ރިޔާސީ އިންތިޚާބުގައި ޑީއާރްޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވާށެވެ

ގައި 9/21/2008




ރާއްޖޭގައި މިއަހަރު ފުރަތަމަ ފަހަރަށް ބޭއްވޭ ތާރީޚީ ރިޔާސީ އިންތިޚާބަކީ ގިނަކެންޑިޑޭޓުންތަކެއް ވާދަކުރައްވަވާ އިންތިޚާބެއްކަން ޔަޤީނެވެ. މިހާތަނަށް ސިޔާސީ ބާރަވަރަކަށް ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އަނެއްކާ އިތުރު ޕާޓީއެއް ހެދުމަށް މީހުން ހޯދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ކޮންމެވެސް ފަރާތަކަށް ދާދިފަހުން ސަރުކާރުން ދެއްވައިފިއެވެ. މިހާރުވެސް ހަޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވަން އަތުކުރި އޮޅުއްވައިގެން ކުރިޔަށް ވަޑައިގަންނަވާއިރު އަމިއްލަގޮތުން ޕާޓީއަކާއި އަދި މިހާތަނަށް ގުޅިވަޑައި ނުގަންނަވާ ބޭފުޅަކު މިއިންތިޚާބުގައި ވާދަކުރައްވަނެއެވެ.
ދިވެހި ކޮންމެ ރައްޔިތަކުމެ އެއްބަސްވާނޭ ފަދައިން ރާއްޖޭގައި އެންމެ މެމްބަރުންގިނަ އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތާޢީދުކުރާ ސިޔާސީ ޕާޓީއަކީ ޝައްކެއްނެތް ގޮތުގައި ދިވެހި ރައްޔިތުންގެ ޕާޓީއެވެ. މިހާތަނަށް މާލެއާއި އަތޮޅުގެ ތެރޭގައި ޑީއާރްޕީން ބާއްވާފައިވާ އަދި މިހާރުވެސް ބާއްވަމުންދާ ތަފާތު ޙަރަކާތް ތަކުގައި ޢަމަލީ ގޮތުންނާއި މިނޫންވެސް ގޮތްގޮތުން ބައިވެރި ވަމުންދާ ބައިވެރީންގެ ޢަދަދަށް ބަލާލުމުން މިކަންކަން ވަރަށް ރަގަޅަށް ދޭހަވެއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރްޕީ ) އަށް ތާއީދުކުރާ ފަރާތްތައް އިތުރުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް އުފެދިފައިވާ ސިޔާސީ ޕާޓީތަކަށް ބަލާއިރުގައި ޑީއާރްޕީގައި ކަންކަމަށް ޤާބިލު ކުޅަދާނަ ތަޖުރިބާކާރުންނާއި، ޒުވާން ބޭބޭފުޅުން ވަރަށްގިނަ ޢަދަދަކަށް ތިއްބެވިކަން ފާހަގަ ކުރެވެއެވެ. ތަޢުލީމީގޮތުން ފުންނާބުއުސް ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ނިސްބަތްވާ ބޭބޭފުޅުން ޑީއާރްޕީގައި ހިމެނި ވަޑައިގެންފައިވުމުން އެޕާޓީއާއި ދޭތެރޭގައި ރައްޔިތުންނަށް ނުހަނުބޮޑު ޔަޤީންކަމަކާއި އިތުބާރެއްވަނީ ލިބިފައެވެ. ކޮންމެ ފަންނަކަށް ނަޒަރު ހިންގާލި ނަމަވެސް ޑީއާރްޕީގައި ތިއްބެވީ ފަންނުތަކުގައި އެންމެ ފުންނާބުއުސް ފަންނުވެރިންކަން އެބައިމީހުންވަނީ ރައްޔިތުންނަށް ދައްކައި ދީފައެވެ. އެއްވެސް ޙާލެއްގައި އެބޭބޭފުޅުންނަކީ ރައްޔިތުން އިތުރަށް އަޖުމަ ބެލުމަށް ބޭނުންވާނެ ބޭބޭފުޅުންނެއް ނޫނެވެ.
މިއަހަރު ރާއްޖޭގައި ބޭއްވޭ ތާރީޚީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވަވާ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގ މޭޓާއި ދޭތެރޭގައި ވިސްނާލުމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަށް ދިވެހި ރައްޔިތުން ތާއީދު ކުރަންވީ ކީއްވެގެންކަން ވަރަށް ރަގަޅަށް ޔަޤީން ކުރެވެއެވެ. އެހެން ޕާޓީތަކާއި އަދި ރިޔާސީ ކެންޑިޑޭޓުންނާއި ޚިލާފަށް ޑީއާރްޕީން އެޕާޓީގެ ރަނިންގ މޭޓަކު އެންމެ ފުރަތަމަ ހަމަޖެއްސެވި ހަމަޖެއްސެވުމުން އެޕާޓީއާއި ޕާޓީގެ މެމްބަރުންގެ ޤާބިލުކަން ވަރަށް ރަގަޅަށް ހާމަވެގެން ދިޔައެވެ. މިއާއި ޚިލާފަށް ދާދިމިދާކަށް ދުވަހު ރަނިންގ މޭޓުން ހަމަޖެއްސި ދެބަޔަކުވެސް ވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިއާރްޕީން ވާދަކުރައްވަވާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނާއި ބެހޭގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. އެބޭފުޅާގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ހުރިމިންވަރާއިމެދު އެއްވެސް ރައްޔިތެއްގެ ހިތުގައި ސުވާލެއް އުފެދޭނޭ ފުރުޞަތެއް ނެތެވެ. އާދެ! އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަކީ މިޤައުމުގެ ޙާލަތު ނުލާހިކު ދަށުދަރަޖައިގާ އޮއްވާ މިޤައުމުގެ ޒަޢާމަތާއި ޙަވާލުވެ ވަޑައިގަންނަވާ މިއަދު މިދެކެމުންދާ ކުރިއަރާ ތަރައްޤީވެފައިވާ އަދި އަޅުގަޑުމެން ފަޚުރުވެރި ވަމުންމިދާ ދިވެހިރާއްޖެ އަޅުގަޑުމެންނާއި ހަމަޔަށް މިންނަތް މަސައްކަތްޕުޅުން ގެނެސްދެއްވެވި މިޤައުމުގެ ބާނީއެވެ. ޤައުމުގެ ޝަޚުސިއްޔަތްވެސް މެއެވެ. މިޤައުމުގެ ކޮންމެ ދިމާޔަކުންމެ ތަރައްޤީއާއި ކުރިއެރުންތައް ފެންނަން މިއޮތީ އެމަނިކުފާނުގެ މިންނަތް މަސައްކަތްޕުޅުން ކަމާއިމެދަކު ދެބަސްވެވޭކަށް ނެތެވެ.
މިއަދު މިޤައުމު ކުރިއަރާފައިމިވާ މިންވަރުން އާއުސްމިންތަކަކަށް ގެންދެވުމަށްޓަކައި އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުވަނީ ގަދަ ފަސްއަހަރަކަށް ކުރިމަތިފުޅު ލައްވަވާފައެވެ. މިޤައުމުގެ ޙާލަތު ބަދަލުކޮށް ދެއްވެވި މިޤައުމުގެ ޒަޢީމަށް ޤައުމު އާއުސްމިންތަކަކަށް ގެންދެވުމަކީ މާއުނަދގޫ ކަމަކަށް ނުވާނެކަން ޔަޤީނެވެ. އުސްމިންތަކަކަށް މިޤައުމު ވާޞިލުކޮށް ދެއްވެވުމަށްޓަކައި މިހާރުވެސް އެމަނިކުފާނުވަނީ ތަފާތު ބިންގާތައް އަޅުއްވައި ދެއްވަވާފައެވެ. އެބިންގާތަކުގެ މައްޗަށް ބިނާއެއް ނިންމުމަށް އެންމެ ފަސޭހަވެފައި ރައްޔިތުންނަށް ޔަޤީންކަން އޮންނާނީ އެބިންގާތައް އަޅުއްވަވާ ދެއްވެވި ފަރާތަކާއި އެމަސައްކަތް ޙަވާލު ކުރެވިގެންކަން ޔަޤީނެވެ. އެހެންކަމުން މިއަހަރުގެ މިތާރީޚީ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޒަޢީމު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ތާއީދު ކުރައްވާށެވެ.

0 ޙިޔާލު: