ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އިތުރު ފަނަރަހާސް ވަޒީފާ
ގައި 9/12/2008
އުރުދޫ ބަހުން ތަޢުލީމް ޙާސިލްކުރައްވައިގެން ސަޢުދީ ޢަރަބިއްޔާއިން ދެ އަހަރުވަންދެން ޢަރަބި ތަޢުލީމް ކިޔަވައިދިނުމުގެ ސަނަދު އޮތުމަކީ އެއްވެސް ޙާލެއްގައި ދީނީ ޢިލްމު އުނގައްނަވައިދެވޭނެ ކަމެއް ނޫން : ޒަޢީމް
ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމް އަލް އުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ރަނިން މޭޓް އޮނަރަބަލް އަޙްމަދު ތަސްމީން ޢަލީ އައްޑު އަތޮޅަށާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާކާމިޔާބީއާއި ތަރުހީބު ސިފަކުރާ މީހުން ސިފަކުރަނީ ފިނިފެންމަލުގެ މަރުޙަބާއެއްގެ ގޮތުގައެވެ.
މިދަތުރުފުޅުގައި އޭގެ ދެބޭފުޅުން އައްޑުއަތޮޅާއި ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޙާލު އަހުވާލު އޮޅުންފިލުއްވާހެއްދެވިއެވެ. އަދި މިދެއަތޮޅުގައިވެސް ޖަލްސާބޭއްވެވިއެވެ.
މިގޮތުން ފުވައްމުލަކުގައި ބޭއްވެވި ޖަލްސާގައި ޒަޢީމް މައުމޫން ކުރިޔަށް އޮތް ފަސްއަހަރު ދުވަހަށް އެމަނިކުފާނު އެކަށަ އަޅުއްވާފައިވާ މެނިފެސްޓޯގެ ބައެއް ކަންތައްތައް އެރަށުގެ ރައްޔިތުންނާއި ހިއްސާކޮށްލެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރަކުން ޤައުމީ ފެންވަރުގަޔާ އަތޮޅު ފެންވަރުގަޔާއި ރަށުފެންވަރުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެމީހުން ބާރުވެރިކުރުމަށް ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެންމެންނަކީ ޔުނިވަރސިޓީ ތަޢުލީމް ނިންމާ ބަޔަކަށްނުވާތީ، ރާއްޖޭގެ ގިނަ ޒުވާނުންނަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމު ބޭނުންވާ ބައެއްކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ، ސަރުކާރާ އަމިއްލަ ވިޔަފާރިކުރާ ފަރާތްތައް ގުޅިގެން އެދާއިރާތަކުން އަހަރަކު ދެހާސް ކުދިންނަށް ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އެއްހާސް މީހުންގެ އާބާދީއެއްއޮތް ކޮންމެ ރަށަކަށް ފުޓުބޯޅަ ދަނޑަކާ ވޮލީކޯޓަކާ ބާސްކެޓް ކޯޓަކާ އިޖްތިމާޢީ މަރުކަޒެއް ޤާއިމްކޮށްދެއްވާނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ކުޅިވަރު އެސޯސިއޭޝަންތަކާ ކުލަބް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭންކު މެދުވެރިކޮށް ލުއިލޯނު ލިބޭނެމަގު ތަނަވަސްކޮށްދެއްވާނެ ކަމަށާއި އެފަދަ ޖަމާޢަތްތަކުގެ ހިންގުންތެރިންނަށް ލީޑަރޝިޕް ދާއިރާއިން ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މަތީފެންވަރުގެ ކުޅުންތެރިން އުފެއްދުމަށްޓަކައި ކުރިއަށްއޮތް ތިންއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ސެންޓަރ ފޮރް އެކްސަލަންސް އިން ސްޕޯޓްސް އުފައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަކީ ތަޢުލީމަށް ލޯބިކުރާ ތަޢުލީމީ ފުރުސަތުތައް ހޯދަން ބޭނުންވާ ބައެއް ކަމަށާއި ހަމައެހެންމެ ވަޒީފާ އަކީ މުހިއްމު އެއްޗެއް ކަމަށެވެ. އެހެންކަމުން ވަޒީފާ އިތުރު ކުރުމާއި ތަޢުލީމީ ފުރުސަތުތަކަށް ވަރަށް އަހައްމިއްޔަތުކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އިތުރު ފަނަރަހާސް ޒުވަނުންނަށް ވަޒީފާގެ ފުރުސަތު މައުމޫނުގެ ސަރުކާރުން ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢުލީމް ކުރިއަށް ގެންގޮސް އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީގައި މަދުވެގެން ހަހާސް ޒުވާނުންނަށް ސަރުކާރުގެ ޚަރަދުގައި ދަސްވެނިވުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭން ބޭރުން ހިލޭ މަތީތަޢުލީމް އުނގެނުމާއި ތަމްރީން ހޯދުމުގެ ފުރުސަތުތައް ޒުވާނުންނަށް ވަރަށްބޮޑަށް އިތުރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ވިޒުއަލް އާޓްސްއާ ޕާފޯމިން އާޓްސްއާ މިއުޒިކްގެ ދާއިރާއިން ފަންނާނުން ތަމްރީނުކޮށް ތާޒާކުރުމަށްޓަކައި އިދާރާތަކުން އަހަރަކު ފަނަރަ ސްކޯލަރޝިޕް ތަޢާރަފް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒަޢީމް ފުވައްމުލަކުގައި ދެއްކެވި ވާހަކަފުޅުގައި އިދިކޮޅުބައެއް ފަރާތްތަކުން ހަދަމުންގެންދާ ދޮގުތައް ފާހަގަ ކުރެއްވިއެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، ސަރުކާރުން ތިމަންނައަށް ހުރަސް އަޅުއްވާތިއްޔޭ އިސްލާޙީ އެޖެންޑާއެއް ނެރުއްވަން ޖެހުނީ ވިދާޅުވާ ބޭފުޅަކަށް ދަންނަވާލަން ބޭނުންފުޅުވަނީ އެ އިސްލާޙީ އެޖެންޑާއަކީ ކޮބައިކަން ނޭނގޭ ކަމަށާއި އެ އެޖެންޑާ ދުށްމީހަކު ނެތް ކަމަށެވެ. އަދި އެއީ ހަމައެކަނި އެބޭފުޅަކު ވިދާޅުވާ ވިދާޅުވުމެއް ކަމަށްވެސް ޒަޢީމް ވިދާޅުވިއެވެ.
އަދި ދީނީނަމެއްގައި ޕާޓީއެއް އުފައްދައިގެން އުޅޭބަޔަކު އެވެނިކަމެއް ކުރުމަކީ ޙަރާމޭ ބުނާއިރު، ޙަރާމް ޙަލާލަކީ، ވަރަށް ރީތިކޮށް ކީރިތ ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން އެގެން އޮތް އެއްޗެއް ކަމަށާއި އެއަކަށް އެއްވެސްމީހަކަށް ހިތުހުރިގޮތަކަށް އެއްޗެއް އިތުރެއް ނުކުރެވޭނެކަމަށާއި، އެއްވެސް ދަލީލެއްނެތި މިވެނިކަމެއް ކުރުމަކީ ޙަރާމްކަމެކޭ އެއްވެސް އިންސާނަކަށް ބުނުމުގެ ޙައްޤެއް ނޯންނާނެ ކަމަށާއި ކަންކަން ޙަރާމް ކުރުމާއި ކަންކަން ޙަލާލު ކުރުމުގެބާރު އޮތީ ހަމައެކަނި އެންމެ ފަރާތަކަށް ކަމަށާއި އެއީ ﷲސުބުޙާނަހޫ ވަތަޢާލާކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުމެއްގައި މިވެނިކަމެއް ހަރާމޭ މިވެނިކަމެއް ހަލާލޭ ކިޔަމުންދާ މީހުންގެ އަޑު ނޭހުމަށްވެސް ޒަޢީމް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ޒަޢީމް ވިދާޅުވި ގޮތުގައި ރާއްޖޭން އިސްލާމް ދީން ނެތިކޮށްލުމަށް ނުވަތަ ރާއްޖޭގައި އެހެންދީންތަކަށް ތަންދިނުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ވާހަކައަކީ ހަޤީޤަތެކެވެ. ޖޮޝުޢާ ޕްރޮޖެކްޓްގެނަމުން ނަންދީގެން ނަސޯރާގެ އެކި ޖަމްޢިއްޔާތަކުން ޕްރޮޖެކްޓެއް ހަދައިގެން ދެހާސްވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގައި ފައްޅިހެދުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ރާއްޖެއިން ފޮނުވަާލެވުނު ކަމުގައި ވިޔަސް އެމީހުންނާ ގުޅޭ އެޚިޔާލުގެ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި މިއީވަރަށް ހިތާމަވެރި ޙަޤީޤަތެއް ކަމަށްވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުގެ ކެމްޕޭނަށް އެފަދަ ފަރާތްތަކުން ފައިސާގެ އެހީތައް ދެމުން ގެންދާކަމަށް ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމް އައްޑު އަތޮޅުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ދެއަހަރު ދުވަސް ހޭދަކޮށްގެން ސަޢޫދީ ޢަރަބިއްޔާއިން ޢަރަބި ތަޢުލީމް ކިޔަވައިދިނުމުގެ ސަނަދު ހޯދުމަކީ ބަޔަކަށް ދީނީ ޢިލްމު ކިޔަވައިދެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ވިދާޅުވީ ވަކިބައަކަށް ވެރިކަން ހޯދައިދިނުމަށްޓަކައި ދީނުގެ ހުކުމްތަކާއި ޚިލާފަށް ދައްކަމުންގެންދާ ވާހަކަތަކާމެދު ދިވެހި ރައްޔިތުން ވަރަށް ސަމާލުވާން ޖެހޭނެ ކަމުގައެވެ.
މީގެ އިތުރުން ދީނުގެ ނަމުގައި ބައަކު ދައްކަމުންގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޒަޢީމް ވިދާޅުވީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް ހަދައިގެން އިތުރުކޮށްގެން ދައްކަމުންދާ ވާހަކަތަކަކީ ހެޔޮ ބަސްތަކެއް ނޫންކަމަށާއި އިސްލާމްދީނުގެ ޙުކުމްތައް އަމިއްލައަށް ހަދައިގެން ދައްކާ ވާހަކަތަކަކީ ހެޔޮ ބަސްތަކެއް ނޫން ކަމުގައެވެ.
ދީން ހަތިޔާރެއް ގޮތުގައި ހަދައިގެން ސިޔާސީ ވަކި މަގުސަދުތަކެއް ޙާސިލްކުރުމަށް ވާހަކަތަކެއް ދައްކަމުން ދާއިރު އަދާލަތު ޕާޓީއަކީވެސް އިސްލާމްދީން ހިމާޔަތްކުރުމަށް ނުކުންނެވި ޕާޓީއެއް ކަމަށާއި އެޕާޓީއަކުން ތާއިދު ކުރަން ޖެހޭނީއިސްލާމީ ޚިޔާލުތަކާއެކު އިސްލާމީ އަސްލުތަކާ އެއްގޮތަށް ސިޔާސަތުތައް ގެންގުޅުއްވާ ބަޔަކާކަމަށްވީނަމަވެސް ދީނުގެ އެއްވެސް ކަމެއްގައި އުޅެފައިނުވާ ބަޔަކާ ވެރިކަން ހަވާލުކުރަން ޢިލްމުވެރިން ހިމެނޭ ޕާޓީއަކުން މަސައްކަތްކުރަމުންދަނީ ކޮން އުސޫލެއްތޯ ޒަޢީމް ސުވާލުކުރެއްވިއެވެ.
މީގެ އިތުރަށް ޒަޢީމް ވިދާޅުވީ ޢަރަބި ނޫން ބަސްތަކުން ތަޢުލީމް ޙާސިލްކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށް ކީރިތިޤުރުއާނުގެ ބައެއް އާޔަތްތަކާއި ޙަދީޡްތައް އޮޅުންފިލުވައިދިނުމަކީ އުނދަގޫ ކަމަކަށްވާނެ ކަމުގައެވެ. އެހެނީ ޤުރުއާނާއި ޙަދީޘްތަކަކީ ޢަރަބިން ލިޔެފައިވާ އެއްޗަކަށްވާއިރު އުރުދޫ ބަހުން ތަޢުލީމް ޙާސިލްކުރައްވައިގެން ސަޢުދީ ޢަރަބިއްޔާއިން ދެ އަހަރުވަންދެން ޢަރަބި ތަޢުލީމް ކިޔަވައިދިނުމުގެ ސަނަދު އޮތުމަކީ އެއްވެސް ޙާލެއްގައި ދީނީ ޢިލްމު އުނގަނައިދެވޭނެ ކަމެއް ނޫންކަމަށްވެސް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
This entry was posted on 9/12/2008 and is filed under ޚަބަރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment