އިމާދު ޞޯލިހަށް ދެއްވާފައިވާ ހުކުރުކުރުމުގެ ޙުއްދަ ކުއްލި ގޮތަކަށް ބާތިލުވެއްޖެ
ގައި 5/21/2009
ދިވެހި ޤައުމީ ޕާޓީގެ ފަރާތުން ފޭދޫ ދާއިރާއަށް ވާދަކުރައްވާ ޢިމާދު ޞޯލިހަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ދެއްވާފައިވާ ހުކުރުކުރުމުގެ ޙުއްދަ ކުއްލި ގޮތަކަށް ބާތިލުކޮށްފިއެވެ. ޢިމާދު ޞޯލިހަށް ހުކުރުކުރުމުގެ ޙުއްދަ ދެއްވުމާއި ގުޅިގެން، މެއި 1 ވަނަ ދުވަހު ސ.ފޭދޫ މިސްކިތުގައި އޭނާ ވަނީ އިމާމުވެ ހުކުރުކުރާ ގޮތަށް ސ.ފޭދޫ އޮފީހުން ހުއްދަ ނަގާފައެވެ. އެހެންނަމަވެސް އިމާދަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްކަމަށް ބުނެ، އެދުވަހުގެ ހުކުރުކުރުމުގެ ކުރީން އިސްލާމިކް އެފެއަރޒް މިނިސްޓަރު ޑރ.މަޖީދު ވަނީ ޢިމާދު ޞޯލިހުގެ ހުއްދަ ބާތިލުކޮށް، އެކަން ފޭދޫ އޮފީހަށް އަންގާފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ޢިމާދު ޞޯލިހަށް ހުކުރުކުރުމުގެ ހުއްދަ ދެއްވި ފޮޓޯޖެހި ލިޔުމުގައި ސޮއިކޮށްފައި އޮތީ ސްޓޭޓް މިނިސްޓަރު ޝޭކު ޝަހީމްއެވެ. މިމައްސަލާގައި މިނިސްޓަރު ޑރ.މަޖީދު ކޯފާއިސްވެގެން، ޝޭކު ޝަހީމުއަށް ގުޅުމުން ޢިމާދު ޞޯލިހަށް ހުކުރުކުރުމުގެ ޙުއްދަ ދީފައި ނުވާނެކަމަށް ބުނެފައިވެއެވެ. ޝަހީމު މިފަދައިން ބުނުމާއި ގުޅިގެން، ޑރ.މަޖީދު އޮފީހަށް ވަޑައިގެން އޮފީހުގެ ލިޔުންތައް ޗެކްކުރެއްވިއިރު، ޝަހީމް ސޮއިކޮށް ޢިމާދު ޞޯލިހަށް ވަނީ ހުކުރުކުރުމުގެ ޙުއްދަ (ފޮޓޯ ޖެހި ލިޔުމެއް) ދެއްވާފައެވެ. ޝޭކު ޝަހީމުމެން ބީތާވެފައި ތިބޭ މިންވަރު މީސްމީހުންގެ ފޮޓޯ ޖަހާފައި ހުންނަ ލިޔެކިޔުންތަކުގައި ސޮއިކުރާއިރުވެސް، މިހުއްދަ ދެވެނީ ކާކަށްތޯވެސް މިބޭޗާރާއިންނަކަށް ނޭނގޭވިއްޔާއެވެ. ޝޭކު ޝަހީމުމެން މިހާރު އެތިބެނީ ވެޓިކަން ޕޯޕުގެ ރޫހާނީ ބަރަކާތް ލިބިގެންކަމަށްވާތީ، ދުވާލުގެ ގިނަ ވަގުތުގައި ޝޫލާ ޝަރާބުގެ މަސްތުގައި ތިބެވެނީތޯއްޗެކެވެ.
ކޮއިމަލާއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް އެފެއަރޒް މިނިސްޓަރުގެ ނައިބު (އެމްޑީޕީގެ މެމްބަރު) ފާރޫޤު ވިދާޅުވި ގޮތުގައި އިސްލާމިކް އެފެއަރޒް މިނިސްޓްރީއަކީ މިހާރު ކުޑަކުދިން ކުޅެން ހަދާފައި ހުންނަ ތަނެއްކަމުގައެވެ. "މިނިސްޓަރު ޑރ.މަޖީދު އަބަދުވެސް އުޅުއްވަނީ ޗުއްޓީގައި. މިނިސްޓްރީ ތެރޭގައި އަތްއަނބުރާފައި އުޅޭ މީހަކީ ޝޭކު ޝަހީމު. އެއީ މިހާރުދެން މާބޮޑު ދަންނަ ބޭކަލެއް. އެވަރުގެ އިލްމުވެރިއެއް މިރާއްޖޭގެ ފަސްގަނޑުވެސް ނެތޭހިތާ އުޅޭ މީހެއްއެއީ. ޝަހީމަކީ އަމިއްލައަށް ކުރެވޭ ނުކުރެވޭކަމެއްވެސް އެނގޭ މީހެއްނޫން. ތަނަކުހުރި ބޮޑު ބީތާއެއް އެއީ. މިކަންކަން އޮފީހުގެ އެހެން މުވައްޒަފުންނަށްވެސް އެނގޭނެ" ކަމުގައި ފާރޫޤު ވިދާޅުވިއެވެ.
ޢިމާދު ޞޯލިހުގެ ހުއްދަ ބާތިލް ކުރި މައްސަލާގައި ފާރޫޤް ވިދާޅުވީ "ހދ.ވައިކަރަދޫ ދާއިރާއަށް އަދާލަތުޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ އިލްޔާސް ހުސެއިން، މުޅި ރާއްޖެއަށް ފެންނަ ގޮތަށް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރާއިރު، ފޭދޫ މިސްކިތުގައި ޢިމާދު ޞޯލިހަށް ހުކުރު ނަމާދު އިމާމުވެ ނުކުރެވޭންވީ ކީއްވެ؟ ޢިމާދު ޞޯލިހަކީ ކެންޑިޑޭޓަކަށް ވާތީ ހުކުރުކުރުމުގެ ހުއްދަ ބާތިލް ކުރަންޏާ، އިލިޔާސް ހުސެއިންގެ ހުއްދަވެސް ބާތިލް ކުރެވެންޖެހޭނެ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމެއްނޫންތޯ؟ ކޮބައިތޯ އެބުނާ ދީނީ ހަމަހަމަކަމަކީ؟ ހަމައެކަނި އެމްޑީޕީއަކުން އެކަންޏެއްނޫން އިންތިޚާބަށް ނުފޫޒު ފޯރުވަނީކީ. އިސްލާމިކް އެފެއަރޒް މިނިސްޓްރީއަކީ އަދާލަތުޕާޓީގެ މީހުން ބޭނުން ގޮތަކަށް ނުފޫޒު ފޯރުވަން ލިބިފައިވާތަނެއް. އެހެންވީމަ އެމީހުންނަށް ލިބިފައި އޮތް ސިޔާސީ ބާރެއް ބޭނުންކޮށްގެން، އެހެން ކެންޑިޑޭޓުންނަށް އުނދަގޫކޮށް ހުރަސްއަޅަނީ" ކަމުގައެވެ.
This entry was posted on 5/21/2009 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment