މުސްތަޤުބަަލު ބިނާކުރަން އެންމެ ރަނގަޅު ވާނީ ކަންކަން ހާސިލް ކޮށްފައިވާކަމުގެ ޔަޤީންކަމުގެ މައްޗަށް: ޒަޢީމް މައުމޫން
ގައި 8/28/2008
މުސްތަގުބަލް ބިނާކުރަން އެންމެ ރަނގަޅުވާނީ ކަންކަން ޙާސިލްކޮށްފައިވާކަމުގެ ޔަގީންކަމުގެ މައްޗަށް ކަމުގައި ޑިއާރްޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔުމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯ ރަސްމީގޮތުން އިޢުލާން ކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން 2008ގެ މެނިފެސްޓޯ އިޢުލާން ކޮށްދެއްވަމުން ޒަޢީމް މައުމޫން ވިދާޅުވީ ގިނަ ޕާޓީތަކެއް ވާދަކުރާ ރިޔާސީ އިންތިޚާބަކީ މިޤައުމަށް އެންމެ ރަނގަޅުގޮތް އިޚްތިޔާރު ކުރުމަށް އަޅުގަނޑުމެންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމުގައެވެ. އަދި ރައީސަކު އިންތިޚާބު ކުރެއްވުމަށް ދިވެހި ރައްޔިތުން މިނިންމަވާ ނިންމެވުން ވެގެންދާނީ ވަރަށް ތައުލީމީ ރައްޔިތެއް ނިންމަވާ ވިސްނުން ތޫނު ނިންމެވުމަކަށް ކަމުގައިވެސް ޒަޢީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ތެރެއިން 98 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންކަމުގައި ވިދާޅުވަމުން ޒަޢީމް ވިދާޅުވީ މިއީ ހުޅަގުގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާ ފައިހަމަކޮށްލެވޭ ވަރުގެ ނިސްބަތެއްކަމުގައެވެ. އަޅުގަނޑުމެންގެ މިދިވެހި ރާއްޖެއަކީ މިހާރު އިތުބާރާއިއެކުގައި ކުރިމަގު އެކަށައެޅުމުގެ ޤާބިލްކަަަަަަަަން ލިބިފައިވާ ޤައުމެއްކަމުގައި ވިދާޅުވަމުން ޒަޢީމް ވިދާޅުވީ އެއީ ދިވެހި ރައްޔިތުންގެ މިންނަތް މަސައްކަތުން މިޤައުމަށް ވަރަށް ބޮޑަތި ކާމިޔާބީ ތަކަކާއި ކުރިއެރުންތަކެއް ހޯއްދަވާފައި ވާތީކަމުގައެވެ. އަދި ދުނިޔޭގެ އެންމެ ފަޤީރު އެއް ޤައުމުގެ ގޮތުގައި އޮތް ޤައުމެއް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު، މިހާރު ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ މަތީ ޤައުމަށް ވެފައިވާތީ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިޤައުމު މިހާރު މިވަނީ އާއުސްމިންތަކަކަށް ދާން ތައްޔާރަށް ކަމަށް ވާތީކަމުގައިވެސް ޒަޢީމް ވިދާޅުވިއެވެ.
މިބީދައިން ވާހަކަފުޅު ދައްކަވަމުން ޒަޢީމް މައުމޫން ވިދާޅުވީ ޑީއާރްޕީގެ މެނިފެސްޓޯގައި ހިމަނުއްވާފައި ވާނީ މިހާތަނަށް ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ މަައްޗަށް ބިނާކޮށް އިތުރު ތަރައްގީ ގެނައުމަށް ކުރައްވާ މުހިއްމު ވަޢުދުތަކެއްކަމުގައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒަޢީމް ގޮވައިލެއްވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާނެކަން އިޢުލާން ކޮށްފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެނިފެސްޓޯތައް ރަނގަޅަށް ބައްލައި ދިރާސާ ކުރެއްވުމަށެވެ. އެމީހުން އެބުނާ ކަންތައްތަކަކީ އަޅުގަނޑުމެންގެ ޙާލަތާއި ވަސީލަތްތަކާއި ފުދުންތެރިކަން ހުރި މިންވަރުން ކުރެވިދާނެ ކަންތައްތަކެއްތޯ ވިސްނަވާލެއްވުމަށްވެސް ޒަޢީމް މައުމޫން އެދިވަޑައިގެންނެވިއެވެ. މިސުވާލު ކޮންމެ ރައްޔިތަކުވެސް އެބޭފުޅެއްގެ އަމިއްލަ ނަފްސާއި ކުރެއްވުމަށް އިލްތިމާސް ކުރައްވަމުން ޒައީމް ވިދާޅުވީ ކޮށްދެން ބުނާ ކަންތައްތައް ކޮށްދެވޭނީ ކޮން ކެންޑިޑޭޓަކަށްތޯ އަމިއްލައަށް ވިސްނުމަށްފަހު ކަނޑައަޅުއްވަން ޖެހޭނެކަމުގައެވެ.
ކުރިއަށް އޮތް ފަސްއަހަރު ޒައީމް މައުމޫންގެ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކުރައްވާފައި ހުންނާނެކަމުގައި ވިދާޅުވަމުން ޒަޢީމް ވިދާޅުވީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކާއި ކުރިމަތިލައްވާނެ ގޮތްތައްވެސް ވަރަށް ސާފުކޮށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައި ވާނެކަމުގައެވެ.
ރޭގެ ޖަލްސާގައި މެނިފެސްޓޯ ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވުމަށްފަހު މެނިފެސްޓޯގައިވާ މައިގަނޑު ވަޢުދުތައްވެސް ޒަޢީމް މައުމޫން ވިދާޅުވެ ދެއްވެވިއެވެ.
- އިސްލާމް ދީން ފިޔަވާ އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭނެކަމުގެ ވަޢުދު
- ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަން ދިރުވައި ކުރިއަރުވާނެކަމުގެ ވަޢުދު
- ރާއްޖެއަށް ލިބެމުންމިދާ އިޤްތިޞާދީ ތަރައްގީއާއި ތަނަވަސްކަން އިތުރުކޮށް އޭގެ ފައިދާ އިންސާފުވެރި ގޮތެއްގައި އެންމެންނަށް ލިބޭނެ ގޮތް ހަދައިދޭނެކަމުގެ ވަޢުދު
- މަސްތުވާ ތަކެއްޗާއި ކުށްކުރުމުން ސަލާމަތްވެފައިވާ މުޖްތަމައެއް ބިނާކުރާނެކަމުގެ ވަޢުދު
- ދިމިޤްރާތީ ބިންގާތަށް ވަރުގަދަކޮށް ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ހެޔޮގޮތުގައި ވެރިކަން ހިންގާނެކަމުގެ ވަޢުދު
- ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ފުޅާކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭނެކަމުގެ ވަޢުދު
- ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ އެންމެންނަށް ރަނގަޅު ސިއްހީ ޚިދުމަތެއް ލިބޭނެ ކަމުގެ ވަޢުދު
- ދިވެހި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދައިދޭނެކަމުގެ ވަޢުދު
- ރާއްޖޭގެ ރައްޔިތުންނަކީ އެކަކު އަނެކަކަށް އަޅާލާ އުފާވެރި މުޖްތަމައެއްގައި ދިރިއުޅޭ ބަޔަކުކަމުގައި ހަދާނެކަމުގެ ވަޢުދު
އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިފައިވާ މައިގަނޑު ވަޢުދުތަކަކީ މިއީ ކަމުގައި ވިދާޅުވަމުން އެ ވަޢުދުތައް ފުއްދައިދެއްވުމަށްޓަކައި ކުރަންޖެހޭ ތަފާތު ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައި ވާނެކަމުގައި ޒަޢީމް ވިދާޅުވިއެވެ. ޒަޢީމް މައުމޫނުގެ ވާހަކަފުޅު ނިންމަވާ ލައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ލިބިފައިމިވާ ބޮޑަތި ކާމިޔާބީތަކާއި ކުރިއެރުންތަކަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ފަޚުރުވެރިވެ، އެކާމިޔާބީތައް ގެއްލިގެން ދިއުމުގެ ފުރުސަތު ނުދެއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭނެކަމުގައެވެ. އަދި ލިބިފައިމިވާ ކާމިޔާބީތަކުގެ މައްޗަށް އާއުސްމިންތަކަށް ރާއްޖެ ގެންދިއުމަށް ހުރިހާ ދިވެހި ރައްޔިތުން މަސައްކަތް ކުރެއްވުމަށްވެސް ޒައީމް މައުމޫން ގޮވައިލެއްވެވިއެވެ.
ރޭގެ ޖަލްސާގައި ޒައީމް މައުމޫންގެ ރަނިންމޭޓް އަލްފާޟިލް އަޙްމަދު ތަސްމީނު ޢަލީ ވިދާޅުވީ ޒައީމް މައުމޫނަކީ ޤައުމަށް ބޮޑަތި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ އަދި ދައުލަތް ހިންގުމުގައި ކާމިޔާބު ނަތީޖާތަކެއް ދައްކުވައި ދީފައިވާ ވެރިއެއް ކަމުގައެވެ. ވޭތުވެ ދިޔަ ތިރީސް އަހަރު އެމަނިކުފާނު ދައްކުވައި ދެއްވާފައިވާ ނަތީޖާތަކަށް ބެއްލެވުމުން އެމަނިކުފާނަކީ ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ބޭނުންވާ ތަރައްގީއާ ކުރިއެރުމާއި، ރައްޔިތުންނަށް ބޭނުންވާ އުފާ ފާގަތިކަން ގެނެސްދެއްވުމަށް އެންމެ ޤާބިލް ކެންޑިޑޭޓްކަން ޔަގީންވެގެން ދާކަމުގައިވެސް ތަސްމީނު ވިދާޅުވިއެވެ.
ޤައުމީ ތަރައްގީގައި އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިވާ ހިސާބުން އަޅުގަނޑުމެންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއެކު ކުރިއަށްއޮތް ފަސްއަހަރު ވެގެންދާނީ ވަރަށް މުހިއްމު ފަސްއަހަރަށް ކަމުގައިވެސް ތަސްމީނު ވިދާޅުވިއެވެ. އަދި އެފަސްއަހަރު ވެގެންދާނީ ޤައުމީ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ދިވެހި ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި ވަރަށް މުހިއްމު ފަސްއަހަރަށް ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެން މިކުރިމަތިލަނީ ޑިމޮކްރެޓިކް ނިޒާމެއްގައި އަންނާނެ ވަރަށް މުހިއްމު ދުވަހަކަށް ކަމަށް ވިދާޅުވަމުން ތަސްމީނު ވިދާޅުވީ އަންނަންއޮތް ރިޔާސީ ދައުރުގައި ދަޢުލަތް ހިންގުމުގެ މަގާމަށް ބޭފުޅަކު އިސްކުރުމުގެ ދުވަހަކީ ވަރަށް މުހިއްމު ދުވަހެއް ކަމުގައެވެ.
މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދިވެހި ޤައުމަށް ގެނެސްދެއްވާފައިވާ ކުރިއެރުމާއި ތަރައްގީއަށާއި ޙާސިލް ކޮށްދެއްވާފައިވާ ކާމިޔާބު ނަތީޖާތަކަށް ބައްލަވައި އިންތިޚާބުގައި ގޮތެއް ނިންމަވައދެއްވުމަކީި މުޅި ދިވެހި ޤައުމަށް ލިބޭނެ ފަޚުރެއްކަމުގައިވެސް ތަސްމީނު ވިދާޅުވިއެވެ.
This entry was posted on 8/28/2008 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment