ކަތީބުންގެ މުސާރަބޮޑު ކުރުން އެއީ ސިޔާސީ މައްސަލައަކަށްވެ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން އެއީ ހަމަ ހެޔޮވެރިކަން!

ގައި 5/21/2009


2007 ވަނަ އަހަރު ރައީސް މައުމޫނުގެ ސަރުކާރުން ރައްރަށުގެ ކަތީބުންގެ މުސާރަތައް ބޮޑު ކުރެއްވިއެވެ. ކަތީބުންގެ މުސާރަތައް ސަރުކާރުން ބޮޑު ކުރެއްވީ، ކަތީބުންގެ މުސާރައާމެދު ކަމާބެހޭ ފަރާތްތަކާއެކު ވަރަށް ގިނަ ދުވަހު މަޝްވަރާކުރުމަށްފަހު، އެކަމަށް ބަޖެޓް ތަންދިނުމާއެކު ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާއެއްގެ ރުހުން ލިބިގެންނެވެ. ކަތީބުންގެ މުސާރަތައް ބޮޑުކުރުން އެއީ 2007 ވަނަ އަހަރު ބޭއްވުނު ނިޒާމީ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަން ކުރި މަސައްކަތެއްކަން އޭރު އެމްޑީޕީން ބުނަމުން ގެންދިޔައެވެ.

ނިޒާމީ ވޯޓަށްފަހު އެމްޑީޕީން މަދަނީ ކޯޓަށް ހުށަހެޅި 4 މައްސަލާގެ ތެރޭގައި ކަތީބުންގެ މުސާރަ ބޮޑު ކުރި މައްސަލަވެސް ސިޔާސީ ކަންތައްގަނޑެއްގެ ގޮތުގައި ހެދުމަށް ހުށަހަޅާފައިވެއެވެ. އެމްޑީޕީގެ އޭރުގެ ޝެޑޯ ޖަސްޓިސް މިނިސްޓަރު ހިސާން ހުސެއިން އިސްވެ ހުރެގެން އެމްޑީޕީގެ ނަމުގައި 17 ސެޕްޓެމްބަރ 2007 ވަނަ ދުވަހު މަދަނީ ކޯޓަށް ހުށަހެޅި 4 މައްސަލައަކީ ވޯޓް ރަޖިސްޓްރީގައި މަރުވެފައި ތިބި މީހުންގެ ނަންތަކެއް ހުރުމާއި ބައެއް ނަންތައް ތަކުރާރުވެފައި ހުރި މައްސަލައާއި، ވޯޓުލާން 3 ދުވަހަށް ވެފައިވަނިކޮށް ކަތީބުންގެ މުސާރަ ބޮޑުކުރި މައްސަލައާއި، ވޯޓުލާތާ 30 ދުވަހުގެތެރޭގައި ވޯޓާގުޅޭ މައްސަލަތައް މަދަނީ ކޯޓަށް ހުށަހެޅޭނެކަމަށް އާއްމުވޯޓުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނިކޮށް އެމުއްދަތު 7 ދުވަހަށް ކުޑަކުރި މައްސަލައާއި، ވޯޓުލުމުގެ ޝަރުތުހަމަވާ މީހުންކަމަށް ވިދާޅުވެ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު އާއްމު ކުރެއްވި ލިސްޓާއި، އޯގަސްޓް 28 އަދި 30 ގައި އާއްމު ކުރެއްވި ލިސްޓާއި ދިމާނުވާ މައްސަލައެވެ.

ބަންޑާރަނައިބުކަމުގެ މަޤާމަށް ފައިނަގަމުން ގެންދާ ހިސާން ހުސެއިންގެ އާރުކާޓީކަމުގެ ދަށުން ހުށަހެޅި ހުރިހާ މައްސަލަތަކަކަށް ރައީސް މައުމޫނުގެ ސަރުކާރުން ވަރަށް ފުރިހަމައަށް ޖަވާބުދާރީ ވެވަޑައިގެންނެވިއެވެ. ޚާއްސަކޮށް ކަތީބުންގެ މުސާރަބޮޑުކުރީ ވޯޓަށް ނުފޫޒު ފޯރުވުމަށްކަމަށްބުނެ ހުށަހެޅި މައްސަލައަށް އޭރުގެ އެޓޯލްސް މިނިސްޓަރު ތަސްމީނު އަލީ ވަނީ ވަރަށް ފުރިހަމައަށް ޖަވާބުދެއްވާ، އެމްޑީޕީގެ ތުޙުމަތުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ދޮގު ތުހުމަތުތަކެއްކަން ހާމަކޮށް، ޘާބިތުކޮށްދެއްވާފައެވެ.

ކޮންމެއަކަސް އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ރައީސް މައުމޫނުގެ ސަރުކާރުން ކަތީބުންގެ މުސާރަ ބޮޑުކުރުމުން، އެއީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރިކަމެއްކަމަށް އެމްޑީޕީން ތުޙުމަތުކޮށް، ޝަރީއަތަށްވެސް ދިޔައީއެވެ. އެކަމަކު މިހާރު ބޯމަތިވެފައިވާ އާއްމު އިންތިޚާބަށް 15 ވަރަކަށް ދުވަހަށްވެފައިވަނިކޮށް، ރަށު ކައުންސިލަރުންގެ މުސާރަތައް މިވަނީ އެމްޑީޕީގެ ސަރުކާރުން ބޮޑުކޮށްފައެވެ. ސީދާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން ރަށްރަށުގެ ވެރިންގެ ގޮތުގައި، އެއްވެސް އަބުރެއް އިއްޒަތެއް ތައުލީމެއް ނެތް ކައުންސިލަރުންގެ މުސާރަތައް ވަނީ 10000 ރުފިޔާއިން 12000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެމްޑީޕީން ރަށްރަށުގެ ވެރިކަމަށް އިސްކޮށްފައިވާ ކައުންސިލަރުންގެ މަސައްކަތަކީ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ބަދަލުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް މަސައްކަތްކޮށް، ވޯޓަށް ނުފޫޒު ފޯރުވުމެވެ. އެތައް ރަށެއްގެ ކައުންސިލަރުން ގެންދަނީ ވަރަށް ފާޅުގައި ރައްޔިތުންނަށް ބިރުދައްކާ، ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ސަރުކާރުން ސީދާ ވޯޓަށް ނުފޫޒު ފޯރުވުމަށް އައްޔަނުކޮށްފައިވާ ބަޔަކަށް، ވަރަށް ފާޅުގައި މިވަނީ މުސާރަވެސް ބޮޑުކޮށްދީފައެވެ. އެމްޑީޕީ ސަރުކާރުން މިފަދަކަމެއް ކުރުމުން އެއީ ހަމަ މުޅި ދުނިޔެވެސް ޤަބޫލުކުރާފަދަ ހެޔޮވެރިކަމުގެ އަމަލެކެވެ. އެއީ އެއްވެސް ހާލަތެއްގައި ވޯޓަށް ނުފޫޒުފޯރުވާކަށް ނުވަތަ އެނޫންވެސް ކަމެއް ކުރާކަށް ކުރިކަމެއްނޫނެވެ. މުޅި ޤައުމުގެ އިޤްތިޞާދު އަޑިއަޅާލާ، ޓީޗަރުންނާއި ޑޮކްޓަރުންނާއި ޤާޟީންގެ މުސާރަތައް ބޮޑުކޮށްދިނުމަށް އެދި ސަރުކާރުގައި ސަލާންޖަހަމުން ގެންދާއިރު، އެމްޑީޕީގެ ސަރުކާރަށް މިއަޑުތަކެއް ނީވެއެވެ. އެކަމަކު ވޯޓުލުމަށް އެންމެ 15 ވަރަކަށް ދުވަހަށްވުމުން، ހައްދަވައިގެން އަތުންފައިން އެއްވެސް މަސައްކަތެއް ނުކުރާ، ތައުލީމެއް ޝަރުތެއް އަބުރެއް ނެތް ބަޔަކަށް ސަރުކާރުން މިވަނީ މުސާރަ އާއި އެލަވަންސް ވެސް ބޮޑުކޮށްދީފައެވެ. މިފަހަރު މިމައްސަލަ ނަގައިގެން ކޯޓަށްދާނީ ކޮންޕާޓީއަކުން ބާވައެވެ؟

0 ޙިޔާލު: