އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން ނެރެފައިވާ ރަނިންމޭޓުންނަކީ ރައްޔިތުން މާޔޫސްވާފަދަ ރަނިންމޭޓުންތަކެއް: ޑީއާރުޕީ

ގައި 9/18/2008


ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންގެތެރެއިން މިހާތަނަށް ރަނިންމޭޓުން އިޢުލާނުކޮށްފައިވާ ފަރާތްތަކުން އިޢުލާނުކޮށްފައިވާ ރަނިންމޭޓުންނަކީ ރައްޔިތުން މާޔޫސްވާފަދަ ރަނިންމޭޓުންތަކެއްކަމަށާ، އަދި އެފަދަ ރަނިންމޭޓުންތަކެއް ނެރުމުގެ ސަބަބުން ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ރިޔާސީ ކެންޑިޑޭޓަށާއި ރަނިންމޭޓަށް ރައްޔިތުންގެ ކުރިމަތީގައި އޮތް ތާއީދު ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެކަމުގައި އެޕާޓީންބުނެފިއެވެ.

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭނަށް ހައްދަވާފައިވާ ވެބްސައިޓް، މައުމޫން 8002 ގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައިވާގޮތުގައި މިހަފްތާވެގެންދިޔައީ ރަނިންމޭޓުންނާއި ގުޅޭ ޚަބަރުތަކަށް ރައްޔިތުން އެދިއެދިތިބި ހަފްތާއެއް ނަމަވެސް ރަނިންމޭޓުންނާއި މެދު ރައްޔިތުން ކުރަމުންއައި ފޮނި އުންމީދުތައްވަނީ ފެނަށް ވެގެން ގޮސްފައިވެއެވެ. އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން ނަންގަވާފައިވާ ތަފާތު ރަނިންމޭޓުންތަކެއްގެ ސަބަބުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި މިހަފްތާއަކީ މައުމޫން 8002 ކެމްޕެއިނަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ހަފްތާކަމަށްވެސް އޭގައި ލިޔެފައިވެއެވެ.

މިގޮތުން ޑީއާރުޕީގެ ކުރީގެ ނައިބުޒަޢީމުންކަމަށްވާ ޑރ.ޙަސަން ސަޢީދާއި ބުރުމާގާސިމާއި އެދެބޭފުޅުން ނެރުއްވާފައިވާ ރަނިންމޭޓުންނަށް، ޑީއާރުޕީން ޚާއްޞަގޮތެއްގައި ފާޑުކިޔާފައިވާއިރު، ޑރ ހަސަންގެ ރަނިންމޭޓަކަށް ނެންގެވީ އޭނާގެ ސްޕޯކްސްޕަރސަން ކަމަށްވުމުން އެންމެ ވޯޓެއްވެސް ހަސަނަށް އިތުރުވެގެން ނުދާނެ ކަމުގައި ޑީއާރުޕީން ބުނެއެވެ. އަދި ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓަކީ އޭނާގެ ތިމާގެ މީހުންނާއި ރައްޓެހިން ނޫން ބަޔަކު ދަންނަ މީހެއްނޫންކަމަށާ، އެފަދަ މީހަކާއެކު ބުރުމާގާސިމު ކުރިޔަށް ވަޑައިގެންނެވުމުން އެތަކެއް ވޯޓެއް ގެއްލިގެންދިއުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ބުނެއެވެ.

މީގެއިތުރުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި)ގެ ރަނިންމޭޓަކަށް ޤައުމީ އިއްތިހާދުގެ ރައީސް ޑރ މުހަންމަދު ވަހީދު ހަސަން މަނިކު އައްޔަންކުރެއްވުމުން އެކަމަށްވެސް ޑީއާރުޕީން ވަނީ ފާޑުކިޔާފައެވެ. މިގޮތުން ޑރ ހަސަން މަނިކަކީ އިރުއިރުކޮޅާ ފެނިފައި ގެއްލޭ ބޭފުޅެއް ކަމަށާއި އެއްފަހަރު އެމްޑީޕީގައި ހުރެފައި އަނެއް ފަހަރު އެޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމުން އެތަކެއް ބައެއްގެ ނުރުހުން އެބޭފުޅުންނަށް ކުރިމަތިވެފައިވާކަމަށް ޑީއާރުޕީން ބުނެއެވެ. ޑީއާރުޕީން ބުނާގޮތުންނަމަ މިހާތަނަށް އިޢުލާންކުރައްވާފައިވާ ރަނިންމޭޓުންނަށް ބަލާއިރު ރަނިންމޭޓުންގެ ލިސްޓުގައި އެންމެ ކުރީގައި އުޅުއްވަނީ ޑީއާރުޕީގެ ޒުވާން ރަނިންމޭޓް އަހުމަދު ތަސްމީން އަލީއެވެ.

0 ޙިޔާލު: