށް ޖޯޝުން ފުރިގެންވާ ފަދަ ގޮތަކަށް ދެއްވާފައިވާ ވަރަށް އަގުހުރި ނަޞޭހަތެކެވެ. އެމަނިކުފާނު މިއިޝާރަތްކުރެއްވީ ވޯޓު ދެއްވުމުގެ ކުރީން ވަރަށް ރަގަޅަށް ވިސްނެވުމަށްފަހު، ތިމާގެ ރައްޓެހިން ނުވަތަ އާއިލީ މީހުން ވޯޓު ދޭގޮތޭ ބުނުމުގެ ބަދަލުގައި ތިމާއަށް ފެންނަ އެންމެ ރަގަޅު، އަދި މުޅި ގައުމުގެ ކުރިމަގަށްވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވޯޓު ދެއްވުމަށެވެ. މިއީ ކޮންފަދަ އިބުރަތްތެރި ވާހަކަފުޅެއްތޯއެވެ!
މިތަނުގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިއްމު ނުކުތާއަކީ އަލްމަރްހޫމް ޝިހާބު މިތަގުރީރު ދެއްވިއިރު ރައީސް މައުމޫނުވެސް އަރިހުގައި ސްޓޭޖްމަތީގައި އިންނެވިކަމެވެ. މައުމޫނު އަރިހުގައި އިންނެވިއިރުވެސް އަލްމަރްހޫމް ޝިހާބު ވާހަކަ ދެއްކެވީ މައުމޫނަށް ތައުރީފުކޮށް ނުވަތަ ޚުޝާމަދުކުރުމުގެ ގޮތަކުންނެއްނޫނެވެ. އެހެންނަމަވެސް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވާ ވިދާޅުވެދެއްވުމުގައެވެ. ކަމުގެ ހަގީގަތް ހާމަކޮށް، ހަގީގަތަށް ވާހަކަ ދެއްކުމުގެ ރިވެތި ސިފައަކީ މިހާރު އަޅުގަނޑުމެންގެ ތެރެއިން ހަމަ އެއްގޮތަކަށްވެސް ފެންނަ ސިފައެއްނޫނެވެ. މިޒަމާނުގައި މައުމޫނު އަރިހުގައި އިންނަވަނިކޮށް، މިފަދަ ތަގުރީރެއް ދޭން ކެރޭނީ މިހާރު ކާކަށްތޯއެވެ؟ މިއަދު މިފަދަ ތަގުރީރެއް ބޭފުޅަކު ދެއްވާނަމަ އިވޭނީ މައުމޫނު ކޮށްދީފައިވާ ކަންތަކުގެ ވާހަކައާއި، މައުމޫނު ފިޔަވައި އިތުރު މީހަކަށް ވޯޓު ދީގެން ނުވާނެޔޭ ކިޔައިގެން ދައްކާ، ވައިއެޅުވުމުގެ ވާހަކަތަކެވެ.
ލޮބުވެތި ކިޔުންތެރިންނެވެ. މީގެ އެތަކެއް އަހަރުކުރީން އަލްމަރްހޫމް ޝިހާބު މިވަނީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ވޯޓު ދެއްވާއިރު ވިސްނަންވީ ވަރަށް ގިނަ ކަންތައްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި، މިހާތަނަށް އަޅުގަނޑުމެން ގައުމުގެ ހުންގާނު ހަވާލުކޮށްފައިވާ ފަރާތުން، އެފަރާތުގެ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިވޭތޯއާއި، އެފަރާތަށް އިތުރު ފުރުޞަތެއް ދޭން ބޭނުންވޭތޯ ކަހަލަ ކިތަންމެ މުހިއްމު ކަންތައްތަކެއް އަލްމަރްހޫމް ޝިހާބު މިވަނީ ވިދާޅުވެދެއްވާފައެވެ.
އަލްމަރްހޫމް ޝިހާބުގެ މިއަގުހުރި ތަގުރީރު ތިޔަ ބޭފުޅުންވެސް ބައްލަވާލައްވާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބުގެ ވޯޓާމެދު ވަރަށް ފުންނަޒަރަކުން ވިސްނަވާނެކަމަށް ޔަގީންކުރަމެވެ. ވޯޓަކީ މާތްﷲ އަޅުގަނޑުމެން އިންސާނުންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. އެފަދަ މަތިވެރި އަމާނާތަކަށް ޚިޔާނަތްތެރި ނުވަމާތޯއެވެ! އަލްމަރްހޫމް އިބްރާހިމް ޝިހާބުއަށް ސުވަރުގޭގެ މާތް ނިޔުމަތާ ހެޔޮ ދަރުމަ މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރަމެވެ. އާމީން.
This entry was posted on 5/25/2009 and is filed under އިޖްތިމާޢީ . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment