މައުމޫނުގެ 30 އަހަރާއި އަންނިގެ 30 ދުވަސް

ގައި 1/23/2009


ޝަހުން / ދިވެސް ދުވަހުނޫސް

މިއަދު ދިވެހިރާއްޖޭގެ އުދަރެހުން ފެންނަމުން މިއަންނަނީ ދިވެހި ރައްޔިތުން ދުވަހަކުވެސް ދެކެމުން ނާންނަފަދަ ބޮޑެތި ބަދަލުތަކެކެވެ. ކޮންމެ ދާއިރާއަކަށް ބަލައިލި ކަމުގައިވީނަމަވެސް ކާމިޔާބީގެ ކުލަވަރުތައްފެންނަމުން ދެއެވެ. ބަޔާންކޮށްދޭން މިއުޅޭ ޙަޤީޤަތަކީ ވޭތުވެދިޔަ 30 އަހަރުގެތެރޭގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ހަރުދަނާ ކުޅަދާނަ ލީޑަރުގެ ވާހަކައެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ރައްޔިތުންނަކީ ވަރަށް ބިކަހާލުގައި ދިރިއުޅެމުން ދިޔަބަޔެކެވެ. އެހެންނަމަވެސް މިއަދުރާއްޖެއިން ފެންނަމުންދާ ތަރައްޤީ އާއި ތަމައްދުންއަކީ ވޭތުވެދިޔަ ހަރުދަނާ 30 އަހަރުދުވަސްތެރޭގައި އެމަނިކުފާނު ދިވެހިރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ގެނަސް ދެއްވާފައިވާ ކުރިއެރުންތަކެކެވެ.

ރައީސް މަޢުމޫނަކީ ވެރިކަމުގެ ތަޖުރިބާއާއި، ތަޢުލީމްރަނގަޅަށް ލިބިވަޑައިގެން އެކަން މުޅި ދުނިޔޭގެ ކުރިމަތީގައި ސާބިތުކޮށްދެއްވައިފައިވާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯއްދަވައިފައިވާ ބޭފުޅެކެވެ. ބޭރު ޤައުމުތަކުގެ ކުރިމަތީގައި އެމަނިކުފާނުވަނީ ރާއްޖެ ވަރަށްފުރިހަމައަށް ތަމްސީލުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ މަޤުބޫލްކަން އެމަނިކުފާނަށްވަނީ ލިބިފައެވެ. 30 އަހަރުދުވަސް ވަންދެން ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކީ އެމަނިކުފާނުވަނީ ވެރިކަންކޮށްދެއްވާފައިކަން އެއީ މީގެ އަލިގަދަ ހެއްކެކެވެ.

ވޭތުވެދިޔަ މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ހަމައެކަނި ދިވެހި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށްބެލި ކަމުގައިވިޔަސް އެތައްގޮތަކުން ރާއްޖެވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މައުމޫން ރާއްޖޭގެ ވެރިކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ދިވެހި ރާއްޖޭގެ ތަޢުލީމީ ހާލަތުވަނީ ވަރަށް ދަށުގައެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިއަދުފެނިގެންމިދަނީ އެފަދަ ހާލަތެއްނޫނެވެ. އެހެންނަމަވެސް ހިތާމައަކީ މިފަދަ ހަޤީޤަތްތައް އަޑުއަހައި ހަޖަމްކުރަން ދަތި ބަޔަކުވެސް ރާއްޖޭގައި އުޅޭކަމެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގެ ހުންގާނުގައި ހުންނެވި ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި)އަކީ ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި އެތައްއަހަރެއްވަންދެން އުޅެފައިވާ މީހެކެވެ. ވެރިކަމަށް އިސްވުމުގެކުރިން ކައިރީގައި ތިއްބެވި ބޭފުޅުންނަށްވެސް ވަނީ ވަރަށް ބޮޑަށް އޮޅުވައިލާފައެވެ. މިހާރު މިބޭފުޅާ ވެރިކަންކުރައްވަމުން ގެންދަވަނީ މިފަދަ އޮޅުވާލުމެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބައިގެންނެވެ. މީގެ އެންމެބޮޑު ހެއްކަކީ އަދުގެ ސަރުކާރުން ނިންމަވާ ކަންތައްތަކަކީ ރައްޔިތުންގެ ފައިދާއަށްވުރެ ވެރިކަމުގެ ކުރީސަފުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ފައިދާއަށް ނިންމަވާކަންތައްތަކަކަށްވާތީއެވެ.

މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ރާއްޖޭގެ ހަރުދަނާ ސިޔާސަތްތައްމިވަނީ ރައްޔިތުންނަށް އޮޅުވައިލާފައެވެ. “ވެރިކަމުގައި ގިނަދުވަސް ކުރުމަކީ އަނިޔާވެރިންކުރާކަމެއް. އެއި ޑިކްޓޭޓަރުން. އެމީހުންނަކީ ރައްޔިތުންނަށް އޮޅުވައިލައިގެން ކަންތައްތައްކުރަމުންގެނައި ބައެއް” މިއީ އަންނި ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އޮޅުވާލި ވަރަށްބޮޑު އޮޅުވާލުމެކެވެ. ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެބޭފުޅާވަނީ މިފަދަ ހަޤީޤަތެއްނެތް ގިނަ ވާހަކަތަކެއް ދައްކައިގެން ރައްޔިތުން ވާވައްދާފައެވެ. މިކަން މިހާރު ރައްޔިތުން ދަނީ ޤަބޫލްކުރަމުންނެވެ. ކޮށްފައިވާ ވަޢުދުތަކާއި މުޅިން ޚިލާފަށް ވެރިކަމުގެ ހުންގާނުގައި ހުންނަވައިގެން އަދުގެ ސަރުކާރު ހިންގާކަން މިހާރު ލޯ މައްޗަށް ފެންނަމުންދެއެވެ. އެހެންކަމުން މައުމޫނުގެ ހަރުދަނާ 30 އަހަރާއި އަންނިގެ ދޯދިޔާެ 30 ދުވަސްވެސް އަޅައިކިޔާނީ ކިހިނަކުން ހެއްޔެވެ. ދުވަސް އިތުރުވާވަރަކަށް މިވާހަކަތަކުގެ ތެދުކަން ދިވެހިންނަށް އެނގެމުންދާނެކަމާއި މެދަކު ޝައްކެއްނެތެވެ.

0 ޙިޔާލު: