ގައި 9/02/2008

ރައީސް މައުމޫންގެ ޤައުމީ ޚިދުމަތުގެ ތެރެއިން - ރާއްޖެތަރައްޤީ ކުރެއްވުމުގެ ޚިދުމަތްތަކަށް އަވަސް ނަޒަރެއް- 8

2 ސެޕްޓެމްބަރ 2008 (އަންގާރަ)



1986
ވަނަ އަހަރު

1978
ވަނަ އަހަރު ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދެވުމުގައި އަޅުއްވަންފެއްޓެވި ފިޔަވަޅުތަކާއި އޭރު ރާއްޖެތެރޭގެ ރަށްރަށުގެ ޙާލަތު އޮތް މިންވަރާއި އެކަންކަމުން ރާއްޖެތެރޭގެ ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް މައުމޫން ކުރެއްވި ބުރަ މަސައްކަތްތަކާއި ރާއްޖެތެރޭގެ ރަށްރަށް ތަރައްޤީ ވަމުންދާގޮތާއި ރާއްޖޭގެ ދަރިންނަށް ތަޢުލީމް ލިބޭނޭގޮތް ހައްދަވައި ދެއްވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ މުހިންމު ބައިތަކާއި އެރޮނގުގައި ދިވެހިންނަށް ލިބުނު ކުރިއެރުމުގެ ވަރަށް ކުޑަ މިންވަރެއް މިހާރު ވަނީ ތިޔަ ބޭފުޅުންނަށް ދަންނަވާ ލެވިފައެވެ.
ޝައްކެއްނެތެވެ. ރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށް ގެންދެވުމަށް އޭރު މައުމޫން ކުރެއްވި މަސައްކަތްޕުޅުތައް އެހާ ބޮޑަށް ކާމިޔާބު ކުރެވުނީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާޢީދާއި އެއްބާރުލެއްވުން އެމަނިކުފާނަށް ފުރިހަމަ އަށް ލިބެމުން ދިއުމާ އެކުގައެވެ. އެވެނިމިވެނި ކަމެއް ނުވެގެން ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ ގަނޑުވަރުދޮށަށް އެއްވެ ހަޤީޤަތާއި ޚިލާފު ގޮވުންތައް ގޮވާ ހަޅޭއްފަޅޭއްލަވައި، އަމަނު ބަލަހައްޓާ ފަރާތްތަކަށް ހުރަސް އެޅުން ފަދަ އެއްވެސް ކަމެއް ނުހިގައެވެ. އެހެންކަމުން 1986 ވަނަ އަހަރަކީ ވެސް ތަރައްޤީގެ މަގުގައި މުހިންމު ރޮނގުތަކުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވި އަހަރެކެވެ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެ ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރުވެގެން ދިޔަ އަހަރެކެވެ.
ޝައްކެއްނެތެވެ. 1986 ވަނަ އަހަރަކީ ވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ރޮގުންނާއި އުމްރާނީ ގޮތުން ކުރިއެރުންތަކެއް ލިބުނު އަހަރެކެވެ. އުމްރާނީ ގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި އެހާތަނަށް ކުރެވުނު އެންމެ ބޮޑު އެއް ޢިމާރާތް ކަމުގައިވާ ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ޢިމާރާތްކޮށް ނިމިގެން 86 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުވިފައެވެ. އޭގެ އިތުރަށް ހަމަ އެއަހަރު ރާޢްޖެތެރޭގައި ކުރެވުނު ޢިމާރާތްތަކުގެ ތެރޭގައި ރާއްޖެތެރޭގައި އަލަށް އަޅައި ދެއްވި 9 މިސްކިތާއި ރަށު އޮފީހާއި ރަށުކޯޓާއި، ރަށްވެހިގޭގެ 16 ޢިމާރާތާއި 3 އަތޮޅު އޮފީހާއި 2 މަކްތަބް ހިމެނެއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ކޮންމެވެސް ހައްލެއް ގެނެވުމުގެ ގޮތުން 1979 ވަނަ އަހަރުން ފެށިގެން ހިންގަމުން ގެންދެވި މުހިންމު މަސައްކަތް ކަމަށްވާ މާލޭ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 6.3 މިލިއަން އަކަފޫޓް މާލޭގެ ބިމަށް އިތުރު ކުރެވުނެވެ. މިއީ މިމަޝްޜޫއު ފެށުމުގެ ކުރިން މާލޭގެ ބިމުގެ ގާތްގަޑަކަށް ½ އާއި އެއްވަރު ބޮޑުމިނެކެވެ. އަދި މީގެ އިތުރުން މާލޭގެ ވިޔަފާރީ ބަނދަރުގެ ފުރަތަބައި ހެދުމާއި، ސަރުކާރުގެ އޮފީސް ތައް ހިންގުމަށްޓަކައި ހުރަވީ ބިލްޑިންގ ގެ ޢިމާރާތް ކޮށް ނިންމުނެވެ. އަދި މާލޭގެ މަގުތައް ހަލާކުވެ ބައެއް ހިސާބުން ފެން ނުހިކޭގޮތް ދިމާވަމުން ދާތީ އާއި މީގެ ސަބަބުން ހިނގާބިނގާވާ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ އާއި، ޚާއްސަކޮށް ސްކޫލް ކުދިން ސްކޫލަށް ގޮސް އައުމުގައި ދިމާވަމުންދާ ދަތިތައް ފިލުވައި ދެއްވުމުގެ ގޮތުން މާލޭގެ މަގުތައް ހެދުމަށްޓަކާ މަގުހެދުމާއިބެހޭ މަސައްކަތް ހިންގާނޭ ބައެއް މާލޭ މުނިސިޕަލްޓީ ގައި އުފައްދަވައި މަގުތައް ހެދުމުގެ މަސައްކަތް 86 ވަނަ އަހަރު ފެއްޓެވިއެވެ.
1986
ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ތަޢުލީމީ މަރުކަޒެއް ހުއްޓެވެ. އަދި ފުވައްމުލަކު ފިޔަވައި ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާ އެއް ހިނގަމުންދެއެވެ. އެހެން ކަމާއިއެކު އެއަހަރު ނިމުނުއިރު މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން ތަޢުލީމްދޭ 48 ތަން ހުއްޓެވެ. އަދި މީގެ އިތުރުން ސަރުކާރުން އެހީ ލިބިގެން ހިންގާ 36 މަދަރުސާ އާއި 49 މަކްތަބް ވެސް ހުއްޓެވެ. އެއަހަރު ނިމުނު އިރު މުޅި ރާއްޖޭގައި ތިބި ކިޔަވާ ކުދިން (ދަރިވަރުން) ގެ ޢަދަދު 50055 އަށް އަރައިފިއެވެ. އަދި ރާއްޖެއިން ލިބެން ނެތް ފެންވަރުގެ ތަޢުލީމާއި ފަންނީ ތަޢުލީމް ހޯދައިދިނުމަށްޓަކައި 230 ކުދިން ރާއްޖެއިން ބޭރަށް ފޮނުއްވިއެވެ.
ޞިއްހީ ދާއިރާ ގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނޭގޮތް ހަމަޖެއްސުން ކަމަށް ވުމާއިއެކު، އެމަސައްކަތް 86 ވަނަ އަހަރު ވެސް ވަރަށް ހަލުއިކަމާއިއެކު ކުރިއަށް ގެންދެވިއެވެ. ހަމައެކަނި 86 ވަނަ އަހަރުވެސް ރާއްޖެތެރޭ 17 ރަށެއްގައި 10000 ހާސް ލިޓަރ ފެން ރައްކާކުރެވޭ 121 ތާނގީ ހައްދަވައި ދެއްވިއެވެ.
އަދި ހަމައެފަދައިން މާލޭގެ ބޯފެނާއި ފާޚާނާ ހޮޅި (ނަރުދަމާހޮޅި) ތަކުގެ ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ހަލުއިކަމާއިއެކު 86 ވަނަ އަހަރު ވެސް ކުރިއަށް ދިއައެވެ. 86 ވަނަ އަހަރު ނިމުނު އިރު މާލޭގެ މަގު ތަކުގެ ތެރެއިން 9670 މީޓަރ މަގުގައި ވަނީ ފާޚާނާ (ނަރުދަމާ) ގެ ހޮޅި ވަޅުލެވިފައެވެ. އަދި 360 މީޓަރ ދިގުމިނުގައި ވަނީ ބޯފެން ގެންނަ ހޮޅި ވަޅުލެވިފައެވެ. މި މަޝްރޫޢަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ މަޝްރޫޢަކަށް ވާތީ މި މަޝްރޫޢު ހިންގަވާފައި ވަނީ ބޭރުގެ އެހީއާއިއެކުގައެވެ.
1986
ވަނަ އަހަރުގެ ކުރީކޮޅު އިޤްތިޞާދީ ބައެއް ދަތިތަކާއި ކުރިމަތިވި ނަމަވެސް އަހަރު ނިމުނުއިރު އިޤްތިޞާދީ ގޮތުން ވެސް ހިތްހަމަޖެހޭ ފަދަ ނަތީޖާ ތަކެއް ވަނީ ދައްކާފައެވެ. ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު ބައި ކަމުގައިވާ މަސްވެރިކަމުގެ ކަންތައްތައް ތަރައްޤީ ކުރުމަށް ވެސް 86 ވަނަ އަހަރު ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން އެޅުއްވި އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ފެލިވަރުގައި ކުރިން ހުރި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާގެ ބަދަލުގައި އެރަށުގައި އިތުރު ކާރުޚާނާ އެއް ހުޅުއްވުމެވެ. ހަމައެފަދައިން ދެކުނުގެ 5 އަތޮޅުގައި ހިންގުމަށް ހަމަޖައްސަވާފައިވާ މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީލުގެ 100 މަސްދޯނީގެ ތެރެއިން 82 ދޯނި މިދިޔަ އަހަރުގެ ނިޔަލަށް ބަނދެ ނިންމުނެވެ. އަދި މަސް އެއްކުރާ 9 ބޯޓް 86 ވަނަ އަހަރުގެ ނިޔަލަށް ބަނދެނިމުނެވެ.
އަދި ރާއްޖޭން ބޭރަށާއި ރާއްޖެތެރޭގައި ވައިގެ ދަތުރުތައް އިތުރުވަމުން ދާނެތީ މާލޭގެ ބައިނަލް އަޤްވާމީ އެއަރޕޯޓް އެއިރު އޮތްވަރަށްވުރެ ބޮޑު ކުރުމަށާއި އެތާނގައި އިތުރު ޢިމާރާތްތައް ހެދުމުގެ މަޝްރޫޢެއް ވެސް 86 ވަނަ އަހަރު ވަނީ ރާވާފައެވެ. ހަމައެފަދައިން ގަމުގެ ވައިގެ ބަނދަރު އެކަށީގެންވާ ރަގަޅު ފެންވަރަކަށް ގެނައުމަށްޓަކައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގެ ދަށުން ކުރައްވާ މަސައްކަތްތައް ވެސް 86 ވަނަ އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ. ވައިގެ ދަތުރުފަތުރުގެ ކަންތައް ވަރަށް ބޮޑަށް ކުރިޔަށް ގެންދަވަންޖެހިފައި ވުމާއިއެކު 86 ވަނަ އަހަރަށް ލަފާކުރެއްވި ދައުލަތުގެ ބަޖެޓްގައި، އެއްބަޔަކަށް އެންމެބޮޑު ޚަރަދެއް ހިމަނުއްވާފައި ވަނީ ދަތުރުފަތުރާއި ބެހޭ ބަޔަށެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 15% އެވެ.

މިޤައުމުގެ ކޮންމެ ދިމާޔަކުންމެ ތަރައްޤީއާއި ކުރިއެރުންތައް ފެންނަން މިއޮތީ އެމަނިކުފާނުގެ މިންނަތް މަސައްކަތްޕުޅުން ކަމާއިމެދަކު ދެބަސްވެވޭކަށް ނެތެވެ.
މިއަދު މިޤައުމު ކުރިއަރާފައިމިވާ މިންވަރުން އާއުސްމިންތަކަކަށް ގެންދެވުމަށްޓަކައި އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުވަނީ ގަދަ ފަސްއަހަރަކަށް ކުރިމަތިފުޅު ލައްވަވާފައެވެ. މިޤައުމުގެ ޙާލަތު ބަދަލުކޮށް ދެއްވެވި މިޤައުމުގެ ޒަޢީމަށް ޤައުމު އާއުސްމިންތަކަކަށް ގެންދެވުމަކީ މާއުނަދގޫ ކަމަކަށް ނުވާނެކަން ޔަޤީނެވެ. އުސްމިންތަކަކަށް މިޤައުމު ވާޞިލުކޮށް ދެއްވެވުމަށްޓަކައި މިހާރުވެސް އެމަނިކުފާނުވަނީ ތަފާތު ބިންގާތައް އަޅުއްވައި ދެއްވަވާފައެވެ. އެބިންގާތަކުގެ މައްޗަށް ބިނާއެއް ނިންމުމަށް އެންމެ ފަސޭހަވެފައި ރައްޔިތުންނަށް ޔަޤީންކަން އޮންނާނީ އެބިންގާތައް އަޅުއްވަވާ ދެއްވެވި ފަރާތަކާއި އެމަސައްކަތް ޙަވާލު ކުރެވިގެންކަން ޔަޤީނެވެ. އެހެންކަމުން މިއަހަރުގެ މިތާރީޚީ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޒަޢީމު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ތާއީދު ކުރައްވާށެވެ.

0 ޙިޔާލު: