ޑީއާރުޕީގެ މުޒާހަރާގެ ސަބަބުން މަޖިލީސް މެންބަރުންނަށް ފިލާވަޅެއް ލިބޭނެ
ގައި 1/07/2009ޑީއާރުޕީގެ މުޒާހަރާގައި އުބުފިލި ޖެހުމާއި އެކު ސަރުކާރާއި މަޖިލީހުގެ މެންބަރުންގެ ވިސްނުން ބަދަލުކުރަން ފަށައިފި
ދިވެސް ނޫހުން ނަގާފައި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީ ކުރުކޮށްލައްވާ އެނބުރި މަޖިލީހުގެ ތަޅަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބައި ބެހޭ ދެބިލަށް ވަކާލާތުކޮށް، ޤާނޫން އަސާސީގެ ރޫހާއި އެއްގޮތަށް މިކަން ނިންމަވައިދެއްވާ، ރައްޔިތުންނާއި ޤައުމު ޤާނޫނީ ހުސްކަމަކުން ސަލާމަތްކޮށްދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޕާޓީ އިސްނަގައިގެން، ރޭ ބޭއްވި މުޒާހަރާ ފެށުނީ 8:45 ގައި އާޓިފިޝަލް ބީޗްގައެވެ.
ދި ޓީވީ މެދުވެރި ކޮށް ދުރަށް ފޮނުވެމުންދިޔަ މި މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ދިވެހި ރައްޔިތުންގެ ޕާޓީގެ މެންބަރުން ޢަމަލާ ބަހުން ބައިވެރިވެވަޑައިގެންދެއްވިކަމަށް، ޑީއާރުޕީގެ މުޒާހަރާގެ އިސްކޮށް ހަރަކާތްތެރިވާ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަޙްމަދު މައުޞޫމް ރޭ އާޓިފިޝަލް ބީޗުގައި ހުންނަވައިގެން ދިވެސް ނޫހަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެންބަރުންނާއި އެކު ރޭ ކުރިއަށްދިޔަ މި މުޒާހަރާއަކީ ކުރިން ހުއްދަނަގައިގެން، އެއްވެއުޅުމާއި، މުޒާހަރާކުރުމުގެ އެންމެހާ ޤަވާޢިދުތަކަށް ފެތިގެން ކުރިއަށްދިޔަ މުޒާހަރާއެކެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި ޑީއާރުޕީއަށް ވެރިކަން ގެއްލުނު އިރު ރައީސް މައުމޫނުގެ ކެބިނެޓުގައި އަދި ޑީއާރުޕީގެ އެންމެ އިސްސަފުގައި ތިއްބެވި ވަރަށް ގިނަ ވަޒީރުން މި މުޒާހަރާގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، މުޒާހަރާގައި އަޑުއުފުއްލަވާ ހައްދަވާފަ ވެއެވެ.
ޑީއާރުޕީގެ ސިޔާސީ އެންމެ އިސް ގުނަން ކަމުގައިވާ، ޕާޓީގެ ކައުންސިލްގެ މެންބަރުންނާއި، ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނާއި، ޕާޓީގެ މައިއޮފީސް ހިންގަވަމުން ގެންދަވާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއާއި އިސް ވަރަށްގިނަ އެކްޓިވިސްޓުންނާއި ޕާޓީގެ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުންނާއި، މިމައްސަލައިގައި ކަންބޮޑުވާ ވަރަށް ގިނަ ދިވެހި ރައްޔިތުން ރޭގެ މުޒާހަރާގައި ވަރަށް ޖޯޝާއި ފޯރިއާއި އެކު ބައިވެރިވެފައިވާ ކަން ފާހަގަކުރެވެއެވެ.
މުޒާހަރާ ރަސްމީކޮށް ފައްޓަވައިދެއްވީ ޕާޓީގެ ނައިބު ޒަޢީމް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއެވެ. ތަސްމީނަކީ ރައީސް މައުމޫނުގެ ކެބިނެޓުގައި ހޯމް މިނިސްޓަރކަމާއި، އަތޮޅުތަކާއި ބެހޭ ވުޒާރާވެސް ހިންގަވާފައިވާ މިހާރު ޑީއާރުޕީ ދުވަހުން ދުވަހަށް ހިންގެވުމުގެ އެންމެހާ ޒިންމާތައް އަދާކުރެއްވުމަށް ޕާޓީގެ ކައުންސިލް އިން ކަނޑައަޅުއްވާފައިވާ ފަރާތްވެސްމެއެވެ.
މީގެ އިތުރުން ޑީއާރުޕީގެ އަނެއްނާއިބު ޒަޢީމް ކަމުގައިވާ އަލްފާޟިލް ޙަމްދޫން ހަމީދާއި، ޑީއާރުޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަލްފާޟިލް ސީނާ އަޙްމަދު ޒާހިރާއި، ދައުލަތުގެ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުވެސް ރޭގެ މުޒާހަރާގައި ބައިވެރިވެ ދިވެހި ރައްޔިތުންނަށް ވަރަށް ތަފްޞީލްކޮށް މި މުޒާހަރާކުރައްވަން ޖެހޭ ސަބަބު ހާމަކޮށްދެއްވިއެވެ. ޤާނޫނީ ތަޖްރިބާކާރުންކަމުގައި ބެލެވޭ ބޭބޭފުޅުންގެ އިތުރުން ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ މެންބަރުންނާއި ޕާޓީގެ އިސްއެކްޓިވިސްޓުން ވަނީ ރޭގެ ބައްދަލުވުމުގައި އަޑު އުފުއްލަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް އިލްތިމާސްތަކެއް ހުށަހަޅުއްވާފައެވެ. ޑީއާރުޕީގެ އިތުރުން މޯލްޑިވްސް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެޕާޓީގެ ޒަޢީމް އަލްފާޟިލް ރީކޯ އިބްރާހީމްމަނިކުވެސްވަނީ މުޒާހަރާގައި ރަސްމީކޮށް ބައިވެރިވެ އަޑުއުފުއްލަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުންވެސް ރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގެން މުޒާހަރާގައި އަޑުއުފުއްލަވާ ހެއްދެވިއެވެ. މީގެ ތެރޭގައި ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ އަނީސާ އަޙްމަދާއި، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މަވޯޓާ ޝަރީފާއި، ގދ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢައްބާސް އިބްރާހީމާއި، އދ ގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.
ޑީއާރުޕީގެ އެންމެއިސް ލީޑަރ ޝިޕާއި އެކު ޕާޓީގެ ޢާންމު އެކްޓިވިސްޓުންގެ ރޭގެ މުޒާހަރާގައި ޑީއާރުޕީ ރައްޔިތުންގެ ހައްޤުގައި ހިމޭންކޮށް ނޯންނާނެކަން ޔަޤީންކޮށްދީފިއެވެ. މުޒާހަރާއަށް އެއްވެފައިވާ މެންބަރުންވަނީ އެބޭފުޅުން ޝުޢޫރު ހާމަކޮށްދެއްވުމަށްޓަކައި، ގިނަ ޢަދަދެއްގެ ލިޔުންތަކާއި، ޝިޢާރު ތައް ހިމެނޭ ބޯޑުތަކާއި އެކު އަޑު އުފުލާފައެވެ. މިފަދަ ބައެއް ބޯޑުތަކުގައި “ ޗުއްޓީ ނެގި މެންބަރުންނަށް ދާއިމީ ޗުއްޓީ” އަދި “ 15 ފެބްރުއަރީ 2009 ގެ ކުރީން އިންތިޚާބު ބާއްވަން ޖެހޭނެ” މިފަދަ ޝިޢާރު ތައް ފެނިފައިވެއެވެ.
މުޒާހަރާގައި ވާހަކަފުޅުދެއްކެވި އެންމެހާ މެންބަރުންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން ޗުއްޓީ ނެގުމަށް ވޯޓު ދެއްވި މެންބަރުންގެ އެ ޢަމަލުކުށްވެރިކޮށްފައެވެ. މި މުޒާހަރާ ޑީއާރުޕީން ރަސްމީކޮށް ޢިއްލާންކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރީންނެވެ. މުޒާހަރާގެ އިތުރުން ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ނަޝީދުވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވާ، 15 ފެބްރުއަރީ 2009 އަށް އިންތިޚާބު ނުބޭއްވިއްޖެނަމަ ނުކުމެދާނޭ ޤާނޫނީ ހުސްކަމެއްގެ މައްޗަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހައިކޯޓުގައި ދަޢުވާކޮށްފައެވެ. ނަމަވެސް އެ ދަޢުވާ ބަލައިނުގަނެ ދޫކޮށްލާފައިވުމާއިއެކު، މިހާރުވަނީ ސްޕްރީމްކޯޓުން އެމައްސަލަ ބަލައިގަނެފައެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް، ސްޕްރީމް ކޯޓުގެ އަޑު އެހުން ނުބޭއްވުނީ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ވަކީލަކު މިއަދު ކޯޓަށް ވަޑައިގެންނެވޭ ގޮތް ނުވުމުގެ ސަބަބުންނެވެ.
އަދި މިއާއި ވިދިގެން މިއަދުގެ ސަރުކާރުގެ އެންމެއިސް މުއައްސަސާކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރޭގެ ވަގުތެއްގައި ބަޔާނެއް ނެރުއްވާފައެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރިޔާސަތުން ކުރި މިޢަމަލަކީ އެ މަޖިލީހުން ކުރެއްވި ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙުރްމަތްކެނޑި، ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. 5 ޖެނުއަރީ ހޯމަ ދުވަހުގެ ތާރީޚުގައި ރޭ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައިވަނީ “ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތާރީޚަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ފާސްކުރަން ހުށަހެޅިފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ބިލާއި، އިންތިޚާބާބެހޭ ޤާނޫނުގެ ބިލްގެ މަސައްކަތްތައް ނުނިންމަވައި، މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ޗުއްޓީ ދެއްވި ދެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާގެ އަޑުއެހުމެއް، މާދަމާ 6 ޖަނަވަރީ 2009ވާ އަންގާރަ ދުވަހު ބާއްވަވާ ގޮތަށްވަނީ ހަމަޖައްސަވާފަ” މިހެންނެވެ. އަދި ވެސް އެބަޔާނުގައިވާގޮތުން ދައުލަތަށް ދަޢުވާ ލިބޭ މިމައްސަލައިގެ ދިފާޢުގައި ވަކާލާތު ކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލަކު ވަޑައިގެންދެއްވުމަށްވެސް ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އަންގަވާފައިވާ ކަމަށް ލިޔެފައިވެއެވެ.
ރޭ ހެދިގޮނޑުދޮށުގައި ޑީއާރުޕީން މުޒާހަރާކުރަމުންދަނިކޮށް ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ބައްދަލުވުންތަކަށް ފަހު ނަޝީދުގެ ސަރުކާރުން ނެރެފައިވާ ޚަބަރުގައިވަނީ އަންނަނިވި ޖުމްލަތަކެވެ. “ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ދެޤާނޫނު ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ މަސައްކަތް ނިންމުމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުން އެ ދެ ޤާނޫނު ފާސްނުކުރައްވައި ޗުއްޓީ ނެންގެވުމީ، އެ މަޖިލީހުން ކުރެއްވި ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙުރްމަތްކެނޑި، ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުވެގެންވާ މަސްއޫލިއްޔަތަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުން ކުރެއްވި މިޢަމަލުގެ ދިފާޢުގައި ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުން އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެޓަރނީޖެނެރަލަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ. “ މިހެންނެވެ.
މިލިޔުމަކީ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މި ޢަމަލު ރަނގަޅަށް ފަޅާއަރައި، ޑީއާރުޕީން މި ކަމާދެކޮޅަށް މުޒާހަރާކުރަމުން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް ނެރުނު ބަޔާނެއް ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެނީ މަޖިލީސް ޗުއްޓީއަށް ދިއުމަށް ވޯޓު ދީފައިވާ މެންބަރުންގެ 80 އިން ސައްތައަކީ މިހާރު ވެރިކަމުގައި ތިއްބެވި އެމް.ޑީ.ޕީއާއި އެޕާޓީއާއި ގުޅިފައިވާ އިއްތިހާދުކަން ހަމަކޮންމެ ދިވެހިރައްޔިތަކަށްވެސް އެނގޭނެތީއެވެ. މީގެ އިތުރުން ޗުއްޓީ ނެގުމާއި އެއްކޮޅަށް ރައީސް ނަޝީދު ޢައްޔަންކުރެއްވި މެންބަރުންގެ ތެރެއިން ބަޔަކު ވޯޓު ދީފައިވުމާއި، އަނެއްބައި މެންބަރުން ވޯޓުގައި ބައިވެރި ނުވުން ރަސްމީކޮށް ދޭހަކޮށްދެނީ އެއީ ސީދާ ރައީސް ނަޝީދުވެސް ބޭނުންފުޅު ވެލައްވާގޮތްކަމަށެވެ. ޚާއްޞަ ކޮށް ރައްޔިތުންެގ މަޖިލީހުގެ އިންތިޤާލީ މަރުހަލާގެ ދައުރު ދިގު ދަންމާލެވިއްޖެނެމަ މިހާރުގެ ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ވަރަށް ބޮޑެތި މާލީ އަދި ނުފޫޒުފޯރުވުމުގެ ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްކަމުގައި ނުބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 2008 ވަނަ އަހަރުގެ އެންމެފަހު ދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު ދިގު ޗުއްޓީއަކަށް ވަޑައިގެންނެވި އިރު މަޖިލީހުގެ ތަޅަމަށް ހުށަހަހެޅިފައިވާ، ދިވެހިރާއްޖޭގެ ޤާނޫނީ ހަޔާތާއި ބެހޭ ވަރަށް މުހިންމު ދެ ބިލަކަށް ބަހުސްވެސް ނުކުރައްވާ ދޫކޮށްލައްވާފައިވެއެވެ. އަލަށް އެކުލަވާލެވުނު ޤާނޫން އަސާސީގެ އިންތިޤާލީ ބާބުގައި ވަރަށް ސާފުކޮށް ލިޔެފައިވަނީ ހިގަމުންމިދާ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ގެ ކުރީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ އާ މަޖިލީހެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދެންނެވުނު އިންތިޚާބު ބޭއްވެވުމަށްޓަކައި މިހާރުގެ މަޖިލީހުން ނިންމަވަން ޖެހޭ އެއްވެސް ކަމެއް ނިންމެވުމަށް ވަގުތު ނުދެއްވާ، މަޖިލީހުގެ ޤަވާޢިދުގައި މެންބަރުންނަށް ލިބިދޭ ޗުއްޓީ ނެންގެވީއެވެ. ހަމަ އެންމެ ދެތިން ދުވަހެއްގެ މަސައްކަތް ހިމެނޭ މި ކުޑަކުޑަ މަސައްކަތަށް ފުރަގަސްދިން މެންބަރުން ވަނީ ޗުއްޓީއަށް ދިއުމާއި އެއްކޮޅަށް ވޯޓު ދެއްވައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަބަބުން ޤައުމު ޤާނޫނީ ހުސްކަމަކަށް ދޫކޮށްލައްވާފައެވެ.
This entry was posted on 1/07/2009 and is filed under ޚަބަރު, ރިޕޯޓް, ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment