އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވު ޕާޓީން މިފަހަރު އެމް.ޑީ.ޕީއަށް ރައްޔިތުންގެ މަޖިލީހުގެގޮނޑިތައް އަތުލައިދިނުމަށް އަތުވެއްޖެ

ގައި 1/23/2009

މިއީ 7 ޖެނުއަރީ 2009 ގައި ހިމޭން އިންޤިލާބުގެ ވެބް ސައީޓްގައި ލިޔެފައިވާ ކުއްލި ޚަބަރެކެވެ.

މި ނޮހޮރުއްޕާނަކުން ނެއްޓެވޭކަށް ނެތެވެ. އިގިރޭސި ކޮންޒަވޭޓިިވުންނަށް ދިވެހި ގައުމު ވިއްކާލައިގެން އުޅޭ ކެނެރީގޭ ނަޝީދުއަށް ހީވަނީ ދިވެހިރާއްޖޭއަކީ ތިމަންގެ މައިން ބަފައިންގެ ތަރިކަ މުދަލެއް ކަމުގައެވެ. މިހާރު އަނެއްކާވެސަ އިއްޔެ އިގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން ޓީމެއް ރައްޔިތުންގެ މަޖުލިސްގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށް ދިނުމަށްޓަކައި އައިސްފިކަމަށް އިގިރޭސި ޓެލެގްރާފް ކިޔާ ދުވަހު ނޫހުން ޚަބަރު ދީފިއެވެ.

މިމީހުން އަންނަ ކޮންމެ ފަހަރަކު ރާއްޖޭގައި އެތައް ހަމަނުޖެހުންތަކެއް ހިންގާ އެތަކެއް ދޮގު ޚަބރާއި މައުލޫމާތު ފަތުރާ ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކާއި ޖައްސައެވެ. މިހާރު ކަރަޕްޝަންގެ ނަމުގައި ފެންމަތިކުރަމުން އަންނަ މައްސަލަ ތަކަކީ ކޮންޒަވޭޓިވް ޕާޓީގެ ލަފާގެ މަތިން މަޖުލީހުގެ އިންތިޚާބަށް އަމާޒުކޮށް ހިންގާ ކަމެއްކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

މިއީދެން ކިހާ ބޮޑު ނޮހޮރުއްޕާނެއްހެއްޔެވެ. އިގިރޭސި ޓެލެގްރާފްގަ (The Telegraph) ބުނާގޮތުން މިމީހުން އައިސް ކިޔައިދޭނީ މަޖުލީހުގެ ގިނަ ގޮނޑި އަތުލައިގަންނާނޭ ގޮތާއި، އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް މިމީހުން ބޭނުންވާ ބަޔަކު މަޖުލީހަށް ވައްދައިދޭނޭ ގޮތްކަމުގައި ވެއެވެ. މިގޮތުން ކެމްޕޭންގައި އެކިއެކި ފަރާތްތަކާއި ރޭވުންތެރިކަމުގެ ގޮތުން ގުޅުން ބަދަހިކުރާނެގޮތާއި އިއްތިހާދު އުފައްދާނެ ގޮތާއި އާއްމުންނަށް ކެމްޕޭން މެސެޖް ފޯރުކޮށްދޭނޭގޮތް ކިޔައިދޭނޭ ކަމަށް މިނޫހުގައި ޚަބަރު ދީފައިވެއެވެ.

މިނޫހުގައި ވާގޮތުން ފާއިތުވި ރިޔާސީ އިްނތިޚާބުވެސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެވުނީ ކޮންޒަވޭޓިވް ޕާޓީގެ ރޭވުންތެރިކަމާއި އެހީތެރިކަމުގައެވެ. ވަރަށް ރަގަޅެއް ނޫންހެއްޔެވެ. ގާސިމް އިބްރާހިމް އާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ނޭޝަނަލް ކޮންގްރެސްއާއި ޑރ. ހަސަން ސައީދު ރައްޔިތުންގެ 60 ޕަސަންޓް އެދޭގޮތަށް މައުމޫނުގެ ވެރިކަމަށް ނިމުމެއް ގެނެސް ނަޝީދުވެރިކަމަށް ގެންނަން ކުރި އެއްވެސް ކަމެއް ނެތެވެ.

އަނެއްކޮޅުން މަޖުލީހުގެ މެމްބަރުން ޗުއްޓީނެގުމުގެ ސަބަބުން އިންތިޚާބު ބޭއްވޭނެ ދުވަހެއް އަދި ނޭގޭ އިރު މިނޫހުގައި ބުނެފައިވަނީ އެމީހުން އައީ މިއަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ޕާލަމެންޓްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދާ ދިނުމަށެވެ.

ވަކިޕާޓީއަކާއި ކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުންވިޔަސް އަދި އެނޫންގޮތަކުން ވިޔަސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ފަރާތަކުން ވަނުމަކީ ހިމޭން އިންގިލާބީން އެކަމާއި ދެކޮޅު ހަދާ ކަމެކެވެ. އަދި ﷲގެ ވާގިފުޅާއިއެކު އެކަމާއި ވަރަށް ކެރިގެން ވަރަށްް ފުރިހަމައަށް، ދުވަހަކުވެސް ހަނދާން ނުނެތޭފަދަ ގޮތެއްގައި ކުރިމަތިލާނޭކަމުގައި އަންގަމެވެ.

ނިކަން ކަނުލާ އަހާށެވެ! މަޖުލީހުގެ އިންތިޚާބުގައި އިގިރޭސި ކޮންޒަވޭޓިވުންނާއި، އެމްޑީޕީގެ ލީޑަރޝިޕާއި ދެކޮޅަށް ހިމޭން އިންގިލާބީން މިތެދުވީއެވެ. މާތްﷲގެ ވާގިފުޅާއި ބަރަކާތުން ރައްޔިތުންގެ މަޖުލީހުން 8 ގޮނޑިއަށް ވުރެ އިތުރު އެންމެ ގޮންޑިއެއްވެސް އެމްޑީޕީއަކަށް ލިބުނަކަ ނުދޭނަމެވެ.

ދަރީންނޭވެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ލެވޭ ވޯޓަކީ ނުވަތަ އެޕާޓީއަށް ދެވޭ ގޮނޑިއަކީ އިގިރޭސި ކޮންޒަވޭޓިވުންނަށް ލެވޭ ވޯޓެކެވެ ނުވަތަ އެމީހުންނަށް ދޫކޮށްލެވޭ ގޮނޑިއެކެވެ. އެހެންވީމާ މިބަލާވެރިކަމުން ދިވެހިގައުމު ސަލާމަތްކޮށް ރައްޔިތުންގެ މަޖުލީހަށް މިހާރުޖެހިފައި މިވާ ބަލާ މުސީބާތުން މިންޖުކުރުމަށް އަތުކުރި އޮޅާލާ ތެދުވާށެވެ. ވަކި ފަރާތަކަށް ނުޖެހޭ ފައިސާއަށް ނުވިކޭ، ތައުލީމީ ޒުވާން އަންހެނުންނާއި ފިރިހެނުން މަޖުލީހުގެ ދޮރުން ވައްދާ ގޮނޑިތަކުގައި ބައިތިއްބުމަށް އެންމެން އަތާއި އަތްގުޅާލަމާ އަންނާށެވެ.

ރައީސްއ ނަޝީދަށް ސމާލުވުމަށް ގޮވަމެވެ! ނިކަން ކުޅަދާނަކަމަށްވަންޏާ އިގިރޭސިން މެދުވެރިކޮށްގެން ދިވެހިރައްޔިތުން އަތުން ރައްޔިތުންގެ މަޖުލީހުގެ އެންމެ ގޮނޑިއެއްވެސް ހޯދަ ބަލާށެވެ. މާތްﷲގެ ވާގިފުޅާއި އެކު މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއާއި އިގިރޭސި ކޮންޒަވޭޓިވް ޕާޓީ ބޮޑުވެގެންވާ ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލާނަމެވެ.

0 ޙިޔާލު: