ވެރިކަމެއް ހޯދުމަކީ ދާދި ފަސޭހަކަމެކެވެ
ގައި 9/13/2008
އެއީ ހަމަ ވާނެވެސް ގޮތެވެ. ހަދަހަދައިގެން ރާވައިގެން އެއްފަހަރު ދެެއްކޭވާހަކަ އަނެއްފަހަރަކު ރަނގަޅަށް ހަނދާނެއް ނުހުންނާނެއެވެ. ހަގީގަތުގައި ދޮގަކީ ތިމާގެ މަސައްކަތުން ތިމާގައި ހުންނަ ހުނަރު ބޭނުންކޮށްގެން ތައްޔާރުކޮށް ހަދައިގެން ދޫމައްޗަށް ނެރޭ އެއްޗެކެވެ. ދޮގުހަދަން ޖެހެނީ ވިސްނައިގެންނެވެ. ފެންވަރެއް ހުރެގެން ކުޅަދާނަވެސް ވެގެންނެވެ. އެއާއި އިދިކޮޅަށް ތެދަކީ ތިމާގައި ހުނަރެއް ކުޅަދާނަކަމެއް ނެތަސް ހެދޭއެއްޗެކެވެ. ބުނެވޭ ހަގީގަތެކެވެ. އެނގުނު ފެނުނު ގޮތް އެގޮތަށް ބުނުމެވެ. ތެދާއި ދޮގުގެ ތަފާތަކީ އުސޫލެއްގެ ގޮތުން މިއީއެވެ.
އަހަރެމެންގެ މިއަދުގެ މި ހަލަނބޮލި ސިޔާސީ މަސްރަހުގައި މިދުވަސްކޮޅަކީ ރައްޔިތުންގެ ވިސްނުމަށް ސަވާރުވުމުގެ ދުވަސްވަރެވެ. ތިމާ ދައްކާވާހަކަތަކަކީ ރައްޔިތުން ގަބޫލުކުރާ ވާހަކަތަކަކަށް ހަދަން ޖެހިފައިވާ ދުވަސްވަރެވެ. ނަތީޖާއެއްގެ ގޮތުން މިހާރުގެ ކަމަކީ ތަގުރީރުކުރުމެވެ. އާއްމު އާދައިގެ ބަހުރުވައިން ސީދާބުނާނަމަ ބޯކެއުމެވެ. މިކަމުގައި މިކަމުގެ ގާނޫނާއި ގަވައިދުތަކުގައި ދީނެއް މަޒުހަބެއް ގައުމިއްޔަތެއް ގާތްތިމާގެ ކަމެއް އިހުސާންތެރިކަމެއް ނޯންނަނީ ކަހަލައެވެ. އެފަދަ އެއްވެސް އުސޫލެއްގެ ކޮންޓްރޯލް އެވާހަކަތަކުން އާއްމުކޮށް ފެންނާކަށްނުހުރެއެވެ. އެއިން ކަމަކަށް އެކަހަލަވާހަކަތަކުގައި ސަމާލުކަން ދީފައި ހުންނަ ކަމަކަށްނުވެއެވެ. އެއިން ކަމަކަށް ފަރުވާލެއް ބަހައްޓާ އިހުތިރާމުކުރާ ވާހަކަ ދެއްކިއަސް ދައްކަނީ ތިމާގެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ބަދަލުކޮށްލައިގެން ހަދާލައި ގެންނެވެ.
މި ގޮތަށް މި ދައްކާވާހަކަތަކުގައި ދޮގުހަދާތީ ކުރިންދެންނެވިހެން އެއްފަހަރު ދައްކާވާހަކައަކާއި އަނެއްފަހަރު ދައްކާ ވާހަކަ ދިިމާނުވާތީ ހިނިއަންނަވަރުވެސްވެއެވެ. މި ގޮތަށް އަޑުއިވިފައިވާ ވަރަށްގިނަ ތަފާތު އަޑުއަޑުގެ ދެފަހަރު ދެފުށު އެޅިފައިވާ ޖުމްލަތައް ބައިވަރެވެ.
-- ރާއްޖޭގައި ވެއަތުވި އަހަރުތަކުގައި ރާއްޖޭގެ ވެރިކަމަށް އެކަށީގެންވާވަރުގެ މީހަކު އުފެއްދިފައި ނުވަތަ އުފައްދާފައި ނެތިގެން އެއީ ވަރަށް ފާހަގަކުރެވޭ ވަރަށް ދަށްފެންވަރުގެ ނުކެޅުދުމަކާ ގަސްތުގައި ގައުމަށްވެފައިވާ ޚިޔާނާތުގެ އަމަލެއްކަމުގައި މީގެ ތިންހަފުތާކުރިން އެއް ކެންޑިޑޭޓަކު ފަށްފަށްކުރަމުން ރައްޔިތުންނަށް ކިއާދީ ބުނެދީ ވިސްނާދިނެވެ.---------------ހަމަ އެ ކެނޑިޑޭޓް އިހަކަށްރޭ ވާހަކަ ދައްކަމުން ބުނީ ރާއްޖޭގައި ވެރިކަންކުރެވޭ ފެންވަރުގެ އެތައް އެތައް ޒުވާނުންނެެއް އެބަތިބި ކަމުގައެވެ. އެފަދަ މީހުންނަކީ އިލްމީ ގޮތުންނާއި ފިކުރީ އަދި އުމުރުގެ ގޮތުންވެސް ރާއްޖޭގެ ވެރިކަމަށް އެންމެ އެކަށޭ އަދި ރާއްޖެއާއިއެކު ކުރިއަށްދެވޭނެ ފެންވަރު ހުރި މީހުންކަމުގައެވެ. ( ކުރިން ހެދުނު ދޮގުގެ މަތިން ހަނދާންވެސް ނެތެވެ.)
---- ރާއްޖޭގައި ބޭސްފަރުވާގެ ފެންވަރު ހުރި ނުފުދޭކަން ސާބިތުކޮށްދެވޭތޯ އަނެއް ކެންޑިޑޭޓަކު ކަނޑައަޅާބުނީ ފުރާނައަށް ނުރައްކާވާއިރުވެސް މައިބަދައަށް އިންޖެކްޝަނެއް ޖަހާލަންވެސް ރަނގަޅަށް އެނގޭ ފެންވަރުގެ މީހަކު ރާއްޖޭގެ ސިއްހީދާއިރާގައި ނެތްކަމަށެވެ. ------------ އެކަމާ އެތައްބައަކު ފާޑުކިއާ އިދިކޮޅުހަދަން ފެށުމުން އޭގެ އަނެއްދުވަހަކު ވާހަކަ ދައްކަމުންބުނީ ކުރިންއެބުނެވުނީ އޮޅިގެން ބުނެވުނު ވާހަކައެކޭ އެވެ. އެފަދަ މީހުން އެބަތިބިކަމަށެވެ. ނެތީ އެގޮތަށް ޖަހާނެ އިންޖެކްޝަނޯލައެވެ. އެއްދޮގު ހަދައިފިއްޔާ ދެވަނަ ދޮގެއްވެސް ހަދަން ހަމަޖެހެއެވެ
މިފަދަ ވާހަކަތައް ބައިވަރެވެ. މިފަދަ މީހުންތައްވެސް އެތިބައުޅެނީއެވެ. އެމީހުންގެ ކުރިމަތީގައި އެހެން އެއްވެސް ކަމެއް ނެތެވެ. އޮތް ހުރިހާވެސް އެއްޗަކީ ރާއްޖޭގެ ވެރިކަމެވެ. ރުޅިވެރިކަމެވެ. ނަތީޖާއަކަށްމިވަނީ ތިމާމެންނަށް ވެސް ވެރިކަން ލިބުމެވެ. އެތައްވެރިކަމެކެވެ. ދޮގުވެރިކަމެވެ. ފާފަވެރިކަމެވެ. ހަސަދަވެރިކަމެވެ.
This entry was posted on 9/13/2008 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment