ދަރިންނާއި ދިމާއަށް ހަޅޭއްލަވަންތޯއެވެ؟
ގައި 6/25/2008މަތީގައިވާ ސުރުޚީ ފެނުނީމާ އެކަމާމެދު ޙައިރާން ވެލައްވާ މައިންބަފައިންވެސް އުޅުއްވާނެއެވެ. ހިތައްއަރާނީ ތިމަންމެންގެ އަމިއްލަ ހިތައްވުރެ ލޯބިވާ ދަރިންނާއި ދިމާއަށް ހަޅޭއްލަވާ މައިންބަފައިންނެއް ނުތިބޭނެއެވެ. ނަމަވެސް އެކުރެވެނީ ކީއްކަން އެގިތިބެވެސް ނުވަތަ ނޭގިތިބެވެސް މިކަން ކުރެވޭތަން އާދެއެވެ. އަދި ތަކުރާރުކޮށް މިކަން ކުރެވޭތަންވެސް އާދެއެވެ. ނަމަވެސް އެކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟
ދަރިންނާ ދިމާއަށް ހަޅޭއްލަވާނަމަ އެކަމުގެ ސަބަބުން ފުންއަސަރުތަކެއް ކުރުވާނެތީ ކަންބޮޑުވާ މައިންބަފައިން ވަރަށްގިނަވާނެއެވެ. ނަމަވެސް މިކަން އެކިއާއިލާގައި އޮންނާނީ އެކިމިންވަރަށެވެ. އަދި މިކަމުގެ ސަބަބުން ކުރާއަސަރުވެސް އެއްކުއްޖަކާއި އަނެއްކުއްޖަކު ތަފާތުވާނެއެވެ. ނަމަވެސް މިގޮތުން ކުއްޖާއާއި ދިމާއަށް ބުނެވޭއެއްޗަކުން ކުއްޖާ ބިރުގަންނަނަމަ ނުވަތަ ހާސްވާނަމަ ކުޅެއުޅުމާއި ކިޔެވުމަށް ދަތިވާނަމަ އެކަމަކީ ކުއްޖާއަށް ވަރަށް ގެއްލުންހުރި ކަމަކަށް ވެދާނެއެވެ.
ދަރިންގެ ބޭނުންތައް
* އަންނަނިވި ކަންތަކަށް ދަރިން ބޭނުންވާނެއެވެ.
* އެކުދިންދެކެ ލޯބިވާކަމުގެ އިޙްސާސް ކުރުވުން
* އެކުދިން ރައްކާތެރި ކުރެވިފައިވާ ކަމުގެ އިޙްސާސް
* އަމާކަން އިޙްސާސްވުން
* އެކުދިންނަނީ އަގުހުރި ބައެއްކަން އިޙްސާސްވުން
* އެކުދިންގެ ވަށައިގެން އަޅާލުންދޭން ތިބިކަން އިޙްސާސްވުން
* އެކުދިންނަކީ ކޮންމެސް ކަމެއް ކާމިޔާބު ކުރުމުގެ ޤާބިލްކަން ހުރިކުދިންކަން އިޙްސާސްވުން
* އެކުދިންނަކީ ބައިވެރި ވެވިދާނެ، އެހީތެރި ވެވިދާނެ ކުދިންކަން އިޙްސާސް ކުރެވުން.
* އެކުދިންނަކީ އަމިއްލައަށް އެއްޗެތި ދެނެގަނެ އާކަންތައް ތަޖްރިބާ ކުރުމުގެ ފުރުޞަތު ލިބޭކުދިންކަން އިޙްސާސްވުން.
މަތީގައިވާ، ކުދިންގެ ބޭނުންތަކުން އެއްވެސް ކަމަކަށް އުނިވާގޮތަށް ދަރިންނާއި މުޚާޠަބް ކުރެވުމަކީ ނަފްސާނީ ގޮތުން އެކުދިންގެ ހެދިބޮޑުވުމަށް ގެއްލުން ލިބިދާނެކަމެކެވެ.
އާއިލާގެ އަސަރު
ބައެއް އާއިލާތަކަކީ އަޑުގަދަ އާއިލާތަކެވެ. ވާހަކަދައްކާއިރު އަޑުގަދަވުމާއި ހަޅޭއްލެވުމަކީ އެއާއިލާތަކުގެ އާދައެވެ. މިގޮތަށް ބޮޑެތިވާ ކުދިންނަށް އަދި ބާރަށް އެއްޗެއް ބުނުމަކުން (އެކުދިންގެ އަގުދައްކޮއްލާ މާނައެއްގައި ނުވަތަ ބިރުގަންނަގޮތަށް އެއްޗެއް ނުބުނާނަމަ) އެއީ މައްސަލައަކަށް ނުވެދާނެއެވެ.
މިފަދަ އާއިލާތަކުގެ ކުދިންނަށް ބައެއްފަހަރު ސްކޫލްގައި މައްސަލަ ދިމާވާނެއެވެ. އެއީ ޓީޗަރުންނާއި އެފަދަމީހުން އެކުދިންނަށް މަޑުމައިތިރިކޮށް އެއްޗެއް ބުނުމުން އެއާއި އެއްގޮތަށް ސަމާލުކަންދީ ޢަމަލުކުރަން ދަތިވާނެއެވެ.
މައިންބަފައިން ރުޅިއައިސްގެން ދަރިންނާއި އަޑުގަދަކޮށް މުޚާޠަބް ކުރާނަމަ އެކަންކުއްޖާ ދެނެގަނެ ބިރުގަނެ ޖެހިލުންވާނެއެވެ.
ދެމަފިރިން އެކަކު އަނެކަކާއި އަޑުގަދަކޮށް މުޚާޠަބްކޮށް ހަދާނަމަ އެއަޑުއަހާ ދަރިފުޅަށް އެކުއްޖާއަށް ބޭނުންވާ އަމާންކަން އިޙްސާސެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ރުޅިއައިސްގެން އެކަކު ނަމަވެސް ގެއިން ގޮސްފިނަމަ އެކުދިންނަށް އަޅާލާ ބަލަހައްޓާނެ ބަޔަކުތިބިކަމުގެ އިޙްސާސްގެއްލި ބިރުގަންނާނެއެވެ. އެއީ އެކުދިންގެ އިތުބާރުގެއްލިދާނެ ކަމެކެވެ.
މައިންބަފައިން ދަރިންގެ ކުރިމަތީގައި އެކަކު އަނެކަކަށް ފާޑުކިޔާ ހަދާނަމަ އެކުދިންނަށް އޮންނަން ބޭނުންވާ އަމާކަން ގެއްލި އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިގެން ދާނެއެވެ. އެއީ މައިން ބަފައިންގެ ތެރެއިން ކޮންމެ މީހަކީވެސް އެކުއްޖާގެ އެއްބައެވެ. އެއިން އެއްވެސް ބައެއްގައި އުނިކަންހުރިނަމަ އެކުއްޖާގެ ވެސް އެއުނިކަން ހުރިކަމުގެ އިޙްސާސް އޭނާކުރާނެއެވެ.
އާއިލާއަކީ އަބަދު އަޑުގަދަކޮށް ހަދާ އާއިލާއެއް ނަމަ އަދި އޭގެތެރެއިން އެކަކު ބުނަންބޭނުންވާ އެއްޗަށް އަނެކަކު ސަމާލުކަންދޭތޯ މަސައްކަތް ކުރަންޖެހޭނަމަ ދަރިންނަކީ ރަގަޅަށް އަޑުއަހާ ބަޔަކުކަމުގައި ވެފައި އަނެކާދައްކާ ވާހަކަ އަޑުއަހާ ކުދިންކަމުގައި ނުވާނެއެވެ.
ކުޑަކުދިން
ހަޅޭއްލެވުމާއި އަޑުގަދަ ކުރުމަށް ހޭނުމުގައި ކުޑަކުދިން އެކުއްޖަކާއި އަނެއްކުއްޖަކު ތަފާތުވާނެއެވެ. ބައެއްކުދިން އެހާބޮޑަށް އެކަން ފާހަގަ ނުކޮށްފާނެއެވެ. އަނެއްބައިކުދިން ގަދައަޑުން ބުނާއެއްޗެއް އިވުމުން ސިހި ބިރުގަންނާނެއެވެ. ގިނަގިނައިން ހަޅޭއްލަވާނަމަ އެއީ ކުދިންނަށް ވަރަށް ބިރުހުރި ކަމެކެވެ.
ޅަކުދިންނާއި އަދި ވަރަށް ތުއްތުކުދިންވެސް އަޑުގަދަ ކުރާއަޑު އިވުމުން ސިހި ބިރުގަންނާނެއެވެ. ޚާއްޞަގޮތެއްގައި ފުންއަޑު ހުންނަ ފިރިހެނުންގެ އަޑަށެވެ.
ގަދައަޑުން ވާހަކަދެއްކުމުން ދަރިންނަށް ކުރާ އަސަރުދެނެގަތުމާއެކު ދަރިން ބިރުގަނެ ނާމާންކަން އިޙްސާސްވާގޮތަށް ކުރެވޭ ހުރިހާކަންތަކެއް ބަދަލުކުރަން ޖެހޭނެއެވެ.
ބުނެވޭއެތި
ރުޅިއައިސް ހުންނަވަގުތު އަޑުގަދަވުމާއެކު އަޑުގަދަވުން އެއްކިބާގައި އޮއްވާ ބުނެވޭއެއްޗެއްގެ އަސަރު ވަރަށްތޫނުކޮށް ފެންނާނެއެވެ. ކުދިންނަށް އެންމެ ބޮޑަށް އަސަރުކުރާނީ މިގޮތުން ބުނެވޭ އެއްޗެއްގެ ސަބަބުންނެވެ.
އެއްވެސް އެއްޗެއް އެބުނެވެނީ ދަރިފުޅުގެ އަމިއްލަ ނަފްސުގެ އިތުބާރު ގެއްލޭގޮތަށް ކަމުގައިވާނަމަ އެއިން އެދަރިފުޅަށް ގެއްލުން ލިބޭނެއެވެ.
މައިންބަފައިންވެސް ބައެއްކަންތަކާމެދު ރުއިއައިސް އެރުޅިގަޑު ބުރުވާލަން ބޭނުންވެފައި ހުންނަ ވަގުތުތަކުގައި ވެސް ބުނެވޭއެއްޗަށް ސަމާލުކަން ދޭންވާނެއެވެ.
ރުޅީގެ ވަގުތުގައިވެސް އެރުޅިދުއްވާލުމަށް ބުނެވޭ އެއްޗަކީ އޭގެސަބަބުން ދަރިފުޅަށް ގެއްލުންވާ އެއްޗަކަށް ވެގެންނުވާނެއެވެ.
ދަރިން، ޚާއްޞަކޮށް ކުޑަކުދިން އެކުދިންގެ އަމިއްލަ ނަފްސު ނިޔާކުރާނީ އެކުދިންގެ މައިންބަފައިން އެކުދިންނާމެދު ކަނޑައަޅާ މިންގަޑެއްގެ މައްޗަށް ބަލާފައެވެ. މިގޮތުން ކުއްޖާ ދައްކުރާގޮތަށް ފާޑުކިޔާ ފާޑުކިޔުމަކީ ކުއްޖާއަށް ގެއްލުން ލިބޭނެކަމެކެވެ. ހަމައެގޮތަށް ކުއްޖާއަށް ބިރުދައްކާގޮތަށް ބުނެވޭ އެއްޗިއްސަކީ އެކުދިންނަށް ގެއްލުންލިބޭނެ އެއްޗިއްސެވެ.
ކުއްޖާއަށް ގެއްލުން ލިބިދާނެ ބައެއް ބަސްބަސް
* ބިރުދެއްކުން - "ދެން ކިތަންތައް ކޮއްފިނަމަ އެވެނިކަމެއް ކުރަންޖެހިދާނެ"
* އަޅާކިޔުން - "ކަލޭގެ ދައްތަ އުޅޭހެން ބަސްއަހައިގެން އުޅެން ނޭގެނީ ކީއްވެގެންހެއްޔެވެ؟"
* ލޭބަލްކުރުން - "ތިއީބޮޑު .... ގޮޑު .. ކަންނެތް... ނުލަފާ.. މޮޔަ.. އުދަގޫ.. ފަލަ.. ލަދުގަނުގަންނަ.. ފައިދާއެއް ނުކުރާ.."
* ކުއްވެރިކުރުން - "ތިކަމާހުރެ އަހަރެންގެ ބޯހަލާކު!.. ވަރުބަލިވެއްޖެ.. ގޮތް ހުސްވެއްޖެ.."
* ދައްކުރުން - "އަހަރެން ތިކަން ކޮއްފާނަން ދުވަހަކުވެސް ކަމެއް ރަގަޅަށް ކުރާކަށް ނޭގޭނެ!”
* ހިތްވަރު އެލުވާލުން - "ދުވަހަކުވެސް ކަމެއް ރަގަޅަށް ކުރަންނޭގެނީ ކީއްވެގެންތަ؟"
ނަފްސާނީގޮތުން އެބިޔޫސް ކުރެވުމަކީކޮބާ؟
ނަފްސާނީގޮތުން ކުއްޖާއަށް ހިތާމައެއްލިބޭ ނުވަތަ ހިތާމައެއް ލިބިދާނެ ގޮތަކަށް ކަންތައް ކުރެވުމެވެ. އަދި ނަފްސާނީގޮތުން ކުއްޖާ ހެދިބޮޑުވުމަށް ނުރައްކަލާއި ކުރިމަތިވެދާނެ ފަދަގޮތަކަށް ކަންތައް ކުރެވުމެވެ.
This entry was posted on 6/25/2008 and is filed under އިޖްތިމާޢީ . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
0 ޙިޔާލު:
Post a Comment