ތިރީސް އަހަރު ކުރިން …

ގައި 8/29/2008


ނެތޭ ރަނގަޅު ކާނާ ލިބޭކަށް ދަރިންނޭ
ނެތޭ ސާފު ބޯފެން ލިބޭކަށް ކުދިންނޭ
ނެތޭ މަކްތަބެއް ދާނެ ރަށްރަށު ކުދިންނޭ
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ޅަކަށިކެޔޮ، ޅަބަނބުކެޔޮ ހޮވައިގެން ކަނީ
އެވެސް ނުލިބިގެން ވަލުތެރޭ ދުވެނެގީ
ހަނޑޫކޮޅު އެ ހުދުކާޅަކަށްވުރެ ތަދީ
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ބޮނީ ފެން ވަލުން ވަޅުގަނޑެއް ކޮނެނަގާ
އޮތީ ކިސަޑު ވެއްޔާއި ކުނި އެކުވެފައި
ނެތޭ މީދަލުން ވަޅު ޙިމާޔަތްވެފައި
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ދަނީ ކިޔެވުމަށް އެދުރު ދައިތަގެ ގެއަށް
ދަނީރާގު މަޚުރަޖު ކިޔޭ ގަބުޅިއަށް
އެއީ އޭރު ޔުނިވަރސިޓީފެންވަރަށް
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭ ގޭ ފުރާޅުން ހިޔާވާކަށެއްް
ނެތޭ ގޭ ބިތުން ފަހެ ނިވާވާކަށެއް
ހުރީ ރޯނުފުރި، މަކުނުއެޅި އެނދު ނިދަން
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭ ހޫނުގަދައިރުގަ ފަންކާގަނޑެއް
ނެތޭ ލާނެ ރަޖައެއް މަ ހީކެރުވިޔަސް
އޮތީ ވިނދުނު ފަންގަނޑު އަޅަން ގައިދަށުން
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭ ލާރި ހޯދަން ކުރާނޭކަމެއް
ނެތޭ ވަދެ އޮފީހަށް އުޅޭ ފެންވަރެއް
ނެތޭ ޢިލްމު ހޯދޭނެ ގިނަގޮތްގޮތެއް
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ފަތިހު އަންހެނުން ގޮސް ވަލަށް ވަންނަނީ
ފަތިހު ފިރިހެނުން ތެދުވެ މަހަށޭ ދަނީ
ދަރިންކޮޅު ނުތާހިރުވެ ރޮއިރޮއި ތިބީ
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ދަނީ ބޮޑުކަމަކުނަމަ އަތިރިމައްޗަށޭ
އެއީ ލަދުކަމެއްކަމަކު މަޖުބޫރެކޭ
ދަނީ ނުވަތަ ގިފިލީ ހަނޑަސްބުރިޔަށޭ
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ވަލުންގެންނަ ދޮންމަދު ދަރިން ކާނެޔޭ
އެއިން ބަލިވެ ކެއްސާފަ ހޮޑުލާނެޔޭ
އެއީ ވާލު، މީދަލުގެ ނަޖިހޭ ކެވޭ
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭދާނެ ބަލިވީމަ ޑޮކްޓަރުގެއެއް
ނެތޭ ކާނެ ބޭހެއް ލިބޭކަށް ތަނެއް
އޮތީ ފަންވަތާ، ތަށި، ތަވީދޭ އެޅުން
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭ ފަޅުތެރޭ އޮޑި އެޅޭނޭ ގޮތެއް
ނެތޭ މުޅި ފަޅާއެކު ނުހިކި އޮތް ގަލެއް
ނެތޭ ދިޔަވަރަށް ފާރަލުން ނޫންގޮތެއް
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ކުރުން ދަތުރު އަސްތާ އެއީވާކަމެއް
އެތައް ގިނަ ދުވަސް ކަނޑުމަތީ ވާކަމެއް
އަތުން ފަލިއަޅާ ފޮޅުނަގާ ދާކަމެއް
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

ނެތޭ ދުރުތިބީންނަށް ގުޅޭނޭގޮތެއް
ނެތޭ ދަރި އަބިން ޙާލު ބެލެވޭ ގޮތެއް
ނެތޭ ރަށު ޚަބަރުވެސް ލިބޭނޭ ގޮތެއް
މިއީ އުޅުނު ޙާލޭ ތިރީހުގެ ކުރިން.

މިހެންހުރި އެތައް ޢަދަދު ނުވި ކަންތަކޭ
މިހެން ލިޔެ ކޮޅުންލާކަށެއް ވެސް ނެތޭ
މިއީ ލޯމަތީ ވީ އެތައް ކަންތަކޭ
މިއީ ބަދަލުނުވެވޭ ޙަޤީޤަތްތަކޭ.

މިކަންކަން މިޤައުމުން ދެކޭށޭ އަލުން
ނިކަންހުރެ ތަރައްޤީވި ގޮތްތައް ލޮލުން
މިކަން ތަޖުރިބާކޮށް، ބުނޭ ރައްޔިތުން
ލިބިއްޖޭ ތަރައްޤީތިރީހުގެ ތެރޭން.

1 ޙިޔާލު:

Anonymous said...

މިލެން ހަބޭސް، ހަމަ ހޭބޭސް. ތިބުނާހެން ކޯލުންނުލާނެ.