ޒަޢީމް މައުމޫން ކުރިއަށް ނެރުއްވީ ------ ސިޔާސީ އަދި ޤައުމީ މަޞްލަޙަތު
ގައި 1/05/2009 ( މިއީ 4 ޖެނުއަރީ 2009 ގެ ދިވެސް ނޫހުން ނެގި ލިޔުމެކެވެ. )
މިބަސްދީ ޤަތުމަކީ ޒައީމު މައުމޫން ރައީސްކަމުގެ ދިގު ( ތިރީސް އަހަރާއި ގާތްކުރާ ) ދުވަސްތަކަކަށްފަހު ނޫހަކަށް މިގޮތަށް ވަކިން ދެއްވި ފުރަތަމަ ބަސްދީގަތުމެވެ. މިއީ މިނޫސް “ދިވެސް” ވުޖޫދަށް އައުމުގައި އެވާހަކަފުޅުތަކަކަށްޓަކައި ފަޚުރުވެރިވާ ވާހަކަފުޅުތަކެއް ކަމުގައި ފާހަގަ ކުރަމުން ފުރަތަމަ ޢަދަދުގައި ހިމަނާލީމެވެ. - އެޑިޓަރ -
ރިޔާސީ އިންތިޚާބުގައި މަނިކުފާނަށް މަސައްކަތްކޮށްދެއްވި އެތަކެއް ހާސް ދިވެހި ރައްޔިތުންނާއި މެދު ވިދާޅުވާނީ ކީކޭތޯ?
މިދިޔަ އަހަރު މިބޭއްވުނު ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުންނާއި އަދި ކެންޕޭން ކުރެއްވުމުގައި އަދި ކެންޕޭނުގެ ހުރިހާކަމެއް އިންތިޒާމުކުރައްވާ ބަލަހައްޓަވައިދެއްވުމުގައި، އުޅުއްވި ޕާޓީގެ އެންމެހާ މެންބަރުންކުރެއްވި ވަރަށް ބުރަ އަދި އެހާމެ އިޚްލާޞްތެރިމަސައްކަތްތަކެއް ކަމަށް ޤަބޫލުކޮށް އެހުރިހާބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއި އެކު ޝުކުރުއަދާކުރަން. އޭގެތެރޭގައި ޕާޓީގެ ވަރަށް ގިނަފަރާތްތަށް ހިމެނޭ. އެނގިވަޑައިގަންނަވާނެ ނައިބުޒަޢީމުން، ކައުންސިލް މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕާޓީގެ މެންބަރުން، ޕާޓީގެ އެކްޓިވިސްޓުން ، މީޑިއާގައި އުޅުއްވި ހުރިހާ ބޭފުޅުން، ކެންޕޭނުޓީމުގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭފުޅުން އަދި ޢާންމު މެންބަރުން. ޕާޓީގެ އޮފީހުގެ އެންމެހާ މުއައްޒަފުން. މިހެންގޮސް ހުރިހާ ފަރާތްތަކުންވެސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްކޮށްދެއްވިކަމަށް އަޅުގަނޑު ފުރިހަމައަށް ޤަބޫލުކުރަން އަދި އެހުރިހާ ފަރާތްތަކަށްވެސް ވަރަށްބޮޑަށް ޝުކުރުދަންނަވަން.
އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންނަށް އިންތިޚާބުގެ ނަތީޖާ މިގޮތަށް ލިބުމުގައި ތަފާތު އެކި ސަބަބުތައް އެބަހުރި، އެކަމަކު އެސަބަބުތަކާއި މެދު މިވަގުތު އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނޫން. އަޅުގަނޑުމިއޮތީ ބުނެފަ ނަތީޖާއާއި ދޭތެރޭ މައްސަލައެއް ނުޖައްސާނަމޭ. އެއީ ވަރަށް ބޮޑު ސިޔާސީ އަދި ޤައުމީ މަސްލަޙަތެއް އެކަމުގައި ހިމެނޭތީ އަޅުގަނޑު އެގޮތަށް ޤަބޫލުކުރީ. އެއީ މައްސަލަތަކެއް ނެތިގެނެއް ނޫން! މައްސަލަތަކެއް އެބަހުރި. ވަރަށް ގިނަމީހުންޝަކުވާވެސް ކުރި. އެކަމަކު އެވާހަކަ މިވަގުތު އަޅުގަނޑު ކޮންމެހެން ދައްކާކަށް ބޭނުމެއްނޫން.
ޑީއާރުޕީގެ އެކުވެރިކަމާއި، އެއްބައެއް ވަންތަކަން ދެމެހެއްޓުމާއި މެދު….
އާދެ! އަޅުގަނޑުހަމަ ވަރަށް ބޮޑަށް ބޭނުންވެގެން މިއުޅެނީ ޕާޓީ އެކަނތިގަނޑަކަށް ހެދުމަށް. މިހާރުވެސް ޕާޓީގެ މެންބަރުންގެ މެދުގައި އޮތީ ވަރަށް ވަރުގަދަ އެކުވެރިކަމެއް، އެއްބާރު ލެއްވުމެއް! އެހެންނަމަވެސް އަދި އެއަށްވުރެވެސް އެކަން ހަރުދަނާކުރަން އެބަޖެހޭ. އެއަށްވުރެ މާފުންކޮށް، މާވަރުގަދަކޮށް އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވުމާ، އެއްދުލަކުން ވާހަކަދެއްކުމާއި، އެއް އަމާޒަކަށް މަސައްކަތްކުރުމާއި މިކަންތައްތަށް ކުރަން އެބަޖެހޭ. އަދި ޚާއްޞަކޮށް ކުރިއަށް މިއޮތް މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭނީ ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު އެއްބާރުލުމެއް އެކަތިގަނޑަކަށްވުމެއް އޮވެގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަން. މިވީހާތަނަށް ޑީއާރުޕީއަށް ހޯދިފައިވާ ހުރިހާ ކާމިޔާބީއެއްވެސް ހޯދިފައިމިވަނީ ހަމަ ޕާޓީގެ މެންބަރުންގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބާރުލެއްވުމެއްގެ ބޮޑުކަމުން. އެކަން އެގޮތަށް ނެތްނަމަ އެކަންތައްތަކެއް އަޅުގަނޑުމެންނަކަށް ކާމިޔާބީއެއް ނުވީސް. އެހެން ނަމަވެސް މާތް ﷲ ގެ ރަޚްމަތްފުޅުން ކާމިޔާބުވެފައި މިއޮތީ އެއީ މިދެންނެވި ސަބަބަށްޓަކާ. އެހެންވީމާ ކުރިއަށް އޮތް ތާނގައިވެސް ޕާޓީ ކުރިއަށް އަރާ ތަރައްޤީވާނީ އަދި ރައްޔިތުން ޕާޓީން އެއެދޭ އުންމީދުތައް ޕާޓީއަށް ޙާޞިލް ކޮށްދެވޭނީ ޕާޓީގެ އެންމެން އެކުވެރިވެގެން އެކަތިގަނޑަކަށްވެގެން. އެއްރޫޙަކުން އެއް ޢަޒުމެއްގައި މަސައްކަތްކޮށްގެން. އެހެންކަމުން މިކަމަށް އަޅުގަނޑު ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭން ބޭނުން. އަޅުގަނޑުގެ ނަޞީހަތަކީ އަދި އިލްތިމާސަކީ ޕާޓީގެ އެކި ފެންވަރުގެ ހުރިހާބޭފުޅުންވެސް މިގޮތަށް މަސައްކަތްކޮށްދެއްވުން. މިގޮތަށް މަސައްކަތްކޮށްދެއްވާނޭކަމަށް އަޅުގަނޑަށް އެނގޭ. އަދި ޚާއްޞަ މިހާރު މިއަންނަ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތަކުގައި އެނގިވަޑައިގަންނަވާނެ އެކިދާއިރާތަކަށް ކުރިމަތިލުމުގައި އަޅުގަނޑުމެންގެ ވަރަށްގިނަ މެންބަރުންގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބަހުރި އެކިދާއިރާތަކަށް ކުރިމަތިލައްވަން. އެއީ ކޮންމެ މެންބަރަކުވެސް ޕާޓީއަށާއި ޤައުމަށް ޚިދުމަތްކޮށްދެއްވުމުގެ އިޚްލާޞްތެރި ހެޔޮ ނިޔަތުގަ އެކި އެކި ދާއިރާތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެގެން މި އުޅުއްވަނީ. އެކަމަކު އެހެން ދިމާވީމާ އެއްދާއިރާއަކަށް ޑީއާރުޕީގެ އެއްމެންބަރަކަށް ވުރެ ގިނަ މެންބަރުން ކުރިމަތިލައްވާގޮތަށް އެބަހުރި ދިމާވެފާ. އެކަމަކު އެހެން ދިމާވީމާ، ވޯޓުތައް ބެހޭނެތީ، އަނެއްކާ ސިޔާސީގޮތުން އެއީ ރަނގަޅުގޮތަކަށް ނުވާނެތީ ޕާޓީން މަސައްކަތް މިކުރީ ވީހާވެސް އެއްދާއިރާއަކަށް އެއްބޭފުޅަކު ކުރިމަތި ލައްވާގޮތަށް ހަމަޖެހޭތޯ. ދެން ޕާޓީގެ މިމަސައްކަތާ ބެހޭ ކޮމެޓީން މަސައްކަތްކުރައްވައިގެން މިކަން މިއޮތީ ވަރަށް ބޮޑަށް ހަމަޖެހޭ ގޮތަކަށް ނިންމަވައިދެއްވާފަ. އެއީ ޕްރައިމަރީ ބާއްވަން މިޖެހެނީ ވަރަށް މަދު ދާއިރާއެއްގައި. އެހެން ހުރިހާދާއިރާތަކެއްގައި މިއޮތީ ހަމަ ވަރަށް ރީތިކޮށް އެކަން ހަމަޖެހިގެން ގޮސްފަ. ދެން އަޅުގަނޑު މިހާރު ދަންނަވާލަން ބޭނުންވާ ވާހަކައަކީ ޕްރައިމަރީ މިހާރު ބޭއްވުނު، ނުވަތަ ބޭއްވެން އުޅޭ ދާއިރާތަކުގެ މެންބަރުންގެ އެއްބާރު ލެއްވުން ވަރަށްބޮޑަށް ބޭނުމޭ. އެއީ ޕްރައިމަރީގެ ސަބަބުން ބައިބައިވުމެއް އުފެދިގެން ނުވާނެއޭ. ޑިމޮކްރަސީގެ އުޞޫލަކީ ޕްރައިމަރީގައި ކާމިޔާބު ހޯއްދަވާ ބޭފުޅަކަށް ދެން އަނެއްކޮޅުގައި ހުންނެވި ޕާޓީގެ މެންބަރަކުވެސް ތާއީދުކުރެއްވުން. އަދި ތާއީދުކުރައްވާކަން ޢިއްލާންކުރެވުން އޭރުން ޕާޓީގެ އެންމެން އެކަތިގަނޑަކަށްވެގެން އެދާއިރާ ކާމިޔާބު ކުރެއްވޭނީ! އެހެންވީމަ އަޅުގަނޑު ވަރަށްބޮޑަށް ބޭނުން ޕާޓީގެ ކުރިމަތިލައްވާފައި ތިއްބެވި މެންބަރުން މިކަމަށް ސަމާލުކަން ދެއްވައިގެން ޕްރައިމަރީ ނިމުމާއެކީގައި، ޕްރައިމަރީން އެކާމިޔާބު ކުރެއްވި ބޭފުޅަކަށް އަނެއް ބޭފުޅެއްގެ ތާއީދުވެސް އޮތްކަން ހާމަކޮށްދެއްވުން. އެގޮތަށް ޢަމަލުކުރައްވައިފިއްޔާ ވަރަށް ރީތިކޮށް، އޮމާންކޮށް ކަންތައްތަށްދާނެ. އެހެން ނޫނީ ވިއްޔާ އަޞްލު އިންތިޚާބު އަންނައިރު އަޅުގަނޑުމެންގެ ވޯޓު ބައިބައިވެގެން ހިގައިދާނެ.
ޕާޓީއިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ މެންބަރުންނަށް ޒަޢީމް ކެންޕޭންކޮށްދެއްވާނަންތޯ؟
އާދެ އެހީތެރިވުމުގައި އެކިގޮތްގޮތަށް އެހީތެރިވެވިދާނެ. އަޅުގަނޑުބޭނުން ހަމަ ޕާޓީގެ ފަރާތުން އެހޮވޭ މެންބަރުން، މާނައަކީ އެދާއިރާއަކަށް ޕާޓީއަކުން ކަނޑައެޅޭ ބޭފުޅަކަށް ޑީއާރުޕީގެ ފަރާތުން ޢާންމު އިންތިޚާބަށް ކުރިމަލައްވާ ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު ތާއީދު ކުރަން ބޭނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތާއީދު އަރުވާނަށް. ވަގުތާއި، ސިއްޙަތު ތަންދިން މިންވަރަކުން އެކަންތައްތަށް ކުރެވޭނީ. އެހެންވީމާ ދަންނަވަން މިއުޅެނީ އެއްހަމައެއްގައި ހުރިހާ ކެޑިޑޭޓުންނަށްވެސް އެއްގޮތަކަށް ގެންދެވޭނޭ ފުރުޞަތު ނުލިބިދާނެއޭ. ނަމަވެސް އަޅުގަނޑަށްވެވުނު މިންވަރަކުން، އަޅުގަނޑުގެ ތާއީދަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށްވެސް ޑީއާރުޕީގެ ފަރާތުން ކުރިމަތިލައްވަންޏާ އަޅުގަނޑުތާއީދު އަރުވާނަމޭ.
އިންތިޚާބު ނިމުނުތަނާހެން ފެނިގެން މިދިޔައީ، އެމެރިކާގެ ކުރީގެ ރައީސް ބިލްކްލިންޓަންގެ ދަޢުވަތަކަށް މަނިކުފާނު ހޮންކޮންގއަށް ފުރާވަޑައިގެންނެވިކަން…ކޮބައިތޯ އެދަތުރުގެ ބޭނުންފުޅަކީ އަދި އެދަތުރުފުޅުން ދިވެހި ޤައުމަށް އެއްވެސް ފައިދާއެއް ކުރާނެތޯ؟
އާދެ! ޕްރެޒިޑެންޓް ކްލިންޓަން އުފައްދަވައިގެން އުޅުއްވާ ބައިނަލް އަޤްވާމީ މުއައްސަސާއެއް “ ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވް” ސީ.ޖީ.އައި މީގެ ބޭނުމަކީ ބައެއް ކަހަލަ ކަންތައްތަކުގައި، ޚާއްޞަކޮށް ހަތަރު ދާއިރާއެއްގައި، އެއީ ތަޢުލީމާއި، ޞިއްޙަތާއި، ތިމާވެއްޓާއި، ފަޤީރުކަން ނައްތާލުމާއި މިދާއިރާތަކުގައި އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ނުވަތަ ތަރައްޤީވަމުން އަންނަޤައުމުތަކުގެ ރައްޔިތުންނަށް މި ރޮނގުރޮނގުން ޚިދުމަތްތަކެއް ކޮށްދިނުން. ދެން އެކަމުގައި އޭނަ ގެންގުޅުއްވާ އުޞޫލަކީ ވަރަށް ހަރުދަނާ އުޞޫލެއްކަމަށް އަޅުގަނޑުދެކެން. އެއީ މިކަމަށް ދަޢުވަތު މިދެއްވަނީ އެކި ސަރުކާރުތަކުގެ އެކި ފެންވަރުގެ ވެރިންނަށާއި، އެކި އެކި ބޮޑެތި ކުންފުނިތަކުގެ ވެރިންނަށާއި، އަދި މި ދާއިރާތަކާއި ބެހޭ އެކި އެކި މާހިރުންނަށާއި، ނޫސްވެރިންނަށާއި، އަމިއްލަ ޖަމްޢިއްޔާތަކަށާއި، މިހެންގޮސް ކޮންމެ ދާއިރާކަށްވެސް މަސައްކަތްކުރާ ނުވަތަ އެދާއިރާތަކުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުންނަ ވަރަށް ގިނަ މުހިންމު ފަރާތްތަކަށް އޭނަ ދަޢުވަތު ދެއްވާ. ދަޢުވަތު ދެއްވައިގެން އެބޭފުޅުން ވަޑައިގަތީމާ އޭނަ މިވިދާޅުވާ ވާހަކަފުޅަކީ ތިއިން ކޮންމެބޭފުޅަކަށްވެސް ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ނުވަތަ ތިން އަހަރު ދުވަހުގެތެރޭގައި ތިބޭފުޅުންގެ ޤައުމަށް ނުވަތަ ތިޔަބޭފުޅުން ތިޔަ ދިރިއުޅުއްވާ ސަރަޙައްދަށް މި ދާއިރާތަކުން ކޮށްދެއްވޭނީ ކޮން ޚިދުމަތެއްތޯ މި ވިދާޅުވަނީ. އަދި އެ ޚިދުމަތަކަށް ކިހާ ޚަރަދެއް ކުރައްވާނަންތޯ ވިދާޅުވެދެއްވާ. އެހެން ވީމާ މިބޭބޭފުޅުން މިދެއްވަނީ “ ކޮމިޓްމަންޓް” މިސާލަކަށް އިންޑިއާގެ ބޭފުޅަކު ވިދާޅުވެދާނެ އިންޑިއާގެ މިވެނި ސަރަޙައްދަކަށް މިވެނިކަމެއް ތިމަންނާ ކޮށްދެއްވާނަމޭ ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި މިކަމަށް ތިމަންނަގެ އަތުން ދެމިލިއަން، ތިންމިލިއަން ޑޮލަރު ޚަރަދުވާނެއޭ މިކަންކޮށްދެއްވާނަމޭ. އަނެއް ބޭފުޅަކު ވިދާޅުވާނެ މިސާލަކަށް މެލޭޝިއާގައި، ޖަޕާނުގައި ނުވަތަ ޗައިނާގައި މިވެނިކަމެއް ކޮށްދެއްވާނަމޭ. ނުވަތަ އެފްރިކާގެ މިވެނި ޤައުމެއްގައި މިވެނިކަމެއް ކޮށްދެއްވާނަމޭ. މިދާއިރާތަކުން. އެހެންވީމާ މިފަހަރު މި ބޭއްވީ އެބޭފުޅުންގެ ތިންވަނަ އަހަރީ ޖަލްސާ. އެންމެ ފުރަތަމަ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި. އަޅުގަނޑުދިޔައިން. އެޖަލްސާ އޮތީ ނިއުޔޯކުގައި. ދެވަނަ ޖަލްސާއޮތީ 2007 ގައި، އަޅުގަނޑުދާން ދަޢުވަތު ދެއްވި ނަމަވެސް އަޅުގަނޑަށް ނުދެވުނީ އެއީ ރަމަޟާން މަހާ ދިމާވާތީ. ދެން މިފަހަރު މިބޭއްވުނީ ތިންވަނަ އަހަރީ ޖަލްސާ. މިޖަލްސާ މި ބޭއްވުނީ އެންމެ ފުރަތަމަ ފަހަރަށް އެމެރިކާއިން ބޭރުގައި، ހޮންކޮންގގައި. އެއީ އޭނަ ދެކެވަޑައިގަންވާގޮތުގައި މިއޭޝިޔާގެ އެސަރަޙައްދަކީ ވަރަށްބޮޑަށް ތަރައްޤީވަމުން އަންނަ އަދި ވަރަށް ގިނަ މުއްސަނދި ފަރާތްތަކާއި، ބޮޑެތިކުންފުނިތަކާއި މިކަހަލަ ބައިވަރު ފަރާތްތަށް ހިމެނޭ ސަރަޙައްދެއް އެހެންވީމާ މިފަހަރުގެ ޖަލްސާގައި ވެސް މިދެންނެވި ގޮތަށް ވަރަށް ގިނަތަންތާނގެ ބޭފުޅުން ވަޑައިގެންނެވި. ބައެއް ތަންތާނގެ ވެރިންވެސް ވަޑައިގެންނެވި. މިދެންނެވި ހަމަ ކުރީގެ ވެރިންނާއި މިހާރުގެވެރިނާއި، މިހާރުގެ ވެރިންގެ ތެރެއިން މޮންގޯލިޔާގެ ރައީސް ވަޑައިގެންނެވި އަދި އެހެން ބައެއް ތަންތާނގެ ރައީސުން އަދި ބޮޑު ވަޒީރުންވެސް ވަޑައިގެންނެވި. ކުރީގެ ބޭފުޅުންގެތެރެއިން ލީ ކުއާން ޔޫ ވެސް ވަޑައިގެންނެވި. ދެން އަޅުގަނޑަށްވެސް ދަޢުވަތު ދެއްވި އަޅުގަޑުވެސް މިދިޔައީ. އަދި ބައިނަލް އަޤްވާމީ އެކި އެކި ޖަމާޢަތްތަށްވެސް މި ބައްދަލުވުމުގައި ބައިވެރިވި. ތިމާވެއްޓާއި ބެހޭ ޖަމާޢަތްތަށް ޔޫއެންޑީޕީ، ޔުނިސެފް މިތަންތާނގެ ބޭފުޅުންވެސް ވަޑައިގެންނެވި. އަދި މި ޖަލްސާއަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މެސެޖެއްވެސް ފޮނުއްވާފައިވޭ. މި ދެންނެވި ހުރިހާ ބޭފުޅުން ވަޑައިގެން އެބޭފުޅުންގެ މިދެންނެވި “ ކޮމިޓްމެންޓް” ތައްޖަލްސާއަށް އިއްވަވާ ދެއްވި އަދި ވަރަށްގިނަ ޢަދަދެއްގެ އެކިދާއިރާތަކުގެ ފަންނާނުންވެސް މިޖަލްސާގައި ބައިވެރިވި. މަޝްހޫރު ލަވަކިޔުންތެރިން، ފިލްމު އެކްޓަރުން ފަދަ ފަރާތްތައްވެސް ބައިވެރިވި. މިދެންނެވި އެކި ފަރާތްތައް އެމީހުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް، އެ ބޭފުޅުންގެ ޤައުމަށް ކޮށްދެވޭނޭ ޚިދުމަތްތަކުގެ ވާހަކަތައް ހާމަކޮށް، އެއަށް “ ކޮމިޓްމަންޓްތައް” ދީފައިވޭ. އެގޮތުން މި ޖަލްސާގައި 80 މިލިއަން ޑޮލަރުގެ ޕްރޮގްރާމްތައް ހިންގާނޭކަމަށް އެފަރާތްތަކުން ބުނެފައިވޭ. އަދި އެކަން އެތަނުގައި އިޢްލާންވެގެންދިޔަ އަދި އެކަމުގެ ސެޓްފިކޭޓް ( ސަނަދު ) ކްލިންޓަން އަތްޕުޅުން އެ ބޭފުޅުންނަށް ދެއްވި. އެހެންވީމަ އެގޮތަށް ކުރައްވާކަމެއް އެކަމަކީ. 2006 ވަނަ އަހަރު އޮތް ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވް އަށް މިދިޔައީ އޭނާ ދަޢުވަތު ދެއްވި މީހެއްގެ ގޮތުން. އެކަމަކު އަޅުގަނޑަކީ މިހާރު އެޖަމާޢަތުގެ މެންބަރަކަށް ހައްދަވައިފި. އޭގެ މާނައަކީ ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވްގެ މެންބަރެއް މިހާރު އަޅުގަނޑަކީ. އަޅުގަނޑު ކްލިންޓަނަށް ދެންނެވިން އަޅުގަނޑު ބޭނުމޭ ދެން އަންނަފަހަރަކުން މި ސަރަޙައްދުގައި، ދިވެހިރާއްޖޭގައިވެސް ތިވިދާޅުވި ފަދަ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު ދެއްވަން. އެއީ ސަރުކާރުގެ އިސްވެރިން ތިދާއިރާތަކުގެ އަދި ރާއްޖޭގައި އެކި އެކި އަމިއްލަ ޖަމާޢަތްތަކުގެ ވެރިން އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އުޅުއްވާ އިސްބޭފުޅުން ކޮޅަކަށް ދަޢުވަތު ދެއްވާށޭ އޭރުން އެބޭފުޅުން ވަޑައިގެން އެބޭފުޅުންނަށް ދިވެހި ރާއްޖެއަށް ކޮށްދެއްވެން އޮންނާނޭ ޚިދުމަތެއް. ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދާއިރާގައި. ޞިއްޙީ ދާއިރާގައި، ތަޢުލީމީ ދާއިރާގައި، ތިމާވެށީގެ ދާއިރާގައި، ބަނޑުހައިހޫނުކަން ނައްތާލުމުގެ ދާއިރާގައި. މިދާއިރާތަކުގައި އެބޭފުޅަކަށް ކޮށްދެއްވޭނޭ ޚިދުމަތެއް އޭރުން ވިދާޅުވާނެއޭ. އަދި އޭރުން އެބޭފުޅުން ގެ އެ ޚިދުމަތް ރާއްޖެއަށް ލިބޭނެޔޭ . މިގޮތަށް ހައްދަވައިދެއްވުން ވަރަށް ބޮޑަށް އެދެމޭ. ދެން އޭނަ ވިދާޅުވި އިރާދަކުރެއްވިއްޔާ ތިމަންނާ ތިގޮތަށް ކުރިއަށް އޮތްތާނގައި ހައްދަވާނަމޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކަމުގައި ޕްރެޒިޑެންޓް ކްލިންޓަނާއި ގުޅަމުން ގެންދާނަށް. ދެން އޮންނަ ޖަލްސާއަކަށް ރާއްޖޭގެ ބޭފުޅުންކޮޅަކަށް ދަޢުވަތު ލިބޭތޯ އަޅުގަނޑުމަސައްކަތްކުރާނަށް
ސީޖީއައިގެ ބައްދަލުވުމަށް މަނިކުފާނު ވަޑައިގަތުމުން ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި މަނިކުފާނަށް ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވް / ހޮންކޮންގ ބައްދަލުވުމަށް ދަޢުވަތު ނުދޭކަމަށާއި، ޖަލްސާގެ އެޖެންޑާތަކުގައި މަނިކުފާނުގެ ނަންފުޅު ނެތްކަމަށް ހެކިދައްކަމުން ދިޔަ، ކޮބައިތޯ މީގެ ހަޤީޤަތަކީ؟
އަޅުގަނޑަށް މި ބައްދަލުވުމަށް ސީޖީއައިއިން ދަޢުވަތު ދެއްވާފައިވަނީ މިދިޔައަހަރުގެ މާރޗް ހާ ތާނގައި. އޭރު އަޅުގަނޑު ޖަވާބުގައި ދަންނަވާފައިވާނީ އަޅުގަނޑަށް ވަކި އެއްޗެއް ދަންނަވަން އެނގޭނީ ތަންކޮޅެއް ފަހުންނޭ. އެއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި މި ބައްދަލުވުން ދިމާވާތީ. އޭރުގަ ރިޔާސީ އިންތިޚާބަށް ވަކި ތާރީޚެއް ކަނޑައެޅިފައެއް ނެތް. ޤާނޫން އަސާސީ އޭރު ފާހެއްނުވޭ. އެހެންކަމުން ފަހަރެއްގައިވެސް މި ތާރީޚްތައް ފުށު އަރާފާނެތީ އަޅުގަނޑުދެންނެވިން ވަރަށްބޮޑަށް ޝުކުރިއްޔާދެންނެވުމަށްފަހު، އަޅުގަނޑަށް ބައިވެރިވެނޭކަމުގެ ޔަޤީންކަމެއް އަދި ނެތޭ، އެހެން ނަމަވެސް ފަހުން ދަންނަވާނަމޭ، އެހެން ނަމަވެސް އިންތިޚާބު ބޭއްވި ނަތީއްޖާވެސް ޢިއްލާންކުރެވުމަށްފަހު ދެން އަޅުގަނޑު ދެންނެވީ (2008 ގެ ނޮވެމްބަރު 11 ގެ ފަހުން ) އަޅުގަނޑަށް މިހާރު މިއޮތީ ދެވޭ ގޮތަށޭ. އަޅުގަނޑު ޚިޔާލުކޮށްގެން ހުރީ ރައީސް ކަމަށް ހޮވުނު ނަމަވެސް ދާން. އަދި ނުހޮވުނީމާވެސް އެކަން އޮތީ އެހެން. އިންތިޚާބުގެ ކަންތައްތައް ނިމި ވަގުތު ލިބުމާއިއެކު އަޅުގަނޑުދާން ނިންމި އިރު ސީޖީއައިގެ ޖަލްސާގެ އެކި އެކި އެޖެންޑާތައް މިވަނީ ލިޔެވިފައި. އެކި ބައްދަލުވުންތަކުގައި އިސްކޮށް ވާހަކަ ދައްކަވާނޭ ބޭފުޅުންވެސް އޭރު ވަނީ އެކަށައެޅި އެޖެންޑާތައް ވަނީ ހަމަޖެހި ނިމިފައި. އެހެންވީމަ ރަސްމީ އެޖެންޑާގައި އަޅުގަނޑުގެ ނަން ފެންނާން ނެތީ. ނަމަވެސް އަޅުގަނޑުގޮސް ކްލިންޓަނާއި ބައްދަލުކޮށް ވާހަކަދައްކާ އަދި ކޮމެޓީތަކުގައިވެސް ވާހަކަ ދައްކާފަ ހުންނާނެ. އެވާހަކަތައް ޔައުމިއްޔާތަކުގައި ހުންނާނެ.
މި ޖަލްސާގައި މަނިކުފާނު ތަމްސީލްކުރެއްވި ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ކުރާނޭ ފައިދާ ތަކަކީ ކޮބައިތޯ؟
އަޅުގަނޑު ހިމެނުނު ގްރޫޕްތަކުގައި ވާހަކަދެއްކީ ކީއްތޯ ކުރެވެން އޮތީ ކުރިއަށް އޮތްތާނގައި، އެގޮތުން މިސަރަޙައްދަށް ވަރަށް އެކަށީގެންވާ ބައެއް ކަންތަށްތަކުގެ ވާހަކަ ދެކެވުނު. މިސާލަކަށް ސޯލާޕެނަލް ބޭނުންކޮށްގެން، ސޯލާ ވިންޑް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި، ކަނޑުގެ ރާޅުތަކުގެ ވޭވް އެކްޝަން އޭގެ ހަކަތަ ( ރާޅުގެ ހަކަތަ ) ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާ، މި ކަހަލަ ޓެކްނޯލޮޖީ މި ހިސާބަށް ތަޢާރުފުކުރުމުގެ ވާހަކަ. ވަރަށް ގިނަ ބޭފުޅުން މިކަމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި. ޚާއްޞަކޮށް އަޅުގަނޑު ހިމެނުނު ގުރޫޕުގައި މިވާހަކަ ދައްކައިގެން ޔައުމިއްޔާގައިވެސް އެބައޮތް ރާއްޖޭގެ ކުރީގެ ރައީސް ދެއްކި ވާހަކަތަކަކީ ވަރަށް މުހިންމު ވާހަކަތަކެއްކަން ފާހަގަކުރެވޭކަމަށް. އަދި ކުރިއަށް އޮތް ތާނގައި އެބޭފުޅުން މިކަންތައްތައް ކުރިއަށް ގެންދާއިރު އެވާހަކަތަކަށް އިޝާރާތްކުރާނެ. މިގޮތުން ރާއްޖެއަށް ފައިދާ ކުރާނެ ވާހަކަތައްވެސް އަޅުގަނޑުދެންނެވިން. ހަމަ ހުރިހާ ޤައުމެއްގެ ބޭފުޅުންވެސް އެބޭފުޅެއްގެ ސަރަހައްދަށް ފައިދާކުރާނެ ގޮތް ހުށަހަޅުއްވަމުން ގެންދަވާފައިވޭ. މިސާލަކަށް ތިމާވެއްޓަށް އެންމެބޮޑަށް ގެއްލުން މިލިބެނީ ގްރީން ހައުސް ގޭސް އެމިޓްކުރާ ނުވަތަ ޖައްވަށް ފޮނުވާ އެކައްޗަކީ ކަރަންޓް އުފައްދާއިރު ތެލުގެ ބޭނުން ކުރަންޖެހުން. އެހެންވީމާ ސާފުކަރަންޓް، މާނައަކީ ތިމާވެއްޓަށް ގެއްލުން ނުލިބޭގޮތަށް ކަރަންޓް އުފެއްދުމަށް މިހާރުގެ “އޯލްޓަނޭޓިވް އެނާޖީ ސޯސަސް “ ބޭނުންކުރަން މިޖެހެނީ. އޭގެ ތެރޭގައި އެއްކަމެއް ވިންޑް ޕަވަރ، ސޯލާ ޕަވަރ ދެން މިދެންނެވި ވޭވް ޕަވަރ ފަދަ ކަންތައްތައް. މިއީ އާޓެކްނޯލޮޖީތަކެއް މިއަންނަނީ. އެެހެންވީމަ މިކަންތައްތަކުން ރާއްޖެއަށް ފައިދާކުރާނޭ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވައިގެން އެކަމާބެހޭގޮތުންވެސް ވާހަކަދެކެވި އެރޮނގުން ކުރިއަށް އޮތްތާނގައި އޮތީ އެއްބަސްވެވިފަ. މިދެންނެވީ އެ މަސައްކަތް ކުރަން. ދެން މީގައިވެސް ބޭނުންވާނީ އިންވެސްޓް ކުރާނޭ ފަރާތްތަކެއް. މިކަންކުރުމަށް ކޮންފަރާތްތަކުންތޯ އިންވެސްޓްކޮށްދޭނީ މިސާލަކަށް ރާއްޖޭގައި ރާޅުން މިއުފެދޭ ހަކަތައިން ކަރަންޓް އުފެއްދުމުގައި ކޮންބަޔަކުތޯ އެކަމަށް ޚަރަދުކޮށްދޭނީ. ނުވަތަ ސޯލާ އެނާޖީ، އިރުގެ އަލިކަމާ، ހޫނުކަން ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި، ވައިގެ އެނާޖީ ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި މިކަންތައްތަކުގައި ރާއްޖޭގައި މިކަންތައްތައް ކުރުމަށް އެހީވެދޭނީ، އިންވެސްޓް ކޮށްދޭނީ ކޮންފަރާތަކުންތޯ. މިބައި ހޯދަން މިޖެހެނީ އޭގަ އަޅުގަނޑުމިދެންނެވިހެން ބޭރުގެ ފަރާތްތަކުންވެސް ހަމަ ބައިވެރިވާނެ އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި ޤާބިލް މީހުން، ވިޔަފާރީގެ ރޮނގުން، ޓުއަރިޒަމްގެ ރޮނގުން އެގޮތްގޮތުން އެކި އެކި އާމްދަނީ ހޯއްދަވާ ފަރާތްތަކުން މުއްސަނދި ނުވަތަ ތަނަވަސްކަން ހުރި ފަރާތްތަކުން މިކަންކަމަށް ހޭދަކުރެއްވޭނެ. އެކަހަލަ އަމިއްލަ ފަރާތްތަކެއްގެ އެހީގައި މިކަން ކުރިއަށްދާނީ.
ރައީސް ކަމުގެ މަޤާމުގައި ނެތުމުން މިކަމަށް އެއްވެސް އަސަރުތަކެއް ކުރާނެތޯ!
ނޫން. ރައީސް ކަމުގެ މަޤާމުގެ ގޮތުންނެއް ނޫން މި ފައުންޑޭޝަނުގައި އަޅުގަނޑު މިއުޅެނީ. އެބޭފުޅުން އެންމެ ފުރަތަމަވެސް އަޅުގަނޑު ހޮއްވެވީ ތިމާވެށީގެ ރޮނގުން މުޅި ދުނިޔޭގެ ވަރަށް ގިނަ ތަންތާނގަ ވާހަކަ ދައްކާ، ވަކާލާތުކޮށްފައި އޮތް މީހެއްކަމަށް އެބޭފުޅުން އަޅުގަނޑު ފާހަގަކޮށްފައިވާތީ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑަކީ މިރޮނގުން މި ފާއިތުވި 22 ހަކަށް އަހަރު، ބައިނަލް އަޤްވާމީ އެކި އެކި ޖަލްސާތަކުގައާއި ތަންތާނގައި ވަރަށް ގަދައަށް ވަކާލާތު ކޮށް ވާހަކަ ދައްކާފައި ހުރި މީހެއް. އެ ހައިސިއްޔަތުން އަޅުގަނޑު ބަލައިގެންފައިވަނީ.
ދަތުރުފުޅަށްފަހު ރާއްޖޭން ބޭރުގައި ކުޑަދުވަސްކޮޅަކު ހުންނެވުމުން ބައެއް ފަރާތްތަކުން މަނިކުފާނު ރާއްޖެއަށް ވަޑައިނުގަންނަވާނޭކަމަށް އަޑުފަތުރާފައިވަނިކޮށް، އެނބުރި ވަޑައިގެން ނެވުމުން މަނިކުފާނަށް ލިބިވަޑައިގެން ނެވި މަރުޙަބާ އާއި މެދު ވިދާޅުވަނީ ކީކޭތޯ؟
އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވާ މެސެޖަކީ އަޅުގަނޑުކުރީންވެސް ތަކުރާރުކޮށް ބުނެފައޭ އޮންނާނީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިރިއުޅެން ބޭނުންވަނީ، ރާއްޖޭގައޭ ޚިދުމަތްކުރަން ބޭނުންވަނީ ރާއްޖޭގައޭ. އެހެންވުމުން އަޅުގަނޑު އެދިޔަދަތުރަށްފަހު ރާއްޖެއަށް އެނބުރި އަންނާނަމޭ. ދަތުރުގައި ތަންކޮޅެއް ލަސްވި ސަބަބަކީ ސިންގަޕޫރުގައި އަޅުގަނޑަށް މެޑިކަލް ޗެކްއަޕްއަކަށް މަޑުކޮށްލަން ޖެހުން އަދި އެހެން ނޫންނަމަ އަޅުގަނޑު އެނބުރި އަންނަށް އޮތީ ޑިސެމްބަރ 12 ހާ ތާނގައި. އޭގެ ދެހަފްތާއެއްހާ ދުވަސް ފަހުން މިއާދެވުނީ. އެއީ އަޅުގަނޑު ކުރީންވެސް ޤަސްދުކޮށްފައި އޮތް ގޮތް. އަދި މިހާރުވެސް ޤަސްދުކޮށްގެން ހުންނަގޮތް މިއީ އެހެންވީމާ އަންނާނޭ ކަމުގެ ޔަޤީންކަން އޭރުވެސް އަޅުގަނޑު އޮންނާނީ އެކި ބޭފުޅުންނަށް އަރުވާފައި. ދެން އަޅުގަނޑު އައިރޭ އަޅުގަނޑު ހީވެސް ނުކުރާހާ ވަރުގަދަ އަދި ހޫނު މަރުޙަބާ އެއް ޑީއާރުޕީގެ މެންބަރުންނާއި އެކްޓިިވިސްޓުންނާއި، އަދި ޢާންމު ރައްޔިތުންގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑަށް ވިދާޅުވި. އަޅުގަނޑު ހީވެސް ނުކުރަން އެފެންވަރަށް އެކަން ދާނެޔޭ. އެހެން ނަމަވެސް ހުޅުލޭން ފެށިގެން މާލޭގެ ފާލަން ދޮށަށް ފޭބިއިރުވެސް އެތައް ހާސްބައެއް އެތަނަށް އެއްވެ އަޑުއުފުލާ، މަރުޙަބާ ކިޔާފައިވާ. މިކަމުން ވަރަށްބޮޑު ހިތްހަމަޖެހުމަކާއި، ހިތްވަރެއް ލިބުނު. އަޅުގަނޑު ދުށްގޮތުގައި އަޅުގަނޑު މިވޭތިވެދިޔަ 30 އަހަރު ދުވަހު ރާއްޖެއަށް ކޮށްދެވޭތޯ ބެލި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާ ވަރަށް ގިނަ ދިވެހިން އެބަތިއްބެވި. އެކަން އެގޮތަށް ފެނިގެން ދިޔައިމާ އަޅުގަނޑު ވަރަށް އުފާކުރިން. އެހުރިހާ ބޭފުޅުންނަށް މި ފުރުޞަތުގައިވެސް ވަރަށްބޮޑަށް ޝުކުރު އަދާކުރަން
ދިވެސް ނޫހާއި މެދު ވިދާޅުވާނީ ކީކޭތޯ؟
ދިވެސް ނޫސް އަޅުގަނޑު އެދެނީ ވަރަށް ޒިންމާދާރު، ހަރުދަނާ، ނޫހެއްގެ ގޮތުގައި ނޫހުގެ ޢަދަދުތައް ޝާއިއުކުރައްވަމުން ގެންދެވުން. އެއީ ޑީއާރުޕީގެ ނޫހެއްގެ ގޮތުގައި ޑީއާރުޕީގެ ސިޔާސަތާއި އުޞޫލު ޢާންމު ރައްޔިތުންނާއި ހަމައަށް ހާމަކޮށްދޭ، ޑީއާރުޕީގެ މެންބަރުންގެ އެކުވެރިކަން އާލާކުރުވާ، ޑީއާރުޕީ އިތުރަށް ތަރައްޤީކޮށް ޕްރޮމޯޓްކުރާ ނޫހެއްގެ ގޮތުގައި .
This entry was posted on 1/05/2009 and is filed under ރިޕޯޓް . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment